250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

1-10-2024

މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބާއްވާ 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަދު ފަށައިފިއެވެ.

މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސްއެކެވެ. ސީ.އެޗް.އެސް.އީ – މާލޭގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ވަނީ ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަކަމާއެކު، ތަފާތުކުރުމެއް ނެތި، ޝާމިލުވެއްޓެއްގައި ތަޢުލީމު ޙާޞިލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ އުނގެނުމާއި އުނގަންނައިދިނުމަށާއި، ތަޢުލީމު ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ދިރާސާތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މި ދިރާސާތަކުގެ ސަބަބުން މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިއަހަރު މި ކޮންފަރެންސްގައި ބައިވެރިވުމަށް 250 ފަރާތަކުން ރަޖިސްޓަރކޮށްފައިވެ އެވެ. އަދި 60 ދިރާސާ ކަރުދާހާއި، 4 ކޭސް ސްޓަޑީ ހުށަހެޅުމުގެ އިތުރުން، 2 ކީނޯޓާއި، 2 ޕެނަލް ޑިސްކަޝަން ކުރިއަށްދާނެއެވެ.

 

 

Leave a Comment

Your email address will not be published.