މިއަހަރުގެ ތިމާވެށި ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް ހުޅުވާލައްވައިގެން ބޭއްވެވި ތިމާވެށީގެ ވާހަކަ ފޮތް ލިޔުމުގެ މުބާރާތުގެ އެންމެ މޮޅު 10 ވާހަކައިގެ ތެރޭގައި އުލިގަމު ސްކޫލުން ބައިވެރިކުރި ވާހަކަ ހިމެނިއްޖެއެވެ.
މި ޖޫން މަހުގެ 5 ވަނަ ދުވަހުގެ ރޭ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ފާހަގަކުރި ގޮތުގައި “ތިމާވެށި ވާހަކަ” މި ފޮތުގައި ހިމެނުމަށް ހޮވާލެވުނު ވާހަކަތަކުގެ ތެރޭގައި އުލިގަމު ސްކޫލުގެ ގްރޭޑް 5 ގެ ދަރިވަރުން ހުށަހަޅާފައިވާ ” ދޮހޮއްކޮބޭގެ ކުނި ކޮތަޅު” މި ވާހަކަ ހިމެނިފައި ވެއެވެ. ހޮވާލެވުނު އެހެން ވާހަކަ ތަކެކޭ އެއްފަދައިން މި ވާހަކައިން ވެސް ރާއްޖޭގެ ރީތި ތިމާވެށި ރައްކާތެރިކޮށް، ރީތިކޮށް ބޭއްވުމަށް، އާއްމުން ހޭލުންތެރިކުރުވާނެ ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދީފައިވެއެވެ.
‘އޮންލީ ވަން އާރތު’ މި ޝިޢާރުގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން މުޅި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކީ ސްޓޭޖް ދޭއްގެ ދަރިވަރުންނަށް ހުޅުވާލެވުނު، މި މުބާރާތުގައި ގިނަ ސްކޫލުތަކަކުން ވާދަކޮށްފައިވާއިރު، އާބާދީގެ ގޮތުން ބޮޑެތި ސްކޫލްތަކާއި ވާދަކޮށް ދަރިވަރުން ހޯދި މި ކާމިޔާބީ ސްކޫލުން ފާހަގަކުރެއެވެ. މިގޮތުން ވާހަކަ ފޮތް ތައްޔާރުކުރި ދަރިވަރުންނަށް ލިބުނު ކާމިޔާބީގެ އަގުވަޒަންކޮށް، ސްކޫލުން ވަނީ ހަނދާނީ ލިޔުމެއް މި ދަރިވަރުންނަށް ދީފައެވެ. މި ހަނދާނީ ލިޔުން ހަވާލުކުރުމުގެ ކުޑަ ރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާތަބުކޮށް، ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތުގެ އެންމެ މޮޅު 10 ވާހަކައިގެ ތެރޭގައި މި ސްކޫލުގެ ދަރިވަރުންގެ ވާހަކަ ހިމެނިފައިވުމުން މި ސްކޫލަކީ ވެސް ، ބޮޑެތި ސްކޫލުތަކާއި ވާދަކުރެވޭނެ ޤާބިލްކަން ހުރި ދަރިވަރުންތަކެއް ތިބި ސްކޫލެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ސްކޫލަށާއި ރަށަށް ދަރިވަރުން ހޯދައިދިން ރީތި ނަމެއްކަން ފާހަގަކޮށް ދަރިވަރުންނަށް ، މަރުޙަބާއާއި ޝުކުރު ރައްދުކޮށްފައިވެއެވެ. އަދި ދަރިވަރުން ކުރި މަސައްކަތަށް ހިތްވަރު ދެއްވައި ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމުގައި ދަރިވަރުން ބައިވެރިވެ ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައި ވެއެވެ.