ދިރާސީ އާއަހަރު ފެށުމުގެ ޚާއްޞަ 2 އެސެމްބްލީއެއްގައި ރައީސުލްޖުމްހޫރިއްޔާއާއި ނާއިބުރައީސް

މިއަހަރުގެ ދިރާސީ އާއަހަރު ފެށުން ފާހަގަކުރުމަށް 2 ސްކޫލެއްގައި ބާއްވާ ޚާއްޞަ 2 އެސެމްބްލީއެއް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ޝަރަފުވެރި ކޮށްދެއްވަން ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ދެއްވި މަޢުލޫމާތުގައި ބުނާގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ޝަރަފުވެރިކޮށް ދެއްވާނީ މާދަމާ ހެނދުނު 7:30 ގައި އަމީނިއްޔާ ސްކޫލްގައި ބާއްވާ ޚާއްޞަ އެސެމްބްލީ އެވެ. ނާއިބު ރައީސް ފައިޞަލް ނަސީމް ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހު 1:15 ގައި މަޖީދިއްޔާ ސްކޫލްގައި ބާއްވާ ޚާއްސަ އެސެމްބްލީ ގައެވެ.

އަމީނިއްޔާ ސްކޫލާއި މަޖީިދިއްޔާ ސްކޫލްގައި ބާއްވާ ޚާއްޞަ މިދެޙަރަކާތް ޕީއެސްއެމް އިން ލައިވް ކުރަން ހަމަޖެހިފައިވާ ކަމަށްވެސް މިމަޢުލޫމާތުގައި ވެއެވެ.

ޖަމާޢަތުގެ ޚަބަރަށް ލިބިފައިވާ މަޖީދިއްޔާ ސްކޫލްގެ މެންދުރުފަހު ދަންފަޅީގެ ޚާއްޞަ އެސެމްބްލީގެ އެޖެންޑާގައި ވާގޮތުގައި މިއެސެމްބްލީގައި ޝަރަފުވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ އާއި މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޢާއިޝަތު މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދަރިވަރުންގެ އިޤުރާރު އިއްވުންވެސް މި ޚާއްޞަ އެސެމްބްލީގައި އެޖެންޑާ ކުރެވިފައިވެއެވެ./އޒ

ފޮޓޯ ކްރެޑިޓް: މިހާރު ނޫސް

Leave a Comment

Your email address will not be published.