ކުޑަކުދިން ވާހަކަދެއްކުމަށް އެހީތެރި ވެދެއްވާށެވެ

ލިޔުނީ: އާމިނަތު ޝާފިޢާ އާދަމް

ކުޑަކުއްޖަކު އަލަށް ވާހަކަ ދައްކަން ފަށާއިރު އިވޭ އަޑުތަކާއި ގޮތްތަކަކީ ވަރަށްބޮޑަށް ފާހަގަ ކުރެވޭ ކަމެކެވެ. ކޮންމެ މީހެއްގެ ދަރިއެއް ނަމަވެސް ކޮންމެ ތަނެއްގައިވެސް އެ އަޑުއިވުމުން ބަލާލެވި އެބުނާ އެއްޗެއް ވަރަށް އަޑު އަހާ ހިތްވާ ގޮތް ހުރެއެވެ.

ތުއްތު ކުއްޖެއް ފުރަތަމަ ބުނާބަހާ އެ ބަސް ފަހުން ޖުމްލައަކަށް ބަދަލުވަގޮތާއި އަދި އެ ޖުމްލަ ދެފަރާތުން ދެކެވޭ ވާހަކަ ގޮތައް ބަދަލުވާގޮތަކީ ޙައިރާން ކުރުވާފަދަ ޢައިޖައިބު ގޮތްތަކެއް އެކުލެވޭ ކަމެކެވެ. އެހެންވެސް ކަންކަމެކޭ އެއްފަދައިން ދަރިފުޅަށް ވާހަކަދައްކަންވެސް ދަސްކޮށްދޭ މުދައްރިސަކީ މަންމައެވެ. ކުއްޖާ ލައްވާ އަޑުތަކާއި ދައްކާ ވާހަކަ ކަނުލައި އަޑުއަހާ، އޭނާއާ ބައިވެރިވެގެން ވާހަކަދައްކާ،ފޮތްކިޔައިދީ، ލަވަކިޔައިދީ ހެދުމަކީ ވާހަކަދައްކަން ދަސްކޮށްދިނުމުގައި މުޅިޢުމުރަށް އެދަރިފުޅުގެ ކިބައިގައި އަށަގަނެދާނެ މުހިންމު ހުނަރުތަކެވެ. ތުއްތުކުދިންގެ ވާހަކަދެއްކުން ކުރިއަރައި ތަރައްޤީވަނީ އެކިއެކި  މަރުޙަލާތަކުގައި ތަފާތުކޮށެވެ.

0-6 މަހުގެ ކުދިން ވާހަކަދެއްކުމުގެ ގޮތްތައް ރުއިމުގެ ތަފާތު ވައްތަރުތައް ފާހަގަކުރެވޭނެއެވެ. އެއިން ކޮންމެ ވައްތަރަކުންވެސް ބުނާބަސް ދޭ މެސެޖު ތަފާތެވެ. އަހަރެން މިއޮތީ ދެރަވެފައި، އަހަރެން ސާފްކުރަން އާދޭ، ބަނޑުހައިވެއްޖެ، މިއޮތީ ވަރަށް ފޫހިވެފައި، އެކަނިވެފައި މިފަދަ އެތައްވާހަކައެއް މި ޢުމުރުގެ ކުދިން ރުއިމުން ދައްކާނެއެވެ. ރުއިމަކީ މިޢުމުރުގެ ކުދިން ވާހަކަދައްކާ ބަހެވެ.

ހިންހަމަނުޖެހޭ ކަން ނުވަތަ އުފާ ވާކަން ފާހާގަކުރުމަށް ތަފާތު އަޑުތައް ނެރުން، ބޮކިއަރުވާ އަޑުއަޑު ލެއްވުން، ދަންނަ އަޑުއަޑާއި ރާގުތައް ވަކި ކުރަން އެނގުން.

މިޢުމުރުގެ ކުދިން ބަސް ކުރިއެރުވުމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަން

  • މިޢުމުރުގެ ކުދިން އަޑުއަޑު ލައްވައި ބޮކިއަރުވައި ހަދާއިރު އެފަދައަޑުތަކުން އޭނައަށް ރައްދުދީހަދާށެވެ.
  • ކާންދޭއިރުގައާ ސާފުކުރާއިރު، ފެންވަރުވާއިރު އަދި މިފަދަ ތަފާތުކަންކަން ކުރާއިރު ގިނައިން ވާހަކަދައްކައި ކުޅެހަދާށެވެ.
  • ގިނައިން ލަވަކިޔައިދީ ހަދާށެވެ.
  • މަޑުމައިތިރި މިޔުޒިކާއި ރާގުރާގު ގިނައިން އަޑުއިއްވާ ހަދާށެވެ.

6-12 މަހާއި ދެމެދުގެ ކުދިންގެ ވާހަކަދެއްކުމުގައި ހުންނަގޮތްތައް

  • ބާއި ބާއި ކިޔައި އަތް ހޫރާލުން
  • ނަންގޮވާލުމުން އެދިމާލަކަށް ބެލުން
  • އާންމުކޮށް ގެންގުޅޭ ކުދި ކުދި އެއްޗެހީގެ ނަންތައް ވަކިކުރަން އެނގުން
  • ފޮޓޯ ފޮތް ފަދަ ގިނަ ތަސްވީރުތައް އެކުލެވޭ އެއްޗެއްސާ ގަޔާވާކަން ހާމަވުން
  • މީހުން ވާހަކަދައްކާއިރު އެދިމާލަކަށް ބަލަށްޓައިގެން އޮތުން
  • ފުރަތަމަބަސް ނުވަތަ އެވައްތަރުގެ މާނައެއް ދޭހަވާ ފުރަތަމަ އަޑުނެރުން.
  • އަޑުއަޑު ނެރެ ވާހަކަދައްކާފަދަ ޙަރަކާތްތައް އަނގައިން ކުރުން
  • މަންމަ ނުވަތަ ޕާ ފަދަ އަޑުތައް ލެއްވުން.

މި ޢުމުރުގެ ކުދިން ބަސްކުރިއެރުވުމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަން

  • ތުއްތު ދަރިފުޅަށް އޭނާއަށް ގިނައިން ކިޔައިދީ އެނަން ބޭނުންކޮށް ހެދުން
  • އާންމުކޮށް ގެންގުޅޭތަކެތީގެ ނަންތައް ބޭނުންކޮށް އިޝާރާތްކޮށްހަދާ ގިނައިން އެތަކެތީގެ ނަންތައް ހިމަނައިގެން ވާހަކަދެއްކުން
  • ތަފާތުކަންކަން ކުރާއިރު އޭނައަށް އެކުރާކަމަކާއި ބެހޭގޮތުން ކިޔައި ދީ ހެދުން، މިސާލަކަށް ސާރާ މިއުޅެނީ ވަރަށް ރީތި ރަތް ހެދުމެއްލާން، މިއަދު މިހިރީ ވަރަށް މީރުކޮށް ކައްކާފައި، ކެރެޓާއި ބަތާ ހާދަ މީރުވޭނޭ ދޯ!
  • މިގޮތައް އަބަދުވެސް އޭނާ ބައިވެރި ކުރާގޮތައް ވާހަކަދެއްކުމަކީ ބަސްދަސްކުރުމަށް މިޢުމުރުގެ ކުދިންނަށް ވަރަށް ބޮޑަށް އެހީތެރިވެދެވޭނެ ގޮތެކެވެ.
  • ތަފާތު ކުދިކުދި ކުޅިވަރު ތުއްތު ދަރިފުޅާއި އެކު ކުޅުން، މިސާލަކަށް: މޫނު މަތީގައި އަތް އަޅާ ފިލާގޮތް ހަދާލައި، ހީ މަޖާކޮށް ހަދާ، ކުޅިވަރު އެ ދަރިފުޅު ބައިވެރިކޮށްގެން ކުޅުން.
  • އުނގުމަތީގައި ދަރިފުޅު ބައިންދައިގެން ފޮތްތަކުގައި އާއި މެގަޒިންފަދަ އެއްޗެހީގައި ހުންނަ ވައްތަރު ވައްތަރުގެ ފޮޓޯތައް ދައްކައި ވާހަކަދައްކައި ހެދުން.
  • ކުޑަކުދިންގެ ތަފާތު ލަވަތައް ކިޔައިދީހެދުން.

12-18 ދެމެދުގެ ކުދިންގެ ވާހަކަދެއްކުމުގައި ހުންނަ ތަފާތު ގޮތްތައް

  • ކައިރީގައި އުޅޭ ދަންނަ މީހުންނާއި އާންމުކޮށް ގެންގުޅޭތަކެތީގެ ނަންތައް ވަކިކުރަން އެނގުން.
  • ހަށިގަނޑުގެ ތަފާތު ގުނަވަންތަކަށް އިޝާރާތްކޮށް ދައްކައި ހެދުން. މިސާލަކަށް: ނޭފަތް ކޮބައިހޭ؟ އެހުމުން ނޭފަތުގައި އަތްލުން.
  • ކުދިކުދި ކަންތައް ކުރަން ބުނުން. އެކަންކުރުން. މިސާލަކަށް: ދަރިފުޅު އަވަހަށް ނާނާ ކިޔަން އޮށޭވޭ! މިގޮތައް ބުނުމުން ނިނދަން އޮށޯތުން.
  • އެއްބަސް ނުވަތަ ދެބަސް ބުނަން ފެށުން
  • އާންމުކޮށް އިވޭ އަޑުތައް ކޮޕީކުރުން. މިސާލަކަށް: ކާރު، ދޫނި، ބައު ބައު މިފަދަ ބަސްތައް ވަރަށް އަވަހަށް ދަސްކުރާނެއެވެ.
  • އެއްބަހެއް ގިނަގިނައިން ތަކުރާކޮށް ކިޔައި ހެދުން.
  • މީހުން ވާހަކަދައްކާއިރު ބަލައިހެދުން
  • ހައި/ބާއި ފަދަ ބަސް ބުނަން ހަނދާން ކޮށްދިނުމުން ބުނުން.
  • ހޯހޯ/އޯހޯ ފަދަ އަޑުތައް މޫނުމަތީގެ ގޮތްތަކާއި އެކު ލެއްވުން.
  • ބޭނުންވާ އެއްޗެއް ނުވަތަ ބޭނުންވާ ކަމަކަށް އިޝާރާތްކޮށްގެން ނުވަތަ އެއްބަސް ބޭނުންކޮށްގެން ހޯދުން.
  • ތަސްވީރު ފޮތުގައި ހުންނަ ތަފާތު ތަސްވީރުތަކާއި ތަކެތި ފާހަގަ ކުރަން އެނގުން

މިއުމުރުގެ ކުދިން ބަސް ކުރިއެރުވުމުގެގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަން

  • ތުއްތު ދަރިފުޅަށް ކާރީގައި އުޅޭ މީހުންގެ ނަންތަކާއި އާންމުކޮށް ގެންގުޅޭ ތަކެތީގެ ނަންތައް ދަސްކޮށްދިނުން.
  • ތަފާތު ޖަނަވާރުތައް ލައްވާ އަޑުތައް ދަސްކޮށްދީ ހެދުން، އެފަދަ ތަސްވީރުތައް ހިމެނޭ ވާހަކަތައް ކިޔައިދީ އަޑުލައްވައި ހެދުން.
  • ގިނަ ފޮޓޯ ހިމެނޭ ކުރުވާހަކަތައް ކިޔައިދީ ހެދުން
  • ގަދަކުލަކުލައިގެ ތަފާތު އެއްޗެހި، މާ، ގޭގެ ފޮޓޯ، ޖަނަވާރުފަދަ ތަކެތީގެ ތަސްވީރު ތަތްކޮށް ސްކްރެޕް ފޮތް ހަދައި ކިޔައިދީ ހެދުން
  • ފަސޭހައިން ދޭހަވާގޮތައް އާދައިގެ ބަހުރުވައިން ތުއްތު ދަރިފުޅާއި ވާހަކަދެއްކުން. މިގޮތުން ތުއްތު ކުއްޖާ ނެރޭ އަޑުތައް ނެރެ އެގޮތައް ވާހަކަދެއްކުމުން ބައެއްފަހަރު ބަސްބޭނުންކުރުމުގައި ރަނަގަޅު އަޑުތަކާއި ގޮތްތައް އޮޅޭ ގޮތް ވުމަކީ އެކަށީގެން ވާކަމެކެވެ.

18 މަހާއި 02 އަހަރާއި ދެމެދުގެ ކުދިންގެ ވާހަކަދެއްކުމުގައި ހުންނަ ތަފާތު ގޮތްތައް 

  • 50 ބަސް ވަރު ބޭނުން ކުރާނެ، ނަމަވެސް އެއަށްވުރެ މާގިނަ ބަސް ދޭހަވާނެ.
  • މީހުންނާއި ވާހަކަދައްކާއިރު އިވޭ ކުދި ކުދި ބަސްތައް ފަހަތުން ރިޕީޓުކުރާގޮތައް އަޑުނެރޭނެ.
  • އަމިއްލައަށް ތަފާތު ވާހަކަދައްކާގޮތައް ކިޔާ ނުކިޔާ އެއްޗެއް ނޭގޭގޮތައް އަޑު އަޑު ނެރޭނެ.
  • ކުޅޭ އެއްޗެހީގެ ނަންތައް ކިޔައި، އާންމުކޮށް ފެންނަ އެއްޗެހީގެ ނަންތައް ވެސް ކިޔާނެ.
  • ދެބަސް ނުވަތަ ތިން ބަހުގެ ޖުމްލަ ބޭނުންކުރާނެ. މިސާލަކަށް: ބާއި ބާއި ބައްޕާ! އެންމެން ދިޔައީ!
  • ހޫމް ހޫމް ލައްވައި ކުރު ލަވަތައް ކިޔަން އުޅޭނެ
  • ކުރު ރާގު ރިދަމް ހުންނަ މިޔުޒިކް އަޑުއިވޭއިރު ކަނުލައި އަޑު އަހާނެ
  • ކަންފަތް ދައްކާށޭ ނުވަތަ ނޭފަތް ދައްކާށޭ ބުނުމުން އެ ގުނަވަންތައް ދައްކަން އިނގޭނެ
  • އާންމުކޮށް އެހެން ކިޔުއްވާ ހަދާނަމަ، ބާއި، ޓާޓާ، ދީ، ތޭންކިޔު ފަދަ ބަސްތައް ވާހަކަދެއްކުމުގައި ބޭނުންކުރާނެ.

މި އުމުރުގެ ކުދިންގެ ބަސް ކުރިއެރުވުމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަން

  • ކޮންމެ ދުވަހަކު މަދުވެގެން އެއްފޮތް ދަރިފުޅަށް ކިޔައި ދޭށެވެ.
  • ކުދި ކުދި ޖުމްލަތައް ތަކުރާރުކޮށް އަޑު ދަށުން ކިޔުމަށް ހިތްވަރުދޭށެވެ.
  • ކުދި ކުދި ކަންކަމަށް އިރުޝާދު ދީ ކަން ކުރުވަން އުޅޭށެވެ.
  • ރިދަމް ހުންނަ ކިޔުންތައް އެކި ވައްތަރުގެ ހަރަކާތާއި އެއްކޮށް ފޮޓޯ ދައްކައިގެން ކިޔައި ދޭށެވެ. މިސާލަކަށް: ނާސަރީ ރައިމްސް ލަވަތައް.

 02-03 އަހަރާއި ދެމެދުގެ ކުދިންގެ ވާހަކަދެއްކުމުގައި ހުންނަ ތަފާތު ގޮތްތައް

  • ފޮތުން 10 ފޮޓޯ އަށްވުރެ ގިނައިން އެއީ ކޮން އެއްޗެއްކަން ދޭހަވާނެ.
  • އާދާގައި ބޭނުންކުރާ ބަސްތައް ތަފާތު ގޮތް ގޮތައް ބޭނުންކުރާނެ
  • އޭނާގެ ނަމުން ގޮވާލައި އަޑުއިވުމުން އެކަމަށް އިޖާބަދީ އެންބުރި ބަލާނެ
  • އެކި ކަންތައް ތަކަށް އިރުޝާދު ދިނުމުން އެކަންކުރާނެ
  • ބަހުގައި ހުންނަ އެކަތި އޭގެ ގިނަ އެއްޗިއްސަށް ބޭނުންކުރާ ބަސްތައް ކިޔާނެ. މިސާލަކަށް: ފޮތް- ފޮތްތައް، އަދި ބަހުގެ ތަފާތުގޮތް މިސާލަކަށް: ކަނީ،ކައިފި މިފދަގޮތަކަށްވެސް ބޭނުންކުރާނެ.
  • ވާހަކައާއި ލަވަ އަދި ރިދަމްހުންނަ ޅެންބަހުރުވަ ފަދަ އަޑުތަކަށް ޝައުގުވެރިވާނެ
  • 2/3 ބަހުގެ ޖުމްލަ ބޭނުންކުރާނެ
  • ފޮތްތަކަށް ވަރަށް ޝުއުގުވެރިވާނެ
  • ލޯ ނުވަތަ ނޭފަތް ފަދަ ތަފާތު ގުންވަންތަކަށް ކޮބައިހޭ ބުނެ ސުވާލުކުރާނަމަ އިޝާރާތްކޮށްދައްކާނެ.
  • މީހުން ދައްކާ ވާހަކައިގެ އަޑުތައް ފަހަތުން ތަކުރާރު ކުރާނެ.
  • ބަސް ގަތް ގަނޑަކަށް 500 ވަރަކަށް އިތުރުވާނެ

މިއުމުރުގެ ކުދިން ބަސްކުރި އެރުވުމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަން

  • ބަސް ބޭނުންކޮށްގެން ކުޅޭ ކުދި ކުދި ކުޅިވަރު ކުޅޭށެވެ. މިސާލަކަށް: މަންމައަށް އެބަ ފެނޭ ގަހެއް! ކޮއްކޮއަށް ފެންނަނީ ކޮންއެއްޗެއް؟
  • ދަރިފުޅު ދައްކާ ވާހަކަ އަޑު އަހައި، ވާހަކަ ކިޔައި ދީ އެކުގައި ލަވަކިޔައި ހަދާށެވެ.
  • ދަރިފުޅަށް ކުރުކުރު ލަވަ ދަސްކޮށްދޭނެ މަސައްކަތްކުރާށެވެ.

Leave a Comment

Your email address will not be published.