ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ މެލޭޝިއާގައި

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ މެލޭޝިއާއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި މެލޭޝިޔާ އާއި ދެމެދު ތަޢުލީމީ ދާއިރާއާ ގެ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

މެލޭޝިޔާއަށް ކުރައްވާ މި ދަތުރުފުޅުގެ ފުރަތަމަ ދުވަހު މިނިސްޓަރާއި މިނިސްޓަރ އަރިހުގައި ވޑައިގެން ވަފުދުގެ ބޭފުޅުން ވަނީ މެލޭޝިއާގައި ހުންނަ “އެޑިޔުސިޓީ އިސްކަންދަރ” އަށް ޒިޔާރަތްކޮށް އެތަނުގެ މެނޭޖިން ޑިރެކްޓަރ ވަން އަހުމަދު ސައިފުއްދީން އާއި އޮޕަރޭޝަންސް ޕްރޮފެސަރ ޑރ. ސަކީނާ ސޯފިޔާ ބަހްރޮމް އާއި ބައްދަލުކުރެއްވެވިއެވެ.

އެޑިޔުސިޓީއަކީ ތަފާތު އެކި ޔުނިވަރސިޓީތަކާއި ތަޢުލީމީ އިންސްޓިޓިއުޓްތަކާއި ރިސަރޗް އެންޑް ޑިވެލޮޕްމެންޓް ސެންޓަރތައް ހިމެނޭހެން ފަރުމާކުރެވިފައިވާ މެލޭޝިއާގެ ފުރަތަމަ މަލްޓި-ކެމްޕަސް އެޑިޔުކޭޝަން ސިޓީއެވެ. މިތަނުގައި އެޑިޔުސިޓީ ސްޕޯރޓްސް އަދި ރެކްރިއޭޝަނަލް ވަސީލަތްތައްވެސް  މި ތަނުގައި ޤާއިމުކޮށްފައިވެއެވެ.

އެޑިޔުސިޓީއާއި އެކު މިނިސްޓްރީއިން ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ޓީޗަރުންނާއި ޕްރިންސިޕަލުންނަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މިކަމާގުޅެގޮތުން ދެ ޤައުމުގެ ދެމެދުގައި ލިޔުން ބަދަލުކުރެވިފައިވެއެވެ. އެޑިޔުސިޓީއަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ ވަނީ އެތަނުގައި ހުރި އެކިއެކި ވަސީލަތްތައް ކަމަށްވާ “އިސްކަންދަރ ޕުޓެރި އޭރިއާ”، “އިސްކަންދަރ މެލޭޝިއާ ސްޓޫޑިއޯސް” އަދި “ޑްރޯން އެންޑް ރޮބޮޓިކް ޒޯން” ބައްލަވާލައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ އެޑިޔުސިޓީގައި ހުންނަ މެލޭޝިއާގައި އެންމެ ފުރަތަމަ ހުޅުވި އިކޯ-އިސްލާމިކް ސްކޫލް “އިދްރީސީ އިންޓަރނޭޝަނަލް ސްކޫލް” އަށް ޒިޔާރަތްކުރައްވާ އެ ސްކޫލް ބައްލާވާލައްވާފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ޖޯހަރްގެ ޗީފް މިނިސްޓަރ، ޑަޓުކް އޮން ހާފިޒް ގާޒީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ.

މޭ މަހުގެ 06-13 ވަނަ ދުވަހާ ހަމައަށް މެލޭޝިޔާއަށް ކުރާ މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން، ޕާރމަނަންޓް ސެކްރެޓެރީ އަޙުމަދު ޢަލީ އާއި ފައިނޭންސް އެކްޒެކެޓިވް ނައުޝާދު އިބްރާހިމްގެ އިތުރުން އެޑިއުކޭޝަން އޮފިސަރ އިބްރާހިމް އިސްމާލް ބައިވެރިވެ ވަޑައިގަންނަވައެވެ.

 

Leave a Comment

Your email address will not be published.