ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހިންގާ ޚާއްސަ ޙަރަކާތެއްގެ ގޮތުގައި ނ އަތޮޅު ކެނދިކުޅުދޫގައި ކުރެހުމުގެ މަޢުރަޒެއް ބާއްވައިފިއެވެ. ‘ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން’ މި މަވްޟޫޢުގެ މައްޗަށް ކެނދިކުޅުދޫ ސްކޫލްގައި ބޭއްވި މިއާޓް އެގްޒެބިޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީއެވެ.
އެގްޒެބިޝަން ހުޅުއްވައި ދެއްވުމުގެ އިތުރުން ކުޑަކުދިންގެ ދުވަހާގުޅިގެން ބޭއްވުނު އެހެން ބައެއް ޙަރަކާތްތަކުގައިވެސް މިނިސްޓަރ ބައިވެެރިވެވަޑައިގެންނެވިއެވެ. މިގޮތުން މިދުވަސް ފާހަގަކުރުމަށްޓަކައި ނ. ކެނދިކުޅުދޫގައި ބޭއްވި ’ފެސްޓިވަލް ރަން‘ ދުވުމުގައިވެސް ރަށުގެ ކުޑަކުދިންނާއެކު މިނިސްޓަރ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ނ. ކެނދިކުޅުދޫގައި ކުރިއަށްދާ ޚާއްޞަ ޙަރަކާތްތަކީ ކެނދިކުޅުދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޔުނިސެފް މޯލްޑިވްސް އިން ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ އެކަމަނާ ނ. ކެނދިކުޅުދޫ އަށް ކުރައްވާ މިޒިޔާރަތުގައި އެރަށު ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލާ ގުޅޭ އެކި ކަންކަމާމެދު ކައުންސިލާ މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ކެނދިކުޅުދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެވުމުގައި އެ ސްކޫލަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި، އެ ކަންކަން ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައިވެއެވެ.
ކެނދިކުޅިދޫގައި ހިންގާ ޚާއްޞަ ޙަރަކާތްތަކުގައި މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކުޑަކުދިންނަށް ވާހަކަ ވިދާޅުވެދެއްވާ ‘ސްޓޯރީ ޓެލިން ސްޓޯލް’ އެއްވެސް ހުންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ފަހުން ޚަބަރު ލިބުނު ގޮތުގައި ކުޑަކުދިންގެ ހަވީރު، ވިއްސާރަވުމުގެ ސަބަބުން މާދަމާޔަށް މިހާރުވަނީ ފަސްކޮށްފައެވެ.