ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ތަޢުލީމީ ދާއިރާގައި ކުރައްވައިފައިވާ މުހިންމު މަސައްކަތްތަކާއި، ޙާޞިލުކުރެވިފައިވާ މުހިންމު ކަންތައްތަކުގެ މައްޗަށް އަލި އަޅުއްވައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ މިމަހު 15 ވަނަ ދުވަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގެ އުސްއަލިތައް

▪︎ މި ސަރުކާރުގެ މައިގަނޑު ތަޢުލީމީ ސިޔާސަތަކީ، ތަޢުލީމީ ނިޒާމުން ނުކުންނަ ކޮންމެ ދަރިވަރަކީ ޞައްޙަ އިސްލާމްދީންމަތީގައި ދެމިހުރި 21 ވަނަ ގަރުނުގެ ކާމިޔާބު ދިރިއުޅުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ލިބިހުރި ދުޅަހެޔޮ ކުއްޖަކަށް ހެދުން. މި މަގަށް މިކަން ގެންދެވޭނެ ގޮތަށް ތަޢުލީމީ ސިޔާސަތު ވަނީ ބައްޓަން ކުރެވިފައި. މިގޮތުން ފާއިތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާއިން ވަރަށްގިނަ ކަންކަންވަނީ ޙާޞިލުކުރެވިފައި.

▪︎ އެއްމެ މުހިންމު އެއްކަމަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމީ ގާނޫނެއް ފަރުމާވެ އަދި ތަޢުލީމީ ގާނޫނު ތަންފީޒުކުރަން ފެށުމާއެކު ގިނަކަންކަން ފަހިވެގެން ދިޔުން. އެއާއެކު ގިނަ މަސައްކަތްތަކެއް ފެށިގެން ހިނގައްޖެ.

▪︎ ދެވަނަޔަށް އެއްމެ މުހިންމު ކަމަކީ، މުދައްރިސުންގެ މުސާރަ ބޮޑުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތްތައް. ގިނަ ދުވަސްތަކަކަށްފަހު، މުދައްރިސުންނާ އަދި އެޑިޔުކޭޝަން ދާއިރާގައި މަސައްކަތްކުރާ ހުރިހައި ޕްރޮފެޝަނަލް ސްޓާފުންގެ މުސާރަ ބޮޑުވެ ތަޢުލީމީ ދާއިރާގެ މުއައްޒަފުންގެ މޫނުމަތިން ހިނިތުންވުން ފެނިގެންދިއުން. މި ބަދަލު ގެނެވިފައި މިވަނީ 8899 ޕްރޮފެޝަނަލް ސްޓާފުންގެ އަސާސީ މުސާރައިގެ %35 ގެ އިތުރުވުމެއް މުސާރައަށް ގެނައި ހެޔޮބަދަލުގައި އެކުލެވިގެން. މިއީ މިސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް.

▪︎ މިހާރު މަސައްކަތްކުރެވެމުން ދަނީ ރާއްޖޭގެ ހުރިހާ ސްކޫލްތައް އެއްދަންފަޅިޔަށް ކިޔަވައިދޭ ސްކޫލްތަކަކަށް ބަދަލުކޮށް ވަށައިޖެހޭ ތަޢުލީމެއްލިބޭ ސްކޫލްތަކަށް ހެދުމުގެ މަސައްކަތް. މިކަމަށްޓަކައި ވަރަށްގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް ކުރިއަށް ދަމުން އެބަދޭ.

▪︎ މި ސަރުކާރު ވެރިކަމާ ޙަވާލުވެ ފުރަތަމަ 100 ދުވަހުގެ ތެރޭ ސްކޫލްތަކުގެ ޙާލަތު ދެނެގަތުމަށް އޮޑިޓެއް ހެދުނު. އެއިން ފާހަގަ ކުރެވުނު ކަންކަމަށް ބަލައި، 212 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާނެ ޢުމްރާނީ ވަސީލަތްތަކަކީ ކޮބައިކަން ދެނެގަނެވުނު. އެޔާއެކު ކޮންމެ އަހަރަކަށްވެސް މިކަމަށް ބަޖެޓްކުރެވިގެން މަސައްކަތްކުރަމުން ގެންދޭ.

▪︎ މިގޮތުން 220 ޕްރޮޖެކްޓް ވަނީ ބަޖެޓްކުރެވިފައި. މި ޕްރޮޖެކްޓްތަކުގެތެރޭގައި ކުލާސްރޫމްތައް އެޅުމާއި، މަލްޓިޕާރޕަސް ހޯލްތައް އެޅުމާއި ސައިންސް ލެބް ހެދުމާއި ސްޓާފްރޫމް ހެދުމާއި ޢިމާރާތްތަކުގެ ވަށައިފާރު ރޭނުން ފަދަ މަސައްކަތްތައް ހިމެނޭ.

▪︎ މި 220 ޕްރޮޖެކްޓްގެ މަސައްކަތަށް ހޭދަކުރުމަށް 246 މިލިޔަން ރުފިޔާ 2019 ވަނަ އަހަރު ބަޖެޓް ކުރެވުނު. އަދި 2020 ވަނައަހަރު 514 މިލިއަންރުފިޔާ، 2021 ވަނައަހަރު 340 މިލިއަން ރުފިޔާ، 2022ވަނަ އަހަރު 215 މިލއަންރުފިޔާ ބަޖެޓް ކުރެވިފައިވޭ.

▪︎ މި 220 ޕްރޮޖެކްޓްގެ ތެރެއިން 40 އަށްވުރެން ގިނަ ޕްރޮޖެކްޓް ނިމި އެތަންތަނުގެ ބޭނުން ވަނީ ކުރަންފެށިފައި. އޭގެތެރޭގައި 488 ކުލާސްރޫމާއި، 81 މަލްޓިޕާޕަސް ހޯލާއި، އަދި 341 އެހެނިހެން ޢިމާރާތްތައް ހިމެނޭ. މި ތަންތާގެ ބޭނުން ހިފޭ މިންވަރަކުން ސްކޫލްތައް ގެންދެވެނީ އެއްދަންފަޅިއަށް ބަދަލުކުރެވެމުން.

▪︎ ސަރުކާރުން ހިންގާ 218 ސްކޫލުގެ ތެރެއިން 149 ސްކޫލް ހިނގަމުންދަނީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ގޮތުގައި. ބޭނުމަކީ، ވަށައިޖެހޭ ތަޢުލީމެއްލިބޭ ސްކޫލްތަކަށް ސްކޫލްތައް ހެދުން.

▪︎ ދެން ފެށުނު އިތުރު ޕްރޮގްރާމެއްގެ ތެރެއިން 44 ސްކޫލެއް ތަޢުލީމީ އާނިޒާމުގެ ތެރެއިން ކުރިޔަށް އެބަގެންދެވޭ. މި ސްކޫލްތަކުގައި ދުވަސް ފެށިގެންދަނީ ފަތިސް ނަމާދަށްފަހު ކުޅިވަރުގެ ޙަރަކާތަކުން. އެއްގަޑިއިރުގެ ކުޅިވަރުގެ ޙަރަކާތެއް ސްކޫލު ތެރެއާއި ސްކޫލުން ބޭރުގައި ހިންގުމަށްފަހު ސްކޫލްގެ ކިޔެވުން ފަށާ. މި ޙަރަކާތުގައި ބެލެނިވެރިންނާއި، ޢާންމުންވެސް ބައިވެރިވާކަމީ ވަރަށް ބޮޑު އުފަލެއް.

▪︎ ސްކޫލް ކުދިން ސްކޫލަށް އައިސް ހެނދުނުގެ ނާސްތާއަށްފަހު ފެށިގެންދަނީ، ކުލަބްތަކުގެ މަސައްކަތްތަކާއި ހުނަރު ދަސްކުރުމުގެ މަސައްކަތްފަދަ މަސައްކަތްތައް. ކިޔެވުމުގެ ވަގުތު ނުވަތަ ދުވަސް ނިމުމަށްފަހު ދެން ސްކޫލަށް އަންނާކަށް ނުޖެހޭ. ވަށައިޖެހޭ ތަޢުލީމުގެ މަފްހޫމަކީ މިއީ.

▪︎ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ތަޢާރަފްކުރުމަކީ، މި ސަރުކާރުގެ މައިގަނޑު ސިޔާސަތެއް. ސްކޫލްތަކަށް ނާސްތާ ޕޮރޮގްރާމް ފަށައިގެން ކުރިޔަށް މިގެންދަނީ އެކަމަށް ބެލެނިވެރިންގެ ފަރާތުން އަންނަ ރެސްޕޮންސެއްގެ މައްޗަށް ބިނާކޮށް. ވީމާ ރެސްޕޮންސް އަންނަ މިންވަރަކަށް ބަލައި ބޭނުންވާ ބަޔަކަށް ހެނދުނުގެ ނާސްތާ ދެވެމުން ދޭ. މި ޕްރޮގްރާމްގެ ތެރެއިން ވަރަށްގިނަ ހެޔޮ ބަދަލުތައް އަންނަމުން އެބަދާކަން ފާހަގަކުރެވޭ. އޭގެތެރޭގައި ދަރިވަރު ހެދި ބޮޑުވުމަށް ކުރާ ރަނގަޅު އަސަރުތަކާއި އަދި ކިޔެވުމުގެ ޝައުގުވެރިކަމަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކުރެވޭ.

▪︎ އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރެވި ވަށައިޖެހޭ ތަޢުލީމް ދިނުމުން ވަރަށްގިނަ އެދެވޭ ބަދަލު ދަރިވަރުންގެ ކިޔެވުމަށާއި، މުދައްރިސުންގެ ޕާރފޯމަންސަށްވެސް އަންނަމުން ދާ ހެޔޮބަދަލު މިހާރުވަނީ ފެންނަން ފަށާފައި.

▪︎ މާލޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގައި ދަތިތަކެއް އެބަހުރި. މާލޭގެ ސްކޫލްތައް މިވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައި. އެހެން އެކަންއޮއްވާ ހުޅުމާލެ ފޭސް 2 ގެ ހިޔާފްލެޓްތަކަށް މާލެސަރަހައްދަށް ހިޖުރަކޮށްފައިވާ ގިނަބަޔަކު ބަދަލުވުމުން އެތާގެ ސްކޫލްތަކެއް އިތުރަށް އަޅަންޖެހުމުން އެމަސައްކަތް ބޭނުވާ މިންވަރަށް އަވަހެއްނުވޭ. ނަމަވެސް 4 ސްކޫލެއްގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދަމުން އެބަދޭ. މިހާރުވެސް މުހުޔިއްދީން ސްކޫލާއި، ޢިއްޒުއްދީން ސްކޫލްގައި ވަނީ އެއްދަންފަޅިއަށް ކިޔަވައިދިނުން ބަދަލުކުރެވިފައި.

▪︎ ސްކޫލްތަކުގައި ކުދިން ވަރަށް ބޮޑަށް ގިނަވުމުން އެއްދަންފަޅިއަށް ސްކޫލްތައް ކުއްލިއަކަށް ބަދަލުކުރުމަށް އުނދަގޫތަކެއް ކުރިމަތިވޭ. މިސާލަކަށް އިސްކަންދަރު ސްކޫލުގައިވެސް 2500 އެއްހާ ދަރިވަރުން ކިޔަވަމުން އެބަގެންދޭ. އެހެންނަމަވެސް ދުރާލައި ރާވައިގެން މާލެ ސަރަހައްދުގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ޕްރޮގްރާމް ކުރިޔަށް އެބަގެންދެވޭ. މިހާރު ޖަމާލުއްދީން ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި އެސްކޫލަށް އިތުރު އެނެކްސްއެއް ހެދުމަށް ބަޔަކާވަނީ ޙަވާލުކުރެވިފައި.

▪︎ ތަޢުލީމީ ޤާނޫނުން ކުރަންޖެހޭ ކަންތައްތަކުގައި ހިމެނޭ މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ޕްރޮގްރާމް ކުރިޔަށް އެބަދޭ. މިކަމުގައި ގިނަ މަސައްކަތްތަކެއް ކުރެވި މިކަމަށް ބޭނުންވާ 10 މިލިޔަން ޑޮލަރުގެ ފައިސާ ވޯލްޑް ބޭންކުންވަނީ ލިބިފައި. އަދި މިކަން ތަންފީޒު ކުރާނެ ބޯޑެއް އެކުލަވާލެވިފައިވޭ. އަންނައަހަރުގެ އޯގަސްޓް މަހާ ހިސާބުގައި މިހާރުތިބި މުދައްރިސުންނަށް ލައިސަންސް ދެވޭވަރުވާނެކަމަށް އުންމީދު ކުރެވޭ.

▪︎  ގްރޭޑް 10 ނިންމާފައި އެހެން ތަނަކަށް އޭލެވެލްއަށް ކިޔަވަންދާން ނުޖެހޭ ކުދިން 18 އަހަރުވަންދެން ސްކޫލްތަކުގެ ތެރެއިން ކޮންމެވެސް ޕްރޮގްރާމެއްގައި ބައިވެރިކޮށްގެން ގެންގުޅެވޭނެ ނިޒާމެއް ތައްޔާރުކުރަމުން އެބަގެންދެވޭ. އެ ޕްރޮގްރާމަށް ކިޔަނީ “ހޭވައްލާ” ޕްރޮގްރާމް.

▪︎ ދަރިވަރުންނަށް ހުނަރު ދަސްކޮށް ދިނުމާއި ޑިސްޓެންސްކޮށް ކިޔަވައިދިނުމުގެ ޕްރޮގްރާމްވެސް ކުރިޔަށް އެބަގެންދެވޭ. އަދި ރަށްރަށުގައި ސްކޫލްތަކަށް ނުފޮނުވާ ކުދިން ތިބިތޯ ބަލައި އެފަދަ ކުދިން ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރިޔަށްދޭ.

▪︎ އެޑިޔުކޭޝަން ދާއިރާގެ މުވައްޒަފުންނާއި މުދައްރިސުންގެ ކޮލިޓީ ކަށަވަރުކުރުމަށްޓަކައި ހުރިހައި މުވައްޒަފުންނަށް އަމާޒުކޮށްގެން ކޯސްތަކާއި، ތަމްރީނާއި ސްކޯލަރ ޝިޕް ހޯދައިދިނުމުގެ މަސައްކަތްވެސް ވަރަށްބާރަށް ކުރިޔަށްއެބަދޭ.

▪︎ އޮންލައިންކޮށް ކިޔަވައިދިނުން ފަދަ  ކިޔަވައިދޭނެ އާގޮތްތައް ދަސްކޮށްދިނުމާއި، ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްތައްވެސް އެބަކުރިޔަށް ދޭ. އަދި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ނުވަތަ ފަންނީ ގާާބިލުކަން ކުރިއަރުވައި ތަރައްގީކުރުމުގެ ތެރެއިން އެ މުދައްރިސަކަށް ބޭނުންވާ އަޕްގްރޭޑިންގތައް ހުރިހާ ޑިޕާޓްމެންޓްތަކަށް އަމާޒުކޮށްގެން އަބަދުވެސް ގެންދެވޭ. ކޮންމެ ޓީޗަރަކަށްވެސް ކޮންމެވެސް އެއް ރޮނގަކުން ތަމްރީން މިހާތަނަށް ވާނީ ދެވިފައި.

▪︎ މިހާރު ޓާރގެޓް ކޮށްފައިވަނީ ހުރިހައި ސްކޫލްތައް ހިންގުމަށްވެސް ދިވެހި ޕްރިންސިޕަލުން ހޯދުމަށް. އެގޮތުން މިއަންނައަހަރުގެ އޭޕްރިލް މަހު، ތަމްރީން ނިމިގެން 18 ޕްރިންސިޕަލުން ޚިދުމަތަށް ނިކުމެ ސްކޫލްތަކާ ޙަވާލުވާނެ.

▪︎ ރައީސުލް ޖުމުހޫރިއްޔާ، ތަޢުލީމީ ދާއިރާއަށް ވަރަށްބޮޑު އަހުމިއްޔަތެއްދެއްވާ. އެގޮތުން އެމަނިކުފާނު އިސްވެ ހުންނަވައިގެން ކުރެއްވި ދިރާސާގައި ބެއްލެވި އެއްކަމަކީ، ތަޢުލީމީ ދާއިރާގައި މީހުން ހަރުނުލާ ސަބަބުތައް ހޯއްދެވުން. އަދި އެ ދިރާސާގެ އަލީގައި ގިނަކަންތައްތަކެއް ހޯދުނު. އެދިރާސާގައި ފާހަގަކުރެވުނު ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅުކޮށް ކަންކަން އިޞްލާޙްކުރުމަށް ވަރަށް މުހިންމުކަން ދީގެން މިނިސްޓްރީއޮފް އެޑިޔުކޭޝަނުން މަސައްކަތްތައް ކުރިޔަށް އެބަގެންދޭ.

▪︎ އަބަދުވެސް އެންމެބޮޑަށް ފާހަގަކުރެވެމުން އައި އަދި މިހާތަނަށް ޙައްލެއް ނުހޯދިއޮތް ކަމަކީ، މުދައްރިސުންގެ މުސާރަ ކުޑަވުމުގެ މައްސަލަ. އެކަން މިވަނީ މިސަރުކާރުން ހައްލުކޮށްދެއްވާފައި. އަދިވެސް އިތުރު މުދައްރިސުން ތަމްރީނު ކުރަންޖެހުނު ނަމަވެސް މިހާރު މިދާއިރާއަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު އިތުރުވެ މީހުން ޝައުގުވެރިވާ ދާއިރާއަކަށް ތައުލީމީ ދާއިރާ ބަދަލުކުރެވިއްޖެ. އެކަމަކު އަދިވެސް ސެކަންޑަރީގައި މަސައްކަތްކުރާ ދިވެހި މުދައްރިސުން މަދުކަން ފާހަގަކުރެވޭ.

▪︎ މިހާރުވެސް ޖުމުލަ އެއްބިލިޔަނަށް ވުރެން ގިނަ ފައިސާ ތަޢުލީމީ ދާއިރާގެ ކަންކަން ތަރައްގީކުރުމަށް ބަޖެޓް ކުރެވިފައިވޭ.

▪︎ މިހާާރުވެސް އަލަށް 4 ސްކޫލެއް ބަޖެޓްކުރެވިފައިވާއިރު 4 ސްކޫލެއް ޢިމާރާތްކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރެވެމުންދޭ. މީގެތެރޭގައި ސީ އެޗް އެސް ސީ ގެ އެނެކްސް އާއި، ޖަމީލުދީދީ ސްކޫލާއި، ކާމިލުދީދީ ސްކޫލް ހިމެނޭ. ދަރުމަވަންތަ ސްކޫލް އައު އިމާރާތުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި. ޞަލާޙުއްދީން ސްކޫލް އަންނަ އަހަރު ހުޅުވޭނެ. މުޙްޔިއްދީން ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ކުރިޔަށް އެބަދޭ. މީގެ އިތުރުން މާލޭގެ ސްކޫލްތަކާއި ޢިމާރާތްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށްއެބަދޭ. އަދި ޢަރަބިއްޔާ ސްކޫލް އަޅާބިން ސާފުކޮށް ޢިމާރާތް އެޅުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަދޭ.

▪︎ ކުޑަރަށެއް ތަފާތުކުރުމެއްނެތި ވަކި ރަށެއް ބެލުމެއްނެތި ހުރިހާ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ދިނުމަކީ މިސަރުކާރުގެ ވަޢުދެއް. ކުދި އާބާދީތައް ދިރިއުޅޭ ރަށްރަށަށް އެއްމެ އެކަށީގެންވާ ނިޒާމަކީ ސެޓެލައިޓް ނިޒާމުގެ ބޭނުންކޮށްގެން ގްރޭޑް 9 އިންފެށިގެން ކިޔަވައިދިނުން ކުރިޔަށް ގެންދިޔުން. މިގޮތުން ނ.މާފަރު ބ.ފުޅަދޫ ސްކޫލާއި، ގއ. ކޮނޑޭ ސްކޫލް ގައި މިނިޒާމް ބޭނުންކޮށްގެން ކިޔަވައި ދެވެމުންދޭ.

▪︎ ކަރިކިއުލަމް ރިވައިޒްކުރުމާއި ފޮތްތައް އިޞްލާޙު ކުރުމާއި، އަދި ގްރޭޑް 1 އާއި 2 ގެ މުގައްރަރާއި ހުރިހައި ފޮތްތައް މިހާރުވަނީ އިޞްލާޙުކޮށް ނިމިފައި. އަދި އަންނަ އަހަރު ކިޔެވުން ފެށެންވާއިރަށް ގްރޭޑް 3 ގެ މި މަސައްކަތް ނިންމާލެވޭނެ. މި ގޮތުން ކީ ސްޓޭޖް 4 އާއި ހަމައަށް ބޭރުގެ މުގައްރަރުތައް ފިޔަވައި އެހެން މުގައްރަރުތައް އަދި ގްރޭޑް 8 އާ ހަމައަށް ހުރިހާފޮތްތައް ރިވައިޒްކޮށް ނިންމައި ބޭނުން ކުރެވެން ފަށާނެ.


▪︎ އަންނަ އަހަރުވެސް ޚާއްޞަ ކުރެވިފައިވަނީ ރިޔާސީ ވަޢުދު ފުއްދުމަށްޓަކައި އައު މަސައްކަތްތަކެއް ކުރުމަށް. އޭގެތެރޭގައި ސްކިލް އެޑިޔުކޭޝަން (ޓިވެޓް) ހިންގުން ހިމެނޭ. މިހާރުވެސް ވަކި މިންވަރަކަށް ޢިމާދުއްދީން ސްކޫލްގައި އެމަސައްކަތް ފެށިގެން ކުރިޔަށް އެބަދޭ. މީގެތެރޭގައި ފަންނުވެށި، (ވޮކޭޝަނަލް ޕްރޮގްރާމް) މި ޕްރޮގްރާމް ހުރިހައި އަތޮޅުތަކަށް ތަޢާރަފް ކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާނެ. ތިމާވެއްޓާއި ރައްޓެހި ސްކޫލްތަކަށް ސްކޫލްތައް ހެދުމުގެ ޕްރޮގްރާމް ‘ފެހި މަދަރުސާ’ ޕްރޮޖެކްޓްވެސް ހިނގަމުންދޭ.
▪︎ ކޮވިޑުގެ ޙާލަތާއެކުވެސް މިހަތަރު އަހަރުތެރޭގައި ޙާޞިލުކުރެވުނު ކާމިޔާބީއާމެދު މެދު ހިތްހަމަޖެހޭ.

———————————————-

އެޑިޓަރުގެ ނޯޓް: މިއީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޕީއެސްއެމް އަށް ދެއްވި އިންޓަރވިޔުއިން ގެނެސްދެވިފައި މުހިންމު ބައެއް ޕޮއިންޓްތަކެކެވެ. އެކަމަނާގެ އިންޓަރވިޔުގައި މިނޫން ބައެއް އެހެންކަންކަމުގެ މައްޗަށް ބައްލަވައި ހޯއްދަވާފައިވާ ކުރިއެރުން ތަކުގެ މައްޗަށްވެސް ވާހަކަފުޅު ދެއްކެވިއެވެ.

 

 

 

Leave a Comment

Your email address will not be published.