ލިޔުނީ: ފާޠިމަތު ޝެހެޒިނީ، މއ.ޝިމާޤް
ފިލާވަޅެއް ނެގުމަށް ތައްޔާރުވުމަށްޓަކައި ބޭނުންވާނޭ މަޢުލޫމާތު އެއްކުރުމުގެ ކަންތަކުގައި ވަރަށް އަވަދިނެތި އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ. އެއް ފޮތުން ބޭނުންވާ މަޢުލޫމާތު ހޯދައިގެން ނަގާ، ނޯޓް ކުރުމަށްފަހު، އަނެއް ފޮތް ނަގައިގެންނެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް އިންޓަރނެޓް ބޭނުންކޮށްގެންވެސް މަސައްކަތް ކުރަމުން ގެންދިޔައީމެވެ. ގަޑި ފެށެން ބާކީ އޮތީ އެންމެ ދެ ގަޑިއިރު ކަމުގައިވާތީ ވަރަށް އަވަހަށް އެ މަސައްކަތް ކޮށް ނިންމަން އެބަޖެހެއެވެ. އެހެންކަމުން އެކަމަށް ގެއްލި މީހާގެ ވިސްނުން އެކަމަށް ހުސްކޮށްލައިގެން އިންދާ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލުމާއިއެކު ދޮރު ހުޅުވާލި އަޑު އިވުމުން އެދިމާއަށް ބަލާލީމެވެ. އެއީ އައިންތުއެވެ. ކަމެއް ކުރަނީތޯ، ކީއްތޯ ކުރަނީވެސް ނުވަތަ ބިޒީތޯވެސް އަހާލުމުގެ ބަދަލުގައި މިއައީ އެއްޗެއް އަހާލާށޭ ބުނެފައި އަހަރެންގެ މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑި ދަމާލާފައި އޭނާ އިށީނެވެ. އަދި މިއުޅެނީ މާހަފަން ރާވަންވެގެން ކަމުގައި ބުންޏެވެ. އަހަރެންނަށް ގެނެވޭނީ ކޮން އެއްޗެއްތޯ އެހުމަށްފަހު ޖަވާބުދޭން ސިކުންތެއްގެ ވަގުތުވެސް ނުދީ އަހަރެންގެ ކޮޓަރީގައި ދެން އިންނަ، އަހަރެމެންނާއިއެކު މަސައްކަތްކުރާ އާރިފްއާއި ވާހަކަ ދައްކަން ފެށިއެވެ. ‘ދިވެހި ކެއުމެއް ރަނގަޅުދޯ؟ ވަރަށް ދުވަސްވެއްޖެއެއްނު ދިވެހި ކެއުންގަނޑެއް ހަދާ ނުލާތާ! ރޯދަ މިހާ ކައިރިވީއިރުވެސް އެއްވެސް މީހަކު މިކަމަކާ ނޫޅުނުވިއްޔަ! އެހެންވެ ލައިލާއާ އަހަރެންނާ ދެމީހުން މިއުޅެނީ މި ކަންތައް ކުރަންވެގެން. އާރިފް ކޮން އެއްޗެއްތަ ގެންނާނީ؟’ އާރިފް ރިހާކުރު ގެންނަންހޭ އެހުމުން، ‘ހޫނ! ރިހާކުރުދޯ؟ ކޮންމެ މީހަކުވެސް ގެންނަން ބޭނުންވަނީ ރިހާކުރު! ޝެހެވެސް ރިހާކުރުދޯ؟’ އަހަރެންނާ ދިމާއަށް އެނބުރިލަމުން އައިންތު މިހެން ބުންޏެވެ.
އެވަގުތު ނާޒިޔާ އައިސް ދޮރު ހުޅުވާލާފަ އައްދޭ ހާދަ އަޑު ގަދައޭ ބުނެފިއެވެ. ވެގެން އުޅޭ ގޮތް އައިންތު ނާޒިޔާއަށް ކިޔައިދިނެވެ. އޭނާއަށް ވިސްނުނު ގޮތަށެވެ. ‘މިއުޅެނީ ކޮންމެ މީހެއް ގާތުވެސް ކޮން އެއްޗެއްތޯ ގެންނާނީ އެހީމަ ރިހާކުރޭ ބުނާތީ އެކަމާ ކަންބޮޑުވެގެން. ނާޒިޔާވެސް އެންމެ ފުރަތަމަ ބުނީ ރިހާކުރޭ އެއްނުދޯ؟ އާރިފްވެސް ރިހާކުރު! ޝެހެވެސް ރިހާކުރު! ދެން ހުސް ރިހާކުރުތަ ބޯންވީ؟’ ނާޒިޔާވެސް ދެންހުރި ގޮނޑީގައި އިށީންނަމުން ‘އޭ ޝެހެ ރަނގަޅު ވާހަކައެއް ހޯދަދީބަލަ! އަހަރެންގެ ޝުމާ މިއަންނަ ހަފްތާގައި ސްކޫލް އެސެމްބްލީގައި އެބަޖެހޭ ވާހަކައެއް ކިޔައިދޭން. ކޮންމެވެސް ކަހަލަ އިބްރަތެއްވެސް ޙާޞިލުވާންޖެހޭ ކަހަލަ ވާހަކައެކޯ؟ ޚިޔާލެއް ދީބަލަ!’ މިހާ ހިސާބަށް ނާޒިޔާގެ ވާހަކަ ދިޔަތަނާ އަހަރެންގެ މޭޒުމަތީގައި ހުރި ފޯނު ރިންގވާން ފަށައިފިއެވެ. އަހަރެން ކުރެވޭތޯ ބަލަމުން ދިޔަ މަސައްކަތް ބެހެއްޓުމަށްފަހު ފޯނު ނަގާ ޝެހެއޭ ބުނެފީމެވެ. ފޯނު ކުރި މީހަކު އާރިފްއާ ގުޅެނީ ކޮން ނަމްބަރަކުންތޯ ސުވާލު ކުރިއެވެ. އަހަރެން އާރިފްގެ ނަމްބަރު ދިނީމަ މިއީ ރަމްޒީނާއޭ ޝެހެއަކަށް ނޭނގުނުދޯއޭ އޭނާ އެހިއެވެ. ނޫނެކޭ، އެނގުނޭ އެކަމަކު ރަމް މާ އަވަސް އަރުވާލައިގެން އުޅޭހެން ހީވާތީ ކިހިނެއްހޭވެސް އަހާނުލީއޭ އަހަރެން ބުނީމެވެ. ރަމް އާރިފް ހޯދަނީ ކީއްކުރަން ކަން ކިޔައިދިނުމަށްފަހު މާ ހެފުމަށް ގެންނަނީ ކޮން އެއްޗެއްތޯ އަހާ އޭނައާއި އަދި އޮފީހުގެ އެހެނ މީހުން ގެންނަ އެއްޗެހީގެ ވާހަކަ ދައްކާލާފަ، ރޯދަމަހާއި ދިމާކޮށް އަބަދުވެސް ވާ ގޮތަށް ކާއެއްޗެހީގެ އަގުބޮޑުވި ވާހަކައާ، އޭނާގެ ދަރިފުޅު ޖީލާން މި ފަހަރު އަލަށް ރޯދަ ހިފަން ފަށާ ވާހަކަ ދައްކާލިއެވެ.
އޭރު އަހަރެމެންގެ ކޮޓަރި ތެރޭގައި އާރިފް، ނާޒިޔާ އަދި އައިންތު ތިބީ ރޯދަމަހުގެ ފުރަތަމަ ދުވަސް ހޮނިހިރު ދުވަހަކާއި ދިމާވާތީ އާދީއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާއިބެހޭ ގޮތުން ހޫނު މަޝްވަރާއެއްގައި ވަރަށް އަޑުގަދަކޮށް ބަހުޘް ކުރާށެވެ. އަހަރެން ފޯނު ބާއްވާފައި އަނެއްކާވެސް ކުރަމުން ދިޔަ މަސައްކަތަށް އެނބުރިލަމުން ގަޑި ބަލާލީމެވެ. ބާކީ ދެން އޮތީ އެންމެ އެއް ގަޑިއިރެވެ. އެއް ގަޑިއިރު ފަހުން އަހަރެން ކްލާހަށް ވަންނަން ޖެހޭނެއެވެ. އެހާ އިރަށް ފިލާވަޅު ތައްޔާރުވެފައި އޮންނަން ޖެހޭނެއެވެ.
އެވަގުތު ކޮޓަރިއަށް ބަޝީރާވެސް އައިސް ވަދެއްޖެއެވެ. ނަސީބަކުން އަހަރެން ހޯދާކަށް ނޫނެވެ. އާރިފް ހޯދާށެވެ. އަހަރެން އަވަސް އަވަހަށް ފޮތްތަކާއި އެއްޗެހި އެއްކޮށްލައިގެން ކޮޓަރިން ނިކުމެ ބައްދަލުވުން ބާއްވާ ކޮޓަރިއަށް ގޮސް އިނދެ މަސައްކަތް ކުރާނީއޭ ހިތަށް އަރައިގެން އެދިމާއަށް ދާން ހިނގައިގަތީމެވެ. ‘އޭ ޝެހޭ! އަދި ގެންނާނެ އެއްޗެއްވެސް ނުބުނެއެއްނު ތި ދަނީ!’ އައިންތު ގޮވާލިއެވެ. ‘އަހަރެން ގެންނާނަން ތެލުލިފަތް.’ ‘އައްދޭ، ތެލުލިފަތް އެކަނިތަ؟’ ‘ދެން ގެނެއްސާނަން ލުނބޯ.’ ‘ހަތްދިހަ މީހުންނަށް އިނގޭ؟’ ‘ހަތްދިހަ ލުނބޯވެސް ގެނެއްސާނަން.’ ‘ކަމަކު ނުދޭ، މި އުޅެނީ ފޮނި އެއްޗެއް ގެންނާނެ މީހަކު ނުވެގެން.’ ‘އެހެންތަ؟ ކުރިންވެސް ތިހެން ބުނިނަމަ! އަހަރެން ގެންނާނަން ޕިރިނީ.’ ‘ހަތްދިހަ މީހުންނަށް އިނގޭ؟’ ‘ނޯ ޕްރޮބްލަމް، ހަތްދިހަވިޔަސް، ސަތޭކަ ވިޔަސް އޯކޭ.’ ‘ގަނެގެނެއް ނޫން، ޝެހެ ހަދައިގެން ގެންނާނީ އިނގޭ!’
އަހަރެން ގަޑި ބަލާލިއިރު ކްލާސް ފެށެން ދެން ބާކީ އޮތީ އެންމެ ސާޅީސް ފަސް މިނެޓެވެ. އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފިލާވަޅަށް ތައްޔާރުވެ ނިމޭނެބާވައެވެ؟ އެމީހުންގެ ވާހަކަތަކާއި، ފޯނާއި، މި ކަންތައްތަކުން މިއަދު އަހަރެންގެ ވަރަށް އަގުހުރި ވަގުތުތައް ގެއްލިއްޖެއެވެ. އަހަރެން ބާރު ބާރަށް ބައްދަލުވުން ބާއްވާ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީމެވެ.
އަނެއްކާވެސް އަޅުގަނޑު ފޮތްތައް ހުޅުވައިގެން މަސައްކަތް ފަށައިގަތީމެވެ. އެދުވަހަށް ކަނޑައެޅިފައިވާ ސުރުޚީއާއިމެދު ވިސްނާލާފަ ހިނިވެސް އައެވެ. ސުރުޚީއަކީ ވަގުތު ސަލާމަތް ކުރުމެވެ.
* * * * * * * * * * * * * * * * * * * * * * * *
ވަގުތު ގެއްލުމުގައި މައިގަނޑު ދެކަމެއް އޮވެއެވެ. އެއީ އަމިއްލަ ބާރުގެ ދަށުގައި ހުންނަ ކަންތައްތަކާއި، އެހެން މީހުން މެދުވެރިވެގެން ދިމާވާ ކަންތައްތަކެވެ. ވަގުތު ސަލާމަތްކޮށް އިޤްތިޞާދު ކުރުމަށް ވިސްނާއިރު އެފަދަ ކަންތަކާއިބެހޭ ދިރާސާކޮށް ހަދާ މީހުން ބުނާ ގޮތުގައި، ވަގުތު ގެއްލުމުގައި މީހަކު ކުރަމުން ދިޔަ ކަމަކަށް އެހެން މީހުންގެ ފަރާތުން ދިމާވާ ހުރަސްތަކުގައި މި އޮންނަނީ ރަނގަޅު ބަޔަކާއި ނުރަނގަޅު ބަޔެކެވެ. އެންމެ މުހިއްމު ކަމަކީ އަޅުގަނޑުމެންނަށް އެ ދެ ވައްތަރުގެ ތަފާތު ދެނެގަނެ، އެ ދަނޑިވަޅަކާއި ގުޅޭ އެކަށީގެންވާ ފިޔަވަޅެއް އެޅުމެވެ. ނުރަނގަޅު ހުރަސްތަކުން ދިމާވާ ކަންތައްތަކަކީ އަޅުގަނޑެމެންގެ ވަގުތު ގެއްލުވާލައި، އަޅުގަނޑުމެންގެ ކެތްތެރިކަމާއި، ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އެޅުމާއި، އުފެއްދުންތެރިކަމަށް ހުރަސް އެޅުމެވެ. ރަނގަޅު ހުރަސްތަކުން އަޅުގަނޑުމެންނަށް ދަތިވެގެން އުޅޭ ކަމަކަށް ހައްލެއް ލިބި، ބޭނުންތެރި މަޢުލޫމާތު ލިބި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ފަހިވެގެންދެއެވެ.
އެހެންމީހުންގެ ސަބަބުން ވަގުތު ގެއްލެން ދިމާވާނަމަ، އެކަމުން ސަލާމަތްވުމަށްޓަކައި ކުރެވިދާނޭ ކަންތަކަށް ވިސްނާއިރު އެންމެ މުހިއްމު ކަމަކީ އެކަމުގެ ހަޤީޤީ މައްސަލައަކީ ‘ތިމާ’ ތޯ ވިސްނާލުމެވެ. ތިމާއަކީ އެގޮތަށް މީހުން މަސައްކަތް ކުރަމުން ދަނިކޮށް ގޮސް އަމިއްލަ ވާހަކަ ދައްކާ، އެމީހުންގެ މަސައްކަތަށް ހުރަސް އަޅާ މީހެއްތޯ ވިސްނާލުމެވެ. އެފަދަ މީހެއްނަމަ އެންމެ ފުރަތަމަ ތިމާގެ އެ ނޭދެވޭ ސިފަ ރަނގަޅު ކުރުން ވަރަށް މުހިއްމެވެ. ދެވަނަ ކަމަކީ ތިމާގެ ވަގުތުތައް ކޮންމެ ދުވަހަކަށްވެސް ކަނޑައެޅިފައިވާ އެކި ކަންތަކަށް ބަހާލުމަށްފަހު ވަކި ގަޑިތަކެއްގައި ކުރަންޖެހޭ ކަންތައްތަކާއި، މުހިއްމު ކަންތައް ވަކިކޮށް، އެކަންތަކަށް ވަގުތު ކަނޑައެޅުމެވެ. އަދި އެކަންތައް ކުރާ ވަގުތުތަކުގައި އެހެން މީހަކު ވާހަކައެއް ދައްކާލަން އައި ނަމަވެސް އެއީ ފަހަށް ބޭއްވޭނޭ ކަމަކަށްވާނަމަ، އެމީހަކާއި މޫނު ނުޖެހޭ، އެމީހަކު ހިތްބަރު ނުކުރާފަދަ ގޮތަކަށް އެމީހެއް ގާތު ތިމާ ކުރަމުންދާ މަސައްކަތް ނިންމަންޖެހޭ ވަގުތާއި، ސަބަބާއި، އަދި އެ އައި މީހަކަށް އެންމެ އަވަހަށް ވަގުތު ދެވޭނޭ ގަޑިއެއް އެމީހެއް ގާތު ބުނެ، ހަމަޖެއްސުމެވެ. އެމީހަކު އެއައި ކަމަކީ ވަގުތުން ގޮތެއް ނިންމަންޖެހޭ، ވަގުތުން ހައްލެއް ބޭނުންވާ ކަމެއްކަމުގައިވަނީނަމަ ވަގުތު ސަލާމަތް ކުރެވޭނީ އެކަމެއް އަވަހަށް ކޮށް ނިންމާލުމުންނެވެ.