މި ޒަމާނުގެ ކިޔަވާ ކުދިންގެ ކިބައިން ފިލުވައިލަން ވިސްނަންވީ އާދަތަކެއް

ލިޔުނީ: ފާޠިމަތު މައިހާ އާދަމް ޒާހިރު

އަޅުގަނޑަކީވެސް މަދަރުސާގެ ހިޔަލުގައި ވޭތުކޮށް 13 އަހަރު ގުނައިފައިވާ ދަރިވަރަކީމެވެ. އެހެންކަމުން މިފަދަ ސުރުޚީއަކަށް އެއްޗެއް ލިޔެލާއިރު ހަނދާނަށް އަންނަނީ ޢުމުރުން ދިމާވި އެންމެ ދުވަހެކެވެ. އެއީ ސްކޫލަށް ދާންވެގެން ބޮޑު ބޭބެއެއްގެ ސައިކަލުގައި ގެއިން ނައްޓައިލައިފީމެވެ. ސްކޫލުގެ ދުރޯށިކައިރީގައި މަޑުކުރުމަށްފަހު އަލުން އެއަށް އެރުމަށް ބޮޑު ބޭބެ އަންގައިފިއެވެ. ކީއްވެތޯއެވެ. އަޅުގަނޑަށް ހުރެވުނީ އިސްޓާކީނަށް ނޭރިއެވެ. ގަޑި ޖެހޭތީ އަވަސްކުރަންހަދައިގެން ވީގޮތެކެވެ. ނަމަވެސް ބޮޑު ބޭބެ ދެން ބުނި “ބައްޕަ ގުޅުއްވައިފައި ބުނުއްވީ މައި އެ ދިޔައީ އިސްޓާކީނަށް ނުއަރާ.. ހީވާގޮތުން އަވަސްކުރަން ހަދައިގެން ނޭރުނީ… އެކަމަކު ސްކޫލަށް ނުވައްދާ ގެއަށް ގެނޭ.. ނޫނީ ކައިރީ ފިހާރައަކުން އިސްޓާކީނު ޖޯޑެއް ގަނެ ލައްވައިފައި ވައްދާ.. ވަރިހަމަޔޯ ގަޑި ޖެހުނަސް” މި ޢިބާރާތުން އަޅުގަނޑަށް ޢުމުރުދުވަހުގެ ފިލާވަޅެއް ލިބުނެވެ.

އާއެކެވެ. ބައްޕައަކީ ތަންތަނަށް ގަޑި ޖެހިގެން ނުދިއުމަށް ނަސޭހަތްތެރިވެލައްވާ ބޭފުޅެކެވެ. ނަމަވެސް މިއަދު އެނގުނީ ގަޑިޖެހިގެން ދިއުމަށްވުރެވެސް ހުތުރުކަމެއްކަމުގައި ތަނުގެ ޤަވައިދަށް ޢަމަލުނުކުރުން ހިމެނޭކަމެވެ. އެހެންކަމުން އެ ދުވަހުގެ ފަހުން އެ އެފަދަ ކަންކަމަށް އަޅުގަނޑު ވަރަށް ސަމާލުވަމެވެ.

ސްކޫލް ޔުނީފޯމުގައި ބޭނުންކުރާ ސްކާރޓް ނުވަތަ ފަޓުލޫނު އުނަގަނޑުން ތިރިވެ އިރުއިރުކޮޅާ ސޮހިގެންގޮސް ވެއްޓޭ ހިސާބުގައި ބަހައްޓައިގެން އުޅޭ ކިތަންމެ ދަރިވަރުންނެއް މިއަދު މި ޤައުމުން އެބަ ފެނެއެވެ. އެ ޔުނީފޯމުގެ ފަސްބައި ނުވަތަ ފައިކުރި ބިމުގައި ކޭއްތިގެންގޮސް މިލަވެ ކިސަޑުން ފޯވެ، ހުދުކުލައިގެ ޔުނީފޯމު އަޅިކުލައިންޖަރީވެފައިވާ އިރުވެސް އެކަން އިސްލާހުނުކުރާކުދިން މި ޒަމާނުގައި ވަނީ ގިނަވެފައިވެއެވެ. ނުވިތާކަށް އެއީ ރީތިކަމެއްކަމުގައި އެ ކުދިން ބަލައިގެންފިއެވެ. މަގުމަތީގައި ފުނިޖެހޭ މީހުންތައް މަގުތަކަށް ޖަހާކުޅުގަނޑުތައް، އެ ފަސްބައިތަކުންނާޢި ފައިކުރިތަކުން ފޮހެމުން ދާއިރު ކަމުގެ ނުސާފުކަމާއި މުޑުދާރުކަން ނުވިސްނޭކުދިން ވަރަށް ގިނަވެއްޖެއެވެ. ހިތާމައަކީ މި ފެންވަރުގައި ބައެއް މުދައްރިސުންވެސް އުޅޭކަމެވެ. އަދި މި ތަހުޒީބު ނޫންގޮތްގޮތަކީ ހުތުރު ނޫން ކަމެއްކަމުގައި ބައެއް މުދައްރިސުންނާއި އިދާރީ ވެރިން ބަލައިގެންފައިވެއެވެ.

ސްކޫލެއްގެ ޔުނީފޯމު ފުރިހަމަވުމުގައި ދަށަށްޖެހުމުގެ އުސޫލެއްވެސް ރާއްޖޭގެ ސްކޫލުތަކުގައި އޮވެއެވެ. އެކަމަކު ބައެއް ދަރިވަރުން ގަމީސް ކަމަރުގެ ބޭރުން އޮޅައި ބަނދެގެން އުޅެއެވެ. ކުރު ޔުނީފޯމު އޭގެ އިމުން ކަސިޔާރުވެފައި ވާތީވެސް ފެންނަވަރު އިތުރުވަމުން އެބަދެއެވެ. އަދި ކޮބައިތޯއެވެ. އިސްޓާކީނާއި ބޫޓަށް އުސޫލެއް ވާއިރު އެއީވެސް “މިނިވަންކަމުގެ” ލަފުޒުން ކަތިލެވިފައިވާ އެއްޗެއްކަމުގައި މިއަދު ވެއްޖެއެވެ. ބައެއް ދަރިވަރުންގެ ބޮލާއި މޫނާއި ކަންފަތާއި ބުމަފަދަ ގުނަވަންތަކަކީ މޮޑެލްކުރުމަށް ސޭލްއަޅުވައިފައިވާ ގުނަވަންތައްކަމުގައި ހީވާވަރު ވެއެވެ. ނުވަތަ އެއީ ސްކޫލުގައި ހިންގާ މޮޑެލް ކުލާހެއްގައި އުޅޭކުދިންނޭ ހީވާވަރުވެއެވެ. ކޮންމެ ކަންފަތެއްގައި ތިން ހަތަރު ވިދު އަޅައި މުދިލައިފައިހުރެއެވެ. މޫނުމަތި މޭކަޕްކުރުމުގައި އެއީ އާޓިފިސަލް މޫނެކޭ ހީވާހާ ބޮޑުވަރު ކޮށްގެން އުޅޭ ކުދިންވެސް ބައެއް ސްކޫލުތަކުން އެބަފެނެއެވެ. ކަރުގައި ޗޭނުއަޅައިގެން ސްކޫލަށްދާ ފިރިހެންކުދިންވެސް އެބަ އިތުރުވެއެވެ. މިއީ ދިވެހިންގެ ކިބައިގައި އިހު ނުހުންނަ އާދައެކެވެ.

ދިވެހިންނަކީ އިސްލާމްދީން ޤަބޫލުކޮށްގެންތިބި ބައެކެވެ. ނަމަވެސް ސްކޫލުކުދިންގެ ތެރެއިން ބައެއްކުދިންގެ ކިބައިން އެހެން ދީންތައް އިސްތިހާރުކުރާފަދަ ކުރެހުމާއި އެފަދަ ނިޝާންތައް ހުންނަ ތަކެތި އަތާއިފަޔާއި ކަރުގައި އަޅައިގެން އުޅޭތަން ފެނެއެވެ. މިކަމަށް ތަރުޙީބުދޭ ކުދިންވެސް ފެނެއެވެ. ހަށިގަނޑުގެ އެކި ދިމާގައި ޓޭޓޫ ޖަހައި ކުރެހުމާއި ގެންގުޅޭ ސްކޫލު ފޮތްތަކާއި ދަބަސްފަދަ އެއްޗެހީގައި އެފަދަ ނިޝާންތައް ކުރަހައި ޢާންމުކުރުން މަޑުމަޑުން ގިނަވަމުން އެބަ އާދެއެވެ. އަދި ލާ ދީނީ ކަންކަމުގައި އެ ކާފިރުން އަޅުކަމެއްކަމުގައި ބަލާ ހުރިހާކަމެއްހެން މިއަދުގެ ބައެއް ސްކޫލުކުދިންގެ ކިބައިން އާންމުވާތީ އެބަފެނެއެވެ. އޭގެ ތެރޭގައި ވަކި ދުވަސްވަރެއްގައި ރަތް ކުލައިގެ ފާހަގައެއް ހަށިގަނޑުން ދެއްކުމާއި ސްކޫލުތަކުގައި ފާހަގަކުރާ އަހަރީ ދުވަހާއި ބައެއް ޕާޓީތަކާއި އެކިއެކި ޖަލްސާތަކުގައި އުއްބާތީގެ ދުމުން ޖަރީކުރުމާއި ހުދާއި ރަތް ރެބަނާއި ފޮތިން ޖަރީކުރުންފަދަ އެތައްކަމެއް މިއަދު ފެންނަން ފަށައިފިއެވެ. ހިތާމައަކީ މިފަދަ ގިނަ ކަންކަމުގައި މުދައްރިސުންގެ ތަރުޙީބެއްވެސް ލިބެމުންދާކަމެވެ. ނުވަތަ މި ކަންކަމުގެ އަސްލާމެދު މުދައްރިސުންނާއި ސްކޫލުތަކުގެ ވެރިންނާއި އެ ގިންތީގެ ބޭފުޅުން ހޭލައިފައި ނުވާކަމެވެ. ނުތަ އެނގޭއިރުވެސް މިފަދަ ނޭދެވޭ ކަންކަމާ “ހަނގުރާމަކުރާފަދަ” ހިތްވަރެއް ނުވަތަ ޤާބިލްކަމެއް ނެތްކަމެވެ.

އިންސާނާގެ އަޚުލާޤުގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިފައަކީ ރިވެތި ބަސްމަގެވެ. މިއީ ދިވެހިންގެ އެވޭލާއިރުންސުރެ ލަފުޒުތަކުންނާއި ރާގުން ހިފެހެއްޓިފައި އޮތް މާތް އެއްޗެކެވެ. ނަމަވެސް މިހާރަކަށް އައިސް މިކަންވެސް އުވެމުން އެބަދެއެވެ. މީހުނާ މުޚާޠަބުކޮށް ދައްކާ ވާހަކައާއި ސްކޫލުގެ ތެރޭގައި ހިނގާ އެކިއެކި ކަންކަމުގައި މުޢާމަލާތްކުރުމުގައި މިއަދުގެ ބަސްމަގާއި ރާގު ވަރަށް ބޮޑުތަން ދަށްވެއްޖެއެވެ. ވެރިންނާއި މުދައްރިސުންނާއި ބެލެނިވެރިންނާ މުޢާމަލާތްކުރުންވެސް ހުތުރުވާންފަށައިފިއެވެ. ދިވެހިބަހުގައި އޮންނަ އިޙުތިރާމްކުރުމުގެ ދަރަޖަވެސް އެއްގޮތްވެ ބާޒާރުމަތީބަސްމަގު ރިވެތިވާންފަށައިފިއެވެ. ސްކޫލުކުދިންގެ ބައެއް ގުރޫޕާއި މުދައްރިސުންގެ ބައެއް މީހުން މަގުމަތީގައި ހިނގައިބިގައިވެ އުޅޭއިރުއާއި ސްކޫލުގެ ގޯތިތެރޭގައި އުޅޭއިރު މިދެންނެވި ދަށުދަރައިގެ ބަސްމަގު ބޭނުންކުރާތީ އެބަފެނެވެ. އަނެކާއަށް އިވުނަސް އެއީ ކަމެއްކަމުގައި ނުބަލައި ހުތުރުބަސްމަގުން މުޢާމަލާތްކުރާއިރު ބައެއް ދަރިވަރުން ތިބެނީ ޔުނީފޯމުގައި ފޮތްބޮނޑި ހިފައިލައިފައެވެ. މިއީ އަދި މާ ނުރައްކާ ކަމެކެވެ. މި ފެންނަނީ ޤައުމުގެ ރިވެތި ބަސްމަގަށް ޖެހެމުންއަންނަ “ކެންސަރެ” ކެވެ. ހިތާމައަކީ މި ކަމަށްވެސް ޒިންމާދާރު ބޭފުޅުން ތަރުޙީބު ދެއްވާކަމެވެ.

އަޅުގަނޑަށް ފާހަގަކުރެވުނު ކަމެއްގެ ވާހަކަ މި ހިސާބުން ދަންނަވައިލިޔަ ދެއްވާށެވެ. އެއްދުވަހަކު މަދުރަސާތެރޭގައި އުޅެފައި މުދައްރިސަކު ފެނުމުން “މުދައްރިސާއެކު މަޝްވަރާއެއްކޮށްލަން ވެފައި އެބައޮތް. ވަގުތުކޮޅެއް ދެއްވިދާނެތޯ. ނޫނީ މިވަގުތު ތިޔަ ދުރުވަނީ ބޭރަށްތޯ؟” އަޅުގަނޑު އަހައިލީމެވެ. މުދައްރިސް ފާޑަކަށް ހިނިތުންވެލައިފައި ބުނުއްވި ބަހުން، މިހާރުގެ ޙާލަތު ވިސްނުނެވެ.

“ދެން މައި.. ކީއްކުރަން މުދައްރިސާ ތިޔަހާ މާތްކޮށް ތިޔަ ވާހަކަދައްކަނީ.. މިއީ އެކުވެރިންނެއްނު.. ދެން ނުދައްކާތި އެގޮތަށް”

މި ވީގޮތާމެދު ނިކަން ވިސްނަވައިލައްވާށެވެ. އަޅުގަނޑަށް ވުރެ ޢިލްމުވެރި މުދައްރިސަކު ރިވެތި ބަސްމަގާމެދު ނުރުހުންވެލެއްވީއެވެ. މިހެންވާންވެއްޖެނަމަ ސްކޫލުކުދިންގެ ބަސްމަގު ވާނީ ކިހިނެއްތޯއެވެ. ދަސްކޮށްދެއްވަން ތިއްބެވި ބޭފުޅުން މިހެން ޢަމަލުކުރެއްވީމާ އަޅުގަނޑުމެންނަށް އޮޅެނީއެވެ.

އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިފަދަ ކަންކަމުގައި ބަދުނާމުގެ އިނގިލި ދިއްކޮށްލެވޭނީ މުދައްރިސުންނާއި ބެލެނިވެރިންނާދިމާއަށެވެ. މިފަދަ ކަންކަމުގައި ދަރިވަރުންނަށް ނަސޭހަތްދޭންތިބީ އެމީހުންނެވެ. ކޮންމެ މުދައްރިސަކަށްވެސް މިކަން ފެނުމުން ދަރިވަރުންވެސް ހިތްހަމަޖެހޭގޮތަކަށް ވިސްނައިދީ އެތަނެއްގެ ޤަވައިދާ އެއްގޮތަށް ދަރިވަރުންގެ އުޅުން ބެހެއްޓުމަށް ހޭނުމަކީ މުދައްރިސުންގެ ކަމެކެވެ. އެ ދަރިފުޅު ގެއިން ނުކުންނައިރު ޤަވައިދާ އެއްގޮތަށް ތައްޔާރުކުރުމާއި ގެއަށް އަންނައިރު އެނޫންގޮތަކަށްހުރިނަމަ ސުވާލުކޮށް ވީގޮތް އަހައި އިސްލާޙުކުރުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އެހެންކަމުން މިއީ އެންމެން މިކަމުގައި ޝާމިލްވެގެން މެނުވީ ރަނގަޅު ނުކުރެވޭނޭކަމެއްކަމުގައި ދަންނަވަންޖެހެއެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ! ދެންވެސް އިސްލާޙަށް ތެދުވަމާ ހިންގަވާށެވެ. ޤައުމުގެ މުސްތަޤްބަލްކަމުގައިވާ މިއަދު ގެ ކިޔަވާކުދިންނަކީ ރިވެތި ބައެއްކަމުގައި ހަދަންއުޅޭށެވެ. އުޅުންހުރި ދިވެހި ދަރީންކަމުގައި ތަމްރީނުދޭން ފަށަމާ ހިންގާށެވެ. ޤައުމީ ލޯތްބާއެކު ހާނައި ދެގެ ބޮޑުކުރާނެގޮތާއި ކަމުގެ ހޭލުންތެރިކަމަށް ބެލެނިވެރިންނާއި މުދައްރިސުންނާއި މުޖުތަމަޢު ހޭލުންތެރިކުރަން ހިނގާށެވެ. އެހެންނޫނީ އަޅުގަނޑުމެންނަށް މުނިކާފަ ކިޔަން ތިބި ކުދިންނަށް މި ޤައުމު ފެންނާނީ ފިކުރީ ހަނގުރާމައިގައި ފަލިޖަހާ މީހުން އެ ކޮންނަ އަނދަވަޅަށް ވެއްޓިފައި އޮތްވައެވެ. މިއީ އަޚުލާޤޭ ކިޔައިގެން ވާހަކަދައްކާ ކޮންމެ ހިނދެއްގައި ވިސްނައިލަންޖެހޭމުހިންމުކަމެކެވެ. އަޅުގަނޑަކީ ދިވެހި މުސްކުޅި ދަރިވަރެއްކަމުގައި ވީހިނދު ބިރުގަނެ ލަދުވެސް ގަންނަކަމެކެވެ. އަޅުގަނޑުގެ އެދުމަކީ، މިފަދަ ކަންކަމުގައި އިސްލާޙަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް މާތްﷲ ދެއްވުމެވެ.

Leave a Comment

Your email address will not be published.