2022-2023 ވަނަ އައު ދިރާސީ އަހަރު ފެށުމުގެ މުނާސަބަތުގައި މަޖީދިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅު    

بسم لله الرّحمن الرّحيم

الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ޞާލިޙު

އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރީން،

ސްކޫލުގެ ލޮބުވެތި ދަރިވަރުންނާއި ބެލެނިވެރިން،

ހަހަރުވެތި މުދައްރިސުންނާއި އެހެނިހެން މުވައްޒަފުން،

ސްކޫލުގެ އެންމެހާ ހިއްސާދާރުން އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން،

އައްސަލާމް ޢަލައިކުމް.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރޭ ދުވަހުގެ މުނާސަބާގައި، ތިޔަ ހުރިހާ ދަރިވަރުންނަށާއި، ސްކޫލަށް ނިސްބަތްވާ އެންމެހާ ފަރާތްތަކަށް ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވަން.

ދެންމެ ހުރިހާ ކުދިންވެސް ލަވަ ކިޔަމުން ދިޔައީ ވަރަށް ރީތިކޮށް.

ލަވަ ކިޔާ އިރު ލަވައިގަ އެކިޔާ އެއްޗަކަށް ކިތައް ކުދިން ވިސްނަން؟

އަޅެ ވިސްނާ ކުދިން އަތްމައްޗަށް ނަގާބަލަ.

ވަރަށް ރަނގަޅު. ހިނގާ އަދި އެއްފަހަރު ލަވައިގެ ފެށޭ ތަންކޮޅު މިސްއާ އެއްކޮށް ކިޔާލަން.

‘މަޖީދީ މަޖީދީ ފަހުރުވެރި ހިޔާ

މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ

ފުރާށޭ ދަރިން ހިތް ޢުލޫމުން މިތާ

ކުރާށޭ ފިދާ ޖާނު ވަޠަނަށްޓަކައި’

ހުރިހާ ކުދިންވެސް ލަވައިގަ ތިކީ ގޮތަށް މަޖީދިއްޔާ ސްކޫލަކީ މި ސްކޫލަށް ނިސްބަތްވާ އަދި ނިސްބަތްވި ކޮންމެ ދަރިވަރަކަށް، މުދައްރިސަކަށް، މުވައްޒަފަކަށް ވަރަށް ޚާއްސަ ތަނެއް. ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ފަހުރުވެރިވާ، އަބަދުވެސް ފަނޑުވުމެއްނެތި މި ޢިލްމީ ހިޔާވަހިކަން ދެމިއޮތުމަށް އެދޭ ތަނެއް. މި މަތިވެރި ޢިލްމީ ނޫރުން ތާ އަބަދަށް މުޅި ދިވެހި ޤައުމު އަލިކުރުމަށް އެންމެ ރައްޔިތުން އެދޭ ތަނެއް.

ތި ކުދިންނަށް އެނގޭތަ އޭގެ ސަބަބުތައް؟

އޭގެ ފުރަތަމަ ސަބަބަކީ މި ސުކޫލަކީ ދިވެހި ސަރުކާރުން މެދުކެނޑުމެއްނެތި ރަސްމީ ތަޢުލީމު ފޯރުކޮށްދޭތާ އެންމެ ގިނަދުވަސްވީ ސްކޫލަށް ވީކަން.

އޭގެ ދެވަނަ ސަބަބަކީ ވޭތުވެދިޔަ 95 އަހަރު ތެރޭ މި ސްކޫލުގެ އުނގުން ތަޢުލީމާއި ތަރުބިއްޔަތު ލިބުނު އެތައް ދަރީންނެއްގެ މަތިވެރި ޚިދްމަތްތައް މެދުކެނޑުމެއްނެތި ދިވެހި ޤައުމަށް ލިބެމުންދާތީ.

އޭގެ 3 ވަނަ ސަބަބަކީ މި ސްކޫލުގެ ނަމޫނާއިން ރާއްޖޭގެ ހުރިހާ ރަށްތަކެއް ތަހުޒީބުން އުޖާލާ ކުރީތީ.

ތިޔަ ކުދިންނަށް އެނގޭތަ، 95 އަހަރަކީ، ސްކޫލެއްގެ ޢުމުރުގައި ވަރަށް ޚާއްޞަ މުނާސަބާއެއްކަން؟ އަހަރު ގުނާ ގޮތުން އެއީ ގާތްގަޑަކަށް 3 ޖެނެރޭޝަން ނުވަތަ ޖީލް.

އެހެންވީމަ މަޖީދިއްޔާ ސްކޫލަށް އެންމެ ފުރަތަމަ ވަން ދަރިވަރުންނަށް ލިބުނު މުނިކާފަ ދަރިން މިހާރު މިސްކޫލުގަ އުޅޭނެ. ތިޔައިގެ ތެރެއިން ބައެއް ކުދިންގެ މުނި ކާފަ މި ސްކޫލުން ކިޔަވާފަ ވާނެ.

ސްކޫލެއްގެ ޤަދަރަކީ އެ ސްކޫލްގެ ދަރިވަރުން. އެ ސްކޫލުން ދަރިވަރުވާ ކުދީންގެ ޚިދުމަތް. ވޭތިވެދިޔަ 95 އަހަރު ދުވަހުގެ ތެރޭގައި، މިސްކޫލުން ކިޔަވައިގެން ނުކުތް ފަޚުރުވެރި ދަރިވަރުންނަށްޓަކައި، ސްކޫލްގެ އެހާރާއި މިހާރުގެ ހިންގުންތެރިންނަށާއި މުދައްރިސުންނަށް ތަހުނިޔާ ދަންނަވަން. މެދުކެނޑުމެއް ނެތި މި ސްކޫލްގެ ޚިދުމަތުގައި ތިއްބެވި އެންމެ ގިނަ ދުވަސްވީ މުދައްރިސުންނަށާއި މުވައްޒަފުންނަށް ޚާއްޞަ ޝުކުރަކާއި މުބާރިކުބާދީއެއް އަރިސްކުރަން.

އަދި ސްކޫލްގެ މަސައްކަތުގައި ހުރިހާ ގޮތަކުން އެހީތެރިވެދެއްވި އަދި މިހާރުވެސް އެހީތެރިވެދެއްވަމުން ގެންދަވާ ބެލެނިވެރިންނަށް ހެޔޮއެދުމާއި އިޚްލާސްތެރިކަމުގެ ޝުއޫރުތައް ފާޅުކުރަން.

ތިޔަ ކުދިން ވިސްނާލިންތަ ކޮންމެ އަހަރީ ދުވަހެއް، އެނިވަރސަރީއެއް އެހާ ކުލަގަދަކޮށް ފާހަގަ ކުރަނީ ކީއްވެތޯ؟ މިކަން މިގޮތަށް މިކުރަނީ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ސަބަބުން، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އޮންނަ ހިތްހަމަޖެހުން ނުވަތަ މޮރާލް މަތިކުރަން. މިއީ ސްކޫލްގެ މާޒީއާ މެދު ފިކުރު ހިންގާލައި، ސްކޫލްގެ ކާމިޔާބަށް މަސައްކަތްކޮށްދިން ފަރާތްތަކުގެ ޚިދުމަތް ފާހަގަކުރުމަށް ލިބޭ ފުރުޞަތެއް. އަހަރީ ދުވަސް އައުމުން އުފެދޭ އުފާވެރިކަމާއި ފަޚުރުވެރިކަމުގެ ޝުޢޫރުތަކާއެކު، މުވައްޒަފުން ކުރި މަސައްކަތް މުހިއްމުވަނީ ކީއްވެގެންކަމާމެދު ފިކުރު ހިންގާލައި، ސްކޫލް ކުރިއަށްދާނެ މިސްރާބު ކަނޑައަޅަންވީ އިރުވަރެއް.

ސްކޫލުން ދަރިވަރުވީ ދަރިވަރުންގެ ހަޔާތުގެ ތަޖްރިބާއިން އަދުގެ ދަރިވަރުން އިބްރަތް ހާސިލުކުރުމަށް ލިބޭ ފުރުސަތެއް.

ވޭތުވެދިޔަ 95 އަހަރު، މި ސްކޫލުން ކިޔަވާ ނިންމި ކުދިންގެ ލިސްޓަކީ ވަރަށް ދިގު ލިސްޓެއް.

އެ ލިސްޓުގައި، މިހާރުގެ ޑޮކްޓަރުންނާއި ޑެންޓިސްޓުން ހިމެނޭ، މުދައްރިސުންނާއި އިންޖިނިއަރުން ހިމެނޭ. ޕައިލަޓުންނާއި ޕްރިންސިޕަލުން ހިމެނޭ. އަދި މީގެ އިތުރުންވެސް އެކިއެކި ޚިދްމަތްތެރިން ހިމެނޭ.

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ފިޔަވައި، ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަކީ މި ސްކޫލްގެ މުސްކުޅި ދަރިވަރުން. ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީ އަކީ، މި ސްކޫލަށް މަޖީދިއްޔާގެ ނަންދެއްވާ، ރާއްޖޭގެ ތަޢުލީމަށް ވަރަށް ބޮޑު ޚިދުމަތެއްކޮށްދެއްވައިފައިވާ ރައީސްއެއް.

އެހެންކަމުން، ރާއްޖޭގެ އެއްވެސް ސްކޫލަކަށް ދުވަހަކު ވެސް ނުލިބޭނޭ ޝަރަފަކާއި ފަޚުރެއް މަޖީދިއްޔާ އަށް ލިބިގެންވޭ!

މި ސްކޫލުން ކިޔަވާ ނިންމި ފަޚުރުވެރި ދިވެހި ދަރީންގެ ހަޔާތުން ތިޔަކުދިން އިބްރަތް ހާސިލްކުރަންވީ ދެ ކަމެއް އަޅުގަނޑު ދަންނަވާލާނަށް.

ފުރަތަމަ ކަމަކީ، އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ކުރީގެ ދަރިވަރުންގެ ތެރެއިން ހަޔާތުގެ ރޭހުގައި މިއަދު އެންމެ ކާމިޔާބު ދަރިވަރުން ވާނީ، އޭރު އެންމެ މުރާލި އެންމެ ބޮޑަށް މަސައްކަތް ކުރި ދަރިވަރުންނަށް. ޤުދްރަތީ ގޮތުން، ކުއްޖެއްގެ ހިތް އަލިވެފައި، ދަސްކުރަން ފަސޭހަ ވިއަސް، މަސައްކަތް ނުކުރަނީވިއްޔާ، ކާމިޔާބެއް ނުވާނެ.

އެނގެ އެއްނު ދޯ މުސަޅާއި ކަންޒު ކަހަނބުގެ ވާހަކަ. އެވާހަކައިގައި ވާފަދައިން، މަސައްކަތް ކުރުމުގައި ދެމިހުރުމަކީ ކާމިޔާބުގެ ސިއްރު.

ޤުދްރަތީ ގޮތުން ލިބިފައިވާ ކުޅަދާނަ ކަމަކަށް ވުރެ، ބޭނުންތެރީ ހީވާގިކަން. އެހެން ކަމުން ހުރިހާ ކުދިންވެސް ދިރިއުޅުމުގައި ކާމިޔާބު ހޯދަން ބޭނުންނަމަ ކުރަން ފަށާ ކަމެއް ހުއްޓާނުލާ އެއްވާނެއްގައި ގޮސް ނިންމާލަންވާނެ. އަދި އެކަންކުރުމުގެ ޝައުޤު އަމިއްލައަށް އުފެއްދަންވާނެ.

ދެވަނަ ކަމަކީ، ތިޔަ ކުދީންގެ ތެރެއިން ދިވެހި ތާރީޚްގައި ނަންލިޔެލަން ބޭނުންވާ ކުދިން، ވާންވީ ކެރޭ ހުނަރުވެރި ކުދިންނަށް. ޤައުމަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި، ހިތްވަރާ ފަންވަރާ އެކު ކުރިމަތިލާ ބަޔަކަށް.

ޖޯޝާއި ފޯރިއާއެކު ޤައުމީ މަސައްކަތުގައި ޝާމިލްވާ ބަޔަކަށް. އަމިއްލަ ބޭނުންތަކުގެ އިތުރަށް މުޖުތަމަޢުއަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދޭ ބަޔަކަށް.

ތިޔަ ހުރިހާ ކުދިން ވާންވާނީ ސްކޫލްގެ މޮޓޯ ކަމުގައިވާ ހިންމަތާއި އެކު މަސައްކަތްކުރާ މީހަކަށް އުނދަގޫ ކަމެއް ނެތޭ މި ޢިބާރާތުން ހިތްވަރު ނެރެގެން، ކެރުމާއި ސާބިތުކަމާއެކު މަސައްކަތް ކުރާ ކުދީންނަށް.

މަޖީދިއްޔާ ސްކޫލަށް 95އަހަރު ފުރޭ މި އުފާވެރި ދުވަހު އަޅުގަނޑު އެދެނީ އާ އަޒުމަކާއެކު އަޅުގަނޑުމެން އެންމެން މި މަދަރުސާގެ ފަޙުރުވެރި މާޒީއިން ޢިބްރަތް ހާސިލުކޮށް މުސްތަޤްބަލްގައި އެއަށްވުރެ މަތިވެރި ކާމިޔާބީތަކެއް ހޯދުމަށް ހިތްވަރު ލިބިގަންނަން.

އަޅުގަނޑު އެދެނީ މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަކީ އެހެން ސްކޫލްތަކުގެ ކުދިން ނަމޫނާއަކަށް ބަލާނޭ ކުދިންތަކަކަށްވުން. އެހެން ސްކޫލްތަކުގެ ދަރިވަރުން މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންގެ ޚުލްޤާއި ޚަޞީލަތް ރަނގަޅުކަމުން ކޮޕީކުރުން.

އަދި އަބަދުވެސް އަޅުގަނޑު،

މި މަތިވެރި ޢިލްމީ ޢިމާރާތްތަކަށް

އެދޭނީ ޙަޔާތާ އުޖާލާ ކަމަށް.

ވައްސަލާމް ޢަލައިކުމް

 

 

Leave a Comment

Your email address will not be published.