ލިޔުނީ: މަރިޔަމް ނިހާޒް

ސްކޫލްގެ ކުލާސްރޫމްތަކާއި ހަރުކަށި ބަސްތަކާއި އަދަބުދިނުމާއި ގުޅުވާލެވިފައިވާ ޒަމާނެއްވެސް އަޅުގަނޑުމެންނަށްވަނީ ފެނިފައެވެ. އަދި މަދުން ނަމަވެސް މިހާރުވެސް މިފަދަ ކަންތައްތައް ކުލާސްރޫމްގެ މާހައުލުން ތަޖުރިބާ ކުރަން ޖެހޭކަމަށް ދަރިވަރުން އަދި ބެލެނިވެރިން ވެސް ބުނަމުންގެންދެއެވެ. އެހެން ނަމަވެސް މިހާރު ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ކުލާސްރޫމްތަކުގައި ކިޔަވައިދިނުމާއި ބެލެހެއްޓުމަށް މިއަށްވުރެ ހަރުދަނާ ގޮތްތަކެއްވެއެވެ. އެއީ ފައްސި ނުވަތަ ޕޮޒިޓިވް ރިއިންފޯސްމަންޓް ފަދަ އުކުޅުތަކެވެ.

ފޮޒިޓިވް ރިއިންފޯސްމަންޓް ތަޢާރަފުކުރީ އޮޕަރަންޓް ކޮންޑިޝަންގެ ތިއަރީއާއި ގުޅުވައިގެން ބީ އެފް ސްކިނަރއެވެ. އޮޕަރަންޓް ކޮންޑިޝަންއަކީ އުނގެނުމުގެ ވައްތަރެކެވެ. އެއީ ވަކި އަމަލަކާއި އެދޭ ނަތީޖާއެއްގެ މެދުގައިވާ ގުޅުމެއް ގެ ސަބަބުން އެ އަމަލުތައް ތަކުރާރުވުމުގެ ފުރުޞަތު އިތުރުވެގެންދާދިއުމެވެ.

ރިއިންފޯސްމަންޓަކީ “އަޚްލާޤެއްގެ ފަހަތުން އަންނަ އަދި އޭގެ މައްޗަށް ބިނާވެގެން ހަރަކާތެއް ނުވަތަ އަމަލެއް ގެނެވުމަށް ކުރިމަތިކުރުވާ ކޮންމެ ކަމެއް (ސްޓިމިއުލަސް އެއް) އަދި އަމަލެއް ތަކުރާރުވުމުގެ ފުރުޞަތު އިތުރުކޮށްދޭ ސްޓިމިއުލަސްއެއް” (ސްމިތް، 2017).

ޕޮޒިޓިވް ނުވަތަ ފައްސި ރިއިންފޯސްމަންޓް އުފަންވެފައި ވަނީ ބީ އެފް ސްކިނަރ އުފެއްދި އޮޕަރެންޓް ކޮންޑިޝަނިންގ ތިއަރީގެ ތެރެއިންނެވެ. ސްކިނަރ މީދާތަކެއް ބޭނުން ކޮށްގެން ކުރި ދިރާސާއަކުން އޭނާއަށް އެނގުނު ގޮތުގައި، ކޮށީގައި އިންނަ އެއްޗަކަށް މީދާ އޮއްބާލުމުން މީދަލަށް ކާން ލިބޭކަން އެ މީދަލަށް އެނގުނެވެ. އަދި ކާނާގެ އިނާމު ހޯދުމުގެ ގޮތުން، އެފިތަށް ގިނަގިނައިން މީދާ އޮއްބައެވެ. ހަމަމިމޭރުމުން، އިންސާނުން ވެސް، ވަކި އަޚްލާޤެއް ނުވަތަ އަމަލެއްގެ ފައިދާ ހުރިކަމަށް އޭނާއަށް ފެނިއްޖެނަމަ، އެފަދަ އަމަލުތައް ތަކުރާރުކުރުމުގެ ފުރުޞަތު ބޮޑެވެ.

ކިޔަވައިދިނުމާއި ތައުލީމުދިނުމުގައި ރަނގަޅު ރިއިންފޯސްމަންޓާމެދު ވިސްނާއިރު، އެންމެ ބޮޑު މަޤްޞަދަކީ ކުލާސްރޫމްގައި ދަރިވަރުން މުދައްރިސުން އެދެވޭފަދަ އަމަލުތައް ތަކުރާރުކުރުމަށް ހިތްވަރެއް ހޯދައިދިނުމެވެ (ރެވަރމަން،). އެހެން ގޮތަކަށް ބުނާނަމަ ދަރިވަރުން ކާމިޔާބީތައް ޙާޞިލުކުރާ އިރު، ވަކި އަޚްލާޤެއް ދެއްކުމުން ނުވަތަ ރަނގަޅު ނަތީޖާއެއް ހޯދުމުން އަނެއްކާވެސް އެކަމަށް ދަރިވަރުންނަށް ހިތްވަރުދެވެއެވެ.

ފައްސި ރިއިންފޯސްމަންޓް ގެ ވަގުތާއި ބޭނުން ކުރެވޭ ގޮތަކީ ބައެއް އަމަލުތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދަން ބާރުއެޅުމުގެ ތަޅުދަނޑިއެވެ. (ރެވަރމަން،). ރަވަރމަން ލިޔުއްވާ ގޮތުގައި ފައްސި ރެއިންފޯސްމަންޓް ހަރުދަނާކުރުމަށް ޓަކައި، ރިއިންފޯސްމަންޓަކީ ދަރިވަރުގެ އުމުރާއި އެކަށިގެންވާ، އެއީ އަސްލު ރިއިންފޯސްމަންޓަކަށް ވާންޖެހެއެވެ. އަދި އަމާޒުކުރާ އަމަލަށް ސީދާ އިނާމު ދޭންވާނެއެވެ. މިތާގައި އިނާމު މި މާނަކުރަނީ އަގު ބޮޑެތި ތަކެތީގެ ގޮތުގައެއް ނޫނެއެވެ.

ފައްސި ރިއިންފޯސްމަންޓް ކުލާސްރޫމްގައި ބޭނުން ކުރުން މުހިންމު ވަނީ ކީއްވެ؟

ކުލާސްރޫމްގައި ފައްސި ރިއިންފޯސްމަންޓް މުހިންމުވާ ސަބަބަކީ ދަރިވަރުންގެ އަޚްލާޤަށް ހަރުދަނާ ގޮތެއްގައި ބަދަލުގެނައުމަށް މި އުކުޅު ބޭނުން ކުރެވިދާނެތީއެވެ (ސްމިތް، 2017). މީގެ އިތުރުން މާގް (2001) ފާހަގަކުރާ ގޮތުގައި ފައްސި ރިއިންފޯސްމަންޓް ބޭނުން ކުރުމަކީ ވެސް މުހިންމު ކަމެއްގެ އިތުރުން އެއީ ހަގީގަތުގައި ކޮންމެ ކުލާސްރޫމެއްގައި ވެސް ވަރަށް ގުދުރަތީ ގޮތުން ހިނގާ “ޔުނިވާރސަލް” އުސޫލެކެވެ.

އަދި އެކަށީގެންވާ އަމަލުތައް ދެއްކުން އިތުރު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން، ފައްސި ރިއިންފޯސްމަންޓް ގެނައުމަށް ރޭވުމުގެ މާނައަކީ، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ނޭނގި، ހަރުކަށިކަމާ އެކު ނުރަނގަޅު އަމަލުތައް ޕްރޮމޯޓްކުރުމުން ދުރުހެލި ވެވިދާނެކަމެކެވެ (މާގް، 2001). ހަމައެކަނި ފައްސި ރިއިންފޯސްމަންޓަށް ސަމާލުކަންދީގެން ކުލާހުގައި ހިނގާ ނުރަނގަޅު އަމަލުތަކާއި ދަރިވަރުން ދުރުހެލިކުރުވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ.

ކުލާސްރޫމްގައި ފައްސި ރިއިންފޯސްމަންޓްގެ 5 މިސާލު

ފުޅާ ކޮށް ދަންނަވާނަމަ، ކުލާސްރޫމްގައި ފައްސި ރިއިންފޯސްމަންޓްގެ މިސާލުތައް ހިމެނެނީ 5 ގިންތި އަކަށެވެ.

1. ސީދާ (ޑައިރެކްޓް) ރިއިންފޯސްމަންޓް: މިއީ ނަމުން ދޭހަވާ ފަދައިން ސީދާ، އެކަށީގެންވާ އަޚްލާޤެއްގެ ސަބަބުން އުފެދޭ ރިއިންފޯސްމަންޓްގެ ބާވަތެކެވެ. ސްމިތް (2017) ހިމަނާލައިފައިވާ މިސާލަކީ ގުރޫޕު ހަރަކާތެއްގައި ކުއްޖަކު އެކުއްޖާގެ އެކުވެރިންނާ އެކަށީގެންވާ ގޮތެއްގައި މުއާމަލާތްކޮށްފި ނަމަ، މި ކަމުގެ ސަބަބުން މުސްތަގުބަލުގައި މިފަދަ ކަންކަމުގައި އެ އެކުވެރިޔާއަށް ބައިވެރިވުމަށް އިތުރު ދައުވަތުތަކެއް ލިބުމުގެ ފުރުޞަތު ބޮޑެވެ.

2. އިޖުތިމާއީ ރިއިންފޯސްމަންޓް: މިއީ އެހެން މީހުން (މިސާލަކަށް މުދައްރިސުން، މައިންބަފައިން، އެހެނިހެން ބޮޑެތި މީހުން، އެކުވެރިން) މެދުވެރިވެގެން ލިބޭ ރިއިންފޯސްމަންޓެވެ. އޭގެ ތެރޭގައި އެކަށީގެންވާ އަޚްލާޤަށް ރުހުމާއި ތަޢުރީފު ފާޅުކުރުން ހިމެނެއެވެ.

މިސާލަކަށް:

ބުނެވޭ ބަހެއް:

• “ތިޔައީ ވަރަށް މީހުންނާއި ގުޅިގެން މަސައްކަތް ކުރާ ދަރިވަރެއް”

• “އެހެން ކުދިންނަށް ކުޅޭ އެއްޗެހި ދީގެން (ޝެއާކޮށްގެން) ކުޅުނު ގޮތް އާންޓީއަށް ވަރަށް ކަމުދިޔަ”

• މިއީ ވަރަށް ރަނގަޅު މަސައްކަތެއް”

• ހިތްވަރު ކުރޭ. ކާމިޔާބު ވާނެ”

ލިޔުމުން ފީޑްބެކް ދިނުން ނުވަތަ ރުހުމުގެ އިބާރާތެއް ލިޔެލުން:

• މިސާލަކަށް : ނިމިފައިވާ ވާރކްޝީޓެއްގައި “މަސައްކަތް ވަރަށް ފުރިހަމަ” ލިޔެލުން

ރުހުން ދިނުމުގެ އެހެނިހެން ގޮތްތައް:

• މިސާލަކަށް: ހިނިތުންވުން، ބޮލުގައި ފިރުމާލުން، އަތްތިލަބަޑި ޖެހުން

3. ހަރަކާތްތަކުގެ ރިއިންފޯސަރސް ނުވަތަ ބާރުއަޅާ ކަންތައްތައް: ދަރިވަރުންގެ މެދުގައި އެކަށީގެންވާ ގޮތެއްގައި އަމަލު ކުރާ ނަމަ އެކުދިން ބޭނުންވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ. މިކަން އެންމެ އެދެވޭ ގޮތެއްގައި ކާމިޔާބު ވަނީ ކުލާސް ކުއްޖަކާއި އެކު ވަގުތު ހޭދަ ކޮށްލަން ދަރިވަރަށް ލިބޭ ނަމައެވެ. މިސާލަކަށް އެ ދަރިވަރަށް އެހެން ދަރިވަރަކާ އެކު ވަގުތު ހޭދަ ކުރުން ފަދަ ކަންތައް ލިބުން ނޫނީ ކޮންޕިއުޓަރ ބޭނުން ކުރުމުގައި އެހެން ދަރިވަރަކާ އެކު ވަގުތު ހޭދަ ކުރުން ފަދަ ކަންތައްތަކެވެ. މިކަމުގެ ސަބަބުން އެދަރިވަރުގެ އެކުވެރިޔާއަށް ވެސް އިޖުތިމާއީ ގޮތުން ރިއިންފޯސްމަންޓް ލިބެއެވެ.

4. ޖިސްމާނީ (ޓޭންޖިބަލް) ރިއިންފޯސްމަންޓް: މިސާލަކަށް ކާބޯތަކެތީގެ ބާވަތްތަކާއި ކުޅޭތަކެތި، ފުއްޕާ ހަން، ސްޓިކަރ އަދި އިނާމު ފަދަ ތަކެތި. ނަމަވެސް ކެއުމަށް ބޭނުން ކުރާ ބާވަތްތަކާއި ކުޅޭ ތަކެތި ބޭނުން ކުރަން ޖެހޭނީ ވިސްނުންތެރިކަމާއެކުގައެވެ. މިސާލަކަށް ދަރިވަރަކީ ބަރުދަނުގެ މައްސަލައެއް ހުންނަ ކުއްޖެއް ނަމަ، އެ ދަރިވަރުގެ މައިންބަފައިން، މުދައްރިސް ރިއިންފޯސްމަންޓްގެ ގޮތުގައި ކާބޯތަކެތީގެ ބާވަތްތައް ބޭނުން ކުރުމާ ދެކޮޅު ހަދަން ޖެހޭ ސަބަބެއް އޮވެދާނެއެވެ. މީގެ އިތުރުންކުޅޭ އެއްޗެހި ހަލާކުވުމަކީ އެހެން ކުދިންވެސް ރުޅި ގަދަވެދާނެ ކަމެކެވެ. އޭގެ ބަދަލުގައި ސެޓްފިކެޓް ދިނުމާއި ކުލާސްރޫމްގައި ދަރިވަރުންގެ މަސައްކަތް ދައްކާލުން ނުވަތަ ދަރިވަރުންގެ ކުރިއެރުމަށް ތައުރީފުކޮށް ބެލެނިވެރިންނަށް ގެއަށް ފޮނުވާ ކުދިކުދި މެސެޖު ފަދަ އިނާމު ރިއިންފޯސްމަންޓްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ.

5. ޓޯކަން ރިއިންފޯސްމަންޓް: މި ރިއިންފޯސްމަންޓްގައި އެކަށީގެންވާ އަޚްލާޤަށް ޕޮއިންޓް ނުވަތަ ޓޯކަން ދެވެއެވެ. އަގަށް ބަލާއިރު މި ބާވަތުގެ ރިއިންފޯސްމަންޓްގައި އިނާމުތަކަކީ ކުޑަ އެއްޗެއް ނަމަވެސް، އެ އިނާމުތައް އެއް ކުރެވި، އެއަށް ފަހު ދަރިވަރަށް އަގުހުރި ކަމަކަށް އެ ޕޮއިންޓްތައް ނުވަތަ ޓޯކަންތައް ބަދަލުކުރެވިދާނެއެވެ. މިސާލަކަށް ވަކި އަޚްލާޤެއް ދައްކާ ކޮންމެ ފަހަރަކު މުދައްރިސަށް ދަރިވަރަށް ޓިކެޓެއް ދެވިދާނެއެވެ. އަދި ހަފްތާ ނިމުމުން، އިނާމަކަށް ހުރިހާ ޓިކެޓްތައް ބަދަލު ކުރެވިދާނެއެވެ.

ފައްސި ރިއިންފޯސްމަންޓް ބޭނުން ކުރުމުން ލިބޭ ބައެއް ފައިދާ

ރުމްފޯލާ (2017) ބަޔާންކޮށްފައިވާ ފަދައިން ފައްސި ރިއިންފޯސްމަންޓް ބޭނުން ކުރުމުން ޢިލްމީ، އަޚްލާޤީ (ބިހޭވިއަރަލް) އިޖްތިމާޢީ އަދި ޠަބީއީ (އިމޯޝަނަލް) ފައިދާ ތަކެއްވެއެވެ. އޭނާ ލިޔުއްވާ ގޮތުގައި ޤަބޫލު ކުރެވޭ އަމަލުތަކަކީ ކޮބައިކަން މުދައްރިސުންގެ އިޖުތިމާޢީ އިޝާރާތްތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ދަސްކުރެވޭނެއެވެ. މިސާލަކަށް އެއް ދަރިވަރަކު ކުރާ އަމަލަކަށް މުދައްރިސް ތައުރީފުކޮށްފިނަމަ އެހެން ދަރިވަރުންނަށް ވެސް އެ ދެވޭ މެސެޖަކީ މި އަމަލަކީ ބަލައިގަނެވޭ އަމަލެއްކަމަށާއި އެ ކަމަށް ތައުރީފު ކުރާނެކަމެވެ.

• ފައްސި ރިއިންފޯސްމަންޓް ބޭނުން ކުރުމުގެ އެންމެ މުހިންމު އެއް ފައިދާ އަކީ ކުލާސްރޫމްއަށް ދަރިވަރުން ހާޒިރުވެ، އުނގެނުމުގައި އަމަލީ ގޮތުން އުފާކުރުމެވެ.

• ފައްސި ރިއިންފޯސްމަންޓް ބޭނުން ކުރުމުން މުދައްރިސަށާއި ދަރިވަރުންގެ ކިބައިގައި އުފާވެރިކަން އިތުރުވެއެވެ.

• މީގެ އިތުރުން، ކާމިޔާބީއެއް ލިބުމުން ކުލާހެއްގެ ގޮތުގައި ފާހަގަ ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ކަމެކެވެ.

• ފައްސި ރިއިންފޯސްމަންޓްގެ ސަބަބުން ކުލާހުގައި މުޖުތަމަޢުގެ އިހުސާސްތައް އިތުރުވެއެވެ.

ކުލާސްރޫމްތަކުގައި ފައްސި ރިއިންފޯސްމަންޓް ބޭނުންކުރުމަކީ ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށްދީ، އުނގެނުމުގެ މާހައުލަކަށް މަގުފަހިކޮށްދޭ، ބަދަލު ގެނުވާ ގޮތެކެވެ (transformative approach). ދަރިވަރުންގެ މަސައްކަތާއި ކާމިޔާބީގެ އަގުވަޒަންކޮށް، އިނާމު ދީގެން ތަޢުލީމީ ދާއިރާއިން ކުރި އެރުމުގެ ވިސްނުމެއް އުފައްދައި، އުނގެނުނު ސަބަބުން ހަމައެކަނި ގޯސްތައް ރަނގަޅު ކުރުމުގެ ބަދަލުގައި ކާމިޔާބީތައް ފާހަގަ ކުރުމަށް އަމާޒު ބަދަލުވެ، ދަރިވަރުންގެ އިތުބާރު އިތުރުވެ ހިތްވަރު ލިބިގެންދެއެވެ. ފައްސި ރިއިންފޯސްމަންޓްގެ ސަބަބުން ކުލާސްރޫމްގެ މާހައުލެއް އުފައްދައި، ދަރިވަރުންގެ އަގު ވަޒަންވެ، އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުޞަތު ބޮޑުވެ، ތަޢުލީމީ ޕާރފޯމަންސް ރަނގަޅުވެ، އެކުވެރިންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިވެގެންދެއެވެ. ނަތީޖާއަކީ، ފާޑުކިޔުމުގެ ބަދަލުގައި ހިތްވަރު ދިނުމުގެ މައްޗަށް ބާރުއެޅުމުން، ދަރިވަރުންނަށައި މުދައްރިސުންނަށް ވެސް ފައިދާ ވާ ފަދަ ތަޢުލީމީ ތަޖުރިބާއެއްދަރިވަރުންނަށާއި މުދައްރިސުންނަށް ތަފާތު ކަމެއްނެތި ލިބިގެން ދިއުމެވެ.

ރިފަރަންސްތައް:

 Smith, K. (2017). Positive Reinforcement…a Proactive Intervention for the Classroom. Retrieved from https://ceed.umn.edu/wp-content/uploads/2017/05/Positive-Reinforcement.pdf

 Maag, J. W. (2001). Rewarded by punishment: Reflections on the disuse of positive reinforcements in schools. Exceptional Children, 67, 173 – 186.

 Rumfola, L. (2017). Positive reinforcement positively helps students in the classroom. Education and Human Development Master’s Theses, 786. http://digitalcommons.brockport.edu/ehd_theses/786

Leave a Comment

Your email address will not be published.