ލާރނިންގ ސްޓްރެޓެޖީ: “ޓީޗިން އަދާރސް” ނުވަތަ އެހެން މީހުންނަށް ކިޔަވައިދިނުން

ނިއުމާ މުހައްމަދު

26 ޖެނުއަރީ 2023

“ލާރނިންގ ސްޓްރެޓެޖީސް” ތެރޭގައި ވަރަށް ތަފާތު އުނގެނުމުގެ އުކުޅުތަކާއި ވަށްޓަފާޅިތައް ހުރެއެވެ. މިގޮތުން މިބަލައިލަނީ  “ޓީޗިން އަދާރސް” ނުވަތަ “އެހެން މީހުންނަށް ކިޔަވައިދިނުން” މި އުނގެނުމުގެ ވަށްޓަފާޅިއަށެވެ. މިއީ ތިމާއަށް އެނގުނު އެއްޗެއް އަނެކާއަށް އުނގަންނައި ދިނުމެވެ. ނުވަތަ ކިޔަވައިދިނުމެވެ. މި އުނގެނުމުގެ ވަށްޓަފާޅި ނުވަތަ އުކުޅުތައް ބޭނުންކުރުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. މި “ޓީޗިން އަދާރސް” ފިލާވަޅު ރޭވުމުގައި ހިމެނުމުން ދަރިވަރުން އުނގެނުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވާނެއެވެ.

ލިބޭ ފައިދާތައް

އުނގަންނައި ދިނުން މިގޮތަށް ބަށްޓަން ކުރުމުން ދަރިވަރަށް ދޭހަވި ބައިތައް ބޮޑަށް އެނގި، އުނގެނުން ކުރިއަރައިގެން ދިއުމަށް އިތުރު ބާރަކަށް ވެގެންދެއެވެ. މިސާލަކަށް، އުނގެނުނު ބައިތައް އެހެން ކުދިންނަށް ކިޔަވައިދިނުމަށް އެ ހަވާލުކުރާ ދަރިވަރިވަރުން ތައްޔާރުވާނެއެވެ. ތައްޔާރީ ތެރޭގައި އެކުދިން އަމިއްލައަށް އެބައިތައް ކިޔަވައިދިނުމަށްޓަކައި މުދައްރިސު ދީފައިވާ މައުލޫމާތުތައް ކިޔައި ރަނގަޅަށް ފަރިތަ ކުރާނެއެވެ. އެދަރިވަރު އަމިއްލައަށް އުނގެނުމަށް މަސައްކަތް ކުރާނެއެވެ. އެކުދިން އަމިއްލައަށް އޭނައަށް އެ ސުރުޚީ ނުވަތަ އެ “ކޮންސެޕްޓް” ދަށުން އެނގެނީ ކޮންބައިތަކެއްތޯ ބަލައި ނޭނގޭ ބައިތަށް ބަލައިހޯދައި އެނގޭތޯ މަސައްކަތް ކުރާނެއެވެ. ދަރިވަރު އަމިއްލައަށް އަމިއްލަ ނަފުސް އެސެސްކޮށްލައި (ސެލްފް އެސެސްމަންޓް) އެ ދަރިވަރު އަމިއްލައަށް ކުރަން ޖެހޭ ކަމެއްކަން އެނގި ޒިންމާދާރު ވާނެއެވެ. މިސާލަކަށް، އުނގެނުމާއި ދަސްކުރުމަކީ ދަރިވަރު އަމިއްލައަށް ކުރަންޖެހޭނެ ކަމެއްކަން އެނގިގެން ދާނެއެވެ. އޭގެ އިތުރުން އޭނަގެ އުނގެނުން އިތުރަށް ކުރިއަރައި ފުރިހަމަވެ މާނަހުރި ގޮތެއްގައި އުނގެނުން ކުރިއަށް ގެންދަން ފުރުސަތު ލިބެއެވެ.

މިގޮތަށް އެހެން ދަރިވަރަކަށް ނުވަތަ ދަރިވަރުންނަށް ކިޔަވައިދޭން، ކުލާހުގައި މަސައްކަތެއްގެ ގޮތުގައި ހަވާލުކުރުމުން ތަފާތު ކަންކަމާއި މެދު ވިސްނަން ފުރުސަތު ލިބި ވިސްނުން ތަރައްޤީވެ ގިނަ ދުވަހު އެ މައުލޫމާތު ސިކުނޑީގައި ހަރުލައެވެ (ލޯންގް ޓާރމް މެމޮރީ). ސަބަބަކީ ގިނަގިނައިން އަމިއްލަ މީހާއަށް އެނގޭ އެއްޗެއް އަނެކާއަށް ކިޔައިދިނުމުން އެބައިތަކަށް އެމީހަކު ފަރިތަވެ އެ މައުލޫމާތެއް ހަނދާނުގައި ހަރުލުން އަވަސްވެގެންދާނެއެވެ. މިގޮތަށް ކަންތައްތައް ކުރުމުގެ ސަބަބުން “މެޓަކޮގްނިޝަން” ފަދަ ވިސްނުންތައް ކުރިއަށް ދެއެވެ. ނުވަތަ ކިޔެވި ނުވަތަ އުނގެނުނު އެއްޗަކާއި މެދު އިތުރަށް ވިސްނައެވެ.

ލިބިގެންދާ ފައިދާތަކުގެ ތެރޭގައި ދަރިވަރުންގެ ކުޅަދާނަކަމާއި ކެރުންތެރިކަމާއި ލީޑަރޝިޕް ވަރުގަދަވުން ހިމެނެއެވެ. އަދި ދަރިވަރުން ތަފާތު ކަންކަމަށް ލޯހުޅުވި އެކުދިން އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެއެވެ. އެހެން ދަރިވަރަކަށް ނުވަތަ ޤުރޫޕު ކުދިންނަށް އެ މައުލޫމާތުތައް ކިޔައިދިނުމުން އޯގާތެރިކަމާއެކު މީހުންނާއި މުއާމަލާތްކުރާނެ ގޮތްތައް އެނގިގެންދެއެވެ. އުނގެނުމުގެ ތެރޭގައި އަނެއް ދަރިވަރާއި ކުރިމަތިވާ ދަތިތަކަކީ ކޮބައިކަން އޮޅުންފިލައި ތަފާތު މައްސަލަތައް ހައްލުކުރަން ދަސްވެގެންދާނެއެވެ. އަނެކާއަށް އެހީތެރިކަން ހެޔޮހިތުން ފޯރުކޮށްދިނުމަށް އާދަވެއެވެ. އަނެކާ ދައްކާ ވާހަކަތައް ކަނުލައި އަޑުއަހައި އަނެކާގެ އިހުސާސްތަށް ދެނެގަނެ، ލޯތްބާއެކު އަނެކާއަށް އެހީތެރިވާން ފުރުސަތު ލިބިގެންދެއެވެ.

“ޓީޗިން  އަދާރސް” ގައި ގެންދެވިދާނެ ހަރަކާތްތައް

  •  ގުރޭޑް 9 ނުވަތަ 10 ގެ ދަރިވަރުން ލައްވާ ތަފާތު ސުރުޚީތަކަށް ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަން ތައްޔާރުކޮށް ދަށް ގުރޭޑްތަކުގެ ދަރިވަރުންނަށް ތަފާތު ކޮންސެޕްޓްތައް ކިޔަވައިދެވިދާނެއެވެ. އަދި “އޯޑިއެންސް” ލައްވާ ސުވާލުތައް ވެސް ކުރެވިދާނެއެވެ. މިގޮތުން ކީސްޓޭ 1 ގެ ދަރިވަރުންނަށް ކީސްޓޭޖް 2 ގެ ދަރިވަރުންނަށް ކިޔަވައިދެވިދާނެއެވެ.

  •  ބެލެނިވެރިޔާއަށް ނުވަތަ ގޭގެ ކޮންމެވެސް ފަރުދަކަށް ކޮންމެ ދުވަހަކުވެސް ކުލާހުގައި އަލަށް އުނގެނުނު ކޮންސެޕްޓެއް ކިޔަވައިދިނުމަށް ދަރިވަރާއި ހަވާލުކުރުން

  •  ހިސާބު ނަމްބަރެއް “ވައިޓް ބޯޑު” ގައި ހެދުމަށްފަހު އެ ނަމްބަރު ހެދި ގޮތް ޖެހިގެން ކައިރީގައި އިން ދަރިވަރަށް ކިޔައިދިނުން

  • “ކްރިއޭޓިވް އާރޓްސް” ގަޑީގައި އެއްޗެއް ހެދުމަށް ކިޔައިދޭ އިރުޝާދުތައް މުދައްރިސު ގުރޫޕު ލީޑަރަށް ކިޔައިދިނުމަށްފަހު އެ ގުރޫޕެއްގެ ލީޑަރު ލައްވާ އެގުރޫޕަކަށް އިރުޝާދުތައް ކިޔައިދިނުން

  •  މާލެއާއި އަތޮޅު ތެރޭގެ ސުކޫލުތަކުގެ މެދުގައި މާއްދާގެ ފޯރަމްތައް ގޫގުލް މީޓް މެދުވެރިކޮށް ބާއްވައި ތަފާތު ސުރުހީތަކައް ދަރިވަރުން ލައްވާ ޕްރެޒެންޓްކުރުވުން

  •  ކުލާހުގައި ތިބޭ ފެންވަރު ރަނަގަޅު ކުދިންނާއި ބައެއް ދަރިވަރުންނަށް ކިޔަވައިދިނުމުގެ ޒިންމާ ހަވާލު ކުރެވިދާނެއެވެ. މިސާލަކަށް އެކުލާހުގައި އުޅޭ އުނގެނުމުގައި ލަސްކޮށް އުނގެނޭކުދިންނަށް ކިޔަވައިދނުމުގެ ޒިންމާ ފެންވަރު ރަނގަޅު ދަރިވަރަކާއި ހަވާލު ކުރެވިދާނެއެވެ.
  •  ފިލާވަޅު ތެރޭގައި މުދައްރިސު ނަގައިދޭ އާ “ކޮންސެޕްޓް” އަބަދުވެސް ޖެހިގެން އިން ދަރިވަރަށް (ޕިއަރ) މުދައްރިސު ކިޔައދިން ގޮތަށް ކިޔައިދޭން ބުނުން

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.