ލިޔުނީ: ނިއުމާ މުހައްމަދު (ނިއުމާ މިސް)
ކޮންމެ ދަރިވަރަކީވެސް ވަރަށް ތަފާތު ކުއްޖެކެވެ. ދަރިވަރުން އުޅޭއުޅުމާއި، އަޚްލާޤާއި، މިޒާޖާއި ކުރަންބޭނުންވާ ކަންތައްތައްވެސް ތަފާތުވާނެއެވެ. މިސާލަކަށް: މިކުދިން ގޭތެރޭގައި އުޅޭއިރުވެސް މިޒާޖުގެ ގޮތުންނާއި ތަބީއީގޮތުންވެސް ތަފާތުވާނެއެވެ. ވީމާ ކިޔެވުމާއި އުނގެނޭގޮތްތައް ނުވަތަ ފިލާވަޅުދަސްކުރާގޮތްތައްވެސްއެކި ކުދިންގެ ތަފާތުވާނެއެވެ. މިގޮތުން މިބަލައިލަނީ ދަރިވަރުން އުނގެނޭ ތަފާތު ގޮތްގޮތަށެވެ. ވާރކް މޮޑެލްއަކީ އިލްމްވެރިންގެ ތެރޭގައި މަޤްބޫލު އަދި ތައުލީމީ ދާއިރާގައި އުނގެނުން ކުރިއަށް ގެންދިއުމަށް ކަމުދާ ވަރަށް މަޤްބޫލް މޮޑެލްއެކެވެ.
ވާރކް މޮޑެލްގެ މޭސްތިރިއަކީ ނީލް ފްލެމިންގ އެވެ. އޭނާ މިތިއަރީ އުފެއްދީ 1987 އެވެ. ވާރކް މޮޑެލްގައި އުނގެނޭ 4 ގޮތްވެއެވެ. އެއީ 1) ފެނިގެން 2) އަޑުއަހައިގެން 3) ކިޔައި/ލިޔެގެން 4) އަމަލީގޮތުން ބައިވެރިވެގެންނާއި ހަރަކާތްކޮށްގެން
VARK is an acronym for Visual, Aural, Read/write and Kinesthetic. VARK is developed by Neil Fleming in 1987) Allen, Scheve & Nieter, 2011).
1. ފެނިގެން
އުނގެނޭއިރު ބައެއް ކުދިންނަށް ފަސޭހައީ ކިޔަވަދޭ އެއްޗެއްސާއި ތަސްވީރުފަދަ އެއްޗެހި ފެނުނީމައެވެ. ކިޔަވައި ދެމުންދާއިރު ފޯރުކޮށްދޭ މައުލޫމާތު ކިޔައިދޭއިރު އެއްޗެހި ފެނުނީމަ އެކުދިންނަށް އުނގެނެން ފަސޭހަވެގެންދެއެވެ. ގަދަ ކުލަތަކާއި އަސްލު އެއްޗެހި ފެނުމުން އެކުދިންނަށް ވިސްނަން ފަސޭހަވެ އެމައުލޫމާތު ފަސޭހަކަމާއެކު އަވަހަށް ދޭހަވެ ހަނދާނުގައި ހަރުލައެވެ. މިފަދައިން އުނގެނޭ ކުދިންގެ މަސައްކަތްތައްވެސް ތަރުތީބުވެފައި ވަރަށް ސާފުތާހިރުވާނެއެވެ. މިކުދިން ތަފާތު އެއްޗެހީގެ އެއްގޮތްކަންތަކާއި ތަފާތުތައް ވަރަށް ފަސޭހައިން ދެނެގަނެއެވެ.
މިފަދަ ދަރިވަރުންގެ އުނގެނުން ކުރިއަށް ގެންދިއުމަށް މިފަދައިން ކަންތައްތައް ކުރެވިދާނެއެވެ.
· ޗާރޓް ބޭނުންކުރުން، ކުރެހުން / ތަސްވީރު ބޭނުންކުރުން، ގްރާފް،މެޕް، ޑައަގްރަމްތައް ދައްކައިގެން
· އެނިމޭޓްކޮށްފައިވާ ވީޑިއޯތައް، ޑޮކިއުމެންޓަރީތައް، ޔޫޓިބްވީޑިއޯތައް ބޭނުންކޮށްގެން
· ހުށަހެޅުންތަކުން / ޕްރެޒެންޓޭޝަންތައް
· ޑިމޮންސްޓްރޭޝަންތަކުން/ މުދައްރިސުގެ ތަފާތު ހަރަކާތްތަކުން
· ދެވޭ މައުލޫމާތުތައް/ ލިޔުންތަކުގައި ތަފާތު ކުލަޖައްސައިގެން
2. އަޑުއަހައިގެން
ބައެއް ކުދިން އުނގެނޭއިރު މައުލޫމާތު ފަސޭހައިން އަޑުއަހައިގެން ދަސްވެއެވެ. މިފަދަ ކުދިންނަށް އެއްޗެހި ކޮންމެހެން ނުފެނުނަސް މުދައްރިސުން މައުލޫމާތު ކިޔައިދީނީމަ އަޑުއަހައިގެން ދަސްވެއެވެ. މިކުދިންނަށް ފަސޭހައީ ކުލާހުގައި ގިނައިން ބަހުސްކޮށް އަދި މަޝްވަރާތައް ކުރީމައެވެ. ސުރުޚީއަކާ ބެހޭގޮތުން އެއްކުއްޖަކު އަނެއްކުއްޖަކާއި ވާހަކަ ދައްކާލެވުނީމައެވެ.
މިފަދަ ދަރިވަރުންގެ އުނގެނުން ކުރިއަށް ގެންދިއުމަށް މިފަދައިން ކަންތައްތައް ކުރެވިދާނެއެވެ.
· މުދައްރިސު ދައްކާ ވާހަކަތައް ނުވަތަ ލެކްޗަރ އަޑުއަހައިގެން
· މިނޫނަސް މުއްދަރިސު ފިޔަވާ، އެމަޢުލޫމާތު އެނގޭ އިލްމްވެރިއަކު/ހުނަރުވެރިއަކު ލައްވާ، އެކިޔަވައިދޭ ސުރުޚީއަށް ވާހަކަ ދައްކުވައިގެން
· ލިޔެފައިވާ އަމިއްލަ ނޯޓްސްތައް/ ފިލާވަޅުގެ ބައިތައް އަމިއްލައަށް ކިޔައި ރެކޯޑްކޮށްގެން އަދި އަޑުއަހައިގެން
· ޕޮޑްކާސްޓްތައް އަޑުއަހައިގެން، އޯޑިއޯފޮތްތައްބޭނުންކޮށްގެން، އަދި ކިޔަވައިދިން ފިލާވަޅުގެ ރެކޯޑިން އަޑުއަހައިގެން
· ބައެއް ދަނޑިވަޅުގައި މިފަދަ ދަރިވަރަށް ފިލާވަޅު ވަކިން ކިޔައިދީގެން (ވަން- އޮން- ވަން ޓިއުޓަރިން)
· ނެމޮނިކްސް ބޭނުންކޮށްގެން
· މައުލޫމާތުތައް ހުންނަ ލަވަ އަޑުއަހައިގެން ނުވަތަ މައުލޫމާތުތައް ލަވައެއްގޮތަށް ހަދައިގެން
· ޓެލިކިލާސްގެ ވީޑިއޯތައްބަލައިގެން
3. ކިޔައި/ލިޔެގެން
ބައެއްކުދިންނަށް ފަސޭހައީ މަޢުލޫމާތު އަމިއްލައަށް ކިޔާފައި ލިޔުނީމައެއެވެ. މިކުދިން ގިނަފަހަރަށް މުދައްރިސުން ފިލާވަޅު އޮޅުން ފިލުވައިދޭގަޑިގައި ނޯޓްވެސް ކުރާނެއެވެ. މިކުދިން ފިލާވަޅުތައް ދަސްކުރަމުންދާ ގަޑީގައި ޑައިރީގައި ލިޔުނީމަވެސްފަސޭހައެވެ.
މިފަދަ ދަރިވަރުންގެ އުނގެނުން ކުރިއަށް ގެންދިއުމަށް މިފަދައިން ކަންތައްތައް ކުރެވިދާނެއެވެ.
· ޓެކްސްފޮތްތައްކިޔައިގެން
· ފިލާވަޅުގެ މައުލޫމާތުތައް/ ނޯޓްސްތައް ޝަރަހަކޮށްގެން
· ޕްރެޒެންޓޭޝަންސް އަމިއްލައަށް ހަދައިގެން
· އެކަނިއިނދެ ފިލާވަޅުތައް އަމިއްލައަށް ހަދައިގެން (އެހެންމީހުންގެ އުދަނގޫނެތި)
· ވާހަކައެއް އަމިއްލައަށް ލިޔެގެން: މިސާލަކަށް، ނޯޓްކޮށަފައިވާ ފިލާވަޅުގެ މައުލޫމާތުބޭނުންކޮށްގެން
· ކުދިކުދި ނޯޓްސްތައް އަމިއްލައަށް ލިޔެ މައުލޫމާތު އެއްކޮށްގެން
· ކޮންސެޕްޓް މެޕް/މައިންޑް މެޕްވެސް ހަދައިގެން
· މަޢުލޫމާތުތައް އެއްފޮތުން އަނެއްފޮތަށް ބަދަލުކޮށްގެން
4. ޢަމަލީ ގޮތުން ބައިވެރިވެގެންނާއި ހަރާކާތްކޮށްގެން
ބައެއްކުދިންނަށް ފަސޭހައީ ކަންތައްތައް އިޙްސާސްކޮށް ތަޖުރިބާކުރީމައެވެ. މިފަދަ ކުދިންނަށް ގިނައިރު އިށީނދެގެން އިންނަށް އުނދަގޫވެއެވެ. ކުލާސްގަޑީގައި ކިޔަވަމުންދާއިރު މިކުދިން ކުދިކުދި ބްރޭކް/ހުސްވަގުތު ވެސް ބޭނުންވެއެވެ. މިގޮތަށް އުނގެނުން ބަށްޓަން ކުރުމުން ފިލާވަޅުތައް ހަނދާނުގައި ގިނަވަގުތަށް ހަރުލައެވެ.
މިފަދަ ދަރިވަރުންގެ އުނގެނުން ކުރިއަށް ގެންދިއުމަށް މިފަދައިން ކަންތައްތައް ކުރެވިދާނެއެވެ.
· އެކްސްޕެރިމެންޓްތައް ހަދައިގެން/ތަހުލީލުތައް ކޮށްގެން
· ފީލްޑް ޓްރިޕްގޮސްގެން
· ކިޔަވައިދޭއިރު ދޭ މަސައްކަތްތަކުގެ ތެރޭގައި ހިނގާބިގާވެ އުޅުމަށް ފުރުސަތު ދީގެން
· ފިލާވަޅުގެ ތެޜޭގައި ކުޅިވަރުފަދަ ގިނަ ހަރަކާތަތްތައް ހިމަނައިގެން
· ފިލާވަޅާއި ގުޅޭ މޮޑެލްތައް ތައްޔާރުކޮށްގެން
· ޑްރާމާ/ރޯލްޕްލޭ ކުޅުވައިގެން
· ފިލާވަޅުގެ ތެރޭގައި ޗާރޓްތަކާއި ބުކްލެޓްސްފަދަ ތަކެތި ހައްދުވައިގެން
.
ޜެފަރެންސް