އެހެން އެވީ ކީއްވެ؟

 

ލިޔުނީ: ހަސަން ޒަރީރު އިބްރާހިމް

ހިތްގައިމު ދުވަހެކެވެ. އިރު އޭގެ ވާޖިބު އަދާކުރަމުން ދިޔައީ ނުހަނު   އިޚްލާޞްތެރިކަމާއެކުގައެވެ. ހެނދުނުގެ ހިތްގައިމު ވަގުތު ސާއިފް ގެއިން ނިކުމެގެން ސްކޫލަށް ދިއުމަށްޓަކާ ސްކޫލާއި ދިމާއަށް މިސްރާބު ޖެހިއެވެ. އަބަދުވެސް ސާއިފްގެ މަންމަ އޭނާ ސްކޫލަށް އެކަނި ފޮނުވިޔަސް ދަރިފުޅަށް ވާނުވާ ބަލައި ހަދައެވެ. މިއަދަކީވެސް އެފަދައިން ބެލި ދުވަހެވެ. ގްރޭޑް 5 ގައި ކިޔަވަމުން އަންނަ ސާއިފަކީ ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ކުއްޖެކެވެ. ނަމަވެސް ސާއިފްގެ ބަލިޙާލަތު ހުންނަގޮތުން އޭނާއަށް ހުރިހާ ދުވަހަކު ސްކޫލަކަށް ހާޒިރެއް ނުވެވޭއެވެ. އެކަމުގެ ސަބަބުން ސާއިފް ބާކީވެފައި ހުންނަންޖެހޭ ފަހަރުވެސް އާދެއެވެ.  މިކަންކަން މިހެން ހުންނާތީ ސާއިފަށް ވަރަށް ގިނަ ފަހަރު ކުދިން ލަނޑުދެއެވެ.

މިއަދުވެސް ކަންދީމާވީ ވަރަށް ދެރަކޮށެވެ. އެގޮތުން ސާއިފްގެ ކުލާސް ކުއްޖެއްކަމަށްވާ ރިހާން، ސާއިފް ކޮށްޕާލީ ފެންގަނޑަކަށެވެ.  ސާއިފްގެ މުޅި ޔުނީފޯމް ފެންގަނޑުގެ ޗަކައިން ފޯވެގެންދިޔައެވެ. ސާއިފްގެ ނޭވާ ކުރުވާން ފެށިއެވެ. ހާސްވާގޮތްވާންފެށިއެވެ. އޭރު އޭނާގެ މަންމަ އޭނާގެ ގާތަށް ދުވަމުން އާދެއެވެ. ރިހާން ހުރީ ދެލޯ ތަންމިނަށް ހުޅުވައިގެން ކުރެވުނު ކުށާމެދު ދެރަވެފައެވެ. ސާއިފްގެ މަންމަ އަވަހަށް ސާއިފް ހަސްފަތާލަށް ގެންދިޔައެވެ.

ސާއިފް ބައްލަވާފައި ޑޮކްޓަރު ބުނުއްވީ ހިތްދަތިވާފަދަ ވާހަކައެކެވެ. ސާއިފަށް ޖެހިފައިވާ ސިކްލްސެލް އެނީމިޔާގެ ނުރައްކާ ބޮޑުވި ވާހަކަ އެވެ.  އެއީ ސާއިފް ފެން ބުއިން މަދުވުމުގެ ސަބަބުން ޖަރާސީމް ހަށިގަނޑަށް ފަސޭހަކަމާއެކު ވެރިވެގަތީއެވެ. ސާއިފްގެ ބައްޔާމެދު އޭނާގެ މަންމައަށް ވިސްނާލެވުނެވެ. ސާއިފަކީ ތުއްތު އިރުއްސުރެ “ސިކްލްސެލްއެނީމިޔާ” އަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ.  ސާއިފްގެ ޢުމުރުން ތިން އަހަރުގައި ހަންގަނޑު ރީނދޫވެ މެޔަށާއި ބަނޑަށް އަދި އަތްފަޔަށާއި ބުރަކަށްޓަށް ތަދުވެ ނޭވާކުރުވެ ތަފާތު އުނދަގޫތައް ދިމާވާން  ފެށުމުން ޑޮކްޓަރަށް ދައްކާ ޓެސްޓް ތައް ހެދުމުން އެނގުނީ ސިކްލްސެލް އެނީމިޔާ ޖެހިފައި ހުރި ކަމެވެ. ޑޮކްޓަރު މި ބައްޔާއިބެހޭގޮތުން އިތުރު ތަފްޞީލު ދެއްވަމުން ވިދާޅުވިއެވެ.

އަދި ސާއިފްއަށް ދިމާވި އުނދަގޫ ތަކަކީ ސިކްލްސެލް އެނީމިޔާ ޖެހުމުން ވާގޮތްތައް ކަމެވެ. އަދި އެއީ ވާރުތަ ކުރާ ބައްޔެއް ކަމާއި ހަށިގަނަޑުން ގިނަ ޢަދަދެއްގެ ރެޑްބްލެޑް ސެލް މަދުވުމުން މި ބަލި ޖެހޭކަމެވެ.

މި ބަލި ޖެހުމުން ރެޑްބްލެޑް ސެލް ދިރި ހުންނަނީ 20 ދުވަހާއި 10 ދުވަހުގެ މުއްދަތަށެވެ. ބަލިނުޖެހޭނަމަ މި ސެލްތައް 120 ދުވަހު ދިރި ހުރެއެވެ. ސިކްލްސެލް އެނީމިޔާ ޖެހުމުން ރެޑްބްލެޑް ސެލް ހަނދުފަޅިއަކަށް ބަދަލުވެ ލޭ ދައުރު ކުރުމުގައި ހުރަސްއެޅި ގުނަވަންތައް ހަލާކުވެއެވެ.

މަންމަ އާއި ބައްޕައާއި ދެމީހުންގެ ކިބައިގައި މިބަލި ހުރިނަމަ ބަލީގެ ނުރައްކާ ބޮޑުވެއެވެ. މި ބަލިޖެހުމުން ސްޓްރޯކްޖެހުމާއި އިންފެކްޝަން އުފެދުމާއި ލޯ އަނދިރިވުން އަދި ޕްރެޝަރ މަތިވުމާއި ހިތުގެހިނގުން އަވަސްވުން ފަދަ ކަންކަންވެސް ކުރިމަތިވެއެވެ.

ސާއިފްގެ ޢުމުރުން 4 އަހަރުގައި އޭނާގެ ހުންކޮށީގެ މަސައްކަތަށްވެސް ވަނީ ހުރަސްއެޅިފައެވެ. އެކަމުގެ ސަބަބުން ތަފާތު އިންފެކްޝަންގެ އަސަރު ސާއިފަށް ކުރެއެވެ.

ސާއިފްގެ މަންމަ އަކީވެސް އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. ނަމަވެސް ސާއިފަށް އެ ދިމާވާ ފަދަ އުނދަގޫތައް ދިމާވެފައެއް ނުވެއެވެ. ސާއިފަށް  އެގޮތަށް ދިމާވުމުން ސާއިފްގެ މަންމަ އެ ބައްޔާގުޅޭ މަޢުލޫމާތު ތަފާތު ގޮތްގޮތުން ހޯދައެވެ. މިއީ އަދި ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫންކަން ސާއިފްގެ މަންމައަށް އެނގެއެވެ.  ޤަވާޢިދުން ޑޮކްޓަރަށް ދައްކާ ބަލީގެ ވޭން ކުޑަކުރުމަށް މަސައްކަތް ކުރުން ނޫންގޮތެއް ނެތެވެ.

ޑޮކްޓަރުން އިރުޝާދު ދެއްވަނީ، ފެންބުއިން ގިނަކުރުމަށާއި އަދި ބަލީގެ ވޭންކުޑަ ކުރުމަށް މިނަރަލް އާއި ވިޓަމިސް  ބޭނުންކުރުމަށެވެ. ލޭހޮޅިތަކަށް ދިމާވާ މައްސަލަތަކުން ރައްކާތެރިވުމަށް ފޯލިކް އެސިޑް ބެނުން ކުރުމަށެވެ. ހަމަ އެއާއިއެކު ކަސްރަތު ކުރުމަށެވެ.

ސާއިފް ފަދައިން ސިކްލްސެލް އެނީމިޔާ ޖެހިފައިވާ ބައެއްކުދިން ބޯންމެރޯ ހަދައެވެ. ނަމަވެސް ސާއިފަށް އަދި ބޯންމެރޯ ހެދޭކަށް ނެތެވެ. އެއީ ޑޯނާއެއް ނެތީމައެވެ.

ސާއިފް ހިތްވަރު އެލުވައެއް ނުލައެވެ. ސާއިފްގެ ވިސްނުންހުރީ ޑޮކްޓަރު އެދެއްވި އިރުޝާދާއި އެއްގޮތަށް ގަދަވެ ހެޔޮޙާލުގައި ހުރުމަށްޓަކައި ވާންޖެހޭ ކޮންމެ ޤުރުބާނީއެއްވުމަށެވެ. އޭނާއަކީ ވަރަށް ހިތްވަރު ގަދަ މޮޅު ކުއްޖެކެވެ. ސިކްލްސެލް އެނީމިޔާ ޖެހުމުން ދިމާވާ މައްސަލަތައް އެކި މީހުންނަށް އެކިވަރަށް ދިމާވާއިރު ސާއިފަކީ އެ ބަލީގެ ސަބަބުން ގިނަ އުނދަގޫތަކެއް ތަޙައްމަލްކުރަމުންދާ ކުއްޖެއް ކަމުގައި ވިޔަސްމެއެވެ.

ސާއިފް ގަޔަށް ބައެއްފަހަރު ލޭ އަޅަންވެސް ޖެހެއެވެ. އެދުވަހު ދިމާވި ޙާދިޘާއާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ލަފާ ދެއްވާފައި ވަނީ  އެބައްޔަށް އިތުރަށް  ސަމާލުވުމަށެވެ. ގިނައިން ގަޑިންގަޑިއަށް ފެން ބުއިމަށެވެ. މިހާރަށް ވުރެ ބޮޑަށް އަރާމުކުރުމަށެވެ. އަދި ރަނގަޅު ކާނާ ބޭނުން ކުރުމަށެވެ. ސާއިފް އެވާހަކަތައް ކަނުލައި އަޑުއެހިއެވެ. ހިތުގެ އަޑިން އެކަމަށް އެއްބަސްވެ ހިތުގައި އެކަންކަމަށް ސަމާލުވުމަށް ޢަޒުމު ކަނޑައެޅިއެވެ.

ސިކްލްސެލްއެނީމިޔާ އަކީ ޅަޢުމުރުގައި މަރުވުމަށް މަގުފަހި ކުރުވާ ބައްޔެކެވެ. އަދި މީގެ އިތުރުން ތަފާތު އެނީމިޔާއަށް މަގު ފަހިކުރުވާކަމެބައްޔެއްވެސްމެއެވެ. ސާއިފްގެ މަންމަ އެދުވަހު ޢަޒުމު ކަނޑައެޅީ އެ ބައްޔަށް އިތުރުފަރުވާ ހޯދުމަށެވެ. އޭގެ ދުވަސްކޮޅެއްފަހުން ސާއިފްގެ މަންމަ އޭނާ ގޮވައިގެން އިންޑިޔާއަށް ގޮސް ސިކްލްސެލް އެނީމިޔާއަށް  ޚާއްޞަ ކުލިނިކަކަށް ދައްކާ ފަރުވާ ހޯދަން ފެށިއެވެ. ސާއިފަށް ލިބޭ ވޭންތައް ކުޑަވަމުން ދިޔައެވެ.

ސާއިފް އޭގެ މަހެއްހާދުވަސް ފަހުން ރާއްޖެ އައިސް ސްކޫލަށް ދިޔައެވެ. ކުއްލިއަކަށް ސާއިފް ސިއްސައިގެން ދިޔައެވެ. ކުލާހުގެ ހުރިހާ ކުދިން ސާއިފް އެނބުރި އައުމުން އެހާ ހޫނު މަރުޙަބާއެއް ކީމައެވެ. ފުރަތަމަ ފެންނަން ހުރީ ރިޙާނެވެ. ރިޙާން އައިސް ސާއިފާއި ސަލާން ގަލާންކޮށް މަޢާފަށް އެދުނެވެ. ސާއިފް ހެވިލާފައި އޭނާއަށް މަޢާފްދީ ޝުކުރު އަދާކުރިއެވެ. އެއީ އެކަމުގެ ސަބަބުން އޭނާއަށް ގެއްލުމެއް ލިބުމުގެ ބަދަލުގައި ﷲ ގެ އިރާދަފުޅުން ސާއިފަށް ޖެހިފައިވާ ސިކްލްސެލް އެނިމިޔާއަށް އިތުރު ފަރުވާ ލިބުމަށް މަގުފަހިވީތީއެވެ. ކިޔަވަން އިތުރު ދުވަސްތަކެއް ގުނަންފެށުނީތީއެވެ. އައު ފެށުމަކުން، އައު ޢަޒުމަކާއެކު ފަށައިގަނެވުނީތީއެވެ. އަދި ދިރިއުޅުމުގެ އާދަތަކުގައި ކޮންމެހެން ސާއިފް ހިފަހައްޓަންޖެހޭ ގިނަގިނައިން ފެންބުއިމުގެ އާދަ ހިފެހެއްޓުމަށާއި ކުލާހުގެ އެހެންވެސް ދަރިވަރުންނާއި އެއްހަމައެއްގައި ހުރިހައިކަމެއް،ބަލީގެ އުނދަގުލާއިއެކުވެސް ހިފެހެއްޓުމަށް ސާއިފް ޢަޒުމް ކަނޑައެޅިއެވެ. ދަތިތައް މެދުވެރިވެ އެހެންއެވީ ސިކްލްސެލް އެނީމިޔާ ގެ ސަބަބުންނެވެ.

Leave a Comment

Your email address will not be published.