ދަރަނބޫދޫ ސްކޫލްގެ “ކީ ސްޓޭޖް 2” ގެ ދަރިވަރުން އުނގެނެމުންދާ ތީމެޓިކް އެޕްރޯޗްގެ ދަށުން “ޘަޤާފަތާއި ތަރިކަ” މިތީމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ހޯދައި، ކަންކަން ބަލައި ދިރާސާކުރުމަށް ފ. ނިލަންދޫ އާޘާރީ ސަރަޙައްދަށް މިމަހުގެ 10 ވަނަ ދުވަހު ދަތުރެއް ކޮށްފިއެވެ.
މިދަތުރުގައި ފ. ނިލަންދޫ އާސާރީ ސަރަހައްދަށް ޒިޔާރަތްކޮށް އެސަރަހައްދުގައި ފެންނަންހުރި ތާރީޚާއި، ތަރިކަޢާއި ސަޤާފަތާ ގުޅުންހުރި ތަންތަނާއި ތަކެތި، ކަމުގެ ތަޖުރިބާހުރި އެހީތެރިއެއްގެ (ގައިޑެއްގެ) ބެލުމުގެ ދަށުން ބަލައި، ހޯދައި ތަޖުރިބާކުރުމަށްޓަކައި، އެތަނުގައި ފެންނަންހުރި އިސްލާމްދީން ނޫން އެހެން ދީންތަކާއި ގުޅުންހުރި އާސާރީ ތަންތަނާއި ތަކެއްޗާއި، އާސާރީ މިސްކިތާއި، މިސްކިތާއި ގުޅުންހުރި އިތުރުތަކެތި ކުދިން ބަލައި ދިރާސާކޮށް މަޢުލޫމާތު ހޯދާފައިވެއެވެ.
ދިވެހިން ބުދުދީނަށް އުޅުނު ޒަމާނާއި، އިސްލާމްވުމާއި، ވަކިން ޚާއްސަކޮށް ނިލަންދޫ މީހުން އިސްލާމްދީން ޤަބޫލްކުރުމާއި، އާސާރީ މިސްކިތް ބިނާކުރުމާ ބޭހޭ މަޢުލޫމާތާއި މިކަންކަމާއި ގުޅުންހުރި ތަފާތު ފޯކްލޯރ ތަކާބެހޭ މަޢުލޫމާތު މިކަމުގެ މަޢުލޫމާތު ހުރި ފަރާތެއް މެދުވެރިކޮށް ދަރިވަރުންނަށް ފޯރުކޮށް ދެވިފައިވެއެވެ.
ނިލަންދޫ އާސާރީ ސަރަހައްދު އެންމެ އިހުގައި އޮތްގޮތާއި، އެސަރައްދުގައި ހުރި އާސާރީ ތަންތަނާއި ތަކެއްޗަށް އެކި ދުވަސްވަރު އައިސްފައިވާ ބަދަލުތަކާއި މިހާރު ހުރިގޮތާއި ބެހޭ މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދީ، ތާރީޚާއި ތަރިކަ އާއި ގުޅުންހުރި މިފަދަ ތަންތަނާއި ތަކެތި ހިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުން ކުދިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރެވިފައިވެއެވެ.
ދަތުރުގައި ގައިޑެއްގެ ގޮތުން ބައިވެރިވެ ކުދިންނަށް މަޢުލޫމާތު ފޯރުކޮށްދީ، ބަލައި ދިރާސާކުރުމުގައި އެހީތެރިވެދިނީ ކަމުގެ މަޢުލޫމާތާއި ތަޖުރިބާހުރި، ނިލަންދޫ ބޭފުޅެއްކަމުގައިވާ އަބްދުއްﷲ އަޙްމަދު (އަބްދުއްﷲ މުދައްރިސް) އެވެ. ދަރިވަރުން ދަތުރުގައި ބައިވެރިވީ ސަޤާފީ ހެދުމުގައެވެ. އަދި މިދަތުރަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހުއްދަޔާއެކު، އެމިނިސްޓްރީގެ ގައިޑް ލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ގެންގޮސްފައިވާ ދަތުރެއްކަމަށް ފ.ދަރަނބޫދޫ ސްކޫލުން މަޢުލޫމާތު ދެއްވައެވެ.