ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްޞަ ކުރެވިގެން ހުޅުވަން ހަމަޖެހިފައިވާ ޞަލާހުއްދީން ސްކޫލްގައި ދިރާސީ އަހަރުގެ 2 ވަނަ ޓާމްގައި ކިޔެވުން ފެށޭނެކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހެނދުނު ބޭއްވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަސީމްއެވެ.
މިނިސްޓަރ ވިދާޅުވީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީއަށް ވަރަށްބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށެވެ. “މާދުރުގައި ހުރި ސްކޫލަށް ދަރިފުޅު ގެންދިއުމުގެ ބަދަލުގައި ހިނގާފައި މަދު މިނިޓްކޮޅަކުން ދަރިފުޅު މިހާރު ސްކޫލަށް ލެވޭނެ ” މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލާ އިންވެގެންހުރި ޕްރީ ސްކޫލްވެސް މިއަހަރުތެރޭގައި ހުޅުވިގެން ދާނެކަމަށެވެ. އަދި ގްރޭޑް 1ން 10އާ ހަމަޔަށް ކިޔަވައިދޭން ހަމަޖެހިފައިވާ ޞަލާހުއްދީން ސްކޫލްގައިވެސް ދިރާސީ އަހަރުގެ 2ވަނަ ޓާމްގައި ކިޔަވައިދޭން ފަށާނެކަމަށެވެ.
ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އައްޔަން ކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފް އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ އަށެވެ. އެމަނިކުފާނަކީ ދިވެހިބަހުން އެތައް ފޮތްތަކެއް ލިއުއްވި އަދީބެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ބަސް އިއްވެވި މޮޅު ބަސްމޮށުންތެރިއެއްވެސް މެއެވެ. އަދި އިލްމް އުނގެނި އަނެކުންނަށް އިލްމީ މަންފާ ފޯރުކޮށްދެއްވި ފާހަގަކޮށްލެވޭ ބޭފުޅެވެ.
މިއަދު ހުޅުވުނު ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް 1 ން 6 އަށެވެ. މީގެ އިތުރުން ފައުންޑޭޝަން ސްޓޭޖްގެ އެލްކޭޖީ އާއި ޔޫކޭޖީ ވެސް މިސްކޫލްގައި އޮންނާނެއެވެ. ސްކޫލް ހުޅުވުނުއިރު މިސްކޫލްގައި 824 ދަރިވަރުންނާއި 47 ޓީޗަރުން އެބަތިއްބެވެ.