ލިޔުނީ: ނިއުމާ މުހައްމަދު (ނިއުމާ މިސް)
“އެނެކްޑޯޓަލް” އަކީ ކުލާސްރޫމް މާހައުލުގައި ހިނގާ ދަރިވަރާއި ގުޅުންހުރި އެންމެހާ ހަރަކާތްތަކުގެ ކުރު ވާހަކައެކެވެ. ދަރިވަރާއި ބެހޭގޮތުން ލިޔުމުން ނުވަތަ ފޮޓޯއަކުންވެސް މިވާހަކަ ހުށަހެޅިދާނެއެވެ. އެނަކްޑޯޓަލް ރެކޯޑަކީ ވަރަށް ބޭނުންތެރި ‘އެސެސްމަންޓް ފޯ ލާރނިންގެ’ ޓޫލެކެވެ. މިޓޫލް ބޭނުންކޮށްގެން ދަރިވަރުގެ އެކިކަހަލަ ހުނަރުތަކާއި، ސިފަތަކާއި، މައުލޫމާތުތައް ތަރައްގީވަމުން އަންނަގޮތް ދައްކުވައިދެވިދާނެއެވެ. މިގޮތުން ދަރިވަރުގެ އުޅުމާއި، އަޚްލާޤާއި، ބަސްމަގާއި، ކިޔެވުމާއި، އުނގެނުންކުރިއަރާވަރު، އަދި އަމަލުތައް ތަރައްގީ ވަމުންދާގޮތްތައް ފުރިހަމައަށް ދައްކުވައިދެވިދާނެއެވެ. މީގައި ދަރިވަރުގެ އެކިކަންތައްތައް “އޮބްޒާރވްކޮށް” (ބެލުމަށްފަހު) އެފެނުނު ކަންތައްތައް ނޯޓްކުރާނީއެވެ. ނޯޓްކުރުމުގައި ހިނގި ކަންތައްތަކުގެ ވާހަކަ ތަފްސީލްކޮށްވެސް ލިޔެވިދާނެއެވެ. މިސާލަކަށް ވާހަކަދެއްކުން އޮބްޒާރވްކުރާނަމަ ދަރިވަރު ދައްކާ ވާހަކަތައް ސީދާ ބުނާގޮތަށްވެސް ލިޔެވިދާނެއެވެ.
މި އެސެސްމަންޓް ޓޫލްބޭނުންކޮށްގެން އާއްމުކޮށް އާދައިގެ މަތިން ކުލާހުގައި ކުރިއަށްގެންދާ ހަރަކާތްތަކާއި އެއިން ދަރިވަރަށްލިބޭ ކުރިއެރުންތައް ނޯޓް ކުރުމަށް ފަސޭހަވާނެއެވެ. މިސާލަކަށް، ދަރިވަރުންގެ އުޅުމާއި އަޚްލާޤް ނުވަތަ ދަރިވަރުގެ އެކި ހުނަރުތަކާއި ފެންވަރު ކުރިއަރަމުންދާ ވަރުވެސް މިފަދަ ރެކޯރޑެއްގައި ތަފްސީލުކޮށްދެވޭނެއެވެ. އެނެކްޑޯޓަލް ރެކޯރޑުން ވަކިވަކި ދަރިވަރުންގެ ބޭނުންތަކާއި އެދަރިވަރުން ޝައުގުވެރިވާ ކަންތައްތަކާއި ބޭހޭގޮތުން ވެސް ނޯޓްކުރަމުންގެންދެވިދާނެއެވެ. މިރެކޯޑްތަކުގައި ދަރިވަރުން އުޅެމުންދާ ތަފާތު ގޮތްތައް އަދާހަމަކުރުމުން ލިބިގެންދާނީ ވަރަށް ބޭނުންތެރި މައުލޫމާތެވެ. މިސާލަކަށް، އެނެކްޑޯޓަލް ރެކޯޑްގެ ސަބަބުން ދަރިވަރުންނާއެކު ކުރެވެމުންދާ ތަޖުރިބާތަކުގެ އަލީގައި ކޮންމެ ދަރިވަރެއްގެ ވަކިވަކި ހުނަރުތަކާއި ފެންވަރު ރަގަޅު ކުރުމަށް ކުރެވޭނެ ކަންތައްތައް ޕްލޭން ކުރުމަށް މުދައްރިސުންނަށް ފަސޭހަވެގެންދާނެއެވެ. އަދި އެދަރިވަރުންގެ އުނގެނިދަސްވުން ކުރިއަށް ދިއަގޮތުގެ ފީޑްބެކުދިނުމަށް ފަސޭހަ ވެގެންދާނެއެވެ.
އެނެކްޑޯޓަލް ތައްޔާރުކުރުމަކީ މާބޮޑު ތައްޔާރީތަކެއްވާންޖެހޭ ކަމެއްނޫނެވެ. ހަމަ އެކަނި ބޭނުންވަނީ ގަލަމަކާއި ކަރުދާހެވެ. އެނެކްޑޯޓަލް ރެކޯޑުން ދައްކުވައިދޭންވާނީ ދަރިވަރާބެހޭ ވަރަށް ބޭނުންތެރި ވާހަކައެކެވެ. އަދި، އެކިޔާމީހަކަށް ލިޔެފައިވާ އެއްޗެއް ވަރަށް ސާފުކޮށް ދޭހަވެ ސިފަ ވާގޮތަށެވެ. އެނެކްޑޯޓަލް ރެކޯޑް އާއްމު ގޮތެއްގައި ބެހިފައިވަނީ 3 ބައަކަށެވެ. އެއީ (1) ފެށުން، (2) މައިގަނޑު، (3) ނިމުމެވެ.
ފެށުން
ފެށުން ހިމެނިފައި މިވަނީ އެނެކްޑޯޓަލް ރެކޯޑް ފެށުމަށެވެ. ނުވަތަ ފެށުން (ސެޓިން) ސިފަކުރުމެކެވެ.
• ދަރިވަރުގެ ނުވަތަ ދަރިވަރުންގެ ނަން:
• އުފަންދުވަސް: އުމުރު
• އޮބްޒާރވް ކުރާމީހާގެ ނަން:
• ތާރީހް:
• ގަޑި:
ސެޓިން ސިފަކުރުން
މީގެތެރޭގައި ހިމެނެނީ ދަރިވަރުންގެ އަދަދާއި، އުމުރުފުރައާ، ހަވާލުވެގެންއުޅޭ ބޮޑެތި މީހުން، ސާމާނު ނުވަތަ ބޭނުންކުރާ ވަސީލަތްތައް އަދި ހަރަކާތް ކުރިއަށްދާތަން
• މިބައިގައި ހިމެނެނީ މަޢުލޫމާތު (ޑާޓާ) އެވެ.
• އަދި ހިނގަމުންދާ ޙަރަކާތްތައް (އިވެންޓްތައް) ރެކޯޑްކުރާނީ އެކަންތައްތައް ހިގަމުންދާ ތަރުތީބުންނެވެ.
• ބަހުގެ ގޮތުން ބޭނުންކުރަންޖެހެނީ ވަރަށް ތަފްޞީލް ބަސްކޮށާރެވެ.
• ޙަރަކާތްތައް ނުވަތަ އިވެންޓްތައް ހުންނަންޖެހެނީ ވަރަށް ރީތި ކޮށް ސިފަ ވެފައެވެ.
• ބޭނުންކުރަންވާނީ ތިމާއަށް ފެންނަ ކަންތައްތަކުގެ ތަފްސީލެވެ. ލިޔާނީ ‘އޮބްޖެކްޓިވް’ ކޮށެވެ. ހީވާ ހީވުންތަކެއްނޫނެވެ.
މިސާލު 1: ” ޒައިދު އަޑުހަރުކޮށް ކިޔަމުން ދިއައިރު ކޮންމެ ޖުމުލައެއް 2 ފަހަރު ކިޔެވެ. ފުރަތަމަ ފަހަރަށް ކިޔަމުން ދިޔައީ ލަސްލަހުންނެވެ. އޭނާ ކިޔަމުން ދިއައިރު ބައެއް ބަސްތައް ކިޔަނީ ނުފަރިތަ ކޮށެވެ. މީގެތެރޭގައި އޯބޯފިލި ޖެހި ބަސްތަކާއި އީބީފިލި ޖެހި ބަސްތައް ހިމެނެއެވެ “.
މަތީގައި ލިޔެފައިވަނީ ފެނުނު ކަންތައްތަކަށް ބިނާކޮށެވެ. އޮބްޖެކްޓިވް ކޮންނެވެ. މާނައަކީ ހިނގައިދިއަ ގޮތަށެވެ.
މިސާލު 2: ” ޒައިދު މަޒްމޫނު ލިޔަން އިދެފައި ދެން ފެނުނީ ޑެސްކްގައި ބޯޖަހައިގެން އޮތްތަނެވެ. ކައިރިއަށް ގޮސްގޮވާލުމުން ނިދާ ކަމަށް ހަދައިފިއެވެ “.
މަތީގައިވާ ލިޔުމުގައި ޒައިދު ނިދާކަމަށް ހަދައިފިކަމަށް އެބުނެވެނީ ސަބްޖެކްޓިވް ކޮށެވެ. އޭނާގެ ސިކުނޑި އަކީ އޮބްޒާރވް ކުރެވޭނެ އެއްޗެއް ނޫނެވެ. އޮބްޒާރވް ކުރުމުގައި ދަރިވަރުން ބުނާ އެއްޗެއް ބުނިގޮތަށް (ކޮމާކޯޅިތެރޭގައި) ލިޔެވިދާނެއެވެ. މިސާލަކަށް އޮބްޒާރވް ކުރަމުންދާ ހަރަކާތަކާއި ގުޅޭ ގޮތަށް ބަސް ބޭނުންކޮށް ތަފްސީލް ދެވިދާނެއެވެ. ނަމަވެސް، ހުރިހާ ފަހަރެއްގައި އެހާ ބޭނުން ތެރިނުވެދާނެއެވެ.
އެނެކްޑޯޓަލް ރެކޯޑްސް ގައި ބޭނުންކުރުމުގައި ވިސްނަންވީ ކަންތައްތައް
• ދަރިވަރުން ކުރާ ރަނގަޅު ކަންތައްތަކާއި ދަރިވަރުންގެ ފަރާތުން ހިގާ ނުރަނގަޅު ކަންތައް ތަކަށް.
• ނޯޓްކުރުމުގެ ކުރިން އޮބްޒާރވް ކުރަން ބޭނުންވަނީ ދަރިވަރުގެ ކޮންކަންތައްތަކެއްކަން ކަނޑައެޅިފައޮތުން، މިސާލަކަށް މަގްސަދުތައް.
• އަދި ދިމާވެދާނެ އާދަޔާޚިލާފު ހާދިސާތަކަށް ސަމާލުވުން.
• އޮބްޒާރވްކުރި އުޅުމާއި ބެހޭގޮތުން ނޯޓުކުރިއިރު އެނޯޓުގައި މާނަދޭހަވާ މިންވަރަށް ލިޔެފައިވުން.
• ކަމެއް ހިގުމުން މާގިނައިރުނުވަނީސް އެކަމެއްގެ ރެކޯޑުލިޔުން.
• ހާދިސާއާ ބެހޭގޮތުން މުދައްރިސަށް ހީވިހީވުންތައް ނުލިޔުން.
• ދަރިވަރަކާ ބެހޭގޮތުން ވަކި ގޮތަކަށް ނިންމުމުގެ ކުރިން ދަރިވަރުގެ އެއުޅުން ތަކުރާރުވެފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުން.
• ލިޔަމުންދާނީ އެހާދިސާއެއް/ އެކަމެއް ހިގި ތަރުތީބުން.
• ލިޔުމުގައި ފޯކަސް ކުރާނީ މުހިންމު ކަންތައްތަކަށް
• ލިޔެފައިވާ ލިޔުން ކޮންމެ މީހަކު ކީ ކަމުގައިވިއަސް އެހިނގިކަމެއް ދޭހަވާ ގޮތަށް ލިޔުން
• މިބައިގައި އެކުލެވިގެން ވަނީ ލިޔެފައި/ނޯޓްކުރެވިފައިވާ މަޢުލޫމާތަށް ބިނާކޮށް އެކަމަކާއި ބެހޭގޮތުން މުދައްރިސް ދެކޭގޮތާއި، ނިންމުންތަކާއި އަދި ކަޑައަޅާ ގޮތްތައް.
• މިބައިގައި ވާނީ އެކަމަކާއި ބެހޭގޮތުން މުދައްރިސް ލިޔާ”ރިފްލެކްޝަންސް“.
• ކޮންމެ އެނެކްޑޯޓަލް ރެކޯޑެއްގައި ނިންމުމެއްއޮތުން އެހާ މުހިންމެއް ނޫން.
• ނަގާފައިވާ ފޮޓޯއަކުން ނުވަތަ ވީޑިއޯއަކުންވެސް ބައެއްފަހަރު ނިންމުން ފުރިހަމަ ކުރެވިދާނެ.
އެނެކްޑޯޓާލް ރެކޯޑްސް ބޭނުންކުރުމުގައި ވަކިވަކިން ކޮންމެ ދަރިވަރަކަށް ޑައިރީގައި/ނޯޓްފޮތުގައި ސަފްހާތައް ތައްޔާރުކޮށް ކޮންމެ ދުވަހެއްގެ ހާދިސާތައް (މިސާލު: ހުނަރުތައް ކުރިއަރަމުންދާ ގޮތް/މިންވަރު) ކިޔައިދެވިދާނެއެވެ. ނުވަތަ މުދައްރިސު ބޭނުންވާ ވަކި ފޯރމެޓަކަށް ޑިޒައިންކޮށްވެސް މައުލޫމާތުތައް އެއްކުރެވިދާނެއެވެ.