ބޮޑެތި މީހުންނަށް އުނގަންނައިދިނުމަށްޓަކައި ކިޔަވައިދޭތަކެތި ތައްޔާރުކުރުން

ލިޔުނީ: އަހުމަދު މުޙައްމަދު(އެން.އައި.އީ)

ފަސްމަންޒަރު

ކޮންމެ އުމުރު ފުރައަކަށް ކިޔަވައިދިންނަމަވެސް، ކިޔަވައިދިނުމަށްޓަކައި ވަސީލަތްތައް ތައްޔާރުކުރަންޖެހެއެވެ. އެ ވަސީލަތްތައް ތައްޔާރުކުރެވެންވާނީ ކިޔަވައިދިނުން އަމާޒުކުރެވޭ ފަރާތްތަކުގެ ޝައުގުވެރިކަން ދަމައިގަންނަ ގޮތަކަށެވެ. ހަމައެއާއެކު އެބައެއްގެ ދިރިއުޅުމާ ގުޅޭ އަދި އެބަޔަކު ދިރިއުޅޭ މާޙައުލުން ފެންނަން ހުންނަ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށެވެ. ވަކިން ޚާއްޞަކޮށް ބޮޑެތި މީހުންނަށް ކިޔަވައިދިނުމަށް ތައްޔާރުކުރެވޭ ތަކެއްޗަކީ އެބައިމީހުންގެ ދިރިއުޅުމުގެ ޙަޔާތާ ގުޅުވާލެވިފައިވާ ތަކެތި ކަމުގައި ވާންވާނެއެވެ.

ޢާއްމުގޮތެއްގައި ބޮޑެތި މީހުންނަށް ކިޔަވައިދިނުމަށް ތައްޔާރުކުރެވިފައިވާ ތަކެތީގެ ތެރޭގައި ފެންނަން ހުންނަނީ، މައުލޫމާތު އެކުލެވޭ ލުއިފޮތް، ކުރުވާހަކަ، ކޮމިކް ފޮތް، ޑްރާމާ، ޑައިލޮގް، އޯޑިއޯ، ވީޑިއޯ، ޕޯސްޓަރ އަދި މިނޫންވެސް މިފަދަ ތަކެއްޗެވެ. ހަމައެއާއެކު ޒަމާނާ ގުޅޭގޮތުން މީޑިއާގެ އެކި ވަސީލަތްތައް އުނގަންނައިދިނުމުގައި ބޭނުންކުރެވެއެވެ.

ކިޔަވައިދިނުމަށް އެއްޗެއް ތައްޔާރުކުރަން ވިސްނާއިރު އެކަންކުރަން ބޭނުންވާ މީހާ ނުވަތަ މީހުން އަމިއްލައަށް ކުރަންޖެހޭ ސުވާލުތަކެއް ހުރެއެވެ. ފުރަތަމަ ސުވާލަކީ މި ވަސީލަތް އުފައްދަނީ ކީއްކުރަން ކޮން މަޤްޞަދެއް ހާޞިލުކުރަން ހެއްޔެވެ؟ އެއަށްފަހު ކިޔަވާ މީހުންނަށް ދޭން ބޭނުންވަނީ ކޮން މެސެޖެއް ހެއްޔެވެ؟ އަދި އުފައްދާ ވަސީލަތް އަމާޒު މިކުރެވެނީ ކޮން ބަޔަކަށް ހެއްޔެވެ؟ މައިގަނޑު މި ތިން ކަންތައް ސިކުނޑީގައި ބަހައްޓައިގެން މެނުވީ ފުރިހަމަގޮތުގައި ބަޔަކަށް އުނގަންނައިދިނުމުގެ ވަސީލަތެއް ތައްޔާރުކޮށް ފުރިހަމައެއް ނުކުރެވޭނެއެވެ.

އުނގަންނައިދިނުމުގެ ވަސީލަތއް ތައްޔާރުކުރުމުގެ ޕްރޮސެސް

އަންނަނިވި ބައިތަކުގައި ބަލާލެވިގެންދާނީ ރަށްފުށުގައި ދިރިއުޅޭ ފަރާތްތަކަށް (މާނައަކީ ރަސްމީ ތަޢުލީމު ފުރިހަމަކޮށްފައި ނުވާ ނުވަތަ ޔުނިވަރސިޓީ ތަޢުލީމަށް ނުގޮސް ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރަން ނިކުމެ އުޅޭ ފަރާތްތައް) އަމާޒުކޮށް އުނގަންނައި ދިނުމަށާއި އާއްމު ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ތައްޔާރުކުރަން ބޭނުންވާ އުނގަންނައިދިނުމުގެ ތަކެތި ތައްޔާރުކުރާނެ ޕްރޮސެސްގެ (މަރުހަލާތަކުގެ) މައްޗަށެވެ.

ހަނދާން ބަހައްޓަންޖެހޭ ކަމަކީ ދިރިއުޅުމަށްޓަކައި ބުރަމަސައްކަތުގައި އުޅޭ މީހުންނަށް އުނގެނުމަށް ހޭދަކުރަން ލިބޭ ވަގުތަށްވުރެ އާމްދަނީ ހޯދުމަށް ހޭދަކުރަންޖެހޭ ވަގުތު ގިނަވާނެ ކަމެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް އަމާޒުކޮށް އުފައްދާ ކިޔަވައިދޭ ތަކެތި ވާންވާނީ، ދޭންބޭނުންވާ މެސެޖެއް ފަސޭހައިން ދެހަވާ އަދި ކިޔާލަން ފަސޭހަ ކުރު ޢިބާރާތްތަކެއް އެކުލެވޭ ތަކެއްޗަށެވެ. އަދި އެބައިމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭގޮތަށް އެކުލަވާލެވިފައިވާ އެއްޗަކަށް އެފަދަ ވަސީލަތެއް ވާންވާނެއެވެ.

ކިޔަވައިދިނުމުގެ ވަސީލަތެއް އުފެއްދުމަށް ހިންގަންޖެހޭ ޕްރޮސެސްގެ ތެރޭގައި ހިމެނޭ ކަންތައްތަކީ:-

– ހާލަތު ދެނެގަތުން

– އުނގަންނައިދޭންޖެހޭ ނުވަތަ ހޭލުންތެރިކަން އިތުރުކުރަންޖެހޭ ދާއިރާތައް ކަނޑައެޅުން

– ކިޔަވައިދޭ ވަސީލަތް ތައްޔާރުކުރުން

– އުފެއްދި ވަސީލަތް ޕްރީޓެސްޓްކުރުން

– ޕްރީޓެސްޓް ކުރުމަށްފަހު އަލުން މުޠާލިޢާކޮށް ގެންނަންޖެހުނު ބަދަލުތަކަށްފަހު ފައިނަލްކުރުން

– ތައްޔާރުކުރެވުނު ވަސީލަތް ޗާޕްކުރުން ނުވަތަ ޑުޕްލިކޭޓްކުރުން

– އަމާޒުކުރި ފަރާތްތަކަށް (ޓާރގެޓް އޯޑިއެންސް) ވަސީލަތް ފޯރުކޮށްދިނުން އަދި އެ ބޭނުންކުރަންފެށުން

– ވަޒަންކުރުން

އިސްވެ ބަޔާންކުރެވުނު 8 ބަޔަށް ތަފްޞީލުކޮށް މި ލިޔުމުގައި ބަލާލެވޭތޯ މަސައްކަތްކުރާނަމެވެ.

(1) ހާލަތު ދެނެގަތުން  

ހާލަތު ދެނެގަތުމުގައި ބޭނުންކުރެވިދާނެ ގޮތްތަކުގެ ތެރޭގައި ސާރވޭކުރުން، ޢާއްމު ހާލަތު ހޯދައި ބަލައި ދެނެގަތުން ނުވަތަ އޮބްޒަރވް ކުރުން، ރައްޔިތުންނާ މަޝްވަރާކޮށް ޚިޔާލު ހޯދުން ފަދަ ކަންތައްތައް ހިމެނެއެވެ. ޖަމާޢަތުގެ ތެރޭގައި ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް މިފަދަ ގޮތްގޮތުން ހޯދިދާނެއެވެ.

– ހާލަތު ދެނެގަތުމުގެ މަސައްކަތުގައި ޖަމާޢަތުގެ އާދަކާދަތަކަށާއި މީހުންގެ ޢާއްމު ދިރިއުޅުމުގެ ހާލަތަށާއި އިޖުތިމާޢީ ހާލަތަށް ރިއާޔަތްކޮށް މަޢުލޫމާތު އެއްކުރުން މުހިންމެވެ.

(2) އުނގަންނައިދޭންޖެހޭ ނުވަތަ ޢާއްމު ހޭލުންތެރިކަން އިތުރުކުރަންޖެހޭ ދާއިރާތައް ކަނޑައެޅުން

– އުނގަންނައިދޭންޖެހޭ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހާލަތު ދެނެގަތުމުގެ މަސައްކަތުން ލިބުނު މަޢުލޫމާތުގެ އަލީގައެވެ.

– ފުރަތަމަ ކަމެއްގެ ގޮތުގައި ހާލަތު ދެނެގަތުމުގެ މަސައްކަތުން ފާހަގަކުރެވުނު ކަންތައްތަކާއި މައްސަލަތައް ލިސްޓްކުރާށެވެ. އަދި އޭގެތެރެއިން އުނގަންނައިދޭންޖެހޭ ނުވަތަ ހޭލުންތެރިކުރުވަންޖެހޭ ދާއިރާތައް ނުވަތަ ކަންތައްތައް ކަނޑައަޅާށެވެ.

– ދެވަނަ ކަމަކަށް ކަނޑައެޅުނު ދާއިރާތަކުގެ މައްޗަށް އޮނިގަނޑެއް އެކުލަވާލާށެވެ. އޭގައި ފާހަގަކުރެވުނު މައްސަލަ ނުވަތަ އުނގަންނައިދޭންޖެހޭ ކަމަށް ފާހަގަކުރި ދާއިރާގެ އިތުރުން، އެމައްސަލައެއް ހައްލުކުރުމަށްޓަކައި ހާސިލުކުރަން ބޭނުންވާ މަޤްޞަދާއި އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ދޭންބޭނުންވާ މެސެޖު ނުވަތަ މެސެޖުތައް އަދި އުފައްދަންބޭނުންވާ ކިޔަވައިދިނުމުގެ ވަސީލަތް، އަމާޒުކުރާ ފަރާތް، އުފައްދާ ވަސީލަތުގެ ބާވަތް ކަނޑައެޅިފައި އޮންނަންވާނެއެވެ.

އެފަދަ އޮނިގަނޑެއް ތިރީގައި މިސާލުދެވިފައިވާ ގޮތުގެ މަތިން އަތުރާލެވިދާނެއެވެ.

ވަސީލަތުގެ ބާވަތް އަމާޒުކުރާފަރާތް މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ދޭން ބޭނުންވާ މެސެޖް ހާސިލުކުރަން ބޭނުންވާ މަޤްޞަދު މައްސަލަ ނުވަތަ ހޭލުންތެރިކަން އިތުރުކުރަންޖެހޭ ދާއިރާ
ރޭޑިއޯ ޑްރާމާ ނުވަތަ ކުރެހުމާއެކު ތައްޔާރުކުރެވޭ ވާހަކަ ފޮތެއް އަލަށް ކައިވެނި ކުރަން ބޭނުވެފައިތިބި ޒުވާނުން އަދި ކައިވެނި ކޮށްގެން އުޅޭ އުމުރުން 35 އަހަރު ނުފުރޭ ޒުވާނުން ކައިވެންޏަށް ތައްޔާރުވާންވާނީ ނަފްސާނީ ދުޅަހެޔޮ ކަމާއެކު މާލީ ފުދުންތެރިކަން ހުރެގެންނެވެ. ރަށުގައި އަހަރު ދުވަހުގެ ކުރެވޭ ކައިވެނިތަކުން ވަރިއަށްދާ ނިސްބަތް ކުރިއަށް އޮތް 2 އަހަރުތެރޭގައި 20% ން 5%  އަށް ދަށްކުރުން ވަރި ގިނަވުން
ޕޯސްޓަރ އާޢްމު ރައްޔިތުން ކޮންމެ މީހަކުވެސް އުފައްދާ ކުންޏަށް އެމީހަކު ޒިންމާވުން މުހިންމެވެ. ކުނި ނައްތާލެވޭނެ ގޮތްތަކެއް ރާވައި ދާއިމީ ހައްލެއް ހޯދުން. ރަށުތެރޭގައި އުފެދޭ ކުނި ނައްތާލަން ދަތިވުން

 

– އެއްމައްސަލައަކަށް ތަފާތު މެސެޖުތައް ރާވާލެވިދާނެއެވެ. އަދި އެ މެސެޖުތައް ފޯރުކޮށްދިނުމަށް ކިޔަވައިދިނުމުގެ ތަފާތު ވަސީލަތްތައް އުފެއްދިދާނެއެވެ.

(3) ކިޔަވައިދޭ ވަސީލަތްތައް ތައްޔާރުކުރުން

– އުނގަންނައިދޭންޖެހޭ ނުވަތަ ހޭލުންތެރިކަން އުފައްދަންޖެހޭ ދާއިރާތައް ކަނޑައެޅުމަށްފަހު ދެން ކުރިމަތިލާނީ އުނގަންނައިދިނުމުގެ ވަސީލަތް ތައްޔާރުކުރުމަށެވެ. ތައްޔާރުކުރުމަށް ނިންމީ ކޮންމެ ބާވަތެއްގެ ވަސީލަތެއް ނަމަވެސް އުނގަންނައިދޭން އުޅޭ މައުޟޫއެއްގެ މައުލޫމާތު އެއްކޮށް އެ މައުޟޫއަކަށް ފަރިތަވާންވާނެއެވެ. އެހެންނޫނީ އުނގެނެންތިބި މީހުން ގަބޫލުނުކުރާ ކަހަލަ މައުލޫމާތުތަކެއް ހިމެނިދާނެއެވެ.

– އުނގަންނައިދޭން ތައްޔާރުކުރާ ވަސީލަތަކީ، ވަކި މަޤްޞަދެއް ޙާޞިލުކުރަން އަދި ވަކި މެސެޖެއް ނުވަތަ މެސެޖުތަކެއް އުނގެނޭ ފަރާތްތަކަށް ދިނުމަށް ތައްޔާރުކުރެވޭ ވަސީލަތަކަށްވުމާއެކު، މަސައްކަތް ފެށުނީއްސުރެ ނިމެންދެން އެކަން ވަސީލަތް އެކުލަވާލާ މީހާގެ ނުވަތަ މީހުންގެ ސިކުނޑީގައި ބަހައްޓަންވާނެއެވެ. އަދި އެކުލަވައިލައި ނިމުމުން އެއަށް ފުންކޮށް ނަޒަރު ހިންގައި ދޭންބޭނުންވި މެސެޖު ހިމެނިފައިވޭތޯ ޔަޤީންކުރަންވާނެއެވެ.

– އުނގެނޭ މީހުންގެ ޝައުޤުވެރިކަން ދަމައިގަތުމަށްޓަކައި، އުފައްދާ ވަސީލަތުގައި ބޭނުންކުރެވޭ ބަސްމަގު ހުންނަންވާނީ ފަސޭހައިން ދޭހަވާ އަދި މާދިގުނޫން ޖުމްލަތަކެއްގެ ގޮތުގައި އަތުރާލެވިފައެވެ. ކުރެހުމާއި ފޮޓޯ ފަދަ ތަކެތި، އުފައްދާ ވަސީލަތުގައި ހިމެނުމަކީ އުނގެނޭ މީހުންގެ ޝައުޤުވެރިކަން ދަމައިގަތުމުގެ އިތުރަށް އެތައް މެސެޖުތަކެއް ފޯރުކޮށްދެވޭނެ ތަކެއްޗެވެ.

– ތައްޔާރުކުރީ އުނގަންނައިދިނުމުގެ ކޮންމެ ފަދަ ބާވަތެއްގެ ވަސީލަތެއް ކަމުގައިވި ނަމަވެސް އެއަށް ސުރުޚީއެއް ދޭންވާނެއެވެ. އަދި ފޮތެއްގެ ސިފައިގައި އޮތް ވަސީލަތެއްނަމަ ބޭރުގަނޑެއްލައި އޭގައި ސުރުޚީ ޖަހަންވާނެއެވެ. އަދި ބޭރުގަނޑުގައި ކުރެހުމެއް ނުވަތަ ފޮޓޯއެއް ހިމަނާލުމުން އެއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެއެވެ. އަދި އުފެއްދި ފަރާތް ބޭރުގަނޑުގައި ހިމަނާލުންވެސް މުހިންމެވެ.

– ހަމައެއާއެކު ޖެހިގެން އޮންނަ ޞަފްހާގައި، ތައްޔާރުކުރެވުނު ވަސީލަތް އަމާޒުކުރެވޭ ފަރާތާއި އެއިން ހާޞިލުކުރަން ބޭނުންވާ މަޤްޞަދާ ގުޅޭ ކުރު ތަޢާރަފެއް ހިމަނާލަންވާނެއެވެ. އަދި މި ތަޢާރަފުގެ އިތުރަށް ވަސީލަތް އުފެއްދުމުގައި ބައިވެރިވި ފަރާތްތައްވެސް ހިމަނާލުމަކީ އެދެވިގެންވާ ކަމެކެވެ.

– ޕްރީޓެސްޓަށް ދިއުމުގެ ކުރިން އިތުރަށް ބަލައި ރަނގަޅުކުރަން ފެންނަ ކަންކަން ރަނގަޅުކުރާށެވެ.

(4) ޕްރީޓެސްޓްކުރުން

– އުނގަންނައިދިނުމަށް ކޮންމެ ވަސީލަތެއް އުފެއްދިނަމަވެސް ޖަމާޢަތަށް ޢާއްމުކުރުމުގެ ކުރިން އެ ވަސީލަތެއް އަމާޒުކުރެވޭ ފަރާތްތަކުގެ ޚިޔާލު ހޯދައި އެމީހުން ދެކޭގޮތް ބަލަންވާނެއެވެ. އުފެއްދި ވަސީލަތް ހިފައިގެން އެމީހުންގެ ގާތަށް ގޮސް ދައްކައި ކިޔައިދޭށެވެ. އެއަށްފަހު އެއާމެދު ފެންނަ ގޮތަކީ ކޮބައިތޯ އާއި ދޭހަވީ ކޯއްޗެއްތޯ އަހާ އޮޅުންފިލުވާށެވެ. އަދި އެމީހުން ދޭ ލަފައާއި ޚިޔާލުތައް ރަނގަޅަށް އަޑުއަހައި ނޯޓުކުރާށެވެ. ވަސީލަތުގެ ސައިޒު، އޭގެ ކުރެހުންތައް، ލިޔުމުގެ އިބާރާތްތައް، އަދި އަކުރުތަކުގެ ސައިޒު ފަދަ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދާށެވެ.

– ޕްރީޓެސްޓް ކުރުމުގެ ތެރެއިން މާއުލޫމާތު ހޯދީ އެކަކު ދެމީހެއްގެ ފަރާތުން ކަމަށް ވެގެން ނުވާނެއެވެ. އެކަށީގެންވާ ޢަދަދެއް މިކަމުގައި ބައިވެރިކުރަންވާނެއެވެ. މަދުވެގެން 5 އާއި 9 އާދެމެދުގެ އަދަދެއް ހިމެނޭތޯ ބަލާށެވެ. އެއްތަނެއްގައި ބައިތިއްބައިގެންވެސް އަދި ވަކިވަކިންވެސް ޚިޔާލުތައް އެއްކުރެވިދާނެއެވެ.

(5) ޕްރީޓެސްޓަށްފަހު އަލުން މުތާލިއާކުރުމާއި ފައިނަލްކުރުން.

– އުނގަންނައިދިނުމަށް އުފެއްދި ވަސީލަތް ޕްރީޓެސްޓް ކުރުމަށްފަހު އެއްކުރި މަޢުލޫމާތު ބަލައި ދިރާސާކުރާށެވެ. އަދި އެ ވަސީލަތަށް ގެންނަންޖެހޭ ބަދަލުތައް ގެންނާށެވެ.

– ޕްރީޓެސްޓުން ލިބުނު މަޢުލޫމާތުގެ ތެރޭގައި އެކުލަވާލި ވަސީލަތުގެ ސައިޒު ހިތްހަމަ ނުޖެހޭކަމަށް އަދި ކުރެހުންތަކުން ވަކިކުރެހުމެއް ނުވަތަ ކުރެހުންތަކެއް ކަމުނުދާކަމަށް ފާހަގަކޮށްފައިވާނަމަ އަދި އަކުރުތަކުގެ ސައިޒަށް ނުވަތަ އިބާރާތަކަށް ބަދަލުގެންނަންޖެހޭ ކަމަށް ލަފާދީފައިވާނަމަ އެގޮތަކަށް އެކަންކަން ރަނގަޅުކުރާށެވެ. އަދި މައުލޫމާތުގެ މައްސަލައެއް ފާހަގަކުރިނަމަ އެކަމެއްވެސް ރަނގަޅުކޮށް ފުރިހަމަ ކުރާށެވެ.

– އެންމެ ރަނގަޅު ގޮތަކީ މިބަދަލުތަކާއެކު، ޕްރީޓެސްޓްކުރުމަށްޓަކައި ޚިޔާލު ހޯދި މީހުންގެ ހިތްހަމަޖެހޭތޯ އެމީހުންގެ ބަހެއް ލިބޭތޯ ބެލުމެވެ. އެއީ އުފެއްދި ވަސީލަތް މުޅިން ފުރިހަމަކޮށްލުމަށެވެ.

 

(6) ފައިނަލްކޮށް ފުރިހަމަވުމުން ޗާޕްކުރުން ނުވަތަ ޑުޕްލިކޭޓްކުރުން

– ތައްޔާރުކުރެވުނު ވަސީލަތް ޢާމުންނަށް ނުވަތަ ޓާގެޓް އޯޑިއެންސަށް ފޯރުކޮށްދިނުމަށްޓަކައި ޗާޕްކުރަން ނުވަތަ ޑުޕްލިކޭޓްކުރަން ޖެހެނީ ކިހާ ޢަދަދެއްތޯ ބަލާށެވެ. އެއަށްފަހު ބޭނުންވާ ޢަދަދަށް ނޫނީ ޗާޕުނުކުރާށެވެ. އިތުރަށް ޗާޕު ނުކުރަންޖެހޭ ސަބަބަކީ އެއީ ފަހުންވެސް ބަދަލުގެންނަންޖެހޭ އަދި އިތުރަށްވެސް މުތާލިޔާ ކުރަންޖެހޭ އެއްޗަކަށްވާތީއެވެ.

(7) އުނގަންނައިދިނުމަށް އުފެއްދި ވަސީލަތް އަމާޒުކުރި ފަރާތްތަކަށް ފޯރުކޮށްދިނުން އަދި ބޭނުންކުރަންފެށުން  

– އުފެއްދި ވަސީލަތް ބޭނުންކުރަނީ ކިލާސްރޫމަކަށް ކިޔަވަން އަންނަ ފަރާތްތަކަކަށް ވާނަމަ އެތަކެތި ފޯރުކޮށްދޭނީ ކިޔަވަން އައުމުންނެވެ. އޭރުން އެ ވަސީލަތް ލިބުނު މީހުންގެ ރެކޯޑް ބެލެހެއްޓިފައި ހުންނާނެއެވެ.

– އެވަސީލަތް ފޯރކޮށްދެވުނީ ވަކިވަކި ގޭގެއަށް ކަމުގައިވާނަމަ އެ ގެތަކުގެ ލިސްޓެއް އެކުލަވާލުންވެސް މުހިންމެވެ.

(8) ވަޒަންކުރުން

– ކިޔަވައިދިނުމަށް ނުވަތަ ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް އުފައްދާ ކޮންމެ ވަސީލަތަކީވެސް ތަރައްޤީކޮށް ބަދަލުގެންނަންޖެހޭ ތަކެއްޗެވެ. އެއީ، ޒަމާނާ ގުޅޭގޮތުން އެއަށް ގެންނަންޖެހޭ ބަދަލުތައް އަބަދުވެސް ހުންނާނެތީއެވެ. އެހެންކަމުން އެ ވަސީލަތެއް ބޭނުންކުރެވުނުގޮތާއި ފޯރުކޮށްދެވުނު ފަރާތްތަކުގެ މަޢުލޫމާތު ރައްކާކޮށް ބެލެހެއްޓުން މުހިންމެވެ.

– އެ ވަސީލަތެއް ފޯރުކޮށްދެވުނު މީހުންނަށް އޭގެ ސަބަބުން އެއްވެސް ފައިދާއެއް ކުރިތޯ ނުވަތަ ނޫންތޯ ބަލަން ބޭނުންވެއްޖެނަމަ ރައްކޮށްފައި ބެހެއްޓި މަޢުލޫމާތުގެ ބޭނުންހިފޭނެއެވެ. އަދި އެ ވަސީލަތް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްވެސް ފަސޭހަވެގެންދާނެއެވެ.

Leave a Comment

Your email address will not be published.