2022-2023 ވަނަ އައު ދިރާސީ އަހަރު ފެށުމުގެ މުނާސަބަތުގައި އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅު    

`

 

އައްސަލާމް ޢަލައިކުމް.

ކޮންމެ ހެނދުނެއްގެ އިރު، އަޅުގަނޑުމެންނާ ބައްދަލުކުރަނީ އާ ފުރުޞަތު ތަކަކާއެކު. އާ އުއްމީދު ތަކަކާއެކު. އިއްޔެ ދިމާވި މައްސަލަތައް ޙައްލުކުރުމަށް ލިބޭ އާ އިރުވަރަކާ އެކު.

ކޮންމެ ދިރާސީ އަހަރަކީ ވެސް، މިފަދަ އިޞްލާޙީ  ފުރުޞަތެއް ފައިދާވިކަމުގެ ރަނގަބީލެއް.

ތިޔަ ހުރިހާ ކުދިންނާ އަދި ތިޔަ އެންމެ ބޭފުޅުންނާ މި ފެށޭ އާ ދިރާސީ އަހަރުވެސް، މި ބައްދަލުކުރީ މިފަދަ އެތައް ފަހި ފުރުޞަތުތަކަކާއެކު. މިއަދުގެ ތަހުނިޔާ އާ މުބާރިކުބާދީ ތިޔަ ހުރިހާ ކުދިންނާ ބޭފުޅުންނަށް އަރިސްކުރަން.

އަޅުގަނޑު އުއްމީދުކުރަނީ މި އާ އަހަރުގެ ކޮންމެ ހިނދުކޮޅެއް، ކޮންމެ ތަންވަޅެއް ތިޔަ ހުރިހާ ކުދިންނާއި ބޭފުޅުން އެންމެ ހެޔޮގޮތުގައި ހިފާނެ ކަމަށް.

ވޭތުވެދިޔަ 4 އަހަރުގައިވެސް އާ ދިރާސީ އަހަރު ފެށޭ ކޮންމެ ހެނދުނެއްގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދިވެހި ކިޔަވާ ކުދިންނާއި އަދި މުޅި ތަޢުލީމީ އާއިލާއާ ބައްދަލު ކުރައްވާ. އެ ބައްދަލުކުރެއްވުން ވަނީ އަޅުގަނޑުމެންނަށް ދެއްވާ ހިތްވަރަކަށް. ތަޢުލީމީ ނައު ފައްސިޔަވައިގައި ދުއްވުމަށް ލިބޭ ބާރަކަށް. …

މި ފުރުސަތުގައި ތަޢުލީމީ ނިޒާމްކުރިއަށް ގެންދިއުމުގައި މަނިކުފާނު ދެއްވަވާ އިރުޝާދާއި ބަހައްޓަވާ ސަމާލުކަމަށްޓަކައި އަޅުގަނޑުމެން އެންމެންގެ ފަރާތުން ހިތުގެ ޚާލިސް ޝުކުރު ދަންނަވަން.

ތިޔަ ހުރިހާ ކުދިންގެވެސް މޫނު މަތިން މިއަދު އަޅުގަނޑަށް ފެންނަނީ އުފާވެރިކަން. އާ ތަކެތި ދަސްކުރުމަށް ހުރި ޝައުގުވެރިކަމާއި އާ ކަންތައްތަކެއް ތަޖުރިބާކުރުމަށް ކުރާ އިންތިޒާރުތައް.

ކޮންމެ ދަރިވަރެއްވެސް، ކޮންމެ މީހެއްވެސް ކާމިޔާބު މީހަކަށްވާން ބޭނުންވާނެ. ބައެއް ފަހަރަށް ކާމިޔާބު މީހަކަށް ވާން ބޭނުންވަނީ އެ ކާމިޔާބާ ގުޅިގެން އޭނާއަށް ލިބޭ ޤަދަރާއި އިއްޒަތާހެދި. ނުވަތަ ނަފްސަށް އަންނަ ކުރިއެރުމާ ހެދި.

ތިޔަކުދިންނަށް އެނގޭތަ ކާމިޔާބީގެ ސިއްރަކީ ކޮބައިކަން؟ ދިރިއުޅުމުގައި ކާމިޔާބުވަނީ ކިޔެވުމަށް މޮޅު ކުދިން އެކަންޏެއް ނޫން. އެކި ކުދިން މޮޅުވާނީ އެކި ކަންކަމަށް.

މި ހިސާބުން އަޅުގަނޑު ތިޔަ ކުދިންނަށް ވާހަކައެއް ކިޔައިދޭނަން. އެ ވާހަކައަށް ކިޔަނީ ދި ޖަންގަލް ސްކޫލު.

އެއްދުވަސްވަރެއްގައި ޖަންގަލީގައި އުޅުނު ހުރިހާ ޖަނަވާރުތަކެއް ނިންމީ ޖަންގަލީގައި ސްކޫލެއް ހުޅުވަން. އެއީ ކުދި ޖަނަވާރުތަކަށް ކިޔަވައިދޭން. މިކަމަށް ގަސްދުކޮށް ސްކޫލުއަޅާ، މުދައްރިސުން ހަމަޖައްސާ ކިޔަވައިދޭނެ މުޤައްރަރު އެކުލަވާލައި، ކިޔަވައިދޭން ފެށި.

ދުވަސްތަކަކަށް ފަހު،  ކިޔަވައިދެވުނު ތަކެތީން އިމްތިހާނުކުރެވި ނަތީޖާވެސް އިއުލާންކޮށްފި. ނަމަވެސް މި ނަތީޖާތައް ފެނިފައި ބެލެނިވެރިން ވަރަށް ހިތްހަމަނުޖެހުނު.

ތިޔަ ކުދިންނަށް އެނގޭތަ އެއީ ކީއްވެގެންކަން؟

މި ވީގޮތަކީ ފެތުމުގެ މުބާރާތުން މަހަށް އެއްވަނަ ލިބުނުކަމުގައި ވިޔަސް އެ މަސް ހިނގުމުން ފޭލިވީ.

ހިޔަޅަށް ދުވުމުން އެއްވަނަ ލިބުނުކަމުގައި ވިޔަސް އުދުހުމުން ވީ ފޭލި.

ގަހަށް އެރުމުގެ ޓެސްޓުން ރާމާމަކުނަށް އެއްވަނަ ލިބުނު އިރު ކުޑަ ކުޑަ އެތައް ގަހަށް އެރުމުން ލިބުނީ ސުމެއް. މިގޮތަށް ގޮސް ހަމަ އެންމެ ޖަނަވާރެއް ވެސް އެ ސްކޫލުގައި ކިޔަވައިދިން ހުރިހާ މާއްދާއިން ފާހެއް ނުވި.

މިކަމާ ވަރަށް ރުޅި އައިސްގެން ބެލެނިވެރީން އެދުނީ ސްކޫލުގެ ފަރާތުން ދަރިވަރުންނަށް އަދަބު ދީގެން ނަމަވެސް ނަތީޖާ ރަނގަޅުކުރުމަށް. ނަމަވެސް އެއްފަހަރަށް ވުރެ އަނެއް ފަހަރު ނަތީޖާ ތައް ދިޔައީ ދަށްވަމުން. އަދި އަހަރު ނިމުނު އިރު ދަރިވަރުންނަށް މާ ބޮޑު ކުރިއެރުމެއް ނުލިބޭތީ ސްކޫލް ޖެހުނީ ބަންދުކުރަން.   ….

މި ވާހަކައިގައި ވާ ގޮތަށް ހުރިހާ ކުދިން ހުރިހާ މާއްދާއަކުން މޮޅުވުމަކީ ނާދިރުކަމެއް. އެހެންކަމުން އެއްވެސް ކުއްޖެއް އެހެން ކުދިންނާ ވާދަކޮށްގެން މާ ބޮޑު ކުރިއެރުމެއް ނާންނާނެ. ކޮންމެ ކުއްޖެއްވެސް ވިސްނަންވީ ކޮންމެ ކުއްޖެއްގެ ހުނަރާއި ޤާބިލިއްޔަތާއި، ކުޅަދާނަކަން އެކި ކަންކަމުގައި ތަފާތުކަން.

އެކުއްޖެއްގެ ހަޔާތުގެ ކަންތައްތައްދާނީ އެކުއްޖެއްގެ ޠަބީޢަތާ އެއްގޮތަށް. ކުރިން ކިޔައިދިން ވާހަކައިގެ މަހަށް ނުހިނގުނުގޮތަށް. ރާމާމަކުނަކަށް ނުފީނުނުގޮތަށް.

އެހެންވީމާ ކޮންމެ ކުއްޖެއްވެސް، ހާސިލުކުރަން ބޭނުންވާ އަމާޒަށް ވާސިލުވުމަށް، އެކުއްޖެއްގެ ހުނަރާއި  ޤާބިލްކަން ދެނެގަންނަން ޖެހޭ. އެހެން ކުދިންނާ ހަމަ ކޮންމެ ކަމެއްގައި، ވާދަކުރުމުގެ ބަދަލުގައި ތިޔަކުދީން ވާދަކުރަންވީ އަމިއްލަ ނަފްސާ.

ކާމިޔާބުގެ ސިއްރަކީ ދޫނުކޮށް އެއްވާނެއްގައި ކުރާ މަސައްކަތް. ތިޔަ ކުދިންގެ ހިތްވަރު. ތިޔަ ކުދިންގެ ޝައުޤު.

އަޅުގަނޑުދެކޭ ގޮތުގައި، ތަޢުލީމުގެ މައިގަނޑު ބޭނުމަކީ، ބުއްދި ފާގަތިކުރުމާއެކު އުޅުން ފުރިހަމަކުރުން. ފަހުން ކަންކަމާ މެދު ވިސްނަން އަދި އުނގެނެން ބޭނުންކުރަނީ، ސްކޫލް ދައުރުގައި ކިޔަވާ ކިޔެވުން. މީހުންނާ މުޢާމަލާތް ކުރަން ބޭނުންކުރަނީ، ސްކޫލް ދައުރުގައި އަށަގެންނުވޭ ތަރުބިއްޔަތާއި އުޅުން.

އެހެންކަމުން، ސްކޫލްގައި އުޅެން ލިބޭ މަދު ދުވަސް ތަކުގައި، ފުރުޞަތުގެ ބޭނުން  އެންމެ އެދެވޭ ގޮތަށް ކުރުމަށް ހުރިހާ ކުދީންނަށް އަޅުގަނޑު އިލްތިމާސްކުރަން.

ޤައުމު ބިނާކުރުމުގައި ލޮބުވެތި މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ އެންމެހާ މުވައްޒަފުން އަދާ ކުރައްވާ ދައުރު  މި ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަން

މިކަމުގެ ހެއްކަކީ މި ދިޔަ މޭމަހުން ފެށިގެން މަދަރުސާތަކުގައި މުވައްޒަފުންނަށް، އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާ ގެނެސްދެއްވި މުސާރައިގެ ބޮޑު ކުރިއެރުން.  އަޅުގަނޑު އެދެނީ މުސާރަ އަށް އައި ހެޔޮ ބަދަލު، ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ބަހައްޓަވާ ފަރުވާތެރިކަމުން، ދަރިވަރުންގެ ތަރުބިއްޔަތާއި ފިކުރުން ފެނިގެން ދިއުން.

އަޅުގަނޑުމެންގެ ލޮބުވެތި މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅި ޤައުމަށް އަދި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާ މަސައްކަތެއް. އެހެން ކަމުން ތިޔަބޭފުޅުން ވާންވާނީ ޢަމަލުތައް އިޙްލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކާ، ދަރިވަރުންގެ މަޢުޞޫމްކަމާއި ޢިއްފަތްތެރިކަން ރައްކާތެރިކުރާ ބަޔަކަށް.

އަޅުގަނޑުގެ ވާހަކަ ނިންމާލާނީ ހުރިހާ ދަރިވަރުންނާއި މުދައްރިސުންނަށް ފާގަތި، ފަހި، ފެހި ދިރާސީ އަހަރަކަށް އެދެމުން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ދަރިވަރުން ކުރާ ތަޢުލީމީ ތަޖުރިބާއަކީ، ރައްކާތެރި މާހައުލެއްގައި، އެންމެންގެ ލޯބިލިބިގެން، ޙިކްމަތާއި އިޙްސާންތެރިކަމާއި ހަމަހަމަކަން ހިމެނޭ ތަޖުރިބާއަކަށް ވުން. މާތް ﷲ އެންމެހާ ހާޒިރީންނަށް ރަޙްމަތް ލައްވާށި. އާމީން.

 

ވައްސަލާމް އަލައިކުމް

 

 

 

 

 

 

Leave a Comment

Your email address will not be published.