27 ނޮވެންބަރު 2024
ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ މުއައްޒަފުންގެ މެދުގައި ފަންނީ މަޢުލޫމާތާއި ތަމްރީންތަކުން ލިބޭ ތަޖުތިބާއާއި މައުލޫމާތުގެ އިތުރުން ދިރާސާތަކުން ލިބޭ މައުލޫމާތު ހިއްސާކުރާނެ މަންސައެއްގެ ގޮތުގައި “އުލޫމީ އަށި” ގެ ނަމުގައި ވަކި މަންސައެއް އިފްތިތާޙް ކޮށްފިއެވެ. “ޢުލޫމީ އަށި” އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު 10:30 ގައި ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ ސެމިނަރ ރޫމްގައެވެ.
“ޢުލޫމީ އަށި” އިފްތިތާޙްކޮށް ދެއްވައި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ ޢަބްދުއްލަތީފް މުޙައްމަދުއެވެ. މިރަސްމިއްޔާތުގައި އެންއައިއީ ހިންގެވުމާ ޙަވާލުވެ ހުންނެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނައިބު ޑޮކްޓަރ ފާޠިމަތު ނިޝާންއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބައެއް އިސްވެެރިންނާއި އެންއައިއީގެ ޒިންމާދާރުވެރިޔާ ސޫދާއާއި އެންއައިއީގެ މުއައްޒަފުން ބައިވެރިވިއެވެ.
“ޢުލޫމީ އަށި” އިފްތިތާޙްކޮށް ދެއްވުމުގެ ގޮތުން ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ލަޠީފް ދެއްކެވި ވާހަކަފުޅުގައި އެންއައިއީ ފަދަ އިންސްޓިޓިޔުޓްތަކަށް މިފަދަ މަންސަތަކުގެ ބޭނުންބޮޑުކަމުގެ މައްޗައި ބައްލަވައި ވާހަކަފުޅު ދެއްކެވިއެވެ. ކަން މިހެންއޮތް ނަމަވެސް މިފަދަ މަންސަތައް، އެކެޑެމިކް އިންސްޓިޓިޔުޓްތަކުގައި އަދިވެސް ވަރަށް މަދުންނޫނީ ގާއިމްކޮށްފައި ނެތް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ތަޢުލީމީ ދެމުއައްސާއެއްގައި މީގެ މަންސަތައް ގާއިމުކޮށްފައިވާކަމަށް ވިދާޅުވެ އެތަންތާގައި ހިންގޭ ބައެއް ޙަރަކާތްތަކަށްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
ޑޮކްޓަރ ލަތީފްގެ ވާހަކަ ފުޅުގައި ވިދާޅުވީ މިފަދަ މަންސަތަކުގެ އެންމެ ބޮޑު ބޭނުމަކީ މަޢުލޫމާތު ބަދަލުކުރުން އެކަނި ނޫންކަމަށާއި އެބަދަލުކުރެވޭ މަޢުލޫމާތުން މުއައްޒަފުންނާއި މަސައްކަތަށާއި މާހައުލަށްވެސް ބަދަލުތަކެއް އައުން ކަމަށެވެ. ރާއްޖެއިން ބޭރަށް ކުރާ ޒިޔާރަތްތަކުގައިވެސް ހިއްސާކުރަން އޮތީ ހަމައެކަނި ތަމްރީންތަކުގެ މައުލޫމާތު ނޫންކަމަށާއި ފެންނަ ތަންތަނާއި ކަންކަމުން އަމިއްލަ ވެށްޓާއި މުޖުތަމަޢާއި ގުޅުވައި އޭގެ ސަބަބުންވެސް މަސައްކަތްތަކަށް ފަސޭހަތަކެއް ނުވަތަ ފައިދާތަކެއް ލިބިދާނެކަންކަމަށްވެސް ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޢުލޫމީ އަށީގެ ގޮތުގައި ވަކި މަންސައެއް އެންއައިއީގައި ގާއިމުކުރެއްވުމުގެ މަސައްކަތަކީ އެއިންސްޓިޓިޔުޓްގެ އިސްވެރިޔާ ޑރ ފާޠިމަތު ނިޝާނުގެ ސީދާ އިސްނެންގެވުމެކެވެ. މިމަންސައަށް ކިޔާ ނަން ކަނޑައަޅާފައިވަނީ އެންއައިއީގެ ސީނިޔަރ މެނޭޖްމެންޓް ޓީމުންނެވެ.