ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ ރޭ ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ. އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އާއި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ރަޝީދު އަޙުމަދާއި ސަރުކާރުގެ އިސް، ބައެއް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިޖަލްސާގައި 20 އަހަރަށްވުރެން ދިގު މުއްދަތަކަށް ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޚިދުމަތްކުރެއްވި ޝަރަފުވެރިންނާއި 30 އަހަރަށްވުރެން ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޝަރަފުވެެރިންނަށް ޝަރަފުގެ ފިލާ އެރުވުން އޮތެވެ. 20 އަހަރަށްވުރެން ދިގުމުއްދަތުގެ ޚިދުމަތްތެރިންނަށް ޝަރަފުގެ ފިލާ ދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ އެވެ. 30 އަހަރަށްވުރެން ދިގު މުއްދަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނާ ޝަރަފުގެ ފިލާ ޙަވާލުކޮށް ދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމް އެވެ. މީގެ އިތުރުން ޏ އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރޭ މުނާސަބާއާ ގުޅިގެން އިންތިޒާމްކުރެވުނު ޙަރަކާތްތަކަށް ނައިބު ރައީސް ފައިޞަލް ނަސީމް ދެއްވި ތަރުޙީބާ ގުޅިގެން އެމަނިކުފާނަށްވެސް އެސްކޫލުން ރަމްޒީ ފިލައެއް އެރުވުން އޮތެވެ. ނައިބް ރައީސް ފައިޞަލް ނަސީމަށް މިފިލާ ޙަވާލުކޮށް ދެއްވީ އެސްކޫލްގެ ޕްރިންސިޕަލް އިސްމާޢީލް ސަޢުދުﷲ އެވެ.
މިޖަލްސާގައި ޝަރަފުވެރި މެހެމާން، ނައިބް ރައީސްގެ ވާހަކަފުޅު ދެއްކެވުންވެސް އޮތެވެ. ޏ. އަތޮޅުގެ 40 އަހަރުގެ މާޒީއަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އެސްކޫލްގެ ރަންޔޫބީލް ފާހަގަކުރެވޭއިރު އެސްކޫލް ވެގެންދާނީ މުޅި ރާއްޖެއަށް ނަމޫނާ ސްކޫލަކަށް ކަމުގައެވެ.
މިޚާއްސަ ޖަލްސާގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި އެސްކޫލުގެ ޕްރިންސިޕަލްކަން އަށެއްކަ އަހަރު ކުރެއްވި، މިހާރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ރަޝީދު އަޙުމަދުވެސް ވާހަކަ ފުޅު ދެއްކެވިއެވެ.
ޏ ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ ކުލަގަދަ ހުށަހެޅުންތަކާއެކު ކުރިޔަށް ދިޔަ މިޖަލްސާގައި ސްކޫލަށް އެކިގޮތްގޮތުން އެހީތެރިވެ ދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާދިނުންވެސް މިޖަލްސާގައި އޮތެވެ.