ދިރާސީ އާއަހަރަށް ތަޢުލީމީ ދާއިރާ ތައްޔާރު ؛ މާދަމާ ކިޔެވުން ފެށޭނެ

ދިރާސީ އާއަހަރުގެ ކިޔެވުން މާދަމާ ފެށޭނެއެވެ. ދިރާސީ އާއަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު އާއަހަރު ދަރިވަރުން ކިޔެވުމަށް ބޭނުންވާ ޓެކްސްފޮތްތަކާއި ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަކޮށް ދެވިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިފެށޭ ދިރާސީ އާއަހަރު ސްކޫލްތަކުގައި ކިޔަވަމުންދާނީ 92300 ދަރިވަރުންނެވެ. އަދި ދިރާސީ އާއަހަރު 8364 މުދައްރިސުން ސްކޫލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާނެއެވެ. ނިމިދިޔަ ދިރާސީ އަހަރު ސްކޫލްތަކުގައި ކިޔެވި ދަރިވަރުންގެ އަދަދަކީ 78996 ދަރިވަރުންނެވެ. ޓީޗަރުންގެ އަދަދަކީ 8198 އެވެ.

އެހެންއަހަރުތަކާ ޚިލާފަށް ސްކޫލްތަކަށް ބޭނުންވާ ބިދޭސި ޓީޗަރުންވެސް މިއަހަރުވަނީ ދުރާލައި ހަމަވެފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ މިއަހަރަށް ބޭނުންވާ ބިދޭސި ޓީޗަރުން މިދިޔަ ޖުލައިމަހު ރާއްޖެ ގެނެވި ހަމަވެފައިވާ ކަމަށެވެ. ބިދޭސި ޓީޗަރުންގެ ގޮތުގައި ސްކޫލްތަކުގައި މިއަހަރު ކިޔަވައިދޭނީ 1693 ޓީޗަރެކެވެ.

ދިރާސީ އާއަހަރަށް ފެށުމުގެ ތައްޔާރީތަކާ ގުޅިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ ވިދާޅުވީ ޓީޗަރުންނާއި ފޮތްތައްވެސް ހަމަވެ ދިރާސީ އާއަހަރަށް ތަޢުލީމީ ދާއިރާ ތައްޔާރުވެފައިވާކަމަށެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަަށްރަށަށް ތަކެތިފޮނުވުމުގެ ދަތިކަން ކުރިމަތިވެވަޑައިގަތް ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ. އެކަމަނާ ވިދާޅުވީ މިދިޔަ އެޕްރީލްމަހުން ފެށިގެން ފޮތްތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ބައެއް ފޮތްތަކަކީ ރާއްޖޭންބޭރުން އަލަށް ޗާޕްކުރާ ފޮތްތައްކަމަށެވެ.

މާދަމާ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ހަމަވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިއަހަރުގެ އައު ދިރާސީ އަހަރު ފެށުމުގެ މުނާސަބަތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ދެއްވާ ޚިޠާބު، ޕީއެސްއެމް ނިއުސްގެ މާދަމާ ހެނދުނު 10 ގެ ޚަބަރަށް ފަހު ދައްކާނެއެވެ. /އޒ

މައިފޮޓޯ: ވަންއޮންލައިން ނޫސް

Leave a Comment

Your email address will not be published.