ލިޔުން: އިބްރާހީމް ރަޝީދު މޫސާ
ދެކުނު އޮސްޓްރޭލިޔާ ޔުނިވަރިސީޓިން 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ފަހުކޮޅުގައި ކުރި ސައެންސީ ދިރާސާތަކުން ލިބުނު ނަތީޖާތަކާމެދު މުޅި ދުނިޔެ ވަނީ އަޖައިބުވެ އަންތަރީސް ވެފައެވެ. އެއީ ޒަމާންވީ ބަލިތަކަށް (ކްރޮނިކަލް ބަލިތަކަށް) ފަރުވާ ދިނުމާ ބެހޭގޮތުން ކުރި ދިރާސާތަކެކެވެ. މި ދިރާސާތަކުން، މި ފަދަ ބަލިތަކަށް ފަރުވާ ދިނުމުގައި ތަބާވާންވީ އައު ގޮތްތަކެއް ހާމަވެގެންދިޔައެވެ. މި ނިޒާމަށް 2 : 5 ނިޒާމޭ ކިޔައިފައި ވެއެވެ. މި ދިރާސާއިން ކަށަވަރުކޮށްދިން ގޮތުގައި މި ގޮތަށް ރޯދަ ހިފުމުން ލިބޭ ފައިދާތައް އިންތިހާއަށް ބޮޑެވެ. އަދި އެހާމެ ގިނައެވެ. މި ދިރާސާ ބުނާ 2 : 5 ނިޒާމަކީ ކޮބައި ހެއްޔެވެ؟
ސާދާކޮށް ދަންނަވާނަމަ މި ނިޒާމުގެ މާނައަކީ އާދައިގެ ގޮތެއްގައި 5 ދުވަހު ކައިފައި އަނެއް 2 ދުވަހު ރޯދަ ހިފުމެވެ. (5+2=7) އެއީ ހަފުތާގެ ދުވަސްތަކުގެ ޢަދަދެވެ. ސައެންސީން ވިދާޅުވާ ގޮތުގައި މިއީ ޞިއްޙަތު ރައްކައުތެރިކުރުމަށާއި ޒަމާންވީ ބަލިތަކުން ރައްކައުތެރިވުމަށާއި، ހަށިގަނޑުގެ ދިފާޢީ ބާރުގެ ހަތާތައް އައުކޮށް ދެމެހެއްޓުމަށް ވަރަށް ކުރުންތެރި ފަހި ނިޒާމެކެވެ.
ސައެންސީން ކުރައްވާ ސުވާލަކީ ރޯދައަށް ހުންނަ ކޮންމެ ދުވަހަކު ރޯދައަށް ހުންނަން ޖެހޭނީ ކިތައް ގަޑިއިރު ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދީފައިވަނީ އެމެރިކާގެ އިލިނޮއި ޔުނިވަރސިޓީގެ ދިރާސާތަކެކެވެ. މި ޔުނިވަރސިޓީން 2018ވަނަ އަހަރު ކުރި ދިރާސާތަކެއް ބުނާގޮތުގައި ހަފުތާއަކު 2 ދުވަހު ރޯދަ ހިފާއިރު ތަބާވާން ޖެހޭނީ 16 : 8 ނިޒާމަށެވެ. މާނައަކީ 16 ގަޑިއިރު ރޯދައަށް ހުރެފައި، އާދަކޮށް ކާގޮތަށް 8 ގަޑިއިރު ކެއުމެވެ. (16 + 8 = 24) އަކީ ރެއަކާއި ދުވާލެވެ. މި ދިރާސާ ބުނާގޮތުގައި މިއީ ހަށިގަނޑުގެ ބަރުދަން ވަކި މިންވަރެއްގައި ހިފަހައްޓައި ދިނުމަށާއި ކްލޮސްޓްރޯލާއި ހަކުރު ކޮންޓްރޯލްކޮށް ހިފެހެއްޓައިދޭނެ ނިޒާމެކެވެ.
ޑރ. މައިކަލް މޮސްލީ ޓެލެގްރާފް ދުވަހު ނޫހަށް ދެއްވި ބަސްދިގަތުމެއްގައި ވިދާޅުވިއެވެ. ” ހަފުތާއަކު ދެ ދުވަހު ރޯދަ ހިފުމަކީ ދެވަނަ ބާވަތުގެ ހަކުރުބައްޔަށާއި ((Type 2 daibetes އުރަމަތީ ކެންސަރަށް ފަރުވާ ދިނުމަށް ޓަކައި ލިބިގެންވާ “އިންޤިލާބީ މަގު”އެކެވެ.
އެމެރިކާގެ މެޑިކަލް ސޮސައިޓީގެ މަޖައްލާ ގައި 2017ވަނަ އަހަރު ޝާއިޢުކޮށްފައިވާ ދިރާސާއެއް ބުނާގޮތުގައި މެދުކަނޑައިލައިގެން ރޯދަ ހިފުމަކީ ހަށިގަނޑު ފަލަވުމުގެ ބައްޔަށް ލިބިގެންވާ ވަރަށް ރަނގަޅު ފަރުވާއެކެވެ. ހަމަ މި މޭރުމުން ހާވަރޑް ޔުނިވަރސިޓީގެ ވެބް ޞަފްހާ ބުނާގޮތުގައި ސައެންސީ ދިރާސާތައް ހާމަކުރާގޮތުގައި ހަކުރުބަލިން ރައްކައުތެރިވުމަށާއި ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް ހީވާގި ކުރުމަށް ލިބިފައިވާ އެންމެ އަމާން މަގަކީ ރޯދަ ހިފުމެވެ.
ސައުތު މެންޗެސްޓަރ ޔުނިވަރސިޓީން ކުރި ދިރާސާއެއް ކަށަވަރުކޮށްދޭ ގޮތުގައި ކާނާގެ ނިޒާމަށް އެންމެ ލުއި ގޮތަކީ ހަފުތާއަކު ދެ ދުވަހު ރޯދަ ހިފުމެވެ. އޭގެ ސަބަބުން ހަކުރުބަލީންނާއި ސަރުބިން ރައްކައުތެރިކަން ލިބެއެވެ.
އެމެރިކާގެ ސައެންސީ މަޖައްލާއެއް ކަމުގައިވާ (Proceedings of the National Academy of Sciences) ގައި 2014ވަނަ އަހަރު ޝާއިޢުކޮށްފައިވާ ދިރާސާއެއް ބުނާގޮތުގައި ކާނާއިން ލިބޭ ކެލަރީ ހަފުތާއަކު ދެ ދުވަހު ދުރުދުރުގައި މަދުކުރުމަކީ އެލްޒަމިއަރ ބަލިންނާއި (ހަނދާންނެތޭ ބަލި) ކެންސަރުންނާއި، ހިތުގެ ބަލިތަކުންނާއި، ހަކުރުބަލިން ރައްކައުތެރިވުމަށް ލިބިގެންވާ ވަރަށް ނަތީޖާ ފުން ފަރުވާއެކެވެ. މި ނިޒާމުގެ ސަބަބުން ބަރުދަން ލުއިކޮށްދެއެވެ. އަދި ހަތާތަކުގެ ޢުމުރު ދިގުކޮށްދެއެވެ.
މެންޗެސްޓަރގެ ކެންސަރާ ބެހޭ ޖެނެސިސް މަރުކަޒުގައި ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ޓަކައި ބަލި މީހުން ހަފުތާއަކު ދެ ދުވަހު ރޯދަ ހިއްޕުވައެވެ.
ޙަޔަވީ ދިރާސާތާ ބެހޭ އެމެރިކާގެ މަރްކަޒެއް ކަމުގައިވާ Salk Institute for Biological Studies ބުނާގޮތުގައި އެ މަރްކަޒުން މީދާތަކެއް ގެނެސް ދެ ބަޔަކަށް ބަހައި ސަރުބި ގިނަ ކާނާ ކާން ދޭން ފެށިއެވެ. އެއް ގުރޫޕުގެ މީދާތަކަށް ހުރިހާ ވަގުތެއްގައި ކާއެއްޗެހި ތަނަވަސްކޮށް ދިނެވެ. ދެވަނަ ގުރޫޕަށް ކާނާ ލިބެނި ހަމަ އެކަނި 8 ގަޑި އިރު ވަންދެންނެވެ. މީގެ މާނައަކީ ރެއަކާދުވާލުގެ ތެރޭގައި މި ގުރޫޕުގެ މީދާތަކަށް 16 ގަޑިއިރު ކާއެއްޗެއް ނުލިބޭނެއެވެ.މާނައަކީ މި މީދާތައް ލައްވާ 16 ގަޑިއިރު ” ރޯދަ ” ހިއްޕުވުމެވެ. 100 ދުވަސްފަހުން މި ދެ ގުރޫޕަށް ބެލިއިރު 24 ގަޑިއިރު ކާން ލިބުނު މީދާތަކުގެ ހަށިގަނޑުގައި ކްލޮސްޓްރޯލް ވަނީ މައްޗަށް ގޮސްފައެވެ. އަދި އެ މީދާތަކުގެ ލޭގެ ގުލުކޯޒު ވެސް ވަނީ މައްޗަށް ގޮސްފައެވެ. 16 ގަޑިއިރު ކާންނުދީ ބައިތިއްބި މީދާތަކުގެ ބަރުދަނުން ވަނީ 28 % ލުއިވެފައެވެ. އޭއްޗެހީގެ މޭގަނޑުގެ ބަލިތައް ވަނީ މަދުވެފައެވެ. މި ތަޖްރިބާއިން ނެރުއްވި ނަތީޖާއަކީ ރޯދަ ހިފުމުން ހިތުގެ ބަލިތަކާއި ، ކެންސަރާއި ، އެލްޒައިމިއަރ ފަދަ ބަލިތައް ޖެހުން މަދުވެގެން ދެއެވެ. މި ދިރާސާ ކުރެއްވި ސައެންސީން ވިދާޅުވާ ގޮތުގައި ރޯދަވެރިޔާ ރޯދައަށް ހުންނަތާ ހައެއްކަ ގަޑިއިރުގެ ތެރޭގައި ސަރުބި ކޮށާރުކުރުން ހުއްޓައިލައެވެ. އަދި ސަރުބި އަންދައިލުމުގެ މަސައްކަތް ފަށައެވެ. އެހެނަސް ހުރިހާ ވަގުތެއްގައި ކާނާ ލިބުނު މީދާތައް ސަރުބި ކޮށާރު ކުރަމުން ގެންދާނެއެވެ. މި ކަމުގެ ސަބަބުން އޭތި ފަލަވެ އޭތީގެ މޭގަނޑުގައި ބަލިތައް އަށަގަނެއެވެ.
މި ދިރާސާތަކުން އެނގި ކަށަވަރުވީ ހަފުތާއަކު ދެ ދުވަހު ރޯދަ ހިފުމަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއް ކަމެވެ.
އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ e ގެ ސުންނަތުން އެނގޭގޮތުގައި އެކަލޭގެފާނު ކޮންމެ ހަފުތާއެއްގެ ހޯމަދުވަހާއި ބުރާސްފަތިދުވަހު ރޯދަފުޅު ހިއްޕެވިއެވެ.އަދި އެކަލޭގެފާނުގެ އުއްމަތަށް މި ދެ ދުވަހު ރޯދަ ހިފުން ވަނީ ސުންނަތެއް ކަމުގައި ލައްވަވައިފައެވެ. ޢަރަބިކަރައަށް ބަލާއިރު 16 ގަޑިއިރު ރޯދަ ހިފަން ޖެހޭނެއެވެ. މިއަދު ސައެންސު މި ވަނީ މި ކަމުގެ މާއްދީ ފައިދާތައް ބަޔާންކޮށްދީފައެވެ. މީގެ ސާދަ ސައްތަ އަހަރު ކުރިން ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. “صُوْمُوْا تَصِحُّوْا(1) – ތިޔަބައިމީހުން ރޯދަ ހިފާށެވެ! އޭރުން ތިޔަބައިމީހުން ދުޅަހެޔޮވާނެއެވެ. “