މަޖީދިއްޔާގެ ވަށާފާރު ރޭނުމާއި ޖަލާލުއްދީންގައި ކްލާސްތަކެއް އެޅުމުގެ މަސައްކަތުގެ 2 ކޮންޓްރެކްޓްގައި ސޮއިކޮށްފި

މަޖީދިއްޔާ ސްކޫލް ވަށާފާރު ރޭނުމުގެ މަސައްކަތާއި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި 8 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ 2 ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފިއެވެ. މި 2 ކޮންޓްރެކްޓްގައި ސޮއިކުރުން އޮތީ އެޑިޔުކޭޝަން މިނިސްޓްރީގައެވެ.
މަޖީދިއްޔާސްކޫލްގެ ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރެވުނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
މިއީ PSIP 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
ވެލްޓްރޭޑިންގ ކުންފުނިން މަޖީދިއްޔާ ސްކޫލް ވަށާފާރު ރޭނުމުގެ މަސައްކަތަށް ހުށަހަޅާފައިވަނީ 1,824,175.75ރ (އެއް މިލިއަން އަށް ލައްކަ ސައުވީސް ހާސް އެއްސަތޭކަ ހަތްދިހަ ފަސް ރުފިޔާ ހަތްދިހަ ފަސް ލާރި) އަށް މި މަސައްކަތް 40 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.
މިކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނަޢީމް އެވެ. ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް ޑިރެކްޓަރ އަބްދުﷲ އާސިމް އެވެ.

ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި 8 ކުލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިއީވެސް PSIP 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
މިކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 9,217,632.06ރ (ނުވަ މިލިއަން ދެލައްކަ ސަތާރަ ހާސް ހަސަތޭކަ ތިރީސް ދެ ރުފިޔާ ހަ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައިވެސް ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެކުންފުނީގެ ފައިނޭންސް ޑިރެކްޓަރ ރިފްޢަތު އިބްރާހީމް އެވެ.

Leave a Comment

Your email address will not be published.