2022-2023 ވަނަ އައު ދިރާސީ އަހަރު ފެށުމުގެ މުނާސަބަތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ދެއްވި ޚިޠާބު    

بسم لله الرّحمن الرّحيم

މިއަދަކީ ދަރިވަރުންނާއި ބެލެނިވެރީންނަށް، މުދައްރިސުންނާއި ސްކޫލުތަކުގެ ހިންގުންތެރީންނަށް އަދި ތަޢުލީމީ ދާއިރާގެ އެންމެހާ ޙިއްޞާދާރުންނަށް، ވަރަށް އުފާވެރި ޝުޢޫރުތަކެއް ވެރިކުރުވާނެ ދުވަހެއް.

މިއަދަކީ ދިރާސީ އާ އަހަރު ގެނެސްދޭނޭ އައު ތަޖުރިބާތަކަށް ކުރަމުން ދިޔަ އިންތިޒާރު ނިމޭ ދުވަސް. ސްކޫލަށް ދިއުމަށް ވަމުންދިޔަ ތައްޔާރީތައް ނިމޭ ދުވަސް. ދިގު ޗުއްޓީއަކަށް ފަހު، އެކުވެރިންނާއި ދަރިވަރުންނާއި އެކުގައި މަސައްކަތް ކުރާ ބޭފުޅުންނާއި އަލުން ބައްދަލުވާ ދުވަސް.

މި ފެށޭ އައު ދިރާސީ އަހަރުގެ ތަހުނިޔާ އާއި މުބާރިކުބާދީ ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށް، ސްކޫލުތަކުގެ ހިންގުންތެރިންނަށާއި، ބެލެނިވެރިންނަށް ތަޢުލީމީ ދާއިރާގެ އެންމެހާ ޙިއްޞާ ދާރުންނަށް އަރިސްކުރަން.

މި އައު ދިރާސީ އަހަރު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވި އާންމު ހާލަތުގައި ކިޔެވުމުގެ ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ހެޔޮ ނަސީބު މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވިކަން.

ދީނީ، އަދަބީ، އިޖްތިމާޢީ އަދި ކުޅިވަރުގެ ހަރަކާތްތަކުގައި ދަރިވަރުންނަށް ކުރިއެކޭވެސް އެއްފަދައިން ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދިޔަކަން. އެހެންކަމުން މިހުޅުވުނު ފުރުޞަތުގައި، އެކި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރުވުމަށް ސްކޫލުތަކުންނާއި ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެން.

އަލަށް ތަންފީޒުކުރެވޭ ތަޢުލީމީ ޤާނޫނަށް ޢަމަލު ކުރަން ފެށިތާ އެއް އަހަރު މި މަހުގެ 10 ވަނަ ދުވަހު ފުރޭނެ. ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޤާނޫނާއި ގުޅިގެން ހަދަން ޖެހޭ ހުރިހާ ޤަވާއިދުތަކެއް މިހާރު ވަނީ ހަދާ ނިމިފައި. އަދި މި ފެށުނު ދިރާސީ އަހަރު އެ ޤަވާއިދުތައް ތަންފީޒުކުރަން ފެއްޓޭނެ.

ތަޢުލީމުގެ ޤާނޫނުން އަޅުގަނޑުމެންނާ ޙަވާލުކުރެވިފައިވާ އެންމެ މުހިއްމު ކަމަކީ ދަރިވަރުންގެ ރައްކާތެރިކަން. އެހެންކަމުން، ދަރިވަރުންނާ ދިމާވާ ހުރިހާ އެންމެން ވެސް، އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ދަރިވަރުންގެ ރައްކާތެރިކަމަށް. އެންމެ ބޮޑަށް އިސްކުރަންވީ ދަރިވަރުންގެ މަޞްލަޙަތު. ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންނާ މުޢާމަލާތްކުރާ މީހުންނަކީ ކޮންބައެއް ކަން ދެނެގަނެ އެއްވެސް މީހެއްގެ ފަރާތުން ދަރިވަރަކަށް ގެއްލުމެއް ވިޔަ ނުދިނުމަށް ސްކޫލުތަކުގެ އެންމެހާ މުވައްޒަފުންނާއި ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭ. ޓިއުޝަނަށް ދަރިވަރުން ފޮނުވުމުގައާއި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރާއިރު އެފޮނުވޭ ތަނަކީ މިނިސްޓްރީއިން އާއްމު ކުރެވިފައިވާ ޤަވާއިދުތަކާ އެއްގޮތަށް ހިންގާ ތަންތަންކަން ބެލެނިވެރިން ކަށަވަރުކުރުން މުހިއްމު.

ލޮބުވެތި ދަރިވަރުން،

ކާމިޔާބީގެ ސިއްރަކީ ގަދައަޅާ މަސައްކަތްކުރުން. އެހެންކަމުން މި ދިރާސީ އަހަރުގެ ފުރަތަމަ ދުވަހު ތިޔަކުދިން ޢަޒުމްތައް ކަނޑައެޅުން މުހިއްމު. ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެ ޢަޒުމްތައް ޙާޞިލްކުރަން، މަންޒިލަށް ވާސިލުވާން އެއްވާނެއްގައި މަސައްކަތްކުރަންވާނެ.

އެކި ކަންކަމަށް އެކި މީހުން ހުނަރުވެރިވުމަކީ، މާތް ރަސްކަލާނގެ ލައްވާފައިވާ ބޮޑު ނިޢުމަތެއް. ތިޔަކުދިންގެ ސަމާލު ހުންނަންވާނީ ހަމައެކަނި ކިޔެވުމަކަށްނޫން. އެހެން މީހުން ތިމާއަށް ކުރާ ޤަދަރާއި އިޙްތިރާމް ބިނާވެފައި އޮންނަނީ، އޭނާގެ ފަރާތުން އޭނާ އުޅޭ ތަނަށް ކުރާ އަސަރަކަށް. އޭނާގެ ފަރާތުން މުޖުތަމަޢަށް ކުރާ ފައިދާއަކަށް. އެހެންކަމުން ކޮންމެ ކުއްޖެއްވެސް އެކުއްޖެއް ދިރިއުޅޭ ރަށަށް، އެކުއްޖެއްގެ އަވަށަށް، އެކުއްޖެއްގެ އާއިލާއަށް އެކުއްޖެއްގެ ވެއްޓަށް މަންފާކުރުވަނިވި ކަމެއްގައި މަޝްޣޫލުވެ އުޅުމަކީ މުހިއްމުކަމެއް. މީގެ އިތުރުން ދިރިއުޅުމަށް ތައްޔާރުވުމަށްޓަކައި ކޮންމެ ކުއްޖެއްވެސް މަދުވެގެން ދެ ޢަމަލީ މަސައްކަތް ދަސްކުރުން މުހިއްމު.

ލޮބުވެތި މުދައްރިސުން،

ޤައުމު ބިނާކުރުމުގައި ތިޔަ މުދައްރިސުން އަދާ ކުރައްވާ ދައުރު ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަނޭ.  މިކަން ރަމްޒުކޮށްދޭ އެއްކަމަކީ މި ދިޔަ މޭމަހުން ފެށިގެން ތިޔަ ބޭފުޅުންގެ މުސާރައަށް އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ގެނެސްދެއްވި ބޮޑު ކުރިއެރުން.  މި ފުރުސަތުގައި ތަޢުލީމީ ނިޒާމްކުރިއަށް ގެންދިއުމުގައި އެ މަނިކުފާނު ދެއްވަވާ އިރުޝާދާއި ބަހައްޓަވާ ސަމާލުކަމަށްޓަކައި ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ މުސާރަ އަށް އައި ހެޔޮ ބަދަލު، ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ބަހައްޓަވާ ފަރުވާތެރިކަމުން ފެނިގެން ދިއުން.

ތިޔަ މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅި ޤައުމަށް އަދި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާނެ މަސައްކަތެއް. ތިޔަ ބޭފުޅުންގެ ޒިންމާތަކަކީ އޭގެ އަސަރު ބޮޑު ޒިންމާތަކެއް. އެހެން ކަމުން ތިޔަބޭފުޅުންވާންވާނީ ޢަމަލުތައް އިޙްލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކާ، ދަރިވަރުންގެ ޙައްޤުތައް ރައްކާތެރިކުރާ ބަޔަކަށް.

މިއަހަރު އަޅުގަނޑުމެން އެންމެ އިސްކަމެއްދޭނެ އެއްކަމަކީ ތަޢުލީމީ ނިޒާމުގެ ފެންވަރު މަތިކުރުން. އެކަމަށްޓަކައި އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުން. މިކަމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް މިހާރުވަނީ ތައްޔާރުކުރެވިފައި. މިއަހަރުގެ ތެރޭގައި އެކަމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެ.  މިކަމުގެ ނަތީޖާއެއްގެ ގޮތުން އުއްމީދުކުރެވެނީ، މުދައްރިސްކަމުގެ ތަޢުލީމު ހަރުދަނާވެ، ހުނަރުވެރި އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނޭކަމަށް. ދަރިވަރުންގެ ފެންވަރު ރަނގަޅުވާނޭކަމަށް.

އިއްޒަތްތެރި ބެލެނިވެރީން،

ދަރިވަރުންނަށް އުނގަންނާދިނުމުގައާއި ތަރުބިއްޔަތުކުރުމުގައި ތިޔަބޭފުޅުންގެ ދައުރު ވަރަށް ބޮޑު. ދަރިވަރުންގެ އުނގެނުމަށް ވާގިދޭ ކަންތައްތަކަށް އެކުދީން ހުށަހަޅާ، މަދަރުސާއިންދޭ ތަރުބިއްޔަތު ނަފީކުރާ ހަރަކާތްތަކާއި މަންޒަރުތަކާއި އަޑުތަކުން އެކުދީން ރައްކާތެރިކުރަންޖެހޭ. ދަރިވަރެއްގެ ފުރިހަމަ ޤާބިލިއްޔަތުގައި ކުރިއަށް ދިއުމަށް އެހީތެރިވެދޭ ފައްސިޔަ ވަޔަކީ ތިޔަބެލެނިވެރިންނާއި މުދައްރިސުން.  ދިވެހި ދަރިވަރުންނަކީ، އަޅުގަނޑުމެން އެންމެންގެ އެހީތެރިކަމާއި އަޅާލުންތެރިކަން ބޭނުންވާ ބައެއްކަން،  ހުރިހާ ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވަން. އެކުދީން ކިޔަވައި، ކުޅެ، ބޮޑުވާނޭ ރައްކާތެރި، އުފާވެރި މާޙައުލެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއްކަން ހަނދުމަފުޅުކޮށް އަރުވަން.

މި ފުރުޞަތުގައި، މިއަދު ފެށިގެން މިދާ ދިރާސީ އަހަރަކީ ހުރިހާ ދަރިވަރުންނާއި މުދައްރިސުންނަށް އަދި ތަޢުލީމީ ދާއިރާގެ އެންމެހާ ޚިއްސާދާރުންނަށް ކާމިޔާބު، ފެހި، ފަހި، ފާގަތި އަހަރަކަށްވުން އެދެން.

ވައްސަލާމް ޢަލައިކުމް.

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.