“ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް” ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅު

بسم لله الرّحمن الرّحيم

މާތްﷲގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ނަބިއްޔާ محمد صلى لله عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މިދުޢާގައި އެނަބިއްޔާގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރެޕްރެސެންޓެޓިވް ޑރ، ނާޒްނީން އަންވަރް، ދައުލަތުގެ ވަޒީރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެރިން، ކޮންފަރެންސް ގެ ބައިވެރިން، އައްސަލާމު ޢަލައިކުމް ވަރަހްމަތުﷲ ވަބަރަކާތު؛

މިރޭ މިޙަފްލާ ޝަރަފްވެރި ކޮށްދެއްވަން ވަޑައިގެންނެވީތީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމަށް ވަރަށް އިޙްލާޞްތެރި ޝުކުރެއް ރައްދުކުރަން. މަނިކުފާނު ތަޢުލީމީ ދާއިރާއާ ބަހައްޓަވާ ގާތްކަން، އަދި ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި ދެއްވާ ލަފާފުޅަކީ އަބަދުވެސް އަގުހުރި އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަންނަ އެއްޗެއް؛ އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ދަރިވަރުންނަށް ދެވޭ ތަޢުލީމަކީ ވަށާޖެހޭ ތަޢުލީމަކަށް ހެދުމަށް. މި ވޭތުވެދިޔަތަނުގައި ދަރިވަރުންގެ ފުރިހަމަ ހެދިބޮޑުވުމަށް މަގުފަހިވާނޭ އެތައްކަމެއް ސްކޫލް ނިޒާމުގެތެރެއިން ތަންފީޒުކުރަން ވަނީ ފަށާފައި.

ސްކޫލޫތަކުގައި ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށާއި ކޮންމެ ސްކޫލަކީ ވެސް ދުޅަހެޔޮ ސިއްޙަތަކަށް ފަހި މާޙައުލެއް އޮތް ސްކޫލަކަށް ހެދުމުގެ މަސައްކަތަކީ ވަރަށްވެސް އިސްކަމެއްދީގެން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތެއް.

ދަރިވަރުންގެ އުނގެނުމުގެ ފެންވަރު މަތިކޮށް، އެފެންވަރުގައި އެކަން ދެމެހެއްޓުމަށްޓަކައި، ދަރިވަރުންގެ ވަށައިގެން އެތައްކަމެއް ފަހިވެފައި ހުންނަން ޖެހޭ.

މިގޮތުން ސްކޫލް ތެރޭގެ މާހައުލަކީ ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވާނޭހެން ބައްޓަން ކުރެވިފައިވާ މާހައުލަކަށް ވާންޖެހޭ، އަދި ދަރިވަރު ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރަކީ، ސްކޫލުން ދަސްކޮށްދޭ މުހިންމު އެއްބައި ކަމުގައި ވުން މުހިއްމު.

ދަރިވަރަކު ބަލިވެގެން ސްކޫލަށް ނާދެވޭ ކޮންމެ ދުވަހަކީ އެދަރިވަރަށް ޓީޗަރަކާއެކުގައި ހޭދަކުރާ ވަގުތުގެ ތެރެއިން މަދުވެގެން 5 ގަޑިއިރު ގެއްލިގެންދާނޭކަމެއް؛ މީގެ ނަތީޖާއަކީ އެދުވަހުގެ 5 ގަޑިއިރު ތެރޭގައި ކްލާހުގައި ހުށައަޅައިދިން އާ މަފްޙޫމްތަކާއި، ފަރިތަކުރުންތައް އެދަރިވަރަކަށް ގެއްލުމުގެ ފުރުސަތު ބޮޑުވުން.

މިގޮތަށް ގެއްލޭ ކޮންމެ ދުވަހެއްގެ ސަބަބުން ދަރިވަރުގެ އުނގެނުމުގައި އިތުރު ދަތިތަކެއް ކުރިމަތިވެދާނެ. ކޮންމެ ކުއްޖެއްގެ ސިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަކީ އެކުއްޖެއް ފުރިހަމައަށް ހެދިބޮޑޮވުމަށް، އަދި ކޮންމެ ކުއްޖެއްގެ ހަޔާތް އުފާވެރި ހަޔާތަކަށް ހެދުމަށްޓަކައި ކޮންމެހެން ލާޒިމުކަމެއް.

ދަރިވަރުން ސްކޫލުގައި ހޭދަކުރާ އަހަރުތަކަކީ އެދަރިވަރުންގެ ތަރުބިއްޔަތުގެ ވަރަށް މުހިންމު އަހަރުތަކެއް. ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާނޭ އާދަކާދަތަކާއި މަޢުލޫމާތުތަކަކީ، ދަރިވަރުންގެ ސްކޫލް ދައުރުގައި ކުދިންނަށް ފޯރުކޮށްދެވިއްޖެނަމަ، އެ ކުދިންގެ މުޅިހަޔާތަށް ފަހި އަސަރެއް ކުރާނޭކަމެއްކަން ޔަގީން؛

ކޮވިޑް 19ގެ އާލަމީ ވަބާއިގައި ދުނިޔެ އޮތްއިރު، އަޅުގަނޑުމެންނަށް ސިއްހަތާއި ތަޢުލީމާއި ލާމެހިފައިވާވަރު އިހްސާސް ވެގެން ދިޔަ. ކޮންމެ ކުއްޖެއްގެ ސިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، ތަޢުލީމީ ދާއިރާގެ ދައުރު، ކުރިއަށްވުރެންވެސް މާބޮޑަށް ސާފުވެ، ދޭހަވެގެން ދިޔަ.

ދުޅަހެޔޮ ސިއްޙަތަކަށް ފަހި މާހައުލެއް ޤާއިމުވެފައިވާ ސްކޫލުގެ މަފްހޫމަކީ، ދަރިވަރުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ، ސިއްޙީގޮތުން ރިވެތި އާދަތައް އަށަގަނެފައި ތިބި ދަރިވަރުންނަށް ހެދުމަށްޓަކައި، ސްކޫލް ޙިއްޞާވާ ހުރިހާ އެންމެން، ސްކޫލުގައި ހިންގާ ހުރިހާކަމެއްގައިވެސް ސިއްޙަތަށް މަގުފަހިވާނޭގޮތަށް ކަންތައްތައް ރާވާ ހިންގުން؛

މިކަން މިގޮތަށް ކުރުމަށްޓަކައި، ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން މިކަމަށް ކަނޑައަޅުއްވާފައިވާ މިންގަނޑުތައް، ދިވެހިރާއްޖޭގެ ސްކޫލުތަކަށް ފެތޭނޭގޮތަށް ބަދަލުކޮށް މިހާރުވަނީ ސްކޫލްތަކާއި ހިއްސާކުރެވިފައި.

އަދި މި މިންގަނޑުތައް ސްކޫލުތަކުގައި ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި މިކަމަށް ތައްޔާރުކޮށްފައިވާ އަތްމަތީފޮތެއް ވަރަށް އަވަހަށް ސްކޫލުތަކާއި ހިއްސާކުރެވިގެންދާނެ؛

މިރޭ މިފަށާ ކޮންފަރެންސްގެ މައިގަނޑު މަޤުސަދަކީ ސްކޫލްތަކުގައި ދުޅަހެޔޮ ސިއްޙަތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށްޓަކައި، ސްކޫލުތަކުން މިހާރު ކުރަމުންދާ މަސައްކަތް ޙިއްޞާކުރުމުގެ ފުރުޞަތު ސްކޫލްތަކަށް ފަހި ކޮށްދިނުމާއި، ސްކޫލުތަކުން މިހާރުވެސް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނޭކަންތައްތައް ހިއްސާކުރުން؛

މިކޮންފަރެންސްގައި މިފަހަރު މާލޭގެ 17 ސްކޫލަކުން ހުށައެޅުންތައް ހުށައަޅައިދޭ؛. މީގެ އިތުރުން 79 ސްކޫލަކުން އޮންލައިންކޮށް އޮބްޒާރވަރުންގެ ގޮތުގައި ބައިވެރިވޭ.

އަދި ރާއްޖޭގައި ސިއްޙަތާއި ދަރިވަރުންގެ ރައްކާތެރިކަމަށް މަސައްކަތްކުރަން ޙަރަކާތްތެރިވާ ތަފާތު އެންޖީއޯތަކުންވެސް އޮބްޒާރވަރުންގެ ގޮތުގައި ބައިވެރިވާކަން ވަރަށް އުފަލާއި އެކީ ފާހަގަ ކުރަން؛

ހެލްތް ޕްރޯމޯޓިން ސްކޫލް އިނީޝިއޭޓިވް، ސްކޫލްތަކަށް ތަޢާރަފް ކުރުމުގައާއި، މިކޮންފަރެންސްގެ ހުރިހާކަމަކަށް ވަރަށް ދީލަތި އެހީވެދެއްވި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ނަން ފާހަގަކޮށް ޑަބްލިޔޫ.އެޗް.އޯގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ޑރ. ނާޒްނީން އަންވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވަން.

އަދި މިކަން ފަހިކޮށްދެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

މިކޮންފަރެންސްގެ މައިގަނޑު ޙިއްޞާދާރުންނަކީ މި ކޮންފަރެންސްގައި ބައިވެރިވާ ސްކޫލުތައް އަދި އެސްކޫލްތަކަށް ނިސްބަތްވާ ކުދިން.

އެހެންކަމުން މިމަސައްކަތަށް އަހައްމިއްޔަތުކަން ދެއްވާ ސްކޫލުތަކުން ދެއްވި ތަރުހީބު ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މިކޮންފަރެންސްގެ މޭސްތިރިއަކީ ތާޖުއްދީން ސްކޫލޭ ބުނުމަކީ އެހެން ސްކޫލްތަކަށް ކުރެވޭ ބޭއިންސާފެއް ކަމަކަށް ނުދެކެން. ތާޖުއްދީން ސްކޫލުން މިކަމަށް ބަހައްޓަވާ ޝައުގެވެރިކަމާއި މިކަމަށް އިސްނަންގަވައިގެން ކޮށްދެއްވި ބުރަމަސައްކަތް ފާހަގަކޮށް ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ބަޝީރާ މުހައްމަދަށް، އަދި ތާޖުއްދީން ސްކޫލްގެ ހީވާގި ދަރިވަރުންނާއި މުވައްޒިފުންނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

މަރްޙޫމް ޔޫސުފް މުހައްމަދުފުޅުގެ ޅެމުގައި ބުނާފަދައިން، މިޖީލަކީ ‘ޅަފަތުގައި އުނގެނި، އުފަލުގައި ކިޔަވައިގެން، ރިވެތި ސިފަތަކުން ޒީނަތްވެ، ކުރިއަށްދާ ޖީލެއްކަމުގައި ލެއްވުމަށްއެދި ﷲ ގެ ޙަޒްރަތުގައި ދުޢާ ދަންނަވަން؛ ވައްސަލާމު ޢަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ

 

 

Leave a Comment

Your email address will not be published.