މުޙައްމަދު ޖަމާލުއްދީނުން ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކީ މަރިޔަމް ޒަހުވާ

ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީނު ސްކޫލްގެ 2019 އަދި 2020/2021 ވަނައަހަރުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

11 ޖޫން 2022 ވަނަދުވަހުގެރޭ މުޙައްމަދު ޖަމާލުއްދީނު ސްކޫލްގެ ހޯލުގައި ބޭއްވުނު މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑޮކްޓަރ ޢަބްދުﷲ ރަޝީދު ޢަހުމަދެވެ.

މިޖަލްސާގައި 2019 ވަނައަހަރާއި 2020/2021 ވަނައަހަރު ތަޢުލީމީގޮތުންނާއި ބައިނަލްއަޤުވާމީ އެކި މުބާރާތްތަކުން މަތީ އަރުތަ ހޯދި ދަރިވަރުންނަށް ތައްޓާއި އިނާމު ދެވުނެވެ.

2020/2021 ވަނަ އަހަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ފުވައްމުލަކު ދަޑިމަގު، ގާރޑަންހައުސް، މަރިޔަމް ޒަހުވާ މުޙައްމަދެވެ. މިދަރިވަރަށް ތައްޓާއި އިނާމު ހަވާލްކޮށްދެއްވީ ޝަރަފްވެރި މެހެމާން ޑޮކްޓަރ ޢަބްދުﷲ ރަޝީދު އަޙުމަދެވެ.

މިޖަލްސާގައި ޝަރަފްވެރިމެހެމާން ޑޮކްޓަރ ޢަބްދުﷲ ރަޝީދު އަޙުމަދު ދެއްކެވި ވާހަކަފުޅުގައި، މުޙައްމަދު ޖަމާލުއްދީން ސްކޫލަކީ ފެށުނީއްސުރެ މެދުކެނޑުމެއްނެތި، ތަފާތުވުމެއްނައިސް، އެއް ވާނެއްގައި، ވަރަށްރަނގަޅަށް ހިނގަމުންދާ ސްކޫލެއްކަން ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި މިނިސްޓަރގެ ނަންފުޅުގަޔާއި އެމަނިކުފާނުގެ އަމިއްލަނަންފުޅުގައި ސްކޫލަށް ޝުކުރުއަދާކުރެއްވިއެވެ.

އަދި އޯލެވެލްގައި އެންމެ ފުރަތަމަ ބައިވެރިވިފަހަރުވެސް ބޮޑުކާމިޔާބީއެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޢިލްމީގޮތުން މަތި ނަތީޖާއެއް ހޯދާފައި ނިންމާނުލުމަށާއި އިޖުތިމާޢީ އަގުތައް ދަސްކޮށް ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށްވުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އަދި ސްކޫލުން ތަޢުލީމު ފޯރުކޮށްދިނުމުގައި 21 ވަނަޤަރުގެ ހުނަރުތަކަށް ސަމާލުކަންދީގެން އުނގަންނައިދިނުމަށާއި ދަރިވަރުންގެ އުފެއްދުންތެރިކަމަށް ސަމާލުކަންދީގެން އުނގަންނައިދިނުމަށް މުދައްރިސުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ތަފާތު ރޮނގުތަކުން ދަރިވަރުން ކުރިއަރައިދާންޖެހޭކަމާއި، އެކިކުދިން ކުރިއަރައިދާނީ ތަފާތު ދައިރާތަކުންކަމަށްވިދާޅުވެ އެކަމަށް ސްކޫލުން ވަރަށްބޮޑަށް ސަމާލުކަންދިނުމަށް އެދިވަޑައިގެންނެވިއެވެ.

މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ދަރިވަރުން ފުރަތަމަ ފަހަރަށް އޯލެވެލް އިމްތިހާނުގައި ބައިވެރިވީ 2020/2021 ވަނަ އަހަރުއެވެ. މިއަހަރުގައި ދަރިވަރުން ތާރީޚީ ކާމިޔާބެއް ސްކޫލަށް ހޯދައިދީފައިވާކަން ސްކޫލުން ފަޚުރުވެރިކަމާ އެކު ފާހަގަކޮށްފައިވެއެވެ.

މިގޮތުން، ޤައުމީ ގަދަ 10 އެއްގައި، ސުކޫލުގެ 9 ދަރިވަރުން ހިމެނުނުއިރު 5 މާއްދާއިން މަތި 65 އިންސައްތަ ދަރިވަރުން ހޯދާފައިކަން އުފަލާއެކު ފާހަގަކޮށްފައިވެއެވެ.

Leave a Comment

Your email address will not be published.