ފޮތް މުޖުމަރާ

އިބްރާހީމް ރަޝީދު މޫސާ (1995)

އިސްލާމީ ޢާލިމެއް ކަމުގައިވާ ޖާޙިޡު ސިފަކުރައްވާ ގޮތުގައި، ފޮތަކީ ޢިލްމުން ފުރިގެންވާ ކަންވާރެކެވެ. ނުވަތަ އެއީ މުނިފޫހި ފިލުވުން ތަކަކުން ފުރިގެންވާ އުރައެކެވެ. ނުވަތަ މަޖަލުން ފުރިގެންވާ ދޮލަނގެކެވެ. އޭގައި ހުންނަ ވާހަކަތަކުން ހިނިތުންވަމެވެ. އޭގައި ހުންނަ އަޖައިބުތަކުން ޙައިރާން ވަމެވެ. އޭގައި ހުންނަ ނަސޭހަތްތަކުން ވަޢުޡު ލިބިގަންނަމެވެ. އޭގައި ހުންނަ ޚިޔާލުތަކުން މުނިފޫހި ފިލުވަމެވެ.

މިއީ ޖާޙިޡު ސިފަކުރައްވާ ފޮތެވެ. އެއީ އިންސާނިއްޔަތުގެ އެދުމެވެ. އެއީ އިންސާނީ ފިކުރުގެ ހޮހަޅަ އަލިކޮށްލި ދަންމަރެވެ. ފޮތް ނުވާނަމަ އިންސާނާ މި ބިންމަތީގައި އުޅޭނީ ޙަޤީޤީ މިތުރެއްނެތި އެކަނިމާއެކަނި ފޫހި ކަމެއްގެ ތެރޭގަ އެވެ.

ލިޔުން އީޖާދުކޮށް އެލިޔުންތައް ފޮތްތަކުގައި ޖަމާކުރި އިންސާނާ ފޮތާ ދެކޮޅަށް ވެސް ހަނގުރަމާ ކޮށްފައިވެ އެވެ. ފޮތަށް ލަޢުނަތް ދީފައިވެ އެވެ. ފޮތް އަންދާފައިވެ އެވެ. ބައެއް ފަހަރަށް ފޮތް އެކުލަވާލެއްވި ނިކަމެތި މުއައްލިފާ ވެސް އެކުގައެވެ. އެންމެންގެ ކުރިމަތީގަ އެވެ. ކުށްވެރިއަކަށް ހަދައިފަ އެވެ.

ތާރީޚު ބުނާ ގޮތުގައި ސަރުކާރަށް ފޮތެއްނެގި އެފޮތް އެންމެ ފުރަތަމަ ފަހަރަށް އަންދައި ލެވިފައިވަނީ ޢީސާގެފާނުގެ 500 އަހަރު ކުރިންނެވެ. (1) އެތެންސްގެ ޢާންމު މައިދާނުގައި ފިލޯސަފަރު ޕްރޮޓަގަރަސް (481-411މ.ކ) ގެ ފޮތްތައް އަންދާލެވި އޭނާ އަރުވައިލުމަށް ނިޔާ އިއްވުނެވެ. އެއީ އޭނާ [ކަލާނގެތަކާ] ބެހޭގޮތުން ލިޔުއްވި ފޮތުގައި ކަލާނގެތައް ބާ ކަމާމެދު ޝައްކުކުރައްވާ ކަމަށް ވިދާޅުވެފައި ވާތީ އެވެ.

ރޯމަނުންގެ ޒަމާނުގައި، އެމްޕެޔަރ އޮގަސްޓަސްގެ ވެރިކަމުގައި [ޓީޓޮސް ލެޕިނޮސް] (2) ގެ ފޮތްތައް އަންދާލުމަށް ބޮޑުންގެ މަޖްލީހުން ނިންމި އެވެ. އޭނާގެ ފޮތްތައް އަންދާލުމަށް މަޖްލީހުން ނިންމުމުން އެކަމާ ދެރަފުޅުވެގެން ޓީޓޮސް އަމިއްލަފުޅަށްއަވަހާރަވި ކަމަށް ބުނެވެ އެވެ. މިހެންވެ ޓީޓޮސްއަކީ ފޮތްތަކުގެ ދިފާޢުގައި އަމިއްލަ ނަފްސު ޤުރްބާން ކުރެއްވި އެންމެ ފުރަތަމަ ލިޔުންތެރިޔާ އެވެ.

[ނައިރޮން] ގެ ވެރިކަމުގައި [ވިޔެންޓަން] ދީނީ މީހުންނާ ދެކޮޅަށް ފާޑު ވިދާޅުވުމުން އޭނާގެ ފޮތްތައް އަންދާލައި އޭނާ އަރުވައިލުމަށް [ނައިރޮން] ކަނޑައެޅުއްވި އެވެ.

[ޑޮމިސިޔަން] ގެ ވެރިކަމުގައި (3) ޢާންމު މައިދާން (ނުވަތަ ފޯރަމް) ގައި ފޮތް އެންދުމުގެ އާދަފެތުރިގެން ދިޔަ އެވެ. ރޯމަން އެމްޕެޔަރގެ ރަސްމީ ދީނެއް ކަމުގައި މަސީޙީދީން ވުމުގެ ކުރިން މީލާދީން 203 ވަނަ އަހަރު އެމްޕެޔަރ [ޑޮޔޮކްލީސިޔަން] އޭނާގެ އެމްޕަޔަރގައި ހުރި މަސީޙީދީނުގެ ހުރިހާ ފޮތްތަކެއް އަންދާލުމަށް އަމުރު ކުރެއްވި އެވެ.

ހަމައެފަދައިން ރޯމަން ފާދިރީން މަސީޙީދީނަށް ވަދެވަޑައި ގަތުމަށްފަހު ވަޠަނީ ދީނުގެ ފޮތްތައް އަންދާލުމަށް ވެސް އަމުރު ކުރައްވާފައިވެ އެވެ.

ލައިބްރަރީތައް އެންދުން

ފޮތުގައި ހުންނަ ޚިޔާލާ ދެކޮޅު ހެދުމުގެ ގޮތުން ނުވަތަ ފޮތުގެ މުއައްލިފުގެ ކިބައިން ބަދަލުހިފުމުގެ ގޮތުން ފޮތްތައް އަންދަމުން ގޮސް ކުތުބުޚާނާތައް އަންދާ ހިސާބަށް އެކަން ފުޅައުވެގެން ދިޔައެވެ. އެމްޕެޔަރ [ޔޫގިޔަން] ގެ އަމުރުފުޅަށް [އަންޠާކިޔާ] ގެ ކުތުބުޚާނާ އަންދާލެވުނެވެ. އެއީ މި ލައިބްރަރީގައި ވަޠަނީ ފޮތްތަކެއް ހުރެގެންނެވެ.

އެދުވަސްވަރުގެ އެންމެ މަޝްހޫރު އެއް ކުތުބުޚާނާއަކީ މިޞްރުގެ އިސްކަންދަރިއްޔާގެ ކުތުބުޚާނާ އެވެ. މި ކުތުބުޚާނާގައި ރޯވެގެން މިކުތުބުޚާނާ އަނދައިގެން ގޮސްފައިވަނީ ހަމަ އެދުވަސްވަރު އެވެ. މި ކުތުބުޚާނާއިން ސަލާމަތް ކުރެވުނު ފޮތްތައް މީލާދީން 640 ވަނަ އަހަރު އަންދާލެވުނީ ޢުމަރުގެފާނުގެ އަމުރުފުޅަށް ކަމަށް ތުހުމަތު ކުރެވެ އެވެ. (4) ނަމަވެސް ފަހުގެ މުއައްރިޚުން މިކަމާމެދު ކުރެއްވި ދިރާސާތަކުން މިއީ ކުށް ތުހުމަތު ތަކެއްކަން ސާބިތުވެފައިވެ އެވެ. ހުޅަނގުގެ މުއައްރިޚުންގެ ތެރެއިން ވެސް [ބެޓްލަރ] މިއީ ރަނގަޅު ވާހަކައެއް ކަމާމެދު ޝައްކު ކުރައްވަ އެވެ.

ޑރ. މުޞްޠަފާ އަލްޢައްބާދީ ވިދާޅުވާ ގޮތުގައި ޖޫލިއަސް ސީޒަރާ ޕޮމްޕޭއާއިކިލިޔޮޕަޓްރާއާއި އެކަމަނާގެ ކޮއްކޯފުޅު ތަޠުލީމުސް (2ވަނަ)  ޒަމާނުގައި ރޯމްގައި ހިނގާފައިވާ އަހުލީ ހަނގުރާމަ ތަކުގައި އިސްކަންދަރިއޔާގެ އަވަށް ތަކުގައި ވަރަށް ގިނައިން ހުޅުޖެހިފައި ވެ އެވެ.

ފިލޯސަފަރ [ސިނިކާ] ލިޔުއްވާފައިވާ ގޮތުގައި ސީޒަރުގެ ހަނގުރާމައިގައި އިސްކަންދަރިއްޔާގެ ލައިބްރަރީން 40 ހާސް ފޮތް އަންދާލެވިފައި ވެ އެވެ.
މީލާދީން 391 ވަނަ އަހަރު އިސްކަންދަރިއްޔާގެ ޕެޓްލިއާކް [ތިޔޮވިލް] ގެ ވެރިކަމުގައި މަސީޙީން ނުކުމެ ފޮތް ގުދަންތައް އަންދާލ ިއެވެ. އޭނާގެ ނަޒަރުގައި އިސްކަންދަރިއޔާގެ މި ލައިބްރަރީއަކީ ވަޠަނިއްޔަތުގެ ރަމްޒެކެވެ.

ޗައިނާގެ ޙާލު:

ޗައިނާއަށް ބަލާއިރުގައި ވެސް ފޮތް އެންދުމާއި ފޮތް ސަރުކާރަށް ނެގުމުގެ މައްސަލައޮތީ ހަމަ މިފަދަ ގޮތަކަށެވެ.

[ފޮތުގެ ތާރީޚު] މިނަންކިޔާ ފޮތުގެ މުއައްލިފު ވިދާޅުވާ ގޮތުގައި ޢީސާގެފާނުގެ 213 އަހަރު ކުރިން އެމްޕެޔަރ ޗެންޗީ ހުވާންގް އޭނާގެ އެންމެބޮޑު ލަފާދާރު [ލީސުވާ] ގެ ނަސޭހަތްޕުޅު އައްސަވާ ހުރިހާ ފޮތެއް އެންދުމަށް އަމުރު ކުރެއްވި އެވެ. މިގޮތުން އަންދާލެވުނު ފޮތްތަކުގެ ތެރޭގައި ޗައިނާގެ މަޝްހޫރު ފިލޯސަފަރު ކޮންފޫޝިއަސްގެ ފޮތްތައް ވެސް ހިމެނުނެވެ. އެމްޕެޔަރުގެ މުޖްމަރާއިން ސަލާމަތްވީ ބޭސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ފޮތްތައް އެކަންޏެވެ. މި އެމްޕެޔަރ މިކަން ކުރެއްވުމަށް ދެއްކެވި ބަހަނާއަކީ މާޒީގެ ދުއްތުރާތަކުން މިންޖުވެވޭނީ މާޒީގެ ފޮތްތައް އަންދާ ނައްތާ ލެވިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ޤާއިމުކުރައްވަން މަސައްކަތް ކުރައްވާ އައު މުޖްތަމަޢަށް ކުރީގެ ބަލިމާނު ޚިޔާލުތައް ފޯރައިގެން ނުވާނެ އެވެ.

އެމްޕެޔަރުގެ އަމުރުފުޅަށް ރައްޔިތުން ފޯރީއާއެކު ފޮތްތައް އަންދާލުމުގެ ނަތީޖާއަކަށްވީ ޤަދީމީ ޗައިނާގެ ތާރީޚާއި ޙަޟާރަތު ނޭނގި ގެއްލިގެން ދިޔުމެވެ. ބުނެވޭ ގޮތުގައި މިކަމުގެ ތެރޭގައި އެންމެ ދުވަހެއްގެ ތެރޭގައި 470 މުއައްލަފުން އަންދާލެވުނެވެ. އެމްޕަޔަރއާއި ދެކޮޅަށް އެބޭފުޅުން ލިޔުއްވައި ގެންނެވެ.

ހަނގުރާމަތައް:

ޤަދީމީ ޒަމާނުގައި ފޮތްތައް ނައްތާލާ އެންމެބޮޑު މުޖްމަރާ އަކީ ހަނގުރާމަތަކެވެ. އިސްކަންދަރިއްޔާގެ ކުތުބުޚާނާ އަނދައިގެން ދިޔައީ ޖޫލިއަސް ސީޒަރާ ޕޮމްޕޭއާ ދެމެދުގައި އިސްކަންދަރިއްޔާގައި ހިންގި ހަނގުރާމަ ތަކުގަ އެވެ. ބަޣުދާދުގެ ކުތުބުޚާނާތައް މުޣޫލުންގެ ސަބަބުން ނެތިގެން ދިޔަގޮތް ހުރިހާ ދަރިވަރުންނަށް އެނގޭނެއެވެ. އެދުވަސްވަރު ބަޣުދާދަކީ ޘަޤާފީ ގޮތުން އެންމެ މުއްސަނދި ވެރި ރަށެވެ. ދިޖްލާ ކޯރުގެ ފެންގަނޑުގެ ކުލަ އެކޯރަށް އުކާލެވުނު ފޮތްތަކާއި އަންދާލައިފައި އުކާލެވުނު އަޅިތަކުގެ ސަބަބުން އެތައްދުވަހެއް ވަންދެން ކަޅުވެފައި އޮތްކަމަށް މުއައްރިޚުން ލިޔުއްވަ އެވެ. އަދި ބައެއް ރިވާޔަތްތައް ބުނާގޮތުގައި މުޣޫލުން އެކޯރު ހުރަސްކުރީ ފޮތުގެ ފާލަމެއް މަތިންނެވެ.

މީލާދީން 2250 އަހަރު ކުރިން އައްކާދީ ރަސްގެފާނު [ނާރަމް ސީން] އިބްލާ ރަސްކަމުގެ ކޮއިލަށް ޙަމަލަދެއްވާ އިބްލާގެ މަޝްހޫރު ކުތުބުޚާނާ އަންދަވާ ލެއްވި އެވެ. ނަމަވެސް އެޒަމާނުގައި ފޮތަކީ ކިސަޑުން އުފައްދާ އެއްޗެކެވެ. އެހެންކަމުން އަލިފާނުގެ ސަބަބުން އެ [ކިސަޑުމާފާނު] ތައް ހަލާކުވެގެނެއް ނުދިޔަ އެވެ. މިކުތުބުޚާނާގެ އަނދާފައިވާ ފާރުތަކުގެ ދަށުން 1974 ވަނަ އަހަރު 17 ހާސް [ކިސަޑުމާފާނު] ނެރެވިފައިވެ އެވެ. މީގެ ތެރެއިން އެއްހާސް ކިސަޑުމާފާނު މިހާރުވަނީ ކިޔައި ނިމިފައެވެ. (5)

މެދު ޒަމާނުގައި ފޮތާ ކުރިމަތި ވެފައިވަނީ މުޅިން އައު މަރްޙަލާއެކެވެ. ފައްޅީގެ ބާރާ އިދިކޮޅު ކޮންމެ ވާހަކައެއް ލިޔާ މީހަކު އަންދާލެވިފައިވަނީ އެފޮތަކާއެކު ޢާންމު މައިދާނެއްގަ އެވެ. މިގޮތުން އަންދާލެވުނު މަޝްހޫރު ލިޔުން ތެރިންގެ ތެރޭގައި [ސްވޮނަރޯލާ] އާއި [ޖިޔޯރ ޑާނޯ ޕްރޯނޯ] އާއި [ސާރވިޓިޔޮސް] ހިމެނެ އެވެ.

ސާރވިޓިޔޮސް އަންދާލެވުނީ [މަޞީހިއްޔާ އަލުން ބިނާކުރުން] މިނަންކިޔާ ފޮތް ލިޔުއްވައި ގެންނެވެ. އޭނާ އަންދާލުމުގެ ބަދަލުގައި ބޯކަނޑާ ލައިފައި މަރުގެ އަދަބު ދިނުމަށް އޭނާ ވަރަށް ބޮޑަށް އެދިވަޑައި ގެންނެވި އެވެ. ނަމަވެސް ކޯޓުން މިގޮތް ޤަބޫލެއް ނުކުރި އެވެ. އޭނާ އަންދާލެވުނީ 27 އޮކްޓޫބަރ 1553 ގަ އެވެ. ސާރިވޓިޔޮސް އަކީ ސްޕޭނުގައި ރައްކައުވި ބޭފުޅެކެވެ.

ސްޕޭނުގެ ވާހަކަ ދައްކާއިރު އެރަށުގެ ގްރެނާޑާ ސަހަރު މުސްލިމުން އަތުން މަސީޙީން ހިފުމަށްފަހު އިސްލާމީ އެތައްހާސް ފޮތްތަކެއް އަންދައިލި ވާހަކަވެސް ލިޔެލުން ރަނގަޅުކަމަށް ދެކެމެވެ.

ސްޕޭންގެ ޢިލްމުވެރިއެއް ކަމަށްވާ އިބްނު ޙަޒްމުގެ ބައެއް ފޮތްތައްވެސް އިޝްބީލިޔާގެ ވެރިޔާގެ އަމުރުފުޅަށް އަންދާ ލެވުނެވެ. މިކަމާ ބެހޭގޮތުން އިބްނު ޙަޒްމު ވިދާޅުވަނީ [އެމީހުން އަހަރެންގެ ފޮތްތައް އަންދައިލިޔަސް އެފޮތްތަކުގައި ހުރި އެއްޗެއް އަންދައެއް ނުލެވޭނެ އެވެ. އެހެނީ އެ އެއްޗެހި ހުރީ އަހަރެންގެ ހިތުގައެވެ. އަހަރެން ދާހާ ތަނަކަށް އެ އެއްޗެހި ދާނެ އެވެ. އަހަންނާއެކު އަހަރެންގެ ކަށްވަޅުގައި އެއެއްޗެހިތައް ވަޅުލެވޭނެ އެވެ.] އިބްނު ޙަޒްމުގެ ވަފާތެރި ދަރިވަރުން އެމީހުން އުސްތާޛުގެ ބައެއް ލިޔުންތައް އަލުން ލިޔެ ފެތުރި އެވެ. ނަމަވެސް އިބްނު ޙަޒްމުގެ 400 (6) ފޮތުގެ ތެރެއިން އަޅުގަނޑުމެންނާ ހަމައަށް އައިސްފައި ވަނީ ވަރަށްމަދު ފޮތެކެވެ.

އަމިއްލަ އަތުން ފޮތް އެންދުން:

ޖާހިލުންގެ ޖާހިލުކަމާއި އަނިޔާ ވެރިންގެ އަނިޔާވެރިކަމާއި ފޮތުގެ އަގު ނުދަންނަ މީހުންގެ ޙަރާން ކޯރުވުމުން އެބޭކަލުންގެފޮތްތައް ސަލާމަތް ކުރެއްވުމަށްޓަކައި ބައެއް ބޭކަލުން އެބޭކަލުންގެ އަމިއްލަ އަތްޕުޅުން ބައެއް ފޮތްފޮތް އަންދަވާފައިވާ ތަންވެސް ތާރީޚުން ފެނެ އެވެ.
މިގޮތުން ފާހަގަކުރެވޭ މަޝްހޫރު އެއްބޭކަލަކީ އަބޫ ޙައްޔާނު-އް-ތަވްޙީދީއެވެ. އޭނާއަކީ ފިލޯސަފަރުންގެ އަދީބެވެ. އަދި އަދީބުންގެ ފިލޯސަފަރެވެ. އޭނާއަކީ ވަރަށް ބަދުނަޞީބު ވަރަށް ފަޤީރު ޙާލުކޮޅުގައި އުޅުއްވި ޢާލިމެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި [ފަޤީރު ޙާލުގައި އުޅެފައި މަރުވުމަށްފަހު މަޝްހޫރުވުން މާ ރަނގަޅު ވާނެއެވެ. (7)

އޭނާ ވިދާޅުވާ ގޮތުގައި މިއީ އައުކަމެއް ނޫނެވެ. އެކަމަކު އޭނާގެ ކުރިން ބައެއް ބޭފުޅުން އިސްވެ ކުރައްވާފައިވާ ކަމެކެވެ. އަބޫ ޢަމްރު ބްނު-ލް-ޢަލާއި އޭނާގެ ފޮތްތައް ބިމުގައި ވަޅުލެއްވިއެވެ. ދާވޫދު-އް-ޠާއީ އޭނާގެ ފޮތްތައް ކަނޑަށް އުއްކަވާ ލެއްވި އެވެ.

އަބޫ ސުލައިމާނު-އް-ދާރާތީ އޭނާގެ ފޮތްތައް އެއްކުރައްވާ އުނދުނަކަށް ލައްވާ އަންދަވާ ލެއްވިއެވެ. ސުފްޔާނު-އް-ޘަވްރީ އޭނާގެ ފޮތްތަކުގެ އެތައް ހާސްބައެއް ވީއްދަވައި ލައްވައި، ވައިގެ ތެރެއަށް އުއްކަވާ ލެއްވި އެވެ. އަބޫ ސަޢީދު-އް-ސައިރާފީ އޭނާގެ ދަރިކަލުން މުޙައްމަދަށް ވިދާޅުވި އެވެ. [މިފޮތްތައް ކަލެއަށް މިދެނީ އެއިން ފައިދާއެއް ފަހުން ކުރާނެކަމަށް ހީކޮށެވެ. ކަލެއަށް ޚިޔާނަތްތެރިވާ އެއްޗަކަށް ވެއްޖެނަމަ އަލިފާނަށް ދެވޭ ސުވަޔަކަށް މިތަކެތި ހަދާށެވެ.]

މި ޒަމާން:

މި ޒަމާނަށް ބަލާއިރުގައިވެސް މުޖުމަރާއިން ފޮތަށް އަމާންކަން ލިބިފައިވާކަމަކަށް ނުދެންނެވޭނެ އެވެ. ނާޒީންނަކީ 200 ވަރަކަށް މުފައްކިރުންނާއި ޅެންވެރިންނާއި ލިޔުންތެރިންގެ ފޮތްތައް ބަރލިންގްގެ އޮޕެރާ ހައުސް ކުރިމަތީގައި އަންދާލި ބަޔެކެވެ. އޭގެ ތެރޭގައި [ބްރިޚްޓް] ގެ މަޝްހޫރު ޅެން ފޮތްތަކާއި ތަމްސީލުތައް ހިމެނެ އެވެ.

އާދެ! ޖާހިލުކަމާއި ތަޢައްޞުބުގެ މުޖްމަރާގައި ފޮތްތައް އަންދާލެވިފައިވަނީ މިފަދަ ގޮތަކަށެވެ. އެކަމަކު އެއީ އިންސާނާއަށް އެންމެ ވަފާތެރި ރަޙްމަތްތެރިޔާއެވެ.
—————-

ހަވާލާ؛

(1)    ކުވައިތުގެ [ޢާލަމުލް މަޢްރިފާ] އިން ނުރެއްވި [ތާރީޚްކިތާބި] ފޮތް

(2)    ޕޮމްޕޭއަށް ތާއީދު ކުރެއްވި ވަރުގަދަ ޚަޠީބެއް.

(3)    މީލާދީން 51ން 96 ށް.

(4)    ޢުމަރުގެފާނަށް މިކުތުބުޚާނާ ބެހޭގޮތުން ޢަމްރު ބުނުލްޢާޞް ލިޔުއްވުމުން އެތާނގައި ހުރި ފޮތްތަކުގެ ބޭނުމެއް ނެތްކަމަށް ޢުމާރުގެފާނު ލިޔުއްވެވި ކަމަށް ޢަބްދުލްލަޠީފުލް ބަޣްދާދީއާއި އިބްނުލް ޤިފްޠީ ރިވާކުރައްވާފައި ވެއެވެ.

(5)    އޭގައި ހިމެނިނީ ފޯކްލޯރު ވާހަކަތަކާއި މިސާލުތަކާއި ދީނީ ލަވަތަކާއި އަދަބީ އެތައް މަސައްކަތް ތަކަކާއި ވެރިންގެ މެދުގައި ބަދަލު ކުރެވިފައިހުރި ފަތްކޮޅުތަކާއި އިބްލީ-ސޫމަރީ ބަސްފޮތްތަކެވެ.

(6)    [ޔާޤޫތުލް ޙަމަވީ]ގެ [މުޢްޖަމުލް އުދަބާއި] ބުނާގޮތަގިއ މި 400 ފޮތުގައި 80 ހާސް ގަނޑުވެއެވެ.

(7)    މިއީ އޭނާގެ އެކުވެރި [މިސްކުވައިހި] އަށް ލިޔުއްވި ސިޓީފުޅެއްގައިވާ ޢިބާރާތެއްކަމަށް [ޔާޤޫތުލް ޙަމަވީ] ވިދާޅުވެފައިވެއެވެ.

(ނިމުނީ)

Leave a Comment

Your email address will not be published.