ސިކުނޑި ތަނަވަސް ކުރާނީ ކިހިނަކުން ތޯއެވެ.

 ޢަބްދުﷲ ޞާދިޤު، ހ.އާމުލީގެ

ކުޑަވެސް ޝައްކެއްނެތެވެ. އަޅުގަނޑުމެންނަށް ދިރިއުޅުމަށްޓަކާ އެންމެބޮޑަށް ބޭނުންވާ އެއްކަމަކީ ، ސިކުނޑި ތަނަވަސް ކުރުމެވެ. ބުއްދި ތަނަވަސް ކުރުމެވެ. މަޢުލޫމާތު އިތުރު ކުރުމެވެ.

ސިކުނޑި ތަނަވަސް ކުރުމަށްޓަކައި އެކަށީގެންވާ ވަރަށްގިނަ ފިޔަވަޅު އެޅެން އެބަހުއްޓެވެ. ޞިއްޙަތުގެ ޢިލްމުވެރީން ބަޔާންކޮށްދީފައިވާ އުޞޫލުތަކުގެ މަތީންނެވެ.

  • އެންމެ ފުރަތަމަ އަމިއްލަ ނަފްސުގެ މައްޗަށް ވަރުގަދަ އިޢުތިބާރެއް ބާއްވަވަން ވީއެވެ. ވަރުގަދަ ޔަޤީންކަމެއް ގެންނަންވީއެވެ. އާދެ ، ތިމާގެ ސިކުނޑި ޚުދު ތިމާއަށް ތަނަވަސްކޮށް ފުރިހަމަކޮށްދެވޭ ގޮތުގައި ތަރުބިއްޔަތު ކުރެވިދާނެ ކަމުގެ މައްޗަށެވެ. ތިމާގެ ބާރުތަކުގެ މައްޗަށް ވަސްވާހާ ޝައްކު އުފެދުމަކީ ، ތިމާގެ ވިސްނުމާ ، ބުއްދިއަށްޓަކައި ، ހަމަކޮންމެ ހިނދެއްގައިވެސް ގެއްލުންހުރި ކަމެކެވެ.
  • ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް ވަކި މަންޒިލް މަޤްޞޫދެއް އޮންނާނެކަން ޔަޤީނެވެ. މިދެންނެވި މަޤްޞަދަށްޓަކައި ޢަޒުމެއް އެކަށައަޅަން ވީއެވެ. ފުރިހަމަ ގޮތުގައެވެ. ހަރުދަނާކަމާ އެކުގައެވެ. ދުވަހަކު ނުގުޑާނޭފަދަ ގޮތެއްގައެވެ.
  • ފުންކޮށް ނޭވާލައްވަން ހަނދުމަފުޅުކުރައްވާށެވެ. ތާޒާ ވައިގައި ޤަވާއިދުގެ މަތީން ކަސްރަތު ކުރައްވަން ފަރިތަ ކުރައްވާށެވެ. އަދި ސިކުނޑީގެ މަސައްކަތްތައް ހުއްޓިފައިވަނީ ، ނޭވާލުމާ ލޭގެ ދައުރު ކުރުމުގެ މައްޗަށްކަން ހަނދުމަފުޅު ކުރައްވާށެވެ.
  • ސިކުނޑި ތަނަވަސްކުރަން މަސައްކަތްކުރާ މީހަކު އަބަދުވެސް މަސައްކަތް ކުރަންވާނީ ، ޤަވާޢިދުގެ މަތީން ސިކުނޑިއަށް ގަދަފަދަ މަސައްކަތް ޖައްސައި އެފަދަ ކަސްރަތު ދިނުމުގެ މައްޗަށެވެ. އަދި ބަލަންވީ އެކަމެއްކުރަން ކޮންމެހެން ޖެހޭ ، މަސައްކަތްބަރު ، ދަތި ، މައްސަލަތައް ޙައްލު ކުރެވޭތޯއެވެ. ދަންނަވަންތޯއެވެ. ހަމައެކަނި ފިލްމުތަކާއި އާދައިގެ ވާހަކަފޮތްތަކާއި ނޫސްނޫހުގެ ފަލަ ސުރުޚީތަކާއި ހިސާބަށް ހުއްޓިފައި ހުންނަ ސިކުނޑިތަކެއް ގާތްގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ތަރައްޤީއެއް ނުވާނެއެވެ.
  • ސިކުނޑި ތަރައްޤީ ކުރުމުގެ މަސައްކަތުގައިވެސް ވަގުތު ނަގައިނުލުން އެއީ ވަރަށްވެސް މުހިންމު ކަމެކެވެ. ކޮންމެ މައްސަލައެއްގައިވެސް އެމައްސަލައެއްގެ އަހުމިއްޔަތުކަމަށް ފިކުރު ކުރުމަކީ ، ޚިޔާލު ކުރުމަކީ ، ކޮންމެހެން ބޭނުންކަމެކެވެ. ބޭކާރު ވާހަކަތަކާއި ކަންތަކުގައި ވަގުތުތައް ނަގާލުމަކީ ވަރަށްވެސް ބޭކާރުކަމެކެވެ.
  • ކަންކަމަށް ފިކުރު ކުރުމަގަޔާ ބެލުމުގައި ފުން ނަޒަރެއް ގެންގުޅެން ހަނދުމަފުޅު ކުރައްވާށެވެ. އެއީ އާދައަކަށްވެސް ހައްދަވާށެވެ. ފެންނަ އެއްޗެތީގައި ހުންނަ މާނަނޫން އެހެން އިތުރު މާނަތައް ނެރެ ހާމަކުރައްވަން މަސައްކަތް ކުރައްވާށެވެ.
  • ޚިޔާލުތައް ގަބޫލުކުރުމުގެ ކުރިން ، ޚިޔާލެއް ރަނގަޅަށް ވަޒަން ކޮށްލާށެވެ. އަދި ލަފައެއް ނުވަތަ ރައުޔެއް އެކަށައަޅަން ވަނީ މިދެންނެވި ގޮތުގެ މަތީން ރަނގަޅަށް އެކަމެއް ވަޒަން ކުރުމަށް ފަހުގައެވެ.
  • ބޮޑެތި މައްސަލަތަކާއި ކުރިމަތިލާށެވެ. އެފަދަ މައްސަލަތަކުގައި އަވަސްވެ ނުގަންނާށެވެ. އެކަމަށް އެކަށީގެންވާ ރައުޔެއް ޤާއިމުކުރާކަމުގައި ވަނީނަމަ، އެކަމެއްގައި ލިބުން އެކަށީގެންވާ ޙައްޤުތައް ހޯދުމުގައި އުނދަގޫ އުފުއްލަންވެސް ކެރޭށެވެ.
  • ސިކުނޑީގެ ޙަސަދައާ ، ބިރާ ، ފިކުރުބޮޑުވުމާ ރުޅީގެ އަސަރުތައް އެކުލެވިފައިވާނަމަ، އަވަހަށް އެކަންތައް ސިކުނޑިޔާ ދުރުކުރެވޭތޯ ، ބަލާށެވެ. މިފަދަ ކަމަކާ ދިމާއަށް ސިކުނޑި ލެނބުނަވެސް ނުދޭށެވެ.
  • އަދިވެސް ހަނދާން ކުރާށެވެ. ސިކުނޑިއަށް އެންމެ ބޭނުން އެއްޗަކީ، ހަމަޖެހުމާ އަރާމެވެ. ސިކުނޑި ތާޒާ ކުރުމަށްޓަކާ ނިންޖަށްވުރެ ބޭނުން އަނެއް އެއްޗެއް ނެތެވެ.
  • ވިޔާނުދާ ގޯސް ޖައްވުތަކުން ވީހާވެސް ބޮޑަކަށް ސަލާމަތްވެގެން އުޅޭށެވެ. އުޅެވޭތޯ ބަލަންވާނީ އަރާމުހުރި ޖައްވެއްގައެވެ. ހިތްފަސޭހަ ޖައްވެއްގައެވެ.
  • ބުއްދިވެރި ވިސްނުންތެރިންނާއެކުގައި ޚިޔާލު މަތިވެރި ޢިލްމީ މީހުންނާއެކުގައި ގިނަވަގުތު ހޭދަކުރެވެތޯ ބަލާށެވެ. ވިސްނުމެއް ނެތް ވިޔާނުދާ މީހުންނާއެކުގައި އުޅުމުން ދުރުހެލި ވާށެވެ.

_________________

Leave a Comment

Your email address will not be published.