ރާއްޖޭގެ އެންމެ ދުވަސްވީ ޖަމްއިއްޔާ ދެމިއޮންނަންޖެހޭ ކަމަށް މމދ ޖަމްޢިއްޔާގެ އިންތިޚާބީ އައު ރައީސް ވިދާޅުވެއްޖެ

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ތަޢުލީމީ މުންނާރަށް ނިސްބަތްވާ އިސްދަރިވަރުންގެ ޖަމްޢިއްޔާ އަކީ ވުޖޫދުގައި ދެމިއޮންނަންޖެހޭ ޖަމްޢިއްޔާ އެއްކަމުގައި މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ އައު އިންތިޚާބީ ރައީސް ޙަސަން ނާޝިދު ފިކުރީ ވިދާޅުވެއްޖެއެވެ. އޭނާ މިހެންވިދާޅުވީ ރާއްޖޭގެ އެންމެ ގިނަދުވަސްވީ ޖަމްއިއްޔާގެ ޙަރަކާތްތައް ހުއްޓިފައިވާތީވެ މިފަދަ ޖަމްޢިއްޔާތައް އުވާލާ އުޞޫލުން މމދ ޖަމްޢިއްޔާ އުވާލެއްވުމަށް ޔޫތުމިނިސްޓްރީން ނިންމަވާފައިވާ ނިންމެވުމަށް އިޝާރާތްކުރައްވަމުންނެވެ. ޙަސަން ނާޝިދު ވިދާޅުވީ މމދ ޖަމްޢިއްޔާ ހިންގާލުމަށް ޓީމަކާއެކު އެޖަމްޢިއްޔާގެ ރައީސްކަމުގެ މަގާމަށް އޭނާ ކުރިމަތި ލެއްވީ ޖަމްޢިއްޔާ ނުހިގައި އެތައް އަހަރެއް ވެފައި އޮތްފަހުންނެވެ.

ޙަސަން ނާޝިދާއި އޭނާގެ ޓީމު މަޖީދިއްޔާ މުސްކުޅިދަރިވަރުންގެ ޖަމްއިއްޔާގެ އައު ހިންގާ ކޮމިޓީއަށް އިންތިޚާބުވީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ދާރުލް ޢުލޫމްގައި ބޭއްވި އެޖަމްޢިއްޔާގެ އަހަރީ ޢާންމު ބައްދަލުވުމުގައެވެ. ހިންގާ ކޮމިޓީގެ އިންތިޚާބަށް ޓީމުތަކާއެކު އެހެން ބައެއް ފަރާތްތަކުންވެސް ވާދަކުރިއެވެ.

ހަސަން ނާޝިދު ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވި މިޓީމު އިންތިޚާބު ކާމިޔާބުކޮށްފައިވާއިރު މިޓީމުގައި ހިމެނޭ ނާއިބު ރައީސުންނަކީ މުޙައްމަދު ސިރާޖާއި އަޙުމަދު އައްފާލްއެވެ. ސެކެޓެރީއަކީ މުޙައްމަދު ޝާން(ބަދަވި) އެވެ. ޚަޒާންދާރަކަށް އިބްރާހީމް އިސްމާޢީލް މިޓީމުގައި ހިމެނޭއިރު އޭނާގެ ނާއިބަކީ އިސްމާޢީލް ސާޖިދެވެ. އިންތިޒާމް ސެކެޓެރީ އަކީ މުޙައްމަދު ހަމްޒީލްއެވެ. އޭނާގެ ނާއިބަކީ މުޙައްމަދު ޢަބްދުﷲ ސަޢީދުއެވެ.

އިތުރު 8 މެންބަރުންނަކީ އެމްވީކޭ އިބްރާހީމް ޝަފީޤްއާއި (ޢުމަރުބެ) މުޙައްމަދު ޙަމީދުއާއި އިބްރާހީމް ޢަފީފްއާއި މުޙައްމަދު ޝަރަފާއި ޙުސައިން ޝާކިރުއާއި މުޙައްމަދު ފަޔާޒް އާއި މުޙައްމަދު އަޒްމީ ރަޝީދުއާއި މުޙައްމަދު އިނާޒްއެވެ.

Leave a Comment

Your email address will not be published.