ފަށާތަޢުލީމާއި މެދު މަދަރުސީ ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރަށް އެއްވެސްބަދަލެއް އަންނަމުންދޭހެއްޔެވެ؟

(ތިންވަނަބައި)

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމް ރޭވިފައިވާގޮތުން ދިވެހިބަހުގެ ފެންވަރަށް އަންނަ ބަދަލު

ތަޢުލީމީ ނިޒާމަކީ ހަރުދަނާ ކުދިންތަކެއް މުޖުތަމަޢަށް ނެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މައިގަނޑު ބަހާ ކަމުގައި ވާތީއެވެ. މިކަން މިހެން އޮތުމާއި އެކު، ޢިލްމީ މާހިރުން ހާމަކުރައްވާގޮތުގައި ޤައުމެއްގައި (ދިވެހިރާއްޖޭގައި ދިވެހިންގެ) އެބައެއްގެ އަމިއްލަ ވަންތަކަމާއި، ދިވެހިންގެ ބަހާއި ޘަޤާފަތާއި އަދި ދިވެހިންގެ އާދަކާދަ އާއި ބީރައްޓެހި ވާގޮތަށް ތަޢުލީމީ ނިޒާމު ރާވައިފި ބައްޓަންކޮށްފި ނަމަ އެބަޔެއްގެ ގައުމިއްޔަތު ބިނާކުރާ ކުރުމުގައި ކާމިޔާބެއް ނުލިބޭނެއެވެ. މިކަމަށް އޮތް ފަރުވާޔަކީ، އެ ގައުމެއްގެ ދަރިވަރުންގެ މަދުރަސީ ދައުރުގައި ޅަފަތުގެ ތަޢުލީމުގައި އެބައެއްގެ މާދަރީބަހުގެ ފެންވަރު ރަނޅުކުރުވެވޭނެ ގޮތްތައްބަލައި އެގޮތަށް ތަޢުލީމު ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ. އެހެން ކަމުގައިވާނަމަ، ދިވެހި ދަރިވަރުންނަށްވެސް ދިވެހިބަހުގެ ފެންވަރު ރަނގަޅުވެ ދިވެހިބަހަށް އަހުލުވެރިކުރުވޭނީ އެކުދިންނަށް އެންމެކުޑަމިނުން، ފަސްވަނަ ގްރޭޑްއާއިހަމަޔަށް ދިވެހިބަހުން ކިޔަވައިދީގެންނެވެ. އެކުދިންގެ ހިތްތަކުގައި ދިވެހި ގައުމިއްޔަތުގެ ބިންގަލެއް ޤާއިމްކުރެވޭނީ ވެސް އޭރުންނެވެ. އަދި އެކުދިންގެ ވަޠަނީ މުސްތަޤްބަލެއް އުޖާލާކުރެވޭނީ ވެސް ދިވެހި ދަރިންނަށް ދިވެހިންގެ އާދަކާދައާއި ދިވެހި ޘަޤާފަތާއި ތާރީޚު އެކުދިންނަށް ފަހުމްވާ ބަހަކުން (ދިވެހިބަހުން) ކިޔަވައި ދީގެން ކަމީ އެއްވެސް ޝައްކެއްވެސް ނެތްކަމެކެވެ.

ދިވެހިތާރީޚާއި، ދިވެހިންގެ އާދަކާދައާއި ޘަގާފަތާއި އަދި ދިވެހިންނާއިބެހޭ މަޢުލޫމާތު ތަޢުލީމީ ނިޒާމުގައި ހިމަނާފައިވަނީ، ހަމަ ނަމަކަށޭ ދެންނެވޭހައިވެސް ކުޑަމިންވަރަކަށެވެ. ދިވެހިންގެ މާއްދީ ތަރިކައާއި ދިވެހިތާރީޚާއި ދިވެހި އާދަކާދަ ފަދަ ދިވެހިވަންތަކަމާ ގުޅޭ މަޢުލޫމާތު ދިވެހި ކިޔަވާކުދިންނަށް ރަސްމީ ތަޢުލީމުގެ ތެރެއިން ފޯރުކޮށްދެވޭނެ ގޮތެއް މިހާރަކުނެތެވެ. އެކަން ހޯދައި ލިބިގަންނަން އެބަޖެހެއެވެ. މިކަންކަމާއި މެދު ދިވެހިކިޔަވާކުދިންގެ ވިސްނުން ބަދަލުވުމަކީވެސް މުހިންމުކަމެކެވެ. މިކަން ކުރެވޭނީ ދިވެހިރާއްޖޭގެ ތަޢުލީމީނިޒާމުގެ ތެރެއިންނެވެ. މިހެން ނުވެއްޖެނަމަ ދިވެހިންގެ މާއްދީ ތަރިކައާއި ދިވެހިވަންތަކަން އުވި ގެއްލި ދިއުމުގެ ފުރުޞަތު އޮންނާނެއެވެ. މި މަޤުޞަދު ޙާޞިލު ކޮށްދެވޭނީ ތަޢުލީމީ ނިޒާމުގެ ތެރެއިން ތަޢުލީމީ މަންހަޖު އިޞްލާހު ކުރެވިގެންނެވެ. މިކަން މިހެންހުރުމުގެ އިތުރަށް، މިކަމުގައި އެންމެ ކަންބޮޑު ވާންޖެހޭ އެއްކަމަކީ މިބުނެވިދިޔަ ފޮތްތައް ލިޔެފައިވަނީ، އިނގިރޭސިބަހުންނެވެ. ދެވަނައަށް ކަންބޮޑު ވާންޖެހޭ ކަމަކަމަކީ އެފޮތްތަކުން ދިވެހި ދަރިވަރުންނަށް އުނގަންނައިދޭން ތިބެނީ ދިވެހިބަސް ނުދަންނަ ބޭރުގެ ޓީޗަރުން ކަމުގައިވުމެވެ. އަދި އެފޮތްތަކުގައި މިދެންނެވި މަޢުލޫމާތުކޮޅު ލިޔެފައި ހުންނަނީ ދިވެހި ބަހަކުން ނޫންކަމުގައި ވުމީ އެއްމެ ބޮޑު އެއްމައްސަލައެވެ. މިފަދަ ކަންކަމަކީ ތަޢުލީމީނިޒާމްގެ ތެރެއިން އަންނަކަންކަމެވެ.

ދުނިޔޭގެ އެތައް ޤައުމެއްގައި އެބައިމީހުންގެ ތާރީޚާއި ޘަޤާފަތު ވަރަށް ފުޅާދާއިރާއެއްގައި ކިޔަވައިދެއެވެ. އެބައިމީހުންގެ ޘަގާފަތާއި އާދަކާދައާއި އަދި ޚާއްޞަކޮށް އެބައިމީހުންގެ ޤައުމިއްޔަތުގެ ބަހާތަކުގެ ހުރިހާބައިތަކުގެ މަޢުލޫމާތު އުނގަންނައިދެނީ އެބަޔެއްގެ މާދަރީބަހުންނެވެ. ނަމަވެސް ދިވެހިރާއްޖޭގައި އެބައިތައް ކަމުގައިވާ ދިވެހިންގެ ތާރީޚާއި ޘަޤާފަތު ކިޔަވައިދެނީ އިނގިރޭސި ބަހުންނެވެ. ހަމަ އެއާއިއެކު އެބައެއްގެ ޘަޤާފަތަށް ދަރިވަރުން އަހުލުވެރިކުރުވުމަށްޓަކައި ތަޢުލީމީ މަންހަޖުގެ ތެރެއިންނާއި އިތުރު އެތައްގޮތަކުން ތަފާތު ޙަރަކާތްތައް ކުރިޔަށް ގެންދާކަމަށް އަޙުމަދު ޠަލާލު (2009) ރިސާރޗްތަކަށް ޙަވާލާދެއްވައި ހާމަކޮށްފައިވެއެވެ. މިފަދަ ކޮންމެކަމަކީ މާދަރީބަހުގެ ފެންވަރަށް ބަދަލުއަންނާނެ ކަންކަމެވެ. ދިވެހިންގެ ތާރީޚީ ޘަޤާފީ މަޢުލޫމާތު ދިވެހި ތަޢުލީމީ މަންހަޖުގައި އެހާ ހަނިކޮށް އޮތްއިރު އެމަޢުލޫމާތުކޮޅު ވެސް ދިވެހިދަރިންނަށް ކިޔަވައިދެނީ ބީރައްޓެހި ބޭރުބަހަކުން ކަމަށްވުމީ ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރަށް ބަދަލުއަންނަ ނުވަތަ ދިވެހިބަހުގެ ފެންވަރު ދަށްވާން މެދުވެރިވާ ސަބަބެކެވެ. ތަޢުލީމީ ނިޒާމުގައި ވެސް އޮވެ ކޮންޓިނިއު ވަމުންދާ މައްސަލައެކެވެ. ދިވެހިދަރީން އެންމެ ބޮޑަށް އަހުލުވެރި ކުރުވަންޖެހޭ އެއްޗަކީ، އެހެނިހެން ޤައުމުތައް ފަދައިން (މިސާލަކަށް އެމެރިކާ، އިންޑިއާ) ދިވެހި ޤައުމިއްޔަތު ކަމުގައިވާއިރު، ދިވެހި ޤައުމިއްޔަތުގެ މަޢުލޫމާތު އިނގިރޭސިބަހުން ކިޔަވައިދިނުމުގެ ބަދަލުގައި ދިވެހިދަރިވަރުންގެ މާދަރީބަހުން އެކުދިންނަށް އެންމެ ކުޑަމިނުން ފަށާތަޢުލީމުގެ މަރުޙަލާގައި އުނގަންނައިދެވޭ ގޮތަށް މަންހަޖުތައް ފަރުމާކުރުމަކީ، ދިވެހިބަހަށް އާ ދިރުންތަކެއް ގެނެސްދޭނެ ކަމެކެވެ.

އެލީނާ ރޫޒްވެލްޓް،(2009). ހާމަކުރާގޮތުގައި ދަރިން ހެޔޮގޮތުގައި ރަނގަޅު ތަރުބިއްޔަތަކާ އެކު ޤައުމަށް ފައިދާހުރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް އޮތް އެއްމެވަރުގަދަ ހަތިޔާރަކީ މަދްރަސީ ތަޢުލީމް އެވެ. މިހެނީ އިންސާނާ ހަމަ މަގަށް އެޅުވުމަށް އޮތް އެއްމެ ވަރުގަދަ ވަޞީލަތަކީ ތަޢުލީމާއި ތަރުބިއްޔަތު ކަމުގައިވާތީއެވެ. އަދި މީގެއިތުރުން ދިވެހިރާއްޖޭގެ ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމް އިނގިރޭސި ބަހުން ކުރިއަށް ގެންދިއުމަކީ އެދެވޭ ނަތީޖާއަކާއި ހަމައަށް ދަރިވަރުން ގެންދިއުމަށް ހުރަސް އެޅޭނެކަމެއް ކަމުގައި ޑރ. ޙަސަންޙަމީދު (2002) ހާމަކޮށްފައިވެއެވެ. ދިވެހިބަހާއި، ދިވެހި ޘަޤާފަތާއި އާދަކާދައާއި ބީރައްޓެހި ގޮތްތައް ކަމުގައިވާ ކަންފަތާއި ނޭފަތާއި އެނޫނަސް އެފަދަ އެތައް ތަނެއް ތޮރުފައި ބޮޅުފަތި އެޅުވުމުގެ އިތުރުން އިސްތަށިގަނޑުގައި އެތައްވައްތަރެއްގެ ކުލަ ޖައްސައި މަގުމަތީގައި އެއުޅޭ އުޅުމުގައި އެއްވެސް ހަރުދަނާކަމެއް ނެތުމުން އެކުދިންނަށް މަދަރުސީ ތަޢުލީމުގެ މަތިވެރި މަޤުޞަދުން ޙާޞިލު ކުރެވުނީ ކިހާމިންވަރެއްތޯ ސުވާލު އުފެދެއެވެ. އަދި އެއީ ދިވެހި ކާބަފައިން އުޅުނުގޮތް ބާވައޭ ހިތަށްއަރައެވެ. މިފަދަ ސަބަބު ތަކާއި ހުރެ އެކުދިންގެ މުސްތަޤުބަލް ބަނަވެ މީސްތަކުން ޤަބޫލުކުރާ އިޖުތިމާޢީ މިންގަނޑުތަކުން އެކުދީން ބޭރުވެދެއެވެ. ލިބިފައިވާ ޢިލްމާއި ތަރުބިއްޔަތުގެ ކުޑަމިންވަރެއް ނަމަވެސް އެކުދިންގެ ފަރާތުން ނުފެންނަނީ ތަޢުލީމީ ނިޒާމު ރޭވިފައިވާ ގޮތުން ކަމަށާއި އެކުދިންނާއިމެދު ފަރުވާކުޑަ ކުރާތީކަމުގައި ޑރ. ޙަސަން ޙަމީދު (2002) ހާމަކުރައްވައެވެ.

މިހެން މިކަން އޮތްއިރު، ދިވެހިބަސް އުވެމުން ގެއްލި ނެތެމުން ދިއުމުގެ ސަބަބުން ޖަމާޢަތުގެ އެއްބައިވަންތަކަން ގެއްލި ހިނގައިދާނެ ކަމުގެބިރު މިވަނީ އުފެދިފައެވެ. އެހެންވެއްޖެނަމަ މުޖުތަމަޢުގެ އެއްބައިވަންތަކަމަށް އަސަރުކޮށް ޤައުމުގައި ފިތުނަފަސާދަ އުފެދުމަށް މަގުފަހިވެގެން ދާނެއެވެ. މިފަދަ އެއްމެހައި ކަންކަމުގައިވެސް އެއްމެ ވަރުގަދަ ނުފޫޒެއް ފޯރުވަނީ މުޖުތަމަޢުގައި ބޭނުންކުރާ ބަހެވެ. އަމިއްލަ މާދަރީބަސް ދޫކޮށްފާ ބޭރުބަހަކުން ތަޢުލީމުދިނުމުން އެބަހެއްގެ އަހުލުވެރިންގެގޮތް ކޮޕީކޮށް އެހެން ބައެއްގެ ޘަޤާފަތަށް ނުވަތަ ޙަޟާރަތަށް ވަނުމަށް މަގުފަހިވެގެންދެއެވެ. އަދި މީގެ ސަބަބުން ކުދިންގެ ވިސްނުމާއި އަޚުލާޤާއި ޚިޔާލާތުތަކަށް ލޮޅުން އަރާގޮތް ވެގެންދެއެވެ. ކުދިންގެ ވިސްނުމާއި ފިކުރު އެފުށް މިފުށަށްޖެހި އަމާޒު ގެއްލިގެން ދެއެވެ. އިސްވެ ބަޔާންކުރި ބުނުމަށް މައުމޫނު ޢަބުދުލް ޤައްޔޫމް. (1979). ގެ ވިދާޅުވުމުން ވެސް ތާއީދު ލިބިގެންދެއެވެ. އެބޭފުޅާ ބަޔާން ކުރައްވާފައިވެއެވެ. “ޤައުމިއްޔަތުގެ މައިގަނޑު އަޞްލަކީ ޤައުމީ ބަސްފިޔަވައި ދެވަނަ އެއްޗެއްނޫނެވެ.” އެހެނީ މުޖުތަމަޢު އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ބާރުއަޅާ އެއްޗަކީ މަދަރީބަސް ފިޔަވައި ދެވަނަ އެއްޗެއް ނޫނެވެ. ބަހަށް އަންނަ ކޮންމެ ހީނަރުކަމަކުން ޖަމާޢަތުގެ އެއްބައިވަންތަ ކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމުގައެވެ. ވިސްނައި ފިކުރުކޮށް ދުލާއި ގަލަމުން އެމީހެއްގެ ޚިޔާލު ފާޅުކުރަން އެއްމެ ބޭނުންތެރި އަދި އެކަން އެއްމެ ފުރިހމައަށްކުރެވޭނީ އަމިއްލަ މާދަރީބަހުން ކަމަށްވާތީއެވެ. ހަމައެއާއިއެކު މުޖުތަމަޢުގެ ގިނަބޭނުންތައް ފުއްދައި އުޅެނީވެސް މާދަރީބަސް ބޭނުންކޮށްގެންނެވެ. ދިރި އުޅުންވަނީ މާދަރީބަހާއި ގުޅިލާމެހިފައެވެ. މިކަންކަމަކީ، ޤައުމުގެ ތަޢުލީމީ ނިޒާމާއި ސީދާގޮތުން ގުޅިފައިވާ ކަމެކެވެ.

ޖިމް ކޮމިންސް. (2011). އޭނާގެ ޖާނަލްގައި ބަޔާންކޮށްފައިވަނީ ތަފާތު މަފްހޫމްތައް ނުވަތަ ކޮންސެޕްޓްތައް އަމިއްލަ މާދަރީބަހުން ދޭހަކުރަން ފަސޭހަވާނެކަމަށެވެ. އެހެންވީމާ ފަށާތަޢުލީމާއި މެދު މަދްރަސީ ޢުމުރުގައި އެންމެ ރަނގަޅުގޮތަކީ މާދަރީބަހުން ކިޔަވައިދިނުން ކަމުގައެވެ. މީގެ އިތުރުން މިޢުމުރުގައި ބަހެއްގެގޮތުގައި އެހެންބަހެއް ކިޔަވައިދިން ކަމުގައިވިޔަސް ފަށާތަޢުލީމާއި މެދު މަދްރަސީ ތަޢުލީމުގެ ވަސީލަތަކަށް އެހެންބަހަކުން (ބޭރުބަހަކުން) ބޭނުންކުރުން ރަނގަޅުނޫން ކަމުގައެވެ. މި ދެމަރުޙަލާގައި މާދަރީބަހުން ކިޔަވައިދިނުމާއި ބެހޭގޮތުން ޖޯން ލާންޑަން. (2009). ހާމަކުރައްވަނީ އެންމެ ޅަޢުމުރުގައި މާދަރީބަހުން ކިޔަވައި ދެވިއްޖެނަމަ ކުއްޖާގެ ވިސްނުން ރަނގަޅުވެގެން ދާނެކަމަށާއި އެހެންބަހެއް ދަސްކުރުމަށް މަގުފަހިވާނެކަމުގައެވެ. މި ޢުމުރުގައި ކިޔަވައިދިނުމުގެ ވަސީލަތަކަށް ބޭރުބަހެއް ބޭނުންކުރަން ހެޔޮނުވާނެކަމުގައެވެ. ޢިލްމީ މާހިރުންގެ މިފަދަ ހާމަކުރެއްވުން ތަކުން މާދަރީބަހުން އެއްމެ ކުޑަމިނުން ފަށާތަޢުލީމުގެ މަރުޙަލާގައި އުނގަންނައި ދިނުމުގެ ބޭނުންތެރިކަން ހާމަވެއެވެ. މިކަމަކީ ތަޢުލީމީ ނިޒާމްގައި އޮތް ޒިންމާއެއް ކަމަށްވުމުން ކަމާއިބެހޭ ފަރާތްތަކުން މިކަމަށް ވިސްނެވުން މުހިންމު ކަމުގައިދެކެމެވެ. އަދި މިއަދު ދިވެހި ސަރުކާރުގެ ވެރިޔާ ރައީސުލްޖުމުހޫރިޔާ ދިވެހި ޤައުމިއްޔަތު މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވުމަށް ކަނޑައަޅުއްވައި އެކަމުގެ މަސައްކަތް ކަމާއިބެހޭފަރާތްތަކުން ފެއްޓެވިކަމީ ނުހަނު ފުން އުފަލެއް އިޙުސާސްކުރެވުނުކަމެއް ކަމުގައި ނުވޭތޯއެވެ؟

(ނުނިމޭ)

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.