ލިޔުނީ: ޢަބްދުއްރަޝީދު ސަޢީދު / ރަދީފް ހދ.ކުޅުދުއްފުށި ސިޓީ
ހަލީމިސްއަކީ އާއްމުގޮތެއްގައި އަވަހަށް ނިދައި ފަތިހުހޭލާ ތަރުތީބުން ކަންކަންކުރަން މަސައްކަތްކުރާ އަވަށު މަދަރުސާގެ ކީސްޓޭޖް އެކެއްގެ ، އޭ ކުލާހުގެ ކުލާސްޓީޗަރެވެ. އާއްމުކޮށް ހަލީމިސް ނިދުމުގެ ކުރިން ފޯނުގެ ޑާޓާ ، ވައިފައި އޮފްކޮށްލައެވެ. ސަބަބަކީ ނިދާގަޑީގައި ބޭކާރު އެހެނިހެން ކަންކަމާއި ވީހާވެސް ދުރުވެ ފުރިހަމަ ނިދި ހަށިގަނޑަށް އެންމެ އެކަށޭނަގޮތުގައި ލިއްބައިދިނުމަށެވެ. ފަތިހު ހޭލައި ނަމާދުކޮށް އަވަދިވެގެން ސައިތަށްޓެއްހިފައިގެން ބޭރު އުނދޯލީގައި މަޑުކޮށްލުމަކީ އާދަވެކުރާކަމެކެވެ. މިހެން އިނދެ ފޯނުގެ ވައިފައި އޮން ކޮށްލިއިރު ކަމަކުދާކަށްނެތެވެ. ސްޓާފުންގެ ވައިބަރ ގުރޫޕްގައި ލިޔެފައިވަނީ އަންނަ ހަފްތާގައި ‘ކިޔުއޭޑީ’ގެ ޓީމެއް، ސްކޫލް އޮބްޒަވޭޝަންއަށް އަންނަވާހަކައެވެ. އެހެނިހެން މުދައްރިސުންގެ ވަކިވަކި މެސެޖްތައްވެސް ހަލީމިސްގެ ފޯނަށް އައިސްފައިވަނީ މަދެއްކޮށެއްނޫނެވެ. ސަބަބަކަށްވަނީ ހަލީމިސްއަކީ އެންމެ ބަރާބަރަށް ފިލާވަޅަށް ތައްޔާރުވެ ކުލާހުގައި ކިޔަވައިދޭން ވަންނަ މުދައްރިސްކަން، ސްކޫލް މާހައުލުގެ އެންމެވެސް އިއްތިފާގުވުމެވެ.
ހެނދުނު ސްކޫލަށްގޮސް ސްކޫލް ގޯތިތެރޭގައިހުރި ބެންޗެއްގައި ހަލީމިސް މަޑުކޮށްލައިގެން އެއިނީ ފުރަތަމަ ދެގަޑީގައި ހެލްތް އެންޑް ޕީއީ ސަރ ގަޑި ނަންގަވައިދެއްވާއިރު ހަލީމިސްގެ ދަރިންކަމުގައި ދެކޭ ދަރިވަރުން ފެންނަ ފަށުގައި ދަރިވަރުންގެ ހިސާބު ގަޑީގެ މަސައްކަތްތަކެއް ވަޒަންކޮށް، އެއަށް އެކަށީގެންވާ ފީޑްބެކެއް ލިޔެލެވޭތޯއެވެ. ކުރުކޮށް ބުނާނަމަ އެވަގުތުކޮޅުގައިވެސް އެއްދޮނުގައި ދެބުޅި ޖަހާލުމަށެވެ. ހަލީމިސް އެންމެ ބޭނުންވިގޮތަށް މިއަދުގެ މިވަގުތުގެ ބޭނުންހިފޭގޮތެއް ނުވިއެވެ. މުދައްރިސުންގެ ބޮޑު ގުރޫޕެއް އައިސް ބެންޗު ފުރާލައި ސުވާލުތައް މަތިމައްޗަށް އޮއްސައި ބަންޑުންކޮށްލިއެވެ. އެވެނި ފިލާވަޅެއްގެ މިވެނިތަނެއް…؟ އެކުއްޖާ މައިތިރިކުރާނީ ކިހިނެއް…؟ އެ އައުޓްކަމަށް ގެންގޮސް މި ކީކޮންޕީޓެންސީ ހާސިލްކުރަން ހަދާނީ ކިހިނެއް؟ މިފަދަ ކިތައްމެ ސުވާލެއް އެއްފަހަރާ އެންމެން ވެގެން ކުރަން ފެށިއެވެ. ނަމަވެސް ހަލީމިސް ހަމަޖެހިލާފައި އެ އެންމެންނަށް ދިނީ މިހާރު ކިޔާގޮތަށް ‘ކޫލް’ އަދި އެހާމެ ކުރު ޖަވާބެކެވެ.
ހަލީމިސް ކިޔައިދިނެވެ. ‘ފިލާވަޅަށް ތައްޔާރުވާންޖެހެނީ ވަކިބަޔަކު ނުވަތަ މީހަކު އޮބްޒާވްކޮށް ބަލާނެތީއެއްނޫނެވެ. ފިލާވަޅަށް ހެޔޮކޮށް ތައްޔާރުވުމަކީ ކިޔަވައިދިނުމުގެ އެންމެ މުހިންމު އެއްބައި ނުވަތަ ބޮޑުބައެވެ. ނަމަވެސް ތިޔަ އެކުވެރިން ބޭނުންނަމަ މިއަދުގެ ސެޝަން ނިމިގެން އަޅުގަނޑަށް އެނގިހުރި މިންވަރަކުން ބުނެދީ އެހީތެރިވެދޭން މިހުރީ ހަމަ ތައްޔާރަށެވެ.’
‘ހިނގާ ގަޑިއެއްކިޔަމާ..’ އެތަނުގައި ތިބި ބައެއްމުދައްރިސުން ހިތާހިތާ ބުނެލި ކަހަލައެވެ. ‘އެއީތެދެއް އެކަން އަހަރެމެންގެ ކިޔަބައިން އެންމެ ރަނގަޅަކަށް ނުފެނޭ، މިއަދު މިގަންނަ ބިރާއި ތެޅޭތެޅުން އެކަމަށް އެބަހެކިވެއެވެ.’ ބެންޗުން ތެދުވެގެންދިޔަ ދެމުދައްރިސުންގެ ތެރެއިން އެކަކު ބުނެލިއެވެ.
ހަލީމިސް ކުރީހަފްތާގައިވެސް ދަރިވަރުން ގޮވައިގެންދިޔައީ ކުނިކޮށްޓަށާއި ގޮނޑުދޮށަށެވެ. އެހީތެރިއެއްގެ ގޮތުގައި ދެވިދާނެތޯ އަހަރެންގާތުގައި އެހުމުން އެކަމަށް އަހަރެން އާނބަސް ބުނީމެވެ. ދިޔުމުގެ ކުރިން ކުނިކޮށްޓާއި ގޮނޑުދޮށްވަނީ ހަލީމިސް ބަލައި އަދި ކުދިން ކުރާނޭ މަސައްކަތު ކަރުދާހާއި ނުވިތާކަށް ގުރޫޕްތައްވެސް ހަދާފައެވެ. ގުރޫޕްތަކުގެ ލީޑަރުންނަށް އައްޔަނުކޮށްފައި ތިބީ އެހެންމުދައްރިސުން އެންމެ ހަލަނިކަމަށް ބުނާ ދަރިވަރުންނެވެ. އެކަމަކު ހަލީމިސް ގަޑީގައި އެކަންކަމެއް ނުފެނެއެވެ. އެކި ކުދިންނަށް ވަނީ އެކި ޓާސްކްތައް ހަވާލުކޮށްފައެވެ. ކުދިން ކުރާނެކަމެއްނެތި ފޫހިވެގެން އުޅޭތަނެއްވެސް ނުފެނުނެވެ. ދަރިވަރުންނަށް ސްކޫލުން ދީފައިވާ ޓެބްލެޓް ބޭނުންކޮށްގެން ފިލާވަޅަށް ބޭނުންވާ ފޮޓޯނެގުމާއި، ވީޑިއޯކުރުމުގައި ކުދިން އުޅުނީ ވަރަށް އަވަދިނެތިއެވެ. ޖެހިގެން އައި ދުވަހު އެފިލާވަޅާ ގުޅިގެން ދެން ކުލާހުގައި ހަލީމިސް ކުރަނީ ކޮންކަމެއްތޯވެސް ބަލާލުމުގެ ޝައުގުގައި ކުލާސް ފެންނަފަށުގައި އަހަރެން މަޑުކޮށްލީމެވެ.
ފެނުނީ ތަފާތު މަންޒަރެކެވެ. ކުދިން ނެގިފޮޓޯތަކާއި ވީޑިއޯތައް ބޭނުންކޮށްގެން ކުދިން ހުށަހަޅައިދިނީ ކުނި މަދުކުރެވިދާނެ ގޮތްތަކެވެ. ބައެއްތަކެތި އަލުން ބޭނުން ކުރާނޭ ގޮތްތަކެވެ. ރަށް ގިރަން މެދުވެރިވާ ސަބަބުތަކާއި މުޖުތަމަޢުގެ ފެންވަރުގައި ކަންކަން ހައްލުކުރަން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ގުރޫޕުތަކުން ރަނގަޅު ކަންތައްތަކެއް ހުށަހެޅިއެވެ. އަނެއްކާ ހުށަހެޅުމުގައިވެސް އެކި ގުރޫޕުން ގެންގުޅުނުނީ އެކި އުކުޅުތަކެވެ. ބައެއް ގުރޫޕުތަކުން ކޮމްޕިއުޓަރުން ޕަވަރޕޮއިންޓްގައި ޕުރެޒެންޓޭޝަން ހެދި އިރު އެހެން ގުރޫޕަކުން ލީފްލެޓެއް އަދި ދެން އޮތް ގުރޫޕުން ޕޯސްޓަރެއް ދައްކާލުމުން ކުދިންނަށް ކަންކަން ކުރަންވީގޮތް ކުރިން ބުނެދެވިފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަވެގެން ދިޔައެވެ. އަދި ކުދިން އަމިއްލައަށް އިސްނަގައިގެން ރަށުގެ ހޭޅިފަށުގައި ގަސް އިންދާނޭ ދުވަހެއް ކަނޑައަޅައި ހޯދާނެ ގަހުގެ ވައްތަރުތައްވެސް ލިސްޓްކުރިއެވެ. މިވާހަކަ އަޑު އަހަންހުރި ކީސްޓޭޖް އެކެއްގެ ލީޑީންގް ޓީޗަރ ބުނީ ކުރީދުވަހު ހަލީމިސް އަވަދިނެތި އުޅުނީ އެކުލާހުގެ ދަރިވަރެއްކަމުގައިވާ އަލީގެ ބައްޕަ އަހުމަދުއާ ތަފާތު ސުވާލު ހިމެނޭ ބޮޑު އިންޓަވިއުއެއް ކުރުމުގައި ކަމަށެވެ. އަލީގެ ބައްޕަ އަހުމަދަކީ އަގަށް ގޭގެއިން ކުނި އުކައި ދޭމީހެކެވެ. އެދުވަހުގެ ފިލާވަޅުގައި އަލީއާ ތިކަމާ ގުޅުވައިގެން ވަރަށް ސުވާލު ކުރިއެވެ. އަދި އަލީ ވަރަށް ފަރިތަ ކަމާއިއެކު ޖަވާބުވެސް ދިނެވެ. ވާނީއެހެންނެއްނުން، އަލީއަށް އަލީގެ ބައްޕަގެފަރާތުން ކުނީގެ ވަރަށްގިނަ މައުލޫމާތު ވާނީ ލިބިފަތާއެވެ. އަނެއްކާ އެދުވަހުގެ ފިލާވަޅުނިމިގެން ގެއަށްދިޔައިރު ކުނީގެ މަސައްލަ ހައްލުކުރުމާއި ރަށްގިރުމުގެ ކަންކަން ހައްލުކުރާނޭގޮތުގެ ޖާނަލްއެއްވަނީ ކުދިން ލިޔެ، ގޭތެރޭގެ އެހެނިހެން ފަރާތްތަކާއި ހިއްސާކުރަން ކެތްމަދުވެފައެވެ. އެވާހަކަ އަޑުއަހަން ހުރި އެހެން މުދައްރިސަކުބުނީ ހަލީމިސްގެ ކުލާހުގެތެރެއިން ފެންނަ މަންޒަރު އެހެން ކުލާސްތަކާއި ތަފާތޭ އެންމެންވެސް ބުނަނީ ސަބަބުތަކެއް ހުރެގެން ކަމަށެވެ. ކުދިންނަށް ލިބޭ ހުސްވަގުތުގައި ތަފާތު މަސަކަތް ކޮށްލާނޭ ކޯނަރތައް ހަދާފައި ހުރުމާއި، ކުދިން ގަޔާވާކަހަލަ ޑިސްޕުލޭތައް ހުރުން ހިމެނެއެވެ. ކުލާސްތެރެއިން ކުދިންގެ މަސަކަތް ގިނައިން ފެންނަން ހުންނާތީ ރިވިއު މީޓިންއަށް އަންނަ ކުދިންގެ ބެލެނިވެރިންވެސް އުފަލާއެކު އެކަން ފާހަގަކުރެއެވެ.
އަހަރެމެން އެންމެންވެސް މަސައްކަތްކުރަންވީ އުނގެނުމަކީ ކުދިން ކުރާހިތުން ގަޔާވެގެން ކުރާކަމަށް ހެދޭތޯއެވެ. ފިލާވަޅުތައް ނިމިގެންދާއިރު އެފިލާވަޅުން ދިރިއުޅުމުގެ ކަންކަމަށް އޭގެން ބޭނުންހިފޭނީ ކޮން މިންވަރެއްތޯ އަބަދުމެ ސުވާލުކުރަމުންނެވެ. ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުމަށް ކިޔަވައިދިނުން ބައްޓަންކުރަމުންނެވެ.