މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އެސް.އެސް.ސީ އިމްތިހާނު ފުރުޞަތު ސަރުކާރުން ފަހިކޮށްދީފި

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އެސް.އެސް.ސީ އިމްތިހާނު، މެލޭޝިއާގައި ތިބެގެން ހެދުމުގެ ފަހި ފުރުޞަތު ސަރުކާރުން ދެއްވައިފިއެވެ.

މިއަދު ހެނދުނު މެލޭޝިޔާގައި ޤާއިމްކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި ކުރިއަށްދިޔަ މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.

އެސް.އެސް.ސީ އިމްތިހާނު މެލޭޝިއާގައި ހެދުމުގެ ފުރުޞަތު އިފްތިތާޙުކުރެވުމާއިއެކު ކުރިޔަށް އޮތް ޖޫންމަހުގެ 1 އިން 6 ގެ ނިޔަލަށް ކުރިއަށްދާ އެސް.އެސް.އީ އިމްތިޙާނުގައި މެލޭޝިޔާގައި ދިރިއުޅޭ 6 ދަރިވަރަކު ބައިވެރިވާނެއެވެ. އިމްތިޙާނު ބޭއްވުމަށް މިހާރުވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ދެ މުވައްޒަފުން  އެގްޒަމިނޭޝަން އޮފިސަރުންގެ ގޮތުގައި ތަމްރީނުކޮށްފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ މެލޭޝިޔާގައި ކިޔަވަން އުޅޭ ދިވެހި ކުދީންގެ ތެރޭގައި، ވަރަށް ތުއްތު ޢުމުރުން ފެށިގެން މިތަނުގައި ދިރިއުޅެ ބޮޑެތިވާ ކުދީން އެބަތިބިކަމަށާއި،  ދިވެހިރާއްޖޭގައި ނޫޅުނު ކަމުގައިވިޔަސް މިކުދީންނަށް އަޅުގަނޑުމެންގެ ޘަޤާފަތާ، ބަހާއި ދީން އުނގަންނައިދިނުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ދިވެހި ކޮންމެ ދަރިވަރަކީ ބަހާއި ޘަޤާފަތަށް އަހުލުވެރި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެ ބޮޑެތިވާ ދަރިވަރުންކަމުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ކުރިއަތް އޮތްތަނުގައި ކޮންމެ އަހަރަކުވެސް މެލޭޝިއާގައި މި އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިމްތިޙާނަށް ތައްޔާރުވުމަށްޓަކައި ދަރިވަރުންނާ މުދައްރިސުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީ އިން ފޯރުކޮށްދޭނެއެވެ. އަދި ދަރިވަރުންނަށް ބޭނުންވާ އިސްލާމް އަދި ދިވެހި ޓެކްސްޓް ފޮތްތައް ވެސް މިނިސްޓްރީއިން ފޯރުކޮށްދޭނެއެވެ.

މި ރަސްމިއްޔާތު ނިންމާލުމަށް ފަހު މިނިސްޓަރ ވަނީ މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިންނާ ބައްދަލުކުރައްވައި އެ ޤައުމުގައި ތިބި ދިވެހި ކުދިންނަށް އިސްލާމާއި ދިވެހި ކިޔަވައިދިނުމުގައި ދިމާވާ ދަތިތަކާ އަދި އެކަންތައް ޙައްލުކުރުމަށް  މިނިސްޓްރީއިން ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި މިނިސްޓަރ އާއި މިނިސްޓަރގެ ޓީމް ވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޝާޒޭ ޑި އެފެއާޒް އަލް އުސްތާޛާ މަރިޔަމް މިޒްނާ ޝަރީފް އަދި ހައިކޮމިޝަންގެ އިސްވެރިންނާ ބައްދަލުކުރައްވާ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމާއި ދިވެހި މާއްދާ ކިޔަވައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

 

Leave a Comment

Your email address will not be published.