މައިގަނޑު ޤާބިލިއްޔަތު އެސެސްކުރުން: ޢާއްމުކޮށް ކުރާ ސުވާލުތައް

ތަރުޖަމާ ލިޔުނީ: ނިއުމާ މުހައްމަދު (އެން.އައި.އީގެ އެޑިއުކޭޝަން ޑެވެލޮޕްމެންޓް އޮފިސަރ ކޯރޑިނޭޓަރ)

ތިރީގައިވާ 10 ސުވާލަކީ އެން.އައި.އީ ވެބްސައިޓްގައި “ފްރީކުއެންޓްލީ އާސްކްޑް ކުއެސްޝަންސް އެބައުޓް ދަ ކީކޮންޕިޓެންސީސް” މި ނަމުގައި ފާތިމަތު ޝަހީމާ ތައްޔާރުކުރައްވާފައިވާ ޑޮކިއުމަންޓެއްގެ ދިވެހި ތަރުޖަމާއެކެވެ. މިމަޢުލޫމާތަކީ މުދައްރިސުންނަށް ވަރަށް ބޭނުންތެރި މުހިންމު މަޢުލޫމާތެކެވެ. ދިވެހި ބަހުން މިމަޢުލޫމާތު ޙިއްސާކޮށްލަނީ ގިނަ މުދައްރިސުންނަށް ދޭހަވާން ފަސޭހަވާނެތީއެވެ. ޚާއްސަކޮށް މައިގަނޑު ޤާބިލިއްޔަތާއި ބެހޭގޮތުން މުދައްރިސުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކާއި އޭގެ ޖަވާބުތަށް މި ލިޔުމުގައި ހިމެނިފައިވާތީއެވެ. އުއްމީދަކީ މިލިޔުމަކީ މުދައްރިސުންނަށް ބޭނުންތެރި ލިޔުމަކަށްވުމެވެ.

  • މައިގަނޑު ޤާބިލިއްޔަތުން ދަރިވަރުން އެސެސް ކުރަން މިޖެހެނީ ކީއްވެހެއްޔެވެ؟

ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށް އަމިއްލައަށް ކަންކަންކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި މައިގަޑު ޤާބިލިއްޔަތަކީ ބޭނުންކުރެވިދާނެ ވަރަށް މުހިންމު ވަސީލަތެކެވެ. މިޤާބިލިއްޔަތުތައް އެކި މާއްދާތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދިއުމުން ދަރިވަރުންނަށް އުނގެނުމަށް މަގުފަހި ކޮށްދޭ ބާރަކަށްވެއެވެ. ވީމާ މައިގަނޑު ޤާބިލިއްޔަތުގެ ބައިތައް ދަރިވަރުންގެ ކިބައިގައި އަށަގަންނުވަން މަސައްކަތްކޮށް އެބައިތައް ދަރިވަރުންގެ ކިބައިންފެނޭތޯ ބަލަމުން ގެންދަންޖެހެއެވެ. އަދި ދަރިވަރުންނަށް މިބައިތަކުންލިބޭ ކުރިއެރުންތައް ޙިއްސާކުރަންޖެހެއެވެ.

  • ސްކޫލުތަކުން މައިގަނޑު ޤާބިލިއްޔަތު އެސެސްކުރުމުގައި ކޮންމެ ޓާރމެއްގައި ވެސް 8 ޤާބިލިއްޔަތު ހިމަނަންޖެހޭނެހެއްޔެވެ؟

ކޮންމެ ޓާރމެއްގައި ހުރިހާ ޤާބިލިއްޔަތުތަކެއް އެސެސްކުރުމަކީ އެހާ ފަސޭހަ ކަމެއްނޫނެވެ. އެހެނަސް ކޮންމެ ޓާރމެއްގައި ކުރިއަށްގެންދެވިދާނެ މައިގަނޑު ޤާބިލިއްޔަތުތައް ކަނޑައަޅައި (ވަކި އަމާޒެއްގެދަށުން) ފޯކަސް ކުރާ ޤާބިލިއްޔަތުތައް އެސެސްކުރަމުންދާނީއެވެ. މިކަންތައްތައް ރާވައިގެން ކުރިއަށްގެންދާއިރު އެއްގްރޭޑެއްގެ ހުރިހާ މުދައްރިސުން އެއްގޮތަކަށް ކަންތައްތައްކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

  • ބައެއްމައިގަނޑު ޤާބިލިއްޔަތުތައް ދޫކޮށްލާފައި ވަކިބައިތަކެއް ކުރިއަށް ގެންދިއުމުން، ދެން އެހެން ޤާބިލިއްޔަތުތަކަށްވާނީ ކިހިނެއްހެއްޔެވެ؟ މިއީ މައްސަލައެއްހެއްޔެވެ؟

މައިގަޑު ޤާބިލިއްޔަތަކީ އޭގެ ޒާތުގައިވެސް އެއްޤާބިލިއްޔަތު އަނެއްޤާބިލިއްޔަތާއި ގުޅިލާމެހިފައިވާ އެއްޗެކެވެ. ވަރަށްގިނަ ޤާބިލިއްޔަތުގެ ސިފަތަކުގެ ތެރެއިން އަނެއް ޤާބިލިޔިއްޔަތުތަކުގެ ސިފަތަށްވެސް ފެންނާނެއެވެ. މިގުޅުންތައް ރަނގަޅަށް އޭގައި އެކުލެވިފައިވާ  ބައިތައް ބަލައި ދިރާސާކޮށްފިނަމަ ފެނިގެންދާނެއެވެ. މިސާލަކަށް މުއާސަލާތުގެ ހުނަރުތައް ކުރިއަށް ގެންދެވޭނީ އެހެންމީހުންނާއި ގުޅިގެން މަސައްކަތްކުރުމާއި ދޭހަވުމާއި ދޭހަކޮށްދިނުން ހިމަނައިގެންނެވެ. އަދިހަމަ އެފަދައިން ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް ޢަމަލުކުރުން މި ޤާބިލިއްޔަތުގެ ބައިތައްވެސް ހިމެނެއެވެ. މައިގަނޑު ޤާބިލިއްޔަތު އެކުލެވިފައިވަނީ  ޢިލްމީބައިތަކާއެކުއެވެ. ދަރިވަރުންގެ ކިޔަވައިދިނުމާއި އުނގެނުމުގެ ތެރޭގައި މައިގަނޑު ޤާބިލިއްޔަތު ކުރިއަށް ގެންދިއުމުން ދަރިވަރުންނަށް ލިބޭ ތަރައްޤީއާއި ކުރިއެރުންތައް އަވަސްވާނެއެވެ.

  • އަތްމަތީފޮތުގައި ދެވިފައިވާ މައިގަނޑު ޤާބިލިއްޔަތުގެ ހުރިހާ ބައިތަކެއް ފުރިހަމަކުރަންޖެހޭނެ ހެއްޔެވެ؟

ކޮންމެ ޤާބިލިއްޔަތެއްގެ ދަށުން އަތްމަތީފޮތުގައި ތަފްސީލް ދެވިފައިވަނީ ގިނަ ފާހަގަތަކަކުންނެވެ. އެއީ އެބައިތައް ބޮޑަށް އޮޅުންފިލުވައިދީ މުދައްރިސުންނަށް އެބައިތައް ބޮޑަށް ފަހުމު ކުރުވުމަށްޓަކައެވެ. ނަމަވެސް އެބައިތަކަކީ ކޮންމެހަރުފަތެއް ވަކިވަކިން ކޮންމެހެން ގެންދަންޖެހޭ ފާހަގަތަކެއް ނޫނެވެ. އަދި އަތްމަތީފޮތުގައި ދެވިފައިވާ ފާހަގަތަކުގައި މުދައްރިސުން ބޭނުންވާ އެންމެހައި ބައިތަކެއް ނުހުރެވެސްދާނެއެވެ. ނަމަވެސް އަތްމަތީފޮތުގައި ދެވިފައި ހުރިތަފްސީލްތަކަށް ފޯކަސްކޮށްގެން މުދައްރިސުންނަށް ފިލާވަޅުތައް ގެންދިއުމަށް ފަސޭހަވެ ބޭނުންކުރުމުން އިތުރު އެހީއަކަށްވާނެއެވެ.

  • ކިހިނެއްހޭ މައިގަޑު ޤާބިލިއްޔަތުތައް ފިލާވަޅުގެ ތެރޭގައި ހިމަނައިގެން އަޅުގަނޑުމެން (މުދައްރިސުން) ގެންދާނީ؟

ބޭނުންވަނީ މައިގަނަޑު ޤާބިލިއްޔަތުގެ ބޭނުންކޮށްގެން އުނގެނުމާއި އުގަންނައިދިނުމުގެ ވަށްޓަފާޅިއަށް ހެޔޮބަދަލުތައް އައުމެވެ. މިބައިތަކަކީ ކިޔަވައިދިނުމުގެތެރޭ އިތުރުކުރެވޭ އާބޮޅެއްނޫނެވެ. ނަމަވެސް މައިގަނޑު ޤާބިލިއްޔަތުގެ ސަބަބުން ދަރިވަރުން އަމިއްލައަށް އިސްނަގައިގެން ކަންކަންކުރުމަށް މަގުފަހި ކޮށްދޭނެއެވެ. މިސާލަކަށް އަމިއްލަ ނަފުސު ދެނެގަތުމާއި ތަންޒީމުކުރަން އެގޭ ދަރިވަރުންގެ ކިބައިގައި އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރުމުގެ ޤާބިލިއްޔަތުތައް އަށަގަނެއެވެ. އަދި މިފަދައިން އެދަރިވަރުންގެ އުގެނުމުގެ އަމާޒުތައް އަމިލައަށް ކަނޑައަޅައި އެހިސާބަށް ވާސިލްވާން މަސައްކަތް ކުރެއެވެ. ނަމަވެސް މިހާހިސާބަށް ދިއުމަށްޓަކައި  މުދައްރިސުން ދަރިވަރުންނަށް ކިލާހުގައި އެފަދަ ފުރުސަތުތަށް ފަހިކޮށްދޭންވާނެއެވެ.  ދަރިވަރުން ލައްވައި އަމާޒު ކަނޑައެޅުމާއި ދަރިވަރުންގެ ކިޔެވުމާއި ބެހޭގޮތުން ކުރިއަށް ދިއަގޮތާއި ބެހޭގޮތުން ރިފްލެކްޓްކޮށް ދެންކުރިއަށްގެންދަންވީ ކަންތަކާއިބެހޭގޮތުން ގޮތްތަކެއް ކަނޑައެޅުމަށް ފުރުސަތުތައް ފަހިކޮށްދޭންވާނެއެވެ. މިކަންތައް ފުރިހަމަގޮތުގައި ޙާސިލްވާނީ މުދައްރިސުންގެ ފުރިހަމަ އެހީތެރިކާމާއި އެއްބާރުލުން ލިބިގެންނެވެ.

  • އަޅުގަނޑުމެން (މުދައްރިސުން) މައިގަޑު ޤާބިލިއްޔަތުތައް އެސެސްކުރާނީ ކިހިނެއްހެއްޔެވެ؟

މައިގަނޑު ޤާބިލިއްޔަތުތައް އެސެސްކުރާނީ ދަރިވަރުން އެކި ކަންކަމުގައިއާއި އެކިހަރަކާތުގައި  އުޅެމުންދާ ވަގުތުގައެވެ. މުދައްރިސުން ތައްޔާރުކުރާ ފިލާވަޅުތަކަކީ މައިގަޑު ޤާބިލިއްޔަތުތައް ހިމެނިފައިވާ ފިލާވަޅުތަކަކަށްވާންވާނެއެވެ. މިސާލަކަށް ބައެއް ޤާބިލިއްޔަތުތައް އެސެސްކުރުމަށް އެންމެކަމުދާ ވަގުތުތަކަކީ ގުރޫޕްމަސައްކަތް ހިގަމުންދާ ވަގުތެވެ. ނުވަތަ ދަރިވަރުން ޢަމަލީ މަސައްކަތް ފުރިހަމަކުރަމުންދާ ވަތުތުތަކުގައެވެ. މުދައްރިސުންނަށް މި ބައިތައް އެސެސްކުރުމަށް ތަފާތު ޓޫލްސްތަށް ބޭނުންކުރެވިދާނެއެވެ. މީގައި މުދައްރިސުންގެ އޮބްޒަރަވޭޝަންތައް ނުވަތަ ތަފާތުގޮތްގޮތަށް އެއްކުރާ މަޢުލޫމާތުތައް ބޭނުންކުރެވޭނެއެވެ.

  • މުދައްރިސުންގެ ތެރެއިން ކޮންބައެއްތޯ މައިގަޑު ޤާބިލިއްޔަތުތައް އެސެސްކުރާނީ؟

އެ ގުރޭޑެއްގެ ހުރިހާ މުދައްރިސުންވެސް މައިގަޑު ޤާބިލިއްޔަތުތައް ދަރިވަރުންގެ ކިބައިގައި އަށަގަންނަމުންދާ ވަރު ދެނެގަތުމުގައި އާއި ކުރިއަރަމުންދާވަރާއި އެސެސްކުރުމުގައި ޝާމިލްވާންވާނެއެވެ. ނަމަވެސް ފުރިހަމައަށް މިބައިތައް އެސެސްކުރެވޭނީ ހުރިހާ މުދައްރިސުންގެ ވިސްނުން އެއްގޮތްކޮށްގެން އެއްބާރުލުން ލިބިގެންނެވެ. މައިގަނޑު ޤާބިލިއްޔަތުގެ ތެރިން ގެންދާނެ ބައިތަކަކީ ކޮބައިކަން ފޯކަސްކޮށް އެބައިތައް ކަނޑައަޅައިގެންނެވެ. މިބައިތައް އެސެސްކުރުމުގައި ދަރިވަރުންގެ ބައިވެރިވުން ވަރަށް މުހިންމެވެ. ދަރިވަރުން ބައިވެރިކުރުމުން ދަރިވަރުންނަށް ޤާބިލިއްޔަތުތައް ޙާސިލްވަމުންދާވަރު އެގި އެދަރިވަރަކު ދެންމަސައްކަތް ކުރަންވީ ގޮތަކީ ކޮންބައިތަކެއްކަން އެގިގެންދާނެއެވެ.

  • މައިގަޑު ޤާބިލިއްޔަތުތަކުން ދަރިވަރުންނަށް ލިބޭ ކުރިއެރުންތައް ބެލެނިވެރިންނަށް ރިޕޯރޓް ކުރަންވީ ކީއްވެހޭ؟

މައިގަޑު ޤާބިލިއްޔަތުތަށް އޭގެ ޒާތުގައި އެތަކެއްކަންތައްތަކެއް އެކުލެވިފައިވެއެވެ. އޭގެ ތެރޭގައި ގިނަ ތަޖުރިބާތަކުގެ ތެރެއިން ތަފާތު ހުނަރުތައް ކުރިއެރުވުމަށްޓަކައި ކުރެވޭނެކަންތައްތަކާއި އަދި ހަމައެފަދައިން ދަރިވަރުންގެ އަޚްލާޤު ރަގަޅުކުރުމަށްޓަކައި ކުރެވިދާނެ ކަންތައް  ހިމެނެއެވެ. މިހުރިހާ ކަމަކީ އެންމެދުވަހަކުން ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. ނަމަވެސް ގިނަދުވަސްތަކެއްގެ ތެރޭގައި މިޤާބިލިއްޔަތުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވިދާނެއެވެ. މިކަންތައްތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ފުޅާދާއިރާއެއްގައިމަސައްކަތްކުރެވިދާނެއެވެ. ކުލާސްތެރޭގައި ނުވަތަ ސްކޫލުންބޭރުގައިއާއި ގޭތެރެއިންވެސް  ގިނަތަޖުރިބާތައް ދާނީ މިގޮތުގެ މަތިން ކުރެވެމުންނެވެ. ވީމާ ބެލެނިވެރިންވެސް މިކަމުގައި ޝާމިލްވެ މުދައްރިސުންންނާއި ބައިވެރިވެ މި ޤާބިލިއްޔަތުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކޮށް ކުރިއަރަމުންދާވަރު ބަލަންވާނެއެވެ.

  • ދަރިވަރުންކިބައިން މިޤާބިލިއްޔަތުތައް ކުރިއަރަމުންދާ ވަރުގެ ހެކިތައް އެއްކުރާނީ ކިހިނެއްހެއްޔެވެ؟

މިޤާބިލިއްޔަތުތައް ދަރިވަރުންގެ ކިބައިން ކުރިއަރަމުންދާވަރު އެކިގޮތްގޮތައް މުދައްރިސުންނަށް ބެލިދާނެއެވެ. މީގެ ތެރެއިން އެއްގޮތަކީ ދަރިވަރުން އަމިއްލައަށް ’ލާރނިންގ ލޮގް‘  ގެންގުޅެގެންނެވެ.  އަމިއްލައަށް އަމިއްލަ ކުރިއެރުންތައް އެކި ޤާބިލިޔަތަކުން ކުރިއަރަމުންދާ ވަރު ބަލައި އަމިއްލަ އިހްސާސްތަކާއި ކުރިއެރުންތައް ’ލާރނިންގ ލޮގް‘ ގައި ލިޔަމުންދގެންދިއުމެވެ. މީގެ އިތުރުންވެސް ދަރިވަރުން ކުރިއަރަމުންދާ މިންވަރުގެ ހެކިތައް ވީޑިއޯކޮށް، ފޮޓޯއާއި، ބުލެޓިން ބޯރޑް، ނުވަތަ ޕޯރޓްފޯލިޔޯއިން ވެސް ދެއްކިދާނެއެވެ

  • ހަމައެކަނި ކިލާސް އޮބްޒަރވޭޝަން އިން މައިގަޑު ޤާބިލިއްޔަތު އެސެސްކުރެވިދާނެ ހެއްޔެވެ؟

މައިގަޑު ޤާބިލިއްޔަތު އެސެސްކުރުމަށް އެންމެ ރަގަޅީ ދަރިވަރުން އެކިޙަރަކާތްތަކުގައި ޝާމިލްވެގެން އުޅޭ އުޅުމުގަ އާ، އަދި މިނޫނަސް އެހެނިހެން ކަންތައްތަކުގެ ތެރޭގައި ދަރިވަރުން ޢަމަލީގޮތުން އުޅޭއިރުއެވެ. މިސާލަކަށް މައިގަޑު ޤާބިލިއްޔަތުތައް އެސެސްކުރެވިދާނެ ‘ކޯކަރިކިއުލާ’ ޙަރަކާތްތަކާއި ސްކޫލުގައި ހިންގާ ތަފާތު އިތުރު ޙަރަކާތްތަކުގެ ތެރޭގައިއެވެ. ނަމަވެސް މިނޫން އެހެނިހެން ކަންތައްތަކުންވެސް މައިގަޑު ޤާބިލިއްޔަތު ކުރިއަރަމުންދާވަރު ބަލަމުން ގެންދަންވާނެއެވެ.

https://www.nie.edu.mv/index.php/en/national-curriculum/competency-guide/264-kc-frequently-asked-questions

Leave a Comment

Your email address will not be published.