ދަރިވަރުންގެ ފުރިހަމަ ހެދިބޮޑުވުމަށް މަގުފަހިވާނޭ އެތައްކަމެއް ސްކޫލް ނިޒާމުގެތެރެއިން ތަންފީޒުކުރަން ވަނީ ފަށާފައި- އެޑިޔުކޭޝަން މިނިސްޓަރ

ސްކޫލްތަކުގެ މާޙައުލަކީ ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާނޭގޮތަށް ބައްޓަން ކުރެވިފައިވާ މާޙައުލަކަށް ވާންޖެހޭ ކަމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދަރިވަރު ހުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރަކީ، ސްކޫލުން ދަސްކޮށްދޭ މުހިންމު އެއްބައިކަމަށްވުން މުހިންމުކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އިއްޔެ ތާޖުއްދީން ސްކޫލުގައި ފެށުނު “ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމްވެސް ވާހަކަފުޅު ދެއްކެވިއެވެ. ރަސްމިއްޔާތުޝަރަފްވެރި ކޮށްދެއްވީވެސް އެމަނިކުފާނެވެ.
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ދުޅަހެޔޮ ޞިއްޙަތަކަށް ފަހި މާޙައުލެއް ޤާއިމުވެފައިވާ ސްކޫލް މަފްހޫމަކީ ދަރިވަރުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބޭ ޞިއްޙީގޮތުން ރިވެތި އާދަ އަށަގެންފައިތިބި ދަރިވަރުންނަށް ހެދުމަށްޓަކައި ސްކޫލް ހިއްސާވާ ހުރިހާ އެންމެން ސްކޫލުގައި ހިނގާ ހުރިހާކަމެއްގައިވެސް ޞިއްޙަތަށް މަގުފަހިވާނޭ ގޮތަށް ކަންތައްތައް ރާވާ ހިންގުމެވެ. މިކަން މިގޮތަށް ހިންގުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެތޭނެގޮތަށް ބަދަލުކޮށް މިހާރުވަނީ ސްކޫލްތަކާ ހިއްސާކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސްގައި މާލެ ސަރަޙައްދުގެ 17 ސްކޫލަކުން ހުށަހެޅުންތައް ހުށަހަޅައިދޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އިތުރު 79 ސްކޫލަކުން އޮންލައިންކޮށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމެނޭ އެންމެހައި މަރުޙަލާތައް ކިޔަވައިދޭ ސްކޫލްތަކުގައި ދުޅަހެޔޮ ޞިއްޙަތަކަށް ފަހި މާޙައުލެއް ގާއިމުކުރުމަކީ ރާއްޖޭގެ ތަޢުލީމީ ޤާނޫނުން ލާޒިމްކުރާ ކަމެކެވެ. އެ ލަނޑުދަނޑި ޙާޞިލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަމާގުޅުން ހުރި މުއައްސަސާތަކާއި ޖަމްޢިއްޔާތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. އެޑިޔުކޭޝަން މިނިސްޓަރގެ ރޭގެ ވާހަކަފުޅުގައި ވިދާޅުވީ މި ވޭތުވެދިޔަތާގައިވަނީ ދަރިވަރުންގެ ފުރިހަމަ ހެދިބޮޑުވުމަށް މަގުފަހިވާނޭ އެތައްކަމެއް ސްކޫލް ނިޒާމުގެ ތެރެއިން ތަންފީޒުކުރަން ފަށާފައި ކަމަށެވެ.

މި މަހުގެ 25 އިން 27 އަށް ކުރިޔަށްގެންދާ މި ކޮންފަރެންސަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާ ގުޅިގެން ތާޖުއްދީން ސްކޫލްގެ އެހީތެރިކަމާއެކު އެޑިޔުކޭޝަން މިނިސްޓްރީން ކުރިޔަށްގެންދާ ފުރަތަމަ “ހެލްތު ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް” އެވެ. މި ކޮންފަރެންސްގައި 17 ސްކޫލަކުން 136 ބައިވެރިން ބައިވެރިވާއިރު އޮބްޒާވަރުންގެ ގޮތުގައި 79 ސްކޫލަކުން އޮންލައިންކޮށް ބައިވެރިވެއެވެ. މި 136 ބައިވެރިންގެ ތެރޭގައި ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިން ހިމެނެއެވެ.

Leave a Comment

Your email address will not be published.