ސްޓުރެސް ނުވަތަ ފިއްތުން

ލިޔުނީ: އަޙްމަދު ފަހުމީ ދީދީ

ސުޓްރެސް ނުވަތަ ފިއްތުމަކީ  ކޮބާ؟

ފިއްތުމަކީ، ތިމާއަށް އެއްވެސް ބާވަތެއްގެ ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ހީވުމުން ތިމާގެ އިޙްސާސްތަކަށާއި ނަފްސާނީ ޙާލަތަށް އަންނަ ޓެންޝަން ނުވަތަ ހާސްކަމެވެ. މި ކަން އެކި މީހުން ތަޖުރިބާކުރަނީ އެކި މިންވަރަށް އަދި ގޮތްގޮތަށެވެ. ބައެއް މީހުން ގާތަށް ރުޅި އާދެ އެވެ. އަނެއްބައިމީހުން ހާސްވެ ކަންބޮޑުވެ އެވެ.

ފިއްތުން ދެނެގަނެވޭ ޢަލާމާތް

މި ކަން ނުވަތަ ފިއްތުމަކާ ތިމާ ކުރިމަތިވީކަން ދެނެގަނެވޭ ޖިސްމާނީ ޢަލާމާތަކީ، ހިތުގެ ހިނގުން އަވަސްވުމާއި މަސަލް ޓެންޝަނެވެ. ޝުޢޫރަށާއި އުޅުމަށް އަންނަ ބަދަލަކީ ވެސް މި ކަމުގެ ބައެއް ޢަލާމާތްތަކެވެ.

ސުޓްރެސް އަކީ، ވަރަށް ޢާންމު ކަމެކެވެ. ބައެއް ފަހަރަށް ތަންކޮޅެއް އަވަދިނެތި އުޅެން ޖެހުމުން ވެސް ހާސްކަމާއި ފިއްތުން އިޙްސާސްކުރެވެ އެވެ. މުހިންމު ސުންގަޑިއެއް ޖެހެން އުޅެންޏާ ވެސް މި ފަދަ އިޙްސާސްތަކެއް ވެދާނެ އެވެ. ނުވަތަ ނިންމަންޖެހޭ ކަންތައް ނިންމަން އޮތް ވަގުތުކޮޅު ކުޑަވީމައި ވެސް ހާސްކަން ވެރިވެދެ އެވެ.

ގިނަމީހުންނަށް ފިއްތުންތަކާ ކުރިމަތިވަނީ، އިޖުތިމާޢީ ގުޅުންތަކުގެ ތެރެއިންނާއި މަސައްކަތުގެ ދާއިރާއިންނެވެ. ބައެއް މީހުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުމާއި ތިމާ ބަދުނާމުވާންޖެހޭ ކަންތަކުގައި ބޮޑަށް ހާސްވެ އެވެ. ބައެއް މީހުން ބައެއް ކަންތަކާއި ތަކެތި ދެކެ ގަންނަ ބިރެއްގެ ސަބަބުން ކަންބޮޑުވެ ހާސްވެދެ އެވެ. މިސާލަކަށް ބަލިވުން، ޠޫފާނެއް އައުން، މަތިންދާ ބޯޓަށް އަރަން ޖެހުން، ގާތް މީހަކު މަރުވުން ބިރުގަންނަ އެއްޗެއް ފެނުން މީގެ ތެރޭގައި ހިމެނެ އެވެ.

ސުޓްރެސް އަކީ، އިންސާނާގެ ކިބައިގައި ހުންނަ، ނުވަތަ އޭނާއާ ދިމާވާ ޖެހިލުންވުން ނުވަތަ ބިރުތަކަށް އަންނަ ޤުދްރަތީ ރައްދު ޢަމަލެކެވެ.

ފައިދާ އާއި ގެއްލުން

ސުޓްރެސްގެ ސަބަބުން ރަނގަޅު އަދި ނު ރަނގަޅު ނަތީޖާތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. މީގެ ރަނގަޅު ފަޅި އަކީ، ސުޓްރެސްގެ ސަބަބުން މީހާ ނުރައްކަލާ ކުރިމަތިލާން ތައްޔާރުވާކަމެވެ. މީގެ ގެއްލުމަކީ ބައެއް ޙާލަތްތަކުގައި ސްޓުރެސްގެ ސަބަބުން މަސައްކަތުގެ ދުވެލި މަޑުޖައްސާލައި މަސައްކަތުގެ ފެންވަރު ދަށްކޮށްލާކަމެވެ.

އިޖުތިމާޢީ ގުޅުންތަކުގައި ސުޓްރެސް ގިނަ ފަހަރަށް ކުޅެނީ ނުސިޔާނު ރޯލެކެވެ. ރުޅި ގަދަވުމާއި އެއްބާރުލުން ކުޑަވުމެވެ.

ރަނގަޅަށް ފަރުވާތެރި ނުވެވިއްޖެނަމަ ސުޓްރެސް ގެ ސަބަބުން އިންސާނާއަށް ހިތުގެ ބައްޔާއި ނަފްސާނީ ބަލި ޖައްސައިފާނެ އެވެ.

ސުޓްރެސް އުފެދޭ ސަބަބުތައް

ބަލި މީހަކު ބަލަން ޖެހުމަކީ ދިގު މުއްދަތަކަށް ސުޓްރެސް ގައި މީހަކު އުޅެން ޖެހިދާނެ ކަމެކެވެ. ޓުރެފިކް މައްސަލަ ޖެހިގެން ދަތުރުކުރި މަގު ބަންދުވުމަކީ ގަޑިއަށް ތަނަކަށް ދާން ޖެހޭ މީހާއަށް ވަގުތީގޮތުން ސުޓްރެސްވެދާނެ ކަމެކެވެ. ލޯބިވާ މީހަކު މަރުވުމަކީ ވެސް ސުޓްރެސް ވެދާނެ ކަމެކެވެ. ބައެއް އެހެން ޙާލަތްތަކުގައި މި ދެންނެވި ކަންތަކަކީ ބައެއް މީހުންނަށް ސުޓްރެސް ވާންޖެހޭ ކަންކަން ކަމަށް ނުވެ ހިނގައިދާނެ އެވެ. މި ކަން ބިނާވެފައި އޮންނާނީ މީހާގެ ކިބައިގައި ސުޓްރެސް އަށް ކެތްކުރުމުގެ ބާރު ހުރި ކުޑަބޮޑުމިނެއްގެ މައްޗަށެވެ.

ސްޓުރެސްގެ ވައްތަރުތައް

މައިގަނޑުގޮތެއްގައި ތިން ވައްތަރެއްގެ ސުޓްރެސް ހުރެ އެވެ.

އޭގެތެރެއިން އެއް ވައްތަރަކީ ކުއްލި، އަދި ނުރައްކާތެރި، ބޮޑެތި ޙާދިޘާތަކާ ގުޅިފައިވާ ކަންތަކެވެ. މިޘާލަކަށް ވިއެޓްނާމް ހަނގުރާމައިގައި ބައިވެރިވީ މީހަކަށް އެ ހަނގުރާމައިގައި މީހުން މަރުވި މަންޒަރު ސިފަވެއްޖެ ނަމަ ކުއްލި ހާސްކަން ވެރިވެދާނެ އެވެ.

ދެވަނަ ވައްތަރަކީ، ދިރިއުޅުމުގައި ޢާންމުކޮށް ދިމާވާ ކަންކަމުގެ ތެރެއިން ވަރަށް ބޮޑެތި ކަނތަކާއި ބަދަލުތަކެވެ. މިސާލަކަށް ގާތް މީހަކުގެ މަރު، ވަރި، ވަޒީފާ ގެއްލުން، ޖަލަށް ލުން، ތިމާ ނުކުޅެދޭ މީހަކަށް ވުން، ބަލިވުން.

ތިން ވަނަ ވައްތަރަކީ، ވަޒީފާގެ މައިދާނުގަ އާއި ގޭތެރޭގައި އުޅޭ އިރާއި ޢާންމު ދިރިއުޅުމުގައި އަބަދާއި އަބަދު ދިމާވާ ދެބަސްވުންތަކާއި ނިސްބަތުން ކުދި އުނދަގޫތަކެވެ. މިއީ ބައެއް ފަހަރަށް ބޮޑެތި ޙާދިޘާތަކަށް ވުރެ ވެސް ނުރައްކާތެރި ކަމަކަށް ވެދާނެ އެވެ.

މިސާލަކަށް ދިގު މުއްދަތަކަށް މާ އަޑު ގަދަ ތަނެއްގައި އުޅެން ޖެހުން، ދުއްވާ އެއްޗެތި މާ ގިނަ، ހަލަބޮލި ތަނެއްގައި އުޅެން ޖެހުން، އަބަދާއި އަބަދު އެކީގައި މަސައްކަތްކުރާ މީހުންގެ ނުރުހުމާ ކުރިމަތިލާން ޖެހުން، ކިޔޫއެއްގައި މާ ގިނައިރު ހުންނާން ޖެހުން. ގެންގުޅޭ އެއްޗެއް ބޭއްވުނު ތަނެއް ނޭގުން، ލިބޭ އާމްދަނީ ކުޑަކަމުން އެ ކަމާ ދޭތެރޭގައި އަބަދު ވިސްނަން ޖެހުން.

ސުޓުރެސްގެ ނަތީޖާ

ސުޓްރެސް ބޮޑުވެގެން ގޮސް އޭގެ ނަތީޖާއެއްގެ ގޮތުން މީހަކު އަމިއްލަޔަށް ހަލާކު ވެސް ވެދާނެ އެވެ.

ސުޓްރެސް ބޮޑުވުމުން މީހުން ކަންކަމާ ދޭތެރޭގައި ހަމައަކަށް ނު ވިސްނޭނެ އެވެ. ހަނދާން ބަލިވާގޮތް ވެ ދެ އެވެ. އުޅުމަށް ބަދަލު އާދެ އެވެ. ދަތްކުނޑި ވިކުމާއި، އަތް މޮޑުމާއި މާނޭވާލުމާއި، މާބޮޑަށް މަޑުޖެހިލުމާއި ނިޔަފަތީގައި ދައިގަތުން ފަދަ ކަންކަމަކީ، ހާސްވުމުގެ ޢަލާމާތްތަކެވެ. ހާސްވީމައި އަނގަ ހިކި އަތްފައި ފިނިވެ ހިތުގެ ހިނގުން އަވަސްވާނެ އެވެ. ޙަޤީޤަތުގައި މިއީ ޤުދުރަތީގޮތުން ނުރައްކަލުން ސަލާމަތްވުމަށް ނުވަތަ ނުރައްކަލާ ކުރިމަތިލުމަށް ހަށިގަނޑު ތައްޔާރުވުމުގެ ޢަލާމާތްތަކެވެ.

ފިއްތުމާ ގުޅިފައިވާ ތަފާތު ޞިއްޙީ މައްސަލަތައް

ހިތުގެ ބަލި

ލޭ މައްޗަށް ދިއުން

މޭ އެންދުން

އެތެރެހަށީގެ ފާރު (އަލްސަރު)

ކެންސަރު

ދިފާޢީ ނިޒާމު ބަލިކަށިވުން

ސުޓްރެސް ގެ ސަބަބުން ހަށިގަނޑަށް ގެއްލުން ހުރި އާދަތައް ފެށެ އެވެ. މިސާލަކަށް އިމާންކަން ކުޑަ މީހުން ހާސްވީމައި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ކަންތަކާއި، މަދުން ނިދުމާއި، މަދުން ކަސްރަތު ކުރުމާއި، ދެރަކޮށް ކެއުން ފަދަ ކަންކަމެވެ. މި އާދަތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިވެ އެވެ.

ސުޓްރެސް ގައި ޢަމަލުކުރާނެ ގޮތް ނޭނގި މާ ގިނަ ދުވަހު މި ކަމުގެތެރޭގައި އުޅެން ޖެހޭ މީހުންނަށް ނަފްސާނީ މައްސަލަތަކާ ކުރިމަތިވެ އެވެ. އޭގެ ތެރޭގައި އަވަހަށް ރުޅި އައުމާއި މީހުންނާ ގުޅުން ކުޑަވުމާއި ނަފްސާނީ ނަހަމަކަން ވެރިވުން ހިމެނެ އެވެ.

ސްޓުރެސް ނުވަތަ ފިއްތުމުގެ ތެރޭގައި އުޅެން ދަސްވުން

ސުޓްރެސް ނުވަތަ ފިއްތުމުގެ ތެރޭގައި އުޅުމޭ ބުނަނީ ފިއްތުން މެދުވެރިވާ ޙާލަތްތަކުގައި ތިމާގެ ވިސްނުން ބޭނުންކޮށްގެން އެ ކަމުގެ އަސަރު ތިމާގެ ޞިއްޙަތަށާއި ނަފްސަށް ކުޑަކުރެވޭނެ ގޮތަކަށް ޢަމަލުކުރަން އެނގުމަށެވެ. އެ ޙާލަތްތަކުގެ މައްޗަށް ބާރު ފޯރުވައި އެ ކަން ކޮންޓުރޯލުކުރަން އެނގުމަށެވެ.

ފިއްތުމާ ކުރިމަތިލާނެ ގޮތް

މައިގަނޑުގޮތެއްގައި ދެ ގޮތަކަށް ފިއްތުމާ ކުރިމަތިލެވިދާނެ ކަމަށް ކަމާބެހޭ ޢިލްމުވެރިން ލިޔުއްވަ އެވެ. އޭގެ ތެރެއިން އެއް ގޮތަކީ، ދިމާވާ މަސްއަލައަށް އަމާޒުކޮށްގެން އެ ކަމާ ކުރިމަތިލުމެވެ. އަނެއް ގޮތަކީ، އެ ކަމެއްގެ ސަބަބުން ނުވަތަ އޭގެ ނަތީޖާއެއްގެ ގޮތުން ކުރާ އަސަރަށް އަމާޒުކޮށްގެން ކުރިމަތިލުމެވެ. މި ދެ ގޮތުގައި ވެސް މަސައްކަތްކުރެވެނީ، މީހާގެ ސުޓްރެސް ލެވެލް ތިރި ކުރުމަށެވެ.

މަސްއަލައަށް އަމާޒުކޮށްގެން ކުރިމަތިލުމުގައި ޢަމަލުކުރެވެނީ ދިމާވާ މައްސަލަ ނުވަތަ ނުރައްކާތެރި ޙާލަތުގެ ނުރައްކާތެރިކަން ކުޑަކުރެވޭނެ ގޮތް ހޯދައި އެ ގޮތަށް ޢަމަލުކުރުމަށެވެ. އެ ޙާލަތަށް އެންމެ ފެތޭ ގޮތަކަށް އެ މީހުންނަށް ޢަމަލުކުރެވޭތޯ ބަލަ އެވެ.

އެ ކަމުގެ އަސަރަށް އަމާޒުކޮށްގެން ކުރިމަތިލުމުގައި ޢަމަލުކުރާ ގޮތަކީ، އެ ކަމެއް އެހެން ގޮތަކަށް (ރަނގަޅު ގޮތަކަށް)  ތަރުޖަމާކޮށްގެން އޭގެ އަސަރު ތިމާއަށް ކުޑަކުރެވޭތޯ މަސައްކަތްކުރުމެވެ.

މިސާލަކަށް މަތީ މާކުސް ލިބިއްޖެ ނަމަ މެޑިސިން ހެދުމަށް ކޮލެޖުން ޖާގަ ލިބޭނެކަން ޔަޤީންވާ ކުއްޖާއަށް އެއް ފަހަރާ ތިން އިމްތިޙާނު ދޭން ޖެހުމަކީ ހާސްކަން ބޮޑުވާނެ ޙާލަތެކެވެ.  މި ޙާލަތުގައި ސްޓަޑީ ގުރޫޕެއް ހަދައިގެން ރަނގަޅަށް ތައްޔާރުވުމަކީ މަސްއަލައަށް އަމާޒުކޮށްގެން މި ކަމާ ކުރިމަތިލުމެވެ. އަދި މި ކުއްޖާގެ ހުރިހާ ވަގުތެއް ކިޔެވުމުގައި ހޭދަނުކޮށް ރަނގަޅަށް ވަގުތު ރާވާލައިގެން އެކަށީގެންވާ ވަރަށް ނިދައި އަރާމުކޮށްލައިގެން އިމްތިޙާނުގައި ބައިވެރިވުމަކީ ކުރާނެ އަސަރަށް އަމާޒުކޮށްގެން މި ކަމާ ކުރިމަތިލުމެވެ.

މީގެ ތެރެއިން ބޮޑަށް ބުރަވެވެނީ މައްސަލައަށް އަމާޒުކޮށްގެން މި ކަމާ ކުރިމަތިލުމުގެ ގޮތަށެވެ.

މި ފަދަ ޙާލަތްތަކުގައި އެކުވެރިންގެ އަޅާލުމާއި އެހީތެރިކަން ބޭނުންވާނެ އެވެ.

މި ކަމުން ސަލާމަތްވުމަށް ބޭނުންކުރެވޭ އަނެއް ގޮތަކީ، ބައޯ ފީޑުބެކު ސިސްޓަމުގެ ބޭނުންކުރުމެވެ. މި ސިސްޓަމު މީހާގެ ހިތުގެ ވިންދުގެ ރޭޓު، ހޫނުމިން، މަސަލް ޓެންޝަން މައްޗަށް ދާކަން ރަނގަބީލަކުން ނުވަތަ އެހެން ވެސް ނިޝާނަކުން އަންގައިދޭނެ އެވެ.

އެއިރޯބިކް ކަސްރަތާއި އަޅުކަން

އެއިރޯބިކުސް ކަސްރަތަކީ، ފިއްތުންތަކުގައި އުޅޭ މީހުންނަށް ފައިދާހުރި ކަމެއް ކަމުގައި ބުނެވެ އެވެ. އަޅުކަމަކީ ވެސް ދިރިއުޅުމުގައި ދިމާވާ ހާސްކަމާއި މި ފަދަ އެހެނިހެން ކަންކަމުން މީހާއަށް ލިބޭ ގެއްލުން ކުޑަކޮށްދޭ ކަމެއް ކަމުގައި ކަމާބެހޭ ޢިލްމުވެރިން ބަޔާންކުރެ އެވެ. ޙަޤީޤަތުގައި ކެތްތެރިވުމާއި އަޅުކަމަކީ މި ފަދަ އެތައް ކަމަކުން މީހާއަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަޖައިބެއް ފަދަ ފަރުވާ އެކެވެ. ﷲ ވަޙީ ކުރެއްވި އެވެ: “ފަހެ ﷲ ހަނދުމަކުރުމުން ހިތްތަކަށް ހަމަޖެހުން ނުލިބޭ ހެއްޔެވެ؟” ވީމާ ސުޓްރެސްއާ އެންމެ ފުރިހަމައަށް ކުރިމަތިލެވޭނެ ބަޔަކީ މުސްލިމުންނެވެ.

Leave a Comment

Your email address will not be published.