އިހުމާލު ނުވާށެވެ!

މުޙައްމަދު ނާޝިދު / ރ. ރަސްމާދޫ

ރާއްޖެއަށް އެކި ރޮނގުރޮގުން އެތަކެއް ކުރިއެރުންތަކެއް ލިބި، އެތައް ކާމިޔާބީއެއް ޙާޞިލުވަމުން ދިޔަނަމަވެސް އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތްތަކެއް އެބަވެއެވެ. އާދޭހެވެ. އެއީ އަދުގެ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކާއި ކިޔަވާކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންގެ އަޚުލާޤު އެއްދުވަހުން އަނެއްދުވަހަށް  ގޯސްވަމުންގޮސް، ހައްދުން ނައްޓާ ހިސާބަށް ގޮސްފައިވުމެވެ. މަސްތުވާތަކެއްޗަށް ދޯޅަވެ، ހަމަހޭގައި ނުތިބެވޭ ވަގުތު ގިނަވުމެވެ. ދީނީ ކަންކަމަށް ދެވޭ ސަމާލުކަން ދުވަހެއް ދުވަހަކަށް ކުޑަވަމުން ދިއުމެވެ. ނަތީޖާއެއްގެ ގޮތުން އަޚުލާޤުގެ ކަންފުޅެއްނެތް އެތައް ޒުވާނުންނަކާއި އެތަކެއް ސުކޫލުކުދިންނެއް އެބައުޅެއެވެ. މިކަންކަން ދިމާވެގެން މިއުޅެނީ އިއްޔެއަކު މިއަދަކު ނޫނެވެ. އަދި މިއީ އިއްތިފާގެއްވެސް ނުމެނޫންމެއެވެ. އަދިކިއެއްތަ މިއީ، ކޮންމެވެސް ބެލެނިވެރިންތަކަކަށް އެބެލެނިވެރިންގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންނާމެދު ވެފައިވާ ނުވަތަ ވެވިފައިވާ އިހުމާލުގެ ނަތީޖާއެވެ.

އެއްޒަމާނެއްގައި މާލެތެރޭގައި “ހަމައެކަނި” ދިވެހިން ކޮށްއުޅުނު ހުރިހައިކަމެއް މިހާރު ކުރާތީ ފެންނަނީ ބޭރުމީހުންނެވެ. ބިދޭސީންނެވެ. އާދައިގެ ފަސޭހަ މަސައްކަތްތަކާއި ބުރަ މަސައްކަތްތަކެވެ. ޢިމާރާތްކުރުމާއި ވަޑާންކުރުމެވެ. ގޭތެރޭގެ މަސައްކަތްތަކާއި ކުދިން ބެލުމެވެ. ޤައުމުގެ ހުރިހާ ކަމެއްހެން ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލައިގެން ތިމަތިމާމެންގެ ވާޖިބު އަދާކުރެވުނީކަމަށް ދެކިގެން ތިބުމުގެ ނަތީޖާ ބަލައިލި ކޮންމެ ދިމާއަކުންވެސް ދަނީ ފެންނަމުންނެވެ. ދަރިން މައިންބަފައިންގެ ބަސް ކަވާލާފައި ހިތުހުރިހައިގޮތަކަށް އުޅެމުންދަނީއެވެ. ޤާނޫނާއި ޤަވާޢިދު އެއީ އޮންނަންޖެހޭ އެއްޗެއްކަން އަމުދުން ޤަބޫލެއް ނުކުރެއެވެ. އިޙްތިރާމްކުރުމާއި ބަސްޤަބޫލުކުރުން، ނުދަންނަ ސިފަތަކަކަށް ވެއްޖެއެވެ. ހިތާމައިގެ ކޮޅެއްނެތެވެ.

މާލޭގެ ގެތައް ފޮތިފޮތިކޮށް ނިމިއްޖެއެވެ. ގިނަ މީހުން ބޭނުންވަނީ އެމީހެއްގެ “ތަންކޮޅު”، އެމީހަކު ބޭނުންގޮތަކަށް ހަދާލައިގެން އާއިލާގެ މީހުންނާއި ތިމާގެ މީހުންގެ ނުފޫޒެއްނެތި އެމީހުންނަށް ނުފެނި އުޅެވޭތޯއެވެ. ހަމައެކަނި ދެމަފިރިއަކު އުޅޭގެއެއްގައިވެސް، ކައްކާ ކާންއަޅައި، ދޮވެ އިސްތިރިކޮށް، ގޭތެރެ ފޮޅާ ސާފުކުރަން ބިދޭސީއަކު ގެއަށް ގެނައުން ފެޝެނަކަށް ވެއްޖެއެވެ. ތިމާމެންގެ ދަރީން ބެލުމަށް ބޭރު މީހުންނާ ހަވާލުކޮށް ދެމަފިރިން އުޅޭނެތަނެއްގައި އުޅެ، ޖަހާނެ ސަކަރާތެއް ޖަހައި ހަދަމުން ދަނީ މަދެއްކޮށްނޫނެވެ. ބައެއް ފަރާތްތަކަށް ދަރިފުޅުގެ ކަންކަމުގައި އެހީތެރިކަމެއް ފޯރުކޮށްނުދެވޭތާ ދަރިފުޅާއެކު ހުސްވަގުތެއް ހޭދަކޮށްލުމަކީ ދަތި އުނދަގޫކަމަކަށްވަނީ ވެފައެވެ. ބުރަކަމުންނެވެ. ހަމަ ވަގުތެއް ނުވަނީއެވެ. ބިދޭސީންގެ އުނގުތެރޭގައި ތިމާތިމާމެންގެ ދަރިން ބޮޑެތިވަމުން އަންނައިރު އެއީ ތިމާމެންނާ  އެއްދީނުގެ މީހެއްތޯވެސް ބަލައެއް ނުލައެވެ. ބޭނުމެއްވެސް ނުވެއެވެ. ވަގުތު ނެތުމުންނޯލައެވެ!

ދަރިފުޅުގެ ގިނަކަންކަން އޮންނަނީ ގޭގައި ގެންގުޅޭ ކޮންމެވެސް ފަރާތަކާ ހަވާލުކޮށްފައެވެ. ދަރިފުޅަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރުމާއި ސުކޫލަށް ގެންގޮސް ގެނައުމާއި، ނުވިތާކަށް އެދަރިފުޅުގެ އެންމެ ގާތް އެކުވެރިއަކަށްވެސް ބައެއްފަހަރު ވެފައިވަނީ އެއްކަލަ މީހާއެވެ. އާންޓީއެކެވެ. ނޫންނަމަ ކޮންމެވެސް އަންކަލެކެވެ. ދަރިފުޅުގެ މިޒާޖާއި ދަރިފުގެ ބަސްކޮށާރަށް އަންނަ ބަދަލުތަކާއި އަޤީދާއަށާއި ދެކޭގޮތަށް އަންނަ ބަދަލުތަކަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދެވޭ މައިންބަފައިން ތިބި ވާހަކަ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އާޚިރުގައި މިފަދަ ދަރިއަކު ބޮޑުވެ މުޖުތަމަޢަށް ނުކުތުމުން ދެން އެދަރިފުޅުގެ ފަރާތުން މުޖުތަމަޢު ޤަބޫލުނުކުރާ ސިފަތައް ފެންނަން ފަށައެވެ. ނަމަވެސް އެފަދަ ވާހަކައެއް ފާޅުކުރެވިއްޖެ ނަމަ އެއީ ޒަމާނަށް އަންނަ ބަދަލުތަކެކޭބުނެ، މިއީ އަހަރެމެން ބޮޑުވި ޒަމާން ނޫންކަމަށް ވަކާލާތުކޮށް، އެކަން އެއްވެސް ކަމަކަށް ނުހަދައި ދޫކޮށްލައެވެ. ދެންވާނެގޮތަކާމެދު ޚިޔާލެއް ފިކުރެއް ނެތިއެވެ.

ޒަމާން ބަދަލުވެފައިވާ ވާހަކަޔާއި މީހުންވެސް ބަދަލުވާންޖެހޭކަމަށް ބުނެ ހެކިދައްކަމުން ދާއިރު، މުޖުތަމަޢު ފަސާދަވެ އަހަރެމެންގެ މާތްދީނާއި ޘަޤާފަތުގެ ކުޑަވެސް ކަންފުޅެއް އެދަރިންގެ ކިބައިން ފެންނަމުން ނުދިޔަޔަސް، އެކަން އެހައި ބޮޑުކަމަކަށް ނުހަދައެވެ. “މޮޑަން ކުދިންގެ” ގޮތް ކަމަށްބުނެ، ދީނުން ބޭރުވެދާއިރުވެސް ހަމަ ކަހާތަން ހިރުވައިވެސް ނުލައި ތިބެނީ މަދު ބައެއްކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ. ބޭރުން ގެންނަ ތަކެއްޗަށް ރޭރުވެ އެތަކެއްޗާއި ގޮތްތަކަކީ މާ ކަމުދާ ގޮތްތަކަކަށްވެ، އާޚިރުގައި ދީނުގެ ފަރުޟެއް ސުންނަތެއް ވަކިނުވާ ހިސާބަށް ބައެއް ކަންކަން ގޮސްފައިވާއިރު އެއީ ދުނިޔޭގެ ސުންނަތްކަމަށް  ވީހަމަ ރުހެންހެއްޔެވެ؟ އެއީ ކޮންފަދަ ބޮޑު އިހުމާލެއްހެއްޔެވެ؟ އަދި އެއީ ކޮންފަދަބޮޑު މުސީބާތެއް ކުރިމަތި ކުރުވަފާނެ ކަމެއްހެޔެވެ؟

ތިމާމެންގެ ގައިބާރު ދޫވެ ތަންމަތީގައި އޮންނަން ފެށުމުން ތިމާމެންގެ ހާލުބެލުމަށް ބޭރުން މީސްމީހުން ގެނެސް އެމީހުންގެ އަތްމައްޗަށް ތިމާ ދޫކޮށްލުމުން ތުންފިއްތާ ލޮލުން ކަރުނަ އެޅިޔަކަސް، އެދަރިން ތިމާމެންގެ ގާތަށް އަންނާނެހެއްޔެވެ؟ ނުވިތާކަށް ތިމާމެންނަށް އެދަރިންނާމެދު ހިތް ކުޑާކުރެވެން އޮންނާނެހެއްޔެވެ؟ ނޫނެކެވެ. ނޯންނާނެއެވެ. ސަބަބަކީ ޚުދު ތިމާމެންވެސް އެދަރިން ބެލީ އެގޮތުގައިކަން އެދުވަހަކުން ވިސްނޭނެތީއެވެ. ނަމަވެސް އެއިރު ވަގުތު އޮންނާނީ ފާއިތުވެފައެވެ. އަލަކުން ކުރެވޭނެ މާކަބޮޑު ކަމެއް ނޯންނާނެއެވެ. ތިމާމެން ދަރިންނަށް ލޯބިދީ އެހީތެރިވެދިން ބީދައިން، އެ ދަރިންވެސް ތިމާމެންނަށް އެހީތެރިކަން ފޯރުކޮށްދެނީކަމަށް ޤަބޫލުކުރުންނޫން އެހެންގޮތެއް ނޯންނާނެއެވެ. ވީއިރު، މިކަން މިގޮތަށް ނުވާނީ ދަރިންގެ ތުއްތު ދުވަސްވަރު އެހެން ބައެއްގެ ބެލުމުގެ ދަށަށް ނުފޮނުވައި އެއީ  ތިމާމެންގެ މަސްއޫލިއްޔަތެއްކަން ދަނެ އެކަންކަން ތިމާމެން އަމިއްލަޔަށް ކުރުމުންނެވެ. އެދަރިންނަށް ލޯތްބާއި އަޅާލުންދީ އެދަރިންގެ ކަންތައްތައް ގާތުން ދެކިގެންނެވެ. ނޫންނަމަ އިސްވެ ދެންނެވިފަދައިން ފަހުން ތިމާމެން ރޯންޖެހުމަކީ ގާތުގައިވާ ކަމެކެވެ.

ދަރިންނަކީ ކީރިތި ﷲ އަހަރެމެންނާ ޙަވާލުކުރައްވަވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެ އަމާނާތަށް ރައްކައުތެރިވުމަކީ އަހަރެމެންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެނީ އެކަންކަމާމެދު އަހަރެމެންނާ ސުވާލުކުރެވޭނެ ދުވަހެއް އަންނާނެތީއެވެ. ވީއިރު، ދަރިންނާމެދު އިހުމާލުނުވެ އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ ހެޔޮގޮތުގައި ބޮޑުކުރުމަކީ ހަމަކޮންމެ މަންމައަކާއި ބައްޕައެއް އަދި ބަލަދުވެރިއެއްގެ ވާޖިބެކެވެ. މިވާޖިބު ފުރިހަމައަށް އަދާކުރެވިއްޖެ ނަމަ މިޤައުމު ފަޚުރުވެރިވާފަދަ ދަރިންތަކެއް މިޤައުމުން ފެނިގެންދާނެއެވެ. ޤައުމަށް ތެދުވެރި، ވަފާތެރި، ޤައުމުގެ ނަން ދިރުވާނެ ދަރިންތަކަކަށް އެދަރިން ވާނެކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ.

 

Leave a Comment

Your email address will not be published.