ހަކުރުބަލި ކޮންޓްރޯލްކޮށް ބެލެހެއްޓުން

ލިޔުނީ: މުޙައްމަދު ވަޙީދު (މަޑުލު)

 ދިވެހިބަހުން ހަކުރު ބަލި މިކިޔަނީ ޑައަބެޓީސް އަށެވެ. ޙަޤީޤަތުގައި އެކި ސަބަބުތަކާހުރެ އަޑު އިވުމުގެ ޙިއްސަށް އުނިކަން ލިބޭހެން، އަދި ލޮލުގެ ފެނުމަށް އުނިކަން ލިބޭހެން ޑައަބެޓީސްއަކީވެސް ހަށިގަނޑުގެ ގުނަވަނެއް މަސައްކަތްކުރަންވާ ވަރަށް ނުކުރުމުން ދިމާވާ ޙާލަތެކެވެ. އެ ޙާލަތާއެކު ދިރިއުޅެންޖެހޭ ޙާލަތަކެވެ.

ޑައަބެޓީސް ޖެހެނީ، ހަށިގަނޑުން ފުދޭވަރަށް އިންސުލިން ނުއުފެއްދުމުންނެވެ. ނޫނީ އިންސުލިން ރަނގަޅަށް ބޭނުންކުރުމަށް ހުރަސް އެޅުމުންނެވެ. އެހެންވުމުން ވާގޮތަކީ، ލޭގައި ހަކުރުގެބައި ހުންނަން ކޮންމެހެންޖެހޭ މިންވަރަށް ހަކުރު ނުހުންނަނީ އެވެ.

 އިންސުލިންއަކީ ހޯމޯނެކެވެ. އެއިންކުރާކަމަކީ، ކާއެއްޗެހީގައި އަދި ބޯއެއްޗެހީގައި ހުންނަ ކާބޯހައިޑްރޭޓްސް ހަކަތައަށް ބަދަލުކުރުމެވެ. ކާބޯހައިޑްރޭޓްގެ ތެރޭގައި ހަކުރާއި އޮލަ ހިމެނޭ (ތާނުގެ ބައި އެކުލެވޭ) ކާއެއްޗެހި ހިމެނެއެވެ.

ހަށިގަނޑަށް އެތެރެވާ ހަކުރުގެބައި ހަކަތައަށް ބަދަލުނުވެ ހަކުރުގެ ގޮތުގައި ހުރުމުން، ލޭ ހޮޅިތަކަށް ގެއްލުންލިބި ޞިއްޙީ މައްސަލަތައް މެދުވެރިވާން ފަށައެވެ. އޭގެތެރޭގައި ހިތުގެ ބަލިތަކާއި ލޭމައްޗަށް ދިއުމާއި ކިޑްނީއަށް ގެއްލުން ލިބުމާއި، ލޮލުގެ ފެނުމަށް ބަދަލު އައުން ހިމެނެއެވެ.

 އެހެންވީމާ، ހަކުރުބަލި ހުރިތޯ ޗެކްކުރަމުން ގެންދިއުމަކީ މުހިންމު ކަމެކެވެ. ހަކުރުބަލި ހުރިކަން ޔަޤީންވެއްޖެނަމަ، އެބައްޔާއެކު ދިރިއުޅުމަށް ދަސްކުރަން ޖެހެއެވެ. އަދި އެބަލި ހުރިނަމަވެސް އާދައިގެ ދިރިއުޅުމެއް އުޅުމަށް ހުރަހެއް ނޭޅޭނެ ގޮތަށް ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަން ޖެހެއެވެ. ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި:

 ހަކުރު ހުރިވަރު ބެލުމަށް ދޭތެރެދޭތެރެއިން ޓެސްޓްކުރުމާއި ޑޮކްޓަރެއްގެ ލަފާމަތީން ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުން އެއީ މުހިންމު ކަމެކެވެ.

 ކެއުމަށް ބެލުންވެސް އެހާ މުހިންމެވެ. ކެވޭނެ ބާވަތްތަކާއި ނުކެވޭނެ ބާވަތްތައް ދެނެގަނެ ކެއުން ހަމައަކަށް އަޅުވަންޖެހެއެވެ. ހަށިގަނޑު ބަރުވިޔަނުދީ ބަލަހައްޓައި ކާއެއްޗެހީގައި ކެލޮރީ ހިމެނޭވަރު ބަލަން ދަސްކުރަންޖެހެއެވެ.

 ހަކުރުބަލީގެ މީހުން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ކަސްރަތުކުރުމެވެ. ކަސްރަތަކަށް ކޮންމެ ދުވަހަކުވެސް ދެ މޭލެއް ދޮޅު މޭލެއްހައިވަރު ހިނގަންވާނެއެވެ. ހިނގަންވާނީ ހިނގަން އެކަށީގެންވާކަހަލަ ޓެނިހެއްގައެވެ. ނުވަތަ ހިނގަން ހަދައިފައި ހުންނަ ކަހަލަ ފައިވާނެއްގައެވެ. ސަބަބަކީ ފައިތިލަ ރައްކައުތެރިކުރުމަށެވެ.

 ފައިގެ އިނގިލިތަކަށާއި ފައިތިލައަށް ސަމާލުކަން ދޭންވާނެއެވެ. ނިޔަފަތިތައް ބަލަހައްޓަންވާނެ އެވެ. ހަމައެހެންމެ، އަމިއްލަ ސާފުތާހިރުކަމަށް އިތުރު ސަމާލުކަމެއް ދޭންވާނެ އެވެ. ގައިގެ ހަމަށް ރައްކާތެރިވާން ޖެހެއެވެ. ތަންކޮޅެއް މެށިއްޖެނަމަ، ނުވަތަ ކެނޑިއްޖެނަމަ، ބޭސްއެޅުމުގެ ކަންތައް ފަރުވާތެރިކަމާއެކު ކުރަންވާނެއެވެ.

އިންސުލިން އިންޖެކްޝަން ޖަހާނަމަ، އެކަންކުރާނެ ގޮތުގެ އިރުޝާދު ރަނގަޅަށް ހޯދައިގެން އެކަން ކުރުންވެސް މުހިންމެވެ.

ހަކުރުބަލި ކުޑަކުދިންނަށްވެސް ޖެހެއެވެ. އެކުދިން ބަލަހައްޓާނެ ގޮތް ދަސްކުރަންވާނެއެވެ. އަދި ދުވަސްވީ މީހުންނަށް މިބަލި ޖެހިއްޖެނަމަ، އޭނާއަށް އަޅައިލާންތިބި މީހުން ޑޮކްޓަރަކާ ވާހަކަދައްކައިގެން ކަންތައްތައް ކުރަންވީގޮތް ސާފުކުރަންވާނެއެވެ.

 ހަކުރުބަލީގެ މީހަކު ދަތުރެއް ކުރާންޖެހިއްޖެނަމަ، ކެއުމަށާއި އުޅުމަށް ބަދަލުތަކެއް އަތުވެދާނެކަމަށް ބަލައި އެކަންކަމަށް ތައްޔާރުވުން ވަރަށް މުހިންމެވެ.

 ހަކުރުބަލިން ސަލާމަތްވުމަށް އެބަލި ނުޖެހޭނެ ގޮތަކަށް ކަންތައްތައް ކުރާނެ ވަކި އުޞޫލެއް ކަނޑައެޅިފައެއް ނޯވެއެވެ. ސަބަބަކީ މިބައްޔަކީ ވާރުތަކުރާ ބައްޔަކަށްވެސް ވާކަމެވެ. ކަންތައް އޮތީ މިހެންކަމަށްވިޔަސް މާބޮޑަށް ފަލަވިޔަނުދީ ވޭތޯ މަސައްކަތްކުރުން ބޭނުމެވެ. ޤަވާޢިދުން ކަސްރަތުކުރުމާއި ހިކޭތޯ ބެލުން ރަނގަޅުވާނެ އެވެ. ގިނައިން ފޮނިއެއްޗެހި ކެއުމަކީ ހަކުރުބަލި ޖެހިދާނެކަމަކަށް ނުވިޔަސް އެއީ ފަލަވުމަށް ބާރުއަޅައިދޭ ކަމަކަށްވާތީ ކާއެއްޗެއްސާމެދު ސަމާލުވާންޖެހޭނެއެވެ. ތަރުކާރީއާއި ފަތްޕިލާވެއްޔަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ އެއްޗިއްސެވެ. އެހެންވީމާ، ލިބުނުވަރަކުން އެފަދަ އެއްޗެހި ކާންވާނެއެވެ. އަދި އެއެއްޗެހި ހައްދައި ހޯދައިގެން ބޭނުންކުރަންވާނެއެވެ.

 ވަރަށްވެސް މުހިންމު އެއްކަމަކީ، ޙަރަކާތްތެރި ޙަޔާތެއް ވޭތުކުރުމެވެ. ކަސްރަތުގެ ގޮތުގައި ހިނގުމާއި މޫދަށްއެރި ފަތައި ހެދުމަކީ ހަށިގަނޑަށް ފައިދާކުރާނެ ކަންތައްތަކެވެ.

ގިނަފަހަރަށް ކަންކަމާ އަޅައިލެވެނީ މާލަސްވާފަހުންނެވެ. ކެއުމަށް ބެލުމެއްނެތި އުޅެފައި، ދުންފަތުގެ އިސްތިޢުމާލުކޮށްފައި ކަސްރަތެއް ނުކޮށްއުޅެފައި ކަމެއް ދަމެއް މެދުވެރިވީމައި ބަލައިލާއިރު ހުންނަނީ މާލަސްވެފައެވެ. ވާނެއެއެއްޗެއް ވެފައެވެ. އެހެންވީމާ، ދިރިއުޅުމުގައި މިންގަނޑުތަކެއް ކަނޑައަޅައިގެން އުޅުމުން ގަދަވެ ސަލާމަތުން ހުރުމަށް އެހީތެރިވެދެއެވެ. ޤަވާޢިދުން ނަމާދުކުރުމާއި މިސްކިތްދޮށަށް ހިނގައިފައި ދިއުމާއި އައުމުގެ ސަބަބުންވެސް ނުސީދާކޮށްލިބެނީ ކަސްރަތެއްކަމަށްވާތީ އެކަންތައްކުރުން މުހިންމެވެ.

ގަދަވެ ސަލާމަތުން ހުރުމަކީ އާޚިރަތަށްޓަކައި ކުރަންޖެހޭ ކަންތައްތައްކުރުމަށް އެހީވެދޭކަމެކެވެ. ދުނިޔަވީ ކަންކަމުގައި ބޭނުންތެރި މީހެއްގެ ގޮތުގައި އުޅުމަށް އެހީތެރިވެދޭ ކަމެކެވެ. މިކަންކަމަށް މާ ލަސްނުވަނީސް ސަމާލުކަން ދިނުމަކީ ވިސްނުންތެރިން ކުރާނެކަމެކެވެ. ދުންފަތާނުލައި ދިރިއުޅެވިދާނެއެވެ. ކޮންމެ ފަހަރަކު ދެބަނޑަށް ނުކެޔަސް ދިރިއުޅެވިދާނެއެވެ. ކޮންމެ ދުވަހަކުވެސް ސާޅީސް ފަސް މިނެޓެއްހާއިރު ހިނގައިލިނަމަވެސް އެހެން ކަންތައްތައް ކުރުމަށް ހުރަހެއް ނޭޅޭނެއެވެ.

އިންސާނާއަކީ އަދި އިންސާނާގެ ހަށިގަނޑަކީ، ތަރުބިއްޔަތުކުރިގޮތަކަށް ތަރުބިއްޔަތުވާ އެއްޗެކެވެ. ކުޑަކުދީން ފަދައިންނެވެ. ނަމާދުކުރަން އާދަކުރުމުން އެކަން ނުކޮށް ހުންނަން އުނދަގޫވަނީ އެހެންވެގެންނެވެ. ހަވީރު ފިނިޖެހިލީމައި ހިނގައިލަން ދިއުން އާދަކޮށްފިނަމަ، އެކަންވެސް ހަމަ އެގޮތަށް އާދަވާނެއެވެ.

 ފެންބުއިމަކީ ރަނގަޅުކަމެއްކަން އެނގޭ އިރުވެސް ކެއުމުގެ ފަހުން ބޯފެންތަށި ނޫނީ ނުބޯ މީހުން އުޅެއެވެ. ކިޑްނީގެ މައްސަލަތައްޖެހި ވޭންއަޅާންފެށުމުން ކަމެއްކުރަން އުޅެން އެއޮތީ މާލަސްވެފައެވެ. ދުރާލާ ކަންކަމާ ތައްޔާރުވާށެވެ. ދުނިޔޭގައި އުޅޭއިރު އާޚިރަތަށް ތައްޔާރުވާ ފަދައިންނެވެ. ކުޑަދަރިފުޅު ރަނގަޅު މީހަކަށް ހެދުމަށް މަސައްކަތްކުރާ ފަދައިންނެވެ. އުފައުވެރިކަމާއި ހަމަޖެހުން އިންސާނާއަށް ގެނެސްދިނުމުގައި އީމާނާއި، ޢަމަލާއި ވަރަށް މުހިންމު ބައެއް ކުޅެދެއެވެ.

ހަކުރު ބަލިން ރައްކައުތެރިވެ އުޅުމަށް ސަމާލުކަން ދޭށެވެ. އެބަލިޖެހިއްޖެނަމަ، އެކަމުންލިބޭ ވޭންތައް ކުޑަކުރުމަށް ފިޔަވަޅު އަޅާށެވެ.

Leave a Comment

Your email address will not be published.