‘ޓްރާންސްފޯރމިންގ އެޑިޔުކޭޝަން ސަމިޓް 2022’ އަށް ރާއްޖޭން ހުށަހަޅާ ކަރުދާހަށް މަޝްވަރާ ހޯދަނީ

މިސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގައި ބާާއްވާ “ޓްރާންސްފޯރމިން އެޑިޔުކޭޝަން ސަމިޓް 2022” އަށް ހުށަހަޅާ ކަރުދާސް ތައްޔާރުކުރުމުގައި ދިވެހިރާއްޖެއިން ކަނޑައަޅާނޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިސަމިޓަކީ ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާގޮތަށް އދގެ ސެކްރެޓަރީ ޖެނެރަލް ގެ އިސްނެންގެވުމުގެ މަތިން ބާއްވަން އިންތިޒާމް ކުރެވޭ ސަމިޓެކެވެ.

މި ސަމިޓްގެ އަމާޒަކީ މިހާރުން ފެށިގެން 2030 ވަނަ އަހަރާ ދެމުދު ތަޢުލީމު ފޯރުކޮށްދިނުމުގައި ބަދަލުތަކެއް ގެނައުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އެއްބައިވަންތަކަމާއި ކަންކަމުގެ ޙައްލު ހޯދުމަށް، ޤައުމީ ތަސައްވަރުގެ ތެރޭގައި ތަޢުލީމަށް މިހާރަށްވުރެ އިސްކަމެއް ދިނުމެވެ. މި ސަމިޓް ބޭއްވިގެން މިދަނީ ވަރަށް ވެސް ގޮންޖެހުން ބޮޑު ދެ ކަމެއްކަމުގައިވާ ތަޢުލީމުގެ ފެންވަރާއި އުމުރުދުވަހަށް އުނގެނުމުގެ ހައްޤު ފޯރުކޮށްދިނުމުގެ ތަރަހައިގެ ތެރޭގައެވެ.

ކޮވިޑް-19 ގެ ސަބަބުން ތަޢުލީމު ފޯރުކޮށްދިނުމަށް ކުރިމަތިވި އައު ގޮންޖެހުންތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ދިމާވި ގޮންޖެހުންތައް ޤައުމުތަކަށް އިތުރުވިއެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި 4 (ތަޢުލީމު) ހީނަރުވެގެން ދިޔަދިއުން ނެގެހެއްޓުމަށްޓަކައި ތަޢުލީމު ފޯރުކޮށްދިނުމަށާއި ތަޢުލީމު ލިބިގަންނަ ޙިއްސާދާރުން އެކުގައި މަސައްކަތްކޮށް، ތަޢުލީމު ފޯރުކޮށްދިނުމަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި މި ސަމިޓް ވެގެން ދާނެއެވެ.

މި ސަމިޓަށް ކޮންމެ ޤައުމަކުން ކަރުދާހެއް ހުށަހެޅުމަށް އ.ދ އިން ވަނީ އިރުޝާދު ދީފައެވެ. މި ކަރުދާސް ތައްޔާރުމަށްޓަކައި އ.ދ ގެ ހުރިހާ ޤައުމުތަކުން ވެސް އެ ޤައުމެއް ތަޢުލީމީ ހިއްސާދާރުން ޝާމިލްވާގޮތަށް ޤައުމީ ފެންވަރުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް އ.ދ އިން ލަފާދީފައިވެއެވެ.

ޤައުމީ ފެންވަރުގައި މިފަދަ ބައްދަލުވުންތައް ބޭވުމުގެ ބޭނުމަކީ ކޮވިޑް-19 އަށް ފަހު އެ ޤައުމެއްގައި ތަޢުލީމުގެ ކަންކަން ހުރިނެތްގޮތް ތަޢުލީމީ ހިއްސާދާރުންގެ މެދުގައި މަޝްވަރާކޮށް ދެނެގަތުމުގެ އިތުރުން، 2030ގެ ދެމެހެއްޓެނިވި ލަނޑުދަނޑި 4 (ތަޢުލީމު) ޙާޞިލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ. އަދި ހަމަ މިއާއެކު މި ފިޔަވަޅުތައް ކާމިޔާބުކުރުމަށް ހުރިހާ ފަރާތްތަކެއްގެ ޝާމިލުވުމާއި އެއްބާރުލުން ވިލަރެސްކުރުން ވެސް ހިމެނެއެވެ.

މިގޮތުން މިއަދު ރާއްޖޭގައި މި ބޭއްވުނު ބައްދަލުވުމަކީ މި ސަމިޓަށް ރާއްޖޭގެ ފަރާތުން ހުށަހަޅާ ކަރުދާސް ތައްޔާރުކުރުމަށްޓަކައި، 2030 ވަނަ އަހަރާ ހަމައަށް ތަޢުލީމު ފުޅާކުރުމާއި ހުރިހާ ފަރާތްތަކެއް ޝާމިލުކޮށްގެން ތަޢުލީމު ދިނުމަށާއި މުޅި އުމުރުގައި ކިޔެވުމަށް މަގުފަހި މާޙައުލެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ފަރާތުން ކުރިއަށް ދިއުމަށް ކަނޑައަޅާނެ ފިޔަވަޅުތައް ދެނެގަތުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުމެކެވެ. މިބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮފް ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ކޮންވީނަރ އަކީ ޑރ. މަހުމޫދު ޝައުޤީއެވެ. ތަޢުލީމާއި، ޒުވާނުންނާއި އަންހެނުންގެ ތަރައްޤީއާއި، ސިއްޙަތާއި، އިޖްތިމާޢީ ކަންކަމާ ގުޅުން ހުރި ސަރުކާރުގެ ވުޒާރަތަކާއި އޮފީސްތައް އަދި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތައް ހިމެނޭގޮތަށް ޖުމްލަ 80 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވެއެވެ.

 

 

 

 

Leave a Comment

Your email address will not be published.