ބޮޑު ތަކުރުފާނު

ލިޔުނީ: ޝިއުނާ އަޙުމަދު، ނ. ކުޑަފަރި

އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމަކީ ދިވެހި ޤައުމު އަޅުވެތިކަމުގެ ކަޅު އަދިރިކަމުން ނެރެދެއްވި ބަޠަލުންގެ ބަޠަލެވެ. ރެއާ ދުވާލު އަތްވާއި ވާރޭގައި ދިވެހި އުއްމަތަށްޓަކައި ޤުރުބާން ވެވަޑައިގެންނެވި ޞާބިރެވެ. ދިވެހި ކާބަފައިންގެ ޒަޢީމެވެ. މި ދިވެހި އުއްމަތުގެ ދަރިން އެބޭފުޅަކަށްޓަކައި  އަބަދުގެ އަބަދަށް ދަރާފައިވާ މުޖާހިދެކެވެ. ދިވެހި ދަރީންގެ ހިތްތަކުގައި އަބަދުމެ އާވެ އާލާވެ ހުންނާނޭ އަޖުދާދެކެވެ. ދިވެހިރާއްޖެއަށް އެތައް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ދިވެހިންގެ ހިތްތަކުގެ ރަސްގެފާނެވެ.  ބޮޑުތަކުރުފާނުގެ ޚިދުމަތުގެ ވާހަކަ އަޅުގަނޑުމެންގެ ދޫ ތަކާއި ގަލަން ތަކުން އޮހެމުން ދިޔަ ނަމަވެސް ބޮޑުތަކުރުފާނަކީ ކޮން ބޭފުޅެއް ކަމާއި އާއިލާ އާއި ތުއްޕުޅު ދުވަސްވަރުގެ އުޅުއްވުން ހުރިގޮތް މިއީ މާގިނަގިނައިން އިވޭ އަދި ލިޔެވޭ ވާހަކަތަކެއް ނޫނެވެ. މި ލިޔުމުގައި އެފަދަ ބައިތަކަށް އަލިއަޅުވައި ލެވޭތޯ ބަލާނަމެވެ.

އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމަކީ ބާރަށު ކަޅުޙަސަންކަލޭގެ ދަރިކަލުން އުތީމް ކަޅުޢަލީ ޚަތީބުތަކުރުފާނުގެ އަލްޚަތީބު ހުސައިންތަކުރުފާނު، އާމިނާދިޔޯއާއި ކައިވެނިބައްލަވައިގަނެގެން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އަދި މީގެއިތުރުން ޢާއިލާގެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެއްބަފައި ޢަލީޚަތީބު ތަކުރުފާނާއި ފާތުމާކަބައިދިކިލެގެއާއި އެއްބަނޑު އެއްބަފައި ޙަސަންރަންނަބަޑޭރިކިލެގެފާނެވެ. ބޮޑުތަކުރުފާނު ވަނީ ދެކައިވެނިފުޅެއް ކުރައްވާފައެވެ. ފުރަތަމަ ކައިވެނިފުޅަކީ ބާރަށު ބޯށިވަލުބުޅާފާތުމާގެ އާމިނާރެހެންދި (އާމިނަތު ރަނިކިލެގެ) އާ ކުރެއްވި ކައިވެނިފުޅެވެ. ދެވަނަކައިވެނިފުޅަކީ ޢަލިރަސްގެފާނުގެ ދަރިކަބަލުން ސިއްތިމާވާ ރަނިކިލެގެފާނާ ކުރެއްވި ކައިވެނިފުޅެވެ. އެހެންނަމަވެސް ހަމައެކަނި ބޭފުޅަކުލިބިވަޑައިގަތީ ފުރަތަމަ ކައިވެނިފުޅުންނެވެ. އެއީ އިބުރާހިމްކަލާފާނެވެ.

މުޙައްމަދުތަކުރުފާނަކީ ރޫފަވެތި، ތޫނުފިލި، އަޚުލާޤު ހަރުދަނާ، ދިވެއްސެކެވެ. ހަމައެގޮތަށް މުޙައްމަދުތަކުރުފާނަކީ ތުއްޕުޅުއިރުއްސުރެ ހިތްވަރުފުޅު ގަދަކަމާއި ދިރިއުޅުމުގައި އެހެންމީހުންނަށް ނޭނގޭ ހަރުދަނާސިފަފުޅުތަކެއްހުރި ބޭކަލެއްކަމުގައާއި ކުޑައިރުއްސުރެވެސް ތަޢުލީމަށް ވަރަށް ލޯބިކުރެއްވި ބޭފުޅެއްގެގޮތުގައި ގިނަ ލިޔުއްވުންތެރިން ސިފަކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދުތަކުރުފާނުންގެ ޝަޚުޞިއްޔަތާ ބެހޭގޮތުން ޙުސެންޞަލާޙުއްދީން ލިޔުއްވި “ބޮޑުތަކުރުފާނު” މިފޮތުގައި “މުޙައްމަދުތަކުރުފާނަކީ ފިރިހެނެކޭ ބުނެވޭބަހުގައި އެކުލެވިގެންވާ ހުރިހާމާނައެއް ރަނގަޅަށް އެއްކުރައްވައިގެން ހުންނެވި ބޭކަލެއް” ކަމުގައި ލިޔުއްވާފައިވެއެވެ. މީގެ އިތުރަށް ހުރިހާ މުވައްރިޚުންވެސް ފިރިހެން ވަންތަ ފިރިހެނެއްގެ ގޮތުގައި ސިފަކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެގޮތަށް އެބޭފުޅާއަކީ މުޅިތިލަދުންމަތި ބިރުގަންނަފަދަ ބޭފުޅެއްގެ ގޮތުގައިވެސް ބައެއްލިޔުއްވުންތެރިން ސިފަކުރައްވާފައިވެއެވެ.

މުޙައްމަދުތަކުރުފާނަކީ އެޒަމާނުގައި ލިބެންހުރި އެންމެ މައްޗަކަށް ތަޢުލީމް ޙާސިލުކުރައްވައިގެންހުންނެވި ބޭފުޅެކެވެ. ކަތީބުކަން ދެމިގެންއައި ދަރިކޮޅުން ލިބިހުރި ޢިލްމަކާއި ތަރުބިއްޔަތެއްގެ އިތުރުން ބޭދާޅީން (ބަނދާގަރާގެ އެނދުރުކަލެފާނުގެ އަރިހުން) ތަޢުލީމާއި ހުނަރުވެރިކަމާއި ތަޖުރިބާ ޙާސިލުކުރެއްވި، މިނިވަންކަމަށް ލޯބިކުރެއްވި ޝަޚުޞިއްޔަތެކެވެ. އަދި މީގެ އިތުރަށް އެޒަމާނުގައި ދިވެއްސަކަށް ލިބޭނެ އެންމެމަތީ ދަރަޖައަކަށް ހެވިކަން ޙާޞިލު ކުރައްވާފައިވެއެވެ. މިކަމުގެ ހެކި ދިވެހި ތާރީޚުން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ހެވިކަމަށް ކުޅަދާނަ އަނދިރިއަނދިރިން ބަލިކުރެއްވި ކުރެއްވުން މިއީ މިކަމުގެ އަލިގަދަ ހެއްކެކެވެ.  އެތަކުރުފާނު މިޢިލްމު ޙާޞިލުކުރެއްވީ ބޭދާޅީ އެދުރުކަލޭފާނުގެ އަރިހުންކަމަށްވެސް ބައެއް މުވައްރިޚުންގެ ލިޔުއްވުންތަކުން އެނގެއެވެ.

މުޙައްމަދުތަކުރުފާނަކީ ތުއްޕުޅުއިރުއްސުރެވެސް ތަފާތު އުޅުއްވުމެއް އުޅުއްވި ބޭކަލެއް ކަމުގައި  މުއައްރިޚުން ވިދާޅުވެފައިވެއެވެ. މުޙައްމަދުތަކުރުފާނަކީ ތުއްޕުޅުއިރުވެސް ދުޝްމިނުންނާ ދިމާކުރެއްވުމުގެ ޢަޒުމު، ހިތްޕުޅާއި ނާރުފުޅުތަކުގައި އަށަގެންފައިވާ ބޭފުޅެއްކަމުގައި ބައެއް މުވައްރިޚުން ސިފަ ކުރައްވާފައިވެއެވެ.  މިކަން ސާބިތުވާ އެންމެ ބޮޑު ހެއްކަކީ އުތީމު ތުނޑިމަތީގައި މަޅިފަތި ޖައްސަވައިގެން ހިތްޕެވި ދޫނިތަކާމެދު ޢަމަލުފުޅު ބެހެއްޓެވިގޮތެވެ. އެއިން ދޫންޏެއްގެ އެއްވެސްބޭނުންފުޅެއް ނުހިއްޕަވާ، ދޫކޮށްލެއްވި ދޫކޮށްލެއްވުމެވެ. ކޮންމެފަހަރަކުވެސް ވިދާޅުވާކަމަށް ވެއެވެ. “ކަލޭ ހިތުން އަތުނުވާން ފިލައިގެން އުޅުނީ…… މިއޮތީ ހިފާފައެވެ. ދެން ދާށެވެ.” މިފަދަ ބަދަލުހިއްޕަވާ ޒާތުގެ ބަސްތަކެކެވެ. މިފަދަ ކަންކަން ޙުސެން ޚަތީބު ތަކުރުފާނަށް އެނގި، ފެނި ލެއްވުމުން ބޮޑުތަކުރުފާނުގެ ދައިތާ ފުޅަށް މުޙައްމަދު ތަކުރުފާނު ރަނގަޅަށް ބެއްލެވުމަށާއި ރަނގަޅަށް ކާންދެއްވުމަށް ނަސޭޙަތްތެރިވެ ވަޑައިގެންނެވި ކަމަށް ބައެއް މުވައްރިޚުން ލިޔުއްވާފައިވެއެވެ. މުއައްރިޚުންގެ މިފަދަ ލިޔުއްވުންތަކުންވެސް ބޮޑުތަކުރުފާނަކީ ތަޢުލީމީ އަދި ހަރުދަނާ ބޭފުޅެއްކަން ސާބިތުވެއެވެ.

ބޮޑުތަކުރުފާނުގެ ހިއްވަރުފުޅުގަދަކަމާއި ތޫނުފިލިކަން ތުއްޕުޅު އިރުގައިވެސް އަދި ޒުވާން ދުވަސްވަރުގެ އުޅުއްވުން ހުރިގޮތުން ވެސް ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ވިސްނުންފުޅު ތޫނުކަމާއި ކެތްތެރިކަމާއި ޙިކުމަތްތެރިކަން އަދި ހިއްވަރުފުޅުގަދަކަން އެއީ އެބޭފުޅާގެ ޝަޚުޞިއްޔަތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަންކަމެވެ. މީގެ އިތުރަށް މުޙައްމަދު ތަކުރުފާނަކީ އުޅުއްވުންހުރި ގޮތްހުރި ރޭވުންތެރި ބޭފުޅެއްކަން ވެސް ވަރަށް ރަނގަޅަށް ސާބިތުވެއެވެ.

ނިމުނީ

Leave a Comment

Your email address will not be published.