މިއަދަކީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ގެ އަހަރީ ދުވަހެވެ. މިދުވަސް ފާހަގަ ކުރުމަށް އެންއައިއީގައި މިއަދުވަނީ ޙަފްލާއެއް ބާއްވާފައެވެ. އެންއައިއީ ގެ އަހަރީ ދުވަހަކީ އޮކްޓޯބަރ 6 އެވެ.
އެންއައިއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޙަފްލާއޮތީ މިއަދު ހެނދުނު އެ އިންސްޓިޓިއުޓްގެ ސެމިނަރ ރޫމްގައެވެ. މިޙަފްލާގެ ޝަރަފްވެރި މެހެމާނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ އަބްދުއްލަތީފް މުޙައްމަދެވެ. މިހަފްލާގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިޔަރ ޕޮލިޓިކަލް ޑިރެކްޓަރ ޒިޔާދު ރަޝާދާއި އެންއައިއީގެ ސީނިޔަރ މެނޭޖްމެންޓާއި މުއައްޒަފުން ބައިވެރިވިއެވެ.
އެންއައިއީގެ މުވައްޒަފުންގެ ކްލަބް ކަމަށްވާ “އެންއައިއީ ރިކްރިއޭޝަން ކްލަބް” އިން އިންތިޒާމް ކުރި މިޙަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން އެ އިންސްޓިޓިއުޓްގެ ޒިންމާދާރުވެރިޔާ ސޫދާ އާއި ރެކްރިއޭޝަން ކްލަބުގެ ރައީސް އަޙްމަދު ސަމީޙް ވާހަކަ ދެއްކެވިއެވެ.
ޝަރަފުވެރި މެހެމާންގެ ވާހަކައިގައި ނޭޝަނަލް އިންސްޓިޓިއުޓް އުފެދިގެން އައި ގޮތުގެ މައްޗަށް އަލިއަޅުއްވައި ވާހަކަ ދެއްކެވިއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އެންއައިއީ އަދާކުރަމުން ގެންދާ މުހިންމު ދައުރަށް ބައްލަވާލައްވައި މުއައްޒަފުންގެ ބުރަމަސައްކަތް ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތާގައިވެސް އެންމެ ފުރިހަމަގޮތުގައި މިދައުރު އަދާކުރުމުގައި ދެމިތިބުމަށް މުވައްޒަފުންނަށް ހިތްވަރު ދެއްވިއެވެ.
12 ޑިސެމްބަރ 2012ގައި ސަރުކާރުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ނަމުގައި ވަކި މުއައްސަސާއެއް އުފެއްދެވި ނަމަވެސް އެ މުއައްސަސާއިން ކުރަމުން ގެންދަނީ 1976 ވަނައަހަރު އޭރު ސަރުކާރުން އުފެއްދި އެޑިޔުކޭޝަން ޕްރޮޖެކެޓް އޮފީސް (އީޕީއޯ) އިން ފެށި މަސައްކަތްތަކެވެ.
އެންއައިއީ އުފެއްދެވުމަށްފަހު ސަރުކާރުންވަނީ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒާއި، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ މަސައްކަތް އެންއައިއީ އަށް ބަދަލުކުރައްވާފައެވެ. މިދެ އިދާރާއަކީ އީޕީއޯ އުވާލުމަށްފަހު އެތާގެ މަސައްކަތް ކުރަމުންއައި ދެއިދާރާއެވެ.