ކުޅުދުއްފުށި ސިޓީގައި ބާއްވާ ޓީޗަރސް ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ކޮންފަރެންސްގެ ޗީފް ކޯޑިނޭޓަރ ޝުހުދާ ރިޟްވާން

އަންނަ އޮކްޓޫބަރ މަހުގެ 9 ން 10 އަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބާއްވަން ހަމަޖެހިފައިވާ 6 ވަނަ އިންޓަރނެޝަނަލް ޓީޗަރސް ކޮންފަރެންސްއަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ދިރާސާކުރުމުގެ ސަޤާފަތް ތަޢުލީމީ ދާއިރާގައި އާލާކުރުމުގެ މަޤުޞަދުގައި 2012 ވަނައަހަރުން ފެށިގެން ކޮންމެ 2 އަހަރަކުން 1 އަހަރު ބާއްވަމުން އަންނަ ބައިނަލްއަޤުވާމީ ފެންވަރުގެ މިކޮންފަރެންސްއަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ މުއްދަތު އިތުރުކުރަންޖެހި ވަޑައިގަތީ ޕޭޕަރ ހުށަހަޅާ ގިނަބައިވެރިން އެކަމަށް އެދެމުންދާތީ އިތުރު ވަގުތު އެފަރާތްތަކަށް ދިނުމަށާއި އިތުރުފަރާތްތަކަށްވެސް ޕޭޕަރު ހުށަހެޅުމަށް ފުރުސަތު ތަނަވަސް ކޮށްދިނުމަށްކަމަށް މިކޮންފަރެންސްގެ ޗީފްކޯޑިނޭޓަރ ޝުހުދާ ރިޟްވާން ވިދާޅުވިއެވެ.

ކުރިން މިމަހުގެ 7 ގެ ނިޔަލަށް އެބްސްޓްރެކްޓް ހުށަހެޅުން ހަމަޖެހިފައި އޮތަސް މިހާރު މިތާރީޚްވަނީ މިމަހުގެ 16 އަށް އިތުރުކޮށްފައެވެ. ޝުހުދާ ވިދާޅުވީ އެބްސްޓްރެކްޓް ހުށަހެޅުމުގެ މުއްދަތު އިތުރުކުރިޔަސް ކޮންފަރެންސް ބާއްވާ ތާރީޚާއި ބައިވެރިވުންފަދަ އެހެން އެއްވެސް ޑެޑްލައިނަކަށް ބަދަލެއް ނާންނަ ކަމަށެވެ.

މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 9 ން 10 އަކަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީގައެވެ. މިކޮންފަރެންސްއާބެހޭ މަޢުލޫމާތު ހިމެނޭ، ކޮންފަރެންސްގައި ބައިވެރިވުމުގެ ދަޢުވަތާއި ކޮންފަރެންސްގެ މަޢުލޫމާތު ގައިޑު އަދި ކޮންފަރެންސްގެ ޕޯސްޓަރ މީގެ ކުރިންވާނީ ސްކޫލްތަކާއި ޙިއްސާ ކުރެވިފައި ކަމަށްވެސް ޝުހުދާ ވިދާޅުވިއެވެ. /އޒ

 

Leave a Comment

Your email address will not be published.