ހަރުބަހާއި މަޖާޒު ބަސް

ކޮންމެ ޘަޤާފަތެއްގެ މީހުންގެ ތެރޭގައި ވެސް ހަރުބަހާއި މަޖާޒު ބަސް ހުރެއެވެ. އެފަދަ ބަސްބަސް އެ ބައެއްގެ ތެރޭގައި ބޭނުންކުރަނީ އެ ބައެއްގެ ދިރިއުޅުމާއި ގުޅޭ ގޮތަށެވެ.

ދާދި ފަހުން އެފްރިކާއަށް އަޅުގަނޑު ދިޔަ ދިޔުމެއްގައި އެފްރިކާގެ މަޖާޒު ބަހާއި ހަރު ބަސްތަކެއް ލިބުނެވެ. އޭގެ ތެރެއިން ބައެއް ބަސްބަސް ފަތްތޫރައިގެ އަހުލުވެރީންނާ ޙިއްޞާ ކޮށްލުމުގެ ބޭނުން ބޮޑުކަމަށް ދެކެމެވެ. ސަބަބަކީ އަޅުގަނޑުމެން ދިވެހީންގެ ޘަޤާފަތަކީ ވެސް އެކަހެރިކޮށް ދުނިޔޭގެ އެހެން މީހުންނާ ނުގުޅި އޮތް ޘަޤާފަތެއް ނޫން ކަމަށް އިޙްސާސްވިލެއް ބޮޑުކަމެވެ.

މި އިޙްސާސް ކުރެވެން މެދުވެރިވި އެއް ސަބަބަކީ އަޅުގަނޑު ދިޔަ ގާނާ ކިޔާ ޤައުމުގައި އޮށްވަޅަށް ކިޔާ ނަން އެނގުމުންނެވެ. ކުރީން އަޅުގަނޑުމެންނަށް ހަމަ ގައިމުވެސް އަޅުގަނޑަށް ހީވެފައި އޮންނަނީ އޮށްތަކަކާއި ވަޅުތަކެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރަކަށް ވާތީ އެ ކުޅިވަރަށް އޮށްވަޅު ކިޔުނީ ކަމަށެވެ. ގާނާގައި އޮށްވަޅަށް ކިޔަނީ އޮށްވާރޭ އެވެ. ލެޓިން އަކުރުން އެ ލަފުޒު ލިޔެފައި އޮންނާނީ ރޭއޯ މި ގޮތަށެވެ. އެހެން ވީމާ އޮށްވަޅު ރާއްޖެއަށް އައީ އެފްރިކާއިން ކަމަށް ވުން ވަރަށް ގާތެވެ.

މަޖާޒުބަހާއި ހަރުބަހުގެ ވާހަކަދައްކަން ފަށައިގަނެގެން ގޮސް މިހާރު ދަންބެރަށްވުރެ ތަގުޑި ދިގުވެއްޖެ އެވެ. ވީމާ، އަޅުގަނޑު ފަށައިގަތް މައިގަނޑު ނަމަށް އެނބުރިދާނަމެވެ.

ބޮކެއް ފަހަތަކަށް ނުފުމޭނެއެވެ. (ޒިމްބާބްވޭ)

މި ބަހުގެ މާނައަކީ، އެއްވެސް މަޚުލޫޤަކީ އެ މަޚުލޫޤެއް ހައްދަވައިފައިވާ ޠަބީޢަތާ ޚިލާފު ގޮތަކަށް ދިރިއުޅޭނެ އެއްޗެއް ނޫންކަން އަންގައިދިނުމެވެ.

ވަލުގައި ހުންނަ ކޮންމެ ގަހެއްގެ ދަރަކީ އުނދުނުގައި ޖައްސަން ކަމުދާނެ ދަރެއް ނޫނެވެ. (ސޫދާން)

ފަތް ގިނަ ކުކުޅެއް ބޮޑުކަމަށް ފެންނާނެއެވެ. (ޒެމްބިއާ)

ކަޅު ގެރިޔަކަސް ހުދު ގެރިޔަކަސް ގެރީގެ ކިރު ހުންނާނީ ހުދުކޮށެވެ. (ޓެންޒެނިއާ)

ރުޅިއައިސްގެން އެއްލާ ގާބުރިއަކުން ޖަހަން ބޭނުންވާ އެތީގައި ޖެހޭނީ މަދު ފަހަރަކުއެވެ. (މަލާވީ)

ފައި ކައްސައިލައިފި ނަމަ، ނުވެއްޓި ހުރުމަށް ބެލެންސް ކުރެވިދާނެއެވެ. އެކަމަކު، ދޫ ކައްސައިލައިފި ނަމަ، ބޭރުވީ

ލަފުޒެއް ހަމައަކަށް ނޭޅުވޭނެއެވެ. (ގާނާ)

ކުޅަނދުރު ކަށިޖަހައިފާނެ ކަމަށް ދުއްވައިގަންނަންޏާ މާމުއި ހިފައިގެން ދުވެގެން ނުވާނެއެވެ. (ކެމަރޫން)

ދުޝްމިނާ ވައްޓައިލުމަށް އަނދަވަޅެއް ނުކޮންނާށެވެ. އެ އަނދަވަޅަށް ގާތްމީހަކު ވެސް ވެއްޓިދާނެއެވެ. (އިތިއޮޕިއާ)

އަނގައިން ބުނާ ބަސް އެއްލާ ގާގަނޑެއް ފަދައެވެ. އެއްލުމަށް ފަހު، އަނބުރާ ނުގެނެވޭ ފަދައިން އަނގައިން ބޭރުވާ ބަހެއް ވެސް އަނބުރައެއް ނުގެނެވޭނެއެވެ. (ގާނާ)

އިލްމުގެ ވަޅުން ފެންނުބޯންހުރި މީހާ މަރުވާނީ ޖާހިލުކަމުގެ ސަހަރާގައި ކަރުހިއްކައިގަނެގެން ހުރެއެވެ. (ގިނީ)

އަމުރަށް ކިޔަމަންނުވާ މީހަކަށް އަމުރެއް ނުކުރެވޭނެއެވެ. (ކެންޔާ)

ރާމާމަކުނު ގަހުން މައްޗަށް އެރިވަރަކަށް އެސޮރުގެ ފޫކޮޅު ބޮޑަށް ފެންނާނެއެވެ. (މަލާވީ)

ބައްޕަގެ ގޭގައި އަލިފާންޖެހި ދަރިޔަކަށް ލިބޭނެ ވާރުތަ މުދަލަކީ އަޅިތަކެކެވެ. (ނައިޖީރިޔާ)

މާ ބާރަށް ހޭރޭ ކުކުޅަކަށް މަތިން އަންނަ ބާޒުގެ އަޑެއް ނީވޭނެއެވެ. (ސޫދާން)

ބޮކަކަށް ފެނުގެ މުހިންމުކަން އެނގެނީ ކޯރު ހިކުނީމައެވެ. (ޒެމްބިއާ)

އަތުގައި ހުރި ކަށިތަކުގެ ދިގުމިނަށް ވުރެ ދުރަކަށް އަތެއް ނުފޯރާނެ އެވެ. (ކެމަރޫން)

ހިންޏަކަށް ނާށްޓެއްގައި ހުރި ފެންފޮދަކީ ވެސް ކަނޑެކެވެ. (ނައިޖީރިއާ)

ހިނީގެ ތެރޭގައި ވެސް ބިޔަ ހިނި އުޅެއެވެ. (ނައިޖީރިޔާ)

އަންހެނަކު ކުރިމަގާ މެދު ފިކުރުކުރަނީ ފިރިޔަކު ލިބެންދެނެވެ. ފިރިހެނަކު މީހަކާ އިންނަންދެން ކުރިމަގާ މެދަކު

ފިކުރެއް ނުކުރެއެވެ. (ޔޫގަންޑާ)

ހުދު ދަތްތައް ފެންނަ ކޮންމެ ފަހަރަކީ އެކުވެރިކަމުގެ ހިނިތުންވުމެއް ކަމަށް ނުބަލާށެވެ. (ނައިޖީރިޔާ)

ބަނޑުގައިވާ ދަރިފުޅަށް މަންމަ އުޅޭ ބަދިގޭގައި ހުރި ދުމުގެ އުނދަގުލެއް ނުވެއެވެ. (ކެމަރޫން)

އައު ފިހިގަނޑަކުން ކުނި ކަހަން ފަސޭހަވިޔަސް ކުނި ހުންނާނެ ތަންތަން އެނގޭނީ ބައު ފިހިގަނޑަށެވެ. (ގާނާ)

އެންމެ ރާގެއް އެނގެންޏާ މުޅި ރެއަކު ނުނެށޭނެއެވެ. (މަލާވީ)

ބައްޕައަށް ވުރެ ތިމާ އިސްކޮޅު ދިގަސް ތިމާއަކީ ބައްޕައަށް ގޮތް ބުނެދޭން ޖެހޭ މީހަކަށް ނުވާނެއެވެ. (މަލާވީ)

ބޯމަތީގައި ހުރި އެތި ވެއްޓިދާނެ ކަމަށް ހިފަހައްޓާއިރު ކިހިލިފަތްދަށަށް ލައިފައިވާ އެއްޗަށް ވާނެ ގޮތަކާ މެދު ވިސްނާށެވެ. (އިތިއޮޕިއާ)

ހިތްހެޔޮކަމުގެ ބަހެއް ބުނުމަކުން ދޫ ކަންފައްޗެއް ނުވާނެއެވެ. (ލައިބީރިއާ)

ހުރިހާ އިނގިލަތައް އެއް ވައްތަރުވުމަކީ ބޭނުންކަމަކަށް ނުވިޔަސް ކަމެއް ކުރާއިރު ހުރިހާ އިނގިލިތައް ބައިވެރިވުމަކީ ބޭނުންކަމެކެވެ.(ކެންޔާ)

ދެވޭ ނުދެވޭ ތަނެއް ނޭނގެންޏާ ކޮންމެ މަގެއް ވެސް އެންމެ ރަނގަޅުވާނެއެވެ. (ސައުތު އެފްރިކާ)

ކުއްތާއަކަށް ވައްވައްޖަހަމުން ދަތެއް ނޭޅޭނެއެވެ. (ނައިޖީރިއާ)

ވާރޭގެ ތެރޭގައި ހުރެ ރުއިމަކުން ކަރުނައެއް ނުފެންނާނެއެވެ. (ކެމަރޫން)

ކަންނެތް މީހާ ގެ އަޅާނީ އަނގައިންނެވެ. (ގާނާ)

ދެފައި ހުއްޓެއްކަމަކު އެކަކަށް ވެސް އެއްފަހަރާ ދެ ގަހަކަށް ނޭރޭނެއެވެ. (ކެންޔާ)

ބޮޑު ނޭފަތެއް ލިބިފައިވާ މީހަކަށް ހީވާނީ އެހެން މީހުން އެ ދައްކަނީ އޭނާގެ ނޭފަތުގެ ވާހަކަކަމަށެވެ. (ސިއެރާލިއޯން)

ފަސޭހަ ކުރެވޭނީ ބައްޔެވެ. މަރެއް ފަސޭހައެއް ނުކުރެވޭނެއެވެ. (ގިނީ)

މޭވާ ނެތް ގަހަކަށް ގަޅިއެއް ނޫކާނެއެވެ. (ކެމަރޫން)

މުށި ބަނޑިޔަލެއްގެ މަތީގައި އޮތް މީދަލެއްގައި ޖަހަން ގައު ނޫކާށެވެ. (ޓެންޒެނިޔާ)

އެހެން މީހުންގެ ވާހަކަ ކަލޭ ގާތުގައި ދައްކާ މީހާ ކަލޭގެ ވާހަކަ އެހެން މީހުންގެ ގާތުގައި ވެސް ދައްކާނެއެވެ. (ގާނާ)

މޮޔަޔަކާ އަރައިރުން ނުވާށެވެ. އަޑުއަހާ މީހުންނަށް ދެ މީހުންކުރެ މޮޔަޔަކީ ކޮބައިކަމެއް ނޭނގޭނެއެވެ. (ނައިޖީރިއާ)

ގަނޑުވަރެއްގައި އުޅޭތީއޭ ކިޔައިފައި ކުރަތްޕަކަށް ވަކި ހެދުމެއް އަޅާކަށް ނުޖެހޭނެއެވެ. (ޔޫގަންޑާ)

Leave a Comment

Your email address will not be published.