ތާނައިގެ “ތިކިޖެހި އަކުރުތައް” އުވައިލެވިދާނެހެއްޔެވެ؟

ލިޔުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ބަހުގެ އަޞްލަކީ އަޑެވެ. އަކުރެއް ނޫނެވެ. ބަސް ދަސްކުރުމުގެ ހުނަރުތައް އިންސާނާއަށް ލިބިގަނެވޭ މިންގަނޑަށް ބެލިޔަސް މި ހަގީގަތް ހާމަވާނެއެވެ. އެންމެ ފުރަތަމަ ދަސްވާނީ އަޑުއަހާށެވެ. ދެން ބަސްމޮށުމެވެ. ދެން ކިޔާށެވެ. ދެން ލިޔާށެވެ. އެހެންވީމާ އަކުރުތައް ބިނާވެގެންވަނީ އަޑުތަކުގެ މައްޗަށް ކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

އަކުރަކީ ހަގީގަތުގައި އެއްވެސް މާނައެއް، އަޑެއް، އެކުލެވޭ އެއްޗެއް ނޫނެވެ. އެއީ އަޅުގަނޑުމެން ލައްވާ އެކި އަޑުތައް ފާހަގަކުރުމަށް ޓަކައި ބޭނުންކުރާ ރަމްޒުތަކެކެވެ. މި ވެނި އަޑަކަށް ބޭނުންކުރާނީ މިވެނި ނިޝާނެއް ކަމަށް ކަނޑައަޅަނީ ފަހުންނެވެ. އެއް ނިޝާނަކުން ތަފާތު އަޑުތައް ތަފާތު ބަސްބަހުގައި ރަމްޒުކޮށްދެނީ އެހެންވެއެވެ. އަދި ތަފާތު ނިޝާންތައް އެއް އަޑެއް ރަމްޒުކޮށްދިނުމަށް ޓަކައި ބޭނުންކުރަނީ އެ ސަބަބާހުރެއެވެ. މިސާލަކަށް އަޅުގަނޑުމެން /ރ/ މި އަޑަށް  “ރ” މި ނިޝާން ބޭނުންކުރިޔަސް އިނގިރޭސިބަހުގައި ބޭނުންކުރަނީ “r” މި ނިޝާނެވެ. ޢަރަބިބަހުން “ر” މި ނިޝާނެވެ. ލެޓިން އަކުރުން ލިޔާ ބަސްބަހުގައި (އަދި ދިވެހިބަސް ވެސް ލެޓީންއަކުރުން ލިޔާ އިރު) ވެސް އެކި އަޑުތަކަށް ބޭނުންކުރެވޭ ނިޝާންތައް ތަފާތެވެ.  މިސާލަކަށް:  catލިޔެފައި ދައްކައިފި ނަމަ، އިނގިރޭސިބަހުން ކިޔާނީ “ކެޓް” މިފަދަ އަޑަކުންނެވެ. ނަމަވެސް، އަސޭކަރައިގެ ބަހުން ހަމަ އެ ލަފުޒު ތަލައްފުޒުކުރާނީ “ޗާޓް” މިހެންނެވެ. ހަމަ މިފަދައިން “cap” ލިޔެފައި ދައްކައިފި ނަމަ، އިނގިރޭސިބަހުން “ކެޕް” ކީ ކަމުގައި ވިޔަސް މެލޭބަހުން ކިޔާނީ “ޗާޕް” މިހެންނެވެ. /ʃ/ ނުވަތަ (sh) މިއަޑުގެ ރަމްޒަކީ ދިވެހިބަސް ލެޓިންއަކުރުން ލިޔުމުގެ ގަވާއިދުން ބަލާއިރު /ޝ/ގެ އަޑު ކަމަށް ވިޔަސް މެލޭ ބަހުން އެއީ /ޞ/ގެ އަޑެވެ. އެހެންވީމާ ބަހުގެ އަޞްލަކީ އެ ބަހެއްގެ އަޑުތައްކަން ވަރަށް ސާފެވެ. އަކުރަކީ އެ އަޑުތައް ރަމްޒުކޮށްދޭން ބޭނުންކުރާ ނިޝާންތަކެކެވެ. އެކިބަހުގައި އެކި ނިޝާންތަކެވެ.

ދިވެހިބަސް ލިޔެކިޔައި ހަދާން އެކި ދުވަސްވަރު އެކި އަކުރުތައް ބޭނުންކޮށްފައިވާކަން ތާރީޚުން ހެކިދެއެވެ. ނާގަރީއަކުރާއި (ދިވެސްއަކުރުގެ) އެވޭލާ އަކުރާއި (ފަހުގެ) ދިވެސް އަކުރެވެ. އޭގެ ފަހުން ދިވެހި ކާބަފައިން ވިޔައަކުރު ބޭނުންކުރައްވައިގެން އުފެއްދެވި ތާނައަކުރެވެ. އަދި ލެޓިން އަކުރުން ވެސް ދިވެހިބަސް ލިޔެކިޔައި އުޅުނު ދުވަސްކޮޅެއް ދިޔައެވެ. މިހާރު ވެސް މީސްމީޑިއާގައި އެކަން ކުރެއެވެ. އެކަމަކު މި ވާހަކަ މިހިސާބަށް ބޭއްވުމަށްފަހު އަޞްލު މަޢުޟޫޢަށް އެނބުރިލާނަމެވެ.

ދިވެހިބަހަކީ ވެސް އެހެން ބަސްބަހެކޭ އެއް ފަދައިން ހެދި ބޮޑުވާމުން އަންނަ ބަހެކެވެ. ކުރީން ނެތް ކިތަންމެ އަޑެއް ފަހުން ދިވެހި ބަހަށް އިތުރުވިއެވެ. އެންމެ ފުރަތަމަ ތާނަ އުފެދުނު ހިސާބުގައި ދިވެހިބަހުގައި ހުރި އަޑުތަކަކީ /ހ/، /ށ/، /ނ/، /ރ/، /ބ/، /ޅ/، /ކ/، /އ/، /ވ/، /މ/، /ފ/، /ދ/، /ތ/، /ލ/، /ގ/، /ޏ/، /ސ/، /ޑ/، /ޒ/، /ޓ/، /ޔ/، /ޖ/، /ޗ/، މި އަޑުތަކެވެ. /ޕ/ އަޑަކީ ކުރީން ދިވެހިބަހުގައި އޮންނަ އަޑެއް ނޫނެވެ. ކުރީން ބައްޕައެއް ނުކިޔައެވެ. ކިޔައި އުޅުނީ “ބަފައި” ނުވަތަ “ބަފޯ” ފަދަ ލަފުޒެކެވެ. މިއަދު ވެސް މައިންބަފައިން ކިޔައި އުޅެނީ އެހެންވެގެންނެވެ. ބަތްޕެނަކީ ބަތުފެނެވެ. ބަތްފެނެވެ. ފަހުން “ބައްޕަ”އާއި “ބަތްޕެން” ފަދަ އަޑުތަކަށް ބޭނުންވުމުން ފާފުގެ ތިރީގައި ނުކުތާއެއް ޖަހައިގެން ޕަވިޔަނި އުފެއްދީއެވެ. އަދި ފަހުން /ޝ/ގެ އަޑުގެ ނިޝާނެއްގެ ގޮތުގައި ސީނުގެ މަތީގައި ތިން ނުކުތާ ޖަހައިގެން ޝ އުފައްދައިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިހާރު ގިނަ މީހުންނަށް އޮޅިފައި ވިޔަސް /ށ/ އާއި /ޝ/އަކީ ތަފާތު ދެ އަޑެކެވެ.

މި ހިސާބުން ދަންނަވައިލާން ބޭނުންވާ އެހެން ވާހަކައެއް އެބައޮތެވެ. ޕަވިޔަންޏަކީ ތާނަ އުފެއްދި ފަހުން އުފެއްދި އަކުރެއް ނޫންކަމަށް ވަކާލާތުކުރައްވާ ތަން، މީސްމީޑިއާގެ ބައެއް އޮޅިތަކުންނާއި މަންސަތަކުން ފެނެއެވެ. ނަމަވެސް ވަރަށް އާދައިގެ ސިކުނޑިއަކުން ވިސްނައިލިޔަސް ތާނަ އުފެދުނު ދުވަސްވަރު އެ އަޑު (ޕ) ދިވެހިބަހުގައި އޮތް ނަމަ، އެހެން އަކުރުތައް ފަދައިން އެ އަކުރަށް ވެސް އުފައްދައިފައި އޮތީހީ ވަކި މުސްތަޤިއްލު އަކުރެއްކަމެވެ. އެހެން ވިޔަނިތައް ވެސް އުފައްދައިފައިވާ ފަދައިންނެވެ. އެހެން އަކުރުތައް އުފެއްދި ފަދައިން ތިތްކަކާނުލައި /ޕ/ ގެ އަޑަށް ވެސް ވިޔަންޏެއް އުފެއްދެވުމަކީ ތާނަ އުފެއްދެވި ބޭފުޅަކަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. ފާހަގަކޮށްލާންޖެހޭ އަނެއް ކަމަކީ ތާނަ އުފެއްދުމުގެ ކުރީން އެއީ ދިވެހިބަހުގައި އޮތް އަޑެއް ނޫން ކަމަށް ވާތީ، އެ އަޑަކަށް އޭރަކު ބޭނުމެއް ނުވެއެވެ. އެހެންވެ ޕަވިޔަނީގެ އަޑަށް އޭރު ނިޝާނެއް (އަކުރެއް) އުފައްދާނެ މުހުތާދެއް ނެތެވެ.

ދިވެހީންގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުވުމާ ގުޅިގެން ދީނީ އެކި އިޞްތީލާޙުތަކާއި ލަފުޒުތަކަށް ބޭނުންވާ އަޑުތަކަށް ބޭނުންވިއެވެ. އަދި 99 އިންސައްތަ މީހުންނަށް ވުރެ ވެސް ގިނަ މީހުންނަށް ކިޔައިފައި ހުންނަނީ ޢަރަބި ނަންނަން ކަމަށް ވާތީ އެ ނަންނަން އޭގެ އަޞްލު މަޚުރަޖުން ކިޔާން ބޭނުންވިއެވެ. މި ބޭނުމަށް ޓަކައި މި ފަދަ އިޞްޠިލާޙުތަކާއި ނަންނަން ޢަރަބި އަކުރުން ލިޔެކިޔައި އުޅުނެވެ. ދާދި ފަހަކާ ޖެހެންދެން މިކަން މި ގޮތަށް ހިނގަމުން އައެވެ. ދިވެހީން އޭރު އެންމެ ފުރަތަމަ ދަސްކޮށް އުޅުނީ ޢަރަބި އަކުރުތަކާއި ޢަރަބި އަކުރު ބޭނުންކޮށްގެން ކަމަށް ވާތީ މިއީ އޭރުގެ ދިވެހީންނަށް އުނދަގޫ ކަމަކަށް ނުވިއެވެ. ނަމަވެސް ތާނައިން ލިޔާ ލިޔުންތަކުގައި އެހާ ގިނަ ޢަރަބި ލަފުޒުތައް ލިޔެ އުޅުމަކީ އައިބު ކަމެއް ކަމަށް ފެނި، އެ އަޑުތަކަށް ބޭނުންވާ ހުރިހާ ނިޝާނެއް ދިވެހި ތާނައިގައި އުފައްދާން ސަރުކާރުން ނިންމަވައި، ތާނައިގައި ނުކުތާ ޖެހި އަކުރުތަކެއް އުފައްދަވައި، 1957 ގައި ވުޒާރަތުލްމަޢާރިފުން ވަނީ އެކަން އިޢުލާންކުރައްވައިފައެވެ. ތާނައަށް އަލަށް އިތުރުކުރެއްވި އަކުރުތަކަކީ، ޙ، ޚ، ޘ ޛ ޞ ޟ ޠ ޡ ޢ ޣ ޤ އެވެ. އާދޭހެވެ! ކުރީން އޮތީ /ޕ/ އާއި /ޝ/ އޮތީ އުފައްދަވައިފައެވެ. 1976 ގައި އިތުރު ދެ އަޑަކަށް ދެ ނިޝާނެއް އުފެދުނެވެ. އެއީ ވާވުމަތީގައި ތިތްކެއް ޖަހައިގެން /ޥ/ އާއި ރާމަތީގައި ތިކި ޖަހައިގެން /ޜ/ އުފެއްދިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ތާނައިގައި އޮންނަ /ވ/އަކީ ޢަރަބިބަހުގައި އޮންނަ /و/އާއި އިނގިރޭސިބަހުގައި ބޭނުންކުރާ /w/ގެ އަޑެއް ނޫނެވެ. އެއީ އިނގިރޭސިބަހުގައި އޮންނަ /v/ގެ އަޑެވެ. އެހެންކަމުން /و/އާއި /w/ގެ އަޑު ރަމްޒުކޮށްދިނުމަށް ޓަކައި ވާވުގައި ތިތްކެއް ޖަހައިގެން /ޥ/ އުފެއްދީއެވެ. އަދި ވަކި އަކުރެއް ނެތި އިނގިރޭސި ބަހުގައި ބޭނުންކުރާ އަޑެއް ރަމްޒުކޮށްދިނުމަށް ޓަކައި ރާ މަތީގައި ތިކި ޖަހައިގެން /ޜ/ އުފެއްދީއެވެ. ނަމަވެސް މި ދެ އަކުރަކީ އާންމުކޮށް އެހާ ގިނައިން ބޭނުންކޮށް އުޅޭ ދެ އަކުރެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

އަޞްލު މައުޟޫޢަށް މި އާދެވުނީ އަދި ކިރިޔާއެވެ. ސުވާލަކީ މައުޟޫޢުގައި އެ އޮތް ފަދައިން ތާނައިގެ “ތިކިޖެހި އަކުރުތައް” އުވައިލެވިދާނެހެއްޔެވެ؟ އަޅުގަނޑުގެ ސާދާ ޖަވާބަކީ ނޫނެކެވެ. ތާނައިގައި ނުކުތާޖެހި އަކުރުތައް މުޠުލަޤަށް އުވައެއް ނުލެވޭނެއެވެ. ސަބަބުތައް ވަރަށް ބައިވަރެވެ. ބައެއް ސަބަބުތައް ދަންނަވައިލާނަމެވެ.

ގިނަ ދިވެހީންނެކޭ އެއް ފަދައިން އަޅުގަނޑަށް ވެސް ކިޔަނީ ޢަރަބި ނަމެކެވެ. މި ނަމުގައި އަރަބި އަޑެއް ކަމުގައިވާ /ع/ ދެ ފަހަރަކު އެބަ އެކުލެވެއެވެ. މި އަޑު ތާނައިގައި ރަމްޒުކޮށްދެނީ އަލިފު ތިރީގައި ތިކި ޖަހައިގެން /ޢ/އެވެ. މި އަކުރުގެ ބަދަލުގައި އަޅުގަނޑުގެ ނަމުގައި /އ/ ބޭނުންކޮށްފި ނަމަ، ނަމުން ދޭހަވާ މާނަ ބަދަލުވެއެވެ. ވީމާ އެއީ އަޅުގަނޑާއި އަޅުގަނޑުގެ މައިންބަފައިން ރުހޭނެ ކަމެއް ނޫނެވެ.

ހަމަ މިފަދައިން ބައެއް ލަފުޒުގައި ބޭނުންކުރާ /ޢ/ އުވައިލައި /އ/އަކަށް ބަދަލުކޮށްފި ނަމަ، ލަފުޒުން ދޭހަވާ މާނަ ތަފާތުވެއެވެ. މިސާލަކަށް ދިވެހިބަހުގައި ބޭނުންކުރާ “ޢަމަލު” މި ލަފުޒާއި، “އަމަލު”ގެ މާނައިގެ ތަފާތަށް ވިސްނައިލަމާތޯއެވެ! “ޢަމަލު”ގެ މާނައަކީ ކުރާ ކަންތަކެވެ. ޙަރަކާތްތަކެވެ. ހިންގާ ކަންތައްތަކެވެ. ނަމަވެސް “އަމަލު”ގެ މާނަ ވަރަށް ބޮޑަށް ތަފާތެވެ. “އަމަލު”ގެ މާނައަކީ އެއްޗެއް ކައިގެން ނުވަތަ ބޮއިގެން ވާ މަސްތެވެ. އަދި ޢަރަބިބަހުގައި “އަމަލު”ގެ މާނައަކީ “އުންމީދު” ކަމަށް ވާތީ، އެ މާނައިގައި ވެސް ދިވެހި އަދަބުގައި “އަމަލު” ބޭނުންކޮށްފައި އެބަހުއްޓެވެ. ވީމާ، “ޢަމަލު”އާއި “އަމަލު”ގައި މާނަ ވަރަށް ބޮޑަށް ތަފާތު ކަމަށް ވާތީ، އަލިފުގެ ތިރީގައި ޖެހި ނުކުތާ އުވައިލެވޭކަށް ނެތެވެ. މިފަދަ ކިތަންމެ މިސާލުތަކެއް އެބަހުއްޓެވެ. ނަމަވެސް މާބޮޑަށް ދިގުވެދާނެތީ އިތުރު ވިސާލެއް ނުގެނަޔަސް އަޅުގަނޑުގެ ނުކުތާ ސާފުވެވަޑައިގަންނަވާނޭ ކަމަށް އުންމީދުކުރަމެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. ވިލާތުގެ ބަސްބަހަށް ޢަރަބިބަހުން އެތައް ސަތޭކަ ލަފުޒެއް ވަދެފައިވާ ފަދައިން، އަދި ޚާއްޞަކޮށް ދިވެހީންނަކީ މުސްލިމުންކަމަށް ވާތީ، ދިވެހި ބަހަށް ވެސް ޢަރަބިބަހުން ވަރަށް ގިނަ ލަފުޒު ވަދެފައި އެބަހުއްޓެވެ. މީގެތެރެއިން ދިވެހިބަހަށް ވަދެ ދިވެހިވެފައި ހުރި ލަފުޒުތައް އަލުން އެ ލަފުޒު އައި އަޞްލު އަޑަށް އަނބުރައި އިޢާދަވާކަށް ނުޖެހޭނެއެވެ. އެ ކަމާ އަޅުގަނޑު ވެސް ވަރަށް ބޮޑަށް ދެކޮޅެވެ. މިސާލަކަށް: ގަމީސް، ގަލަން، ޔަގީން، ހާޒިރީ، ހަގީގަތް ފަދަ ލަފުޒުތައް އަލުން އަނބުރައި އޭގެ އަސްލަށް ގެންދިޔުމަށް ޓަކައި، އަކުރުތަކުގައި ނުކުތާ ޖަހާކަށް ނުޖެހެއެވެ. އެކަމަކު ޚިދުމަތް، ޚާދިމުކުމް ފަދަ ލަފުޒުތަކުން ނުކުތާ އުނިކުރެވިގެން ނުވާނެއެވެ. ސަބަބަކީ “ޚާދިމުކުމް” އާއީ “ހާދިމުކުމް”ގެ މާނަ ވަރަށް ބޮޑަށް ތަފާތުވީމައެވެ. އަދި “ޝުކުރު” ފަދަ ލަފުޒުތަކުން ނުކުތާ އުނިކޮށް ސީނަކަށް ނެހެދޭނެއެވެ. /ޚ/އާއި /ޝ/އަކީ ދިވެހި ބަހުގައި ހުރި އަޑުތަކެކެވެ. “ޚަބަރާއި ހަބަރަކީ ވެސް ވަރަށް ތަފާތު ދެ މާނައެއް ދޭނަހާ ދެ ލަފުޒެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. މައް ދިވެހި ލަފުޒުކަމަށް ވިހާރު ވެފައި ހުރި ލަފޒުތުތައް އޭގެ އަޞްލަށް ރުޖޫޢަކުރުމަށް ޓަކައި ނުކުތާ ޖަހައިގެން ބޭރުގެ އަޑުތައް ލައްވާން މަސައްކަތްކުރުމަކީ ގޯހެކެވެ. އެ ކަން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަޅުގަނޑު ވެސް އެ ހަގީގަތާ އެއްބަހެވެ. ނަމަވެސް ބައްޕަ ނުކިޔާން ވެގެން ނުކުތާ އުނިކޮށް “ބަފައި” ކިޔުމާއި “ޝުކުރު” ނުލިޔާން ވެގެން “ސުކުރު” ކިޔުމާއި “ޚާދިމުކުމް”ގެ ބަދަލުގައި “ހާދިމުކުމް” ބޭނުންކުރުމަކީ ބަހަށް ކުރެވޭ އިހާނާތެކެވެ. ވީމާ، އަޅުގަނޑުގެ ޖުމުލަ ޚިޔާލަކީ، ތާނައިގައި ނުކުތާ ޖަހައިގެން އުފައްދައިފައި ހުރި އަކުރުތައް މުޠުލަޤަށް އުވައިލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެ ކަމާ އަޅުގަނޑު ވެސް ދެކޮޅެވެ. ހަމަ މި ފަދައިން ދިވެހިވެފައި ހުންނަ ލަފުޒުތައް އައި އަޞްލަށް އަލުން ރުޖޫޢަވުމަށް ޓަކައި ނުކުތާ ޖެހި އަކުރުތައް ބޭނުންކުރުމާ ވެސް އަޅުގަނޑު ދެކޮޅެވެ.

ތާނައިގައި ނުކުތާ ޖަހައިގެން ފަހުން އުފެއްދި އަކުރުތަކަކީ ވަކި “ތާނައެއް” ނޫނެވެ. އެއީ ތާނައިގެ އަކުރުތަކަށް އިތުރުކުރި އަކުރުތަކެކެވެ. އެހެނީ، ތިކިޖެހި އަކުރުތަކަކީ ވަކި ތާނައަކަށް ވާނަމަ، ތާނައިގައި ހުރި ހުރިހާ އަކުރުތަކެއްގައި ނުކުތާޖަހައިފައި ވެސް ހުންނާންޖެހޭނެތާއެވެ.

ތާނައިގައި ނުކުތާ ޖެހި އަކުތައް އެއް ގޮތަކަށް ވެސް ހުރެގެން ނުވާނެ ކަމަށް ވަކާލާތުކުރައްވަނީ، ޢަރަބިބަހުގައި ހުންނަ އަޑުތަކާ މާ ބޮޑަށް ބީރައްޓެހިވީމާ ކަމަށް ވެދާނެއެވެ. ކުރީން އޮތް ރީތި ސަގާފަތާ ބީރައްޓެހިވީމާ ކަމަށް ވެދާނެއެވެ. ނަމަވެސް ދިވެއްސެއް ނަމަ، ތާނައިގެ ތިކިޖެހި އަކުރުތައް ވެސް ދަސްފުޅުކުރައްވާން އެބަޖެހެއެވެ. އެއީ އުނދަގޫ ކަމެއްވެސް ނޫނެވެ. އެ ބޭފުޅަކަށް އުނދަގޫފުޅުވެއްޖެ ކޮންމެ ހަމައެއް، ނުވަތަ އުޞޫލެއް އުވައިލާން ވާކާލާތުކުރުމަކީ ބަހަށް ކުރެވޭ ޚިދުމަތެއް ނޫނެވެ. އެއީ ބަހަށް ވެވޭ އިހުމާލެކެވެ. ކޮންމެ ނަޒަރަކުން ވިސްނިއަސް ތާނައިގައި މިހާރު ބޭނުންކުރެވޭ ނުކުތާ ޖެހި އަކުރުތައް އުވައިލުމަކީ ކުރެވޭނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް ކުރީން ވެސް ދެންނެވި ފަދައިން މިހާރު މައް ދިވެހިވެފައި ހުންނަ ގަމީސް ފަދަ ގަލަން ފަދަ ހަގީގަތް ފަދަ ޔަގީން ފަދަ ލަފުޒުތައް، އޭގެ އަސްލު އައި ބަހުގެ އަޑުތަކަށް ބަދަލުކުރުމަށް ޓަކައި ނުކުތާޖެހި އަކުރުތައް ބޭނުންކުރުމަކީ އަޅުގަނޑު ވެސް ރުހޭ ކަމެއް ނޫނެވެ. އަދި އެއީ އަޅުގަނޑު ކުރާ ކަމެއް ވެސް ނޫނެވެ.

Leave a Comment

Your email address will not be published.