ތަރައްޤީގައި ޖަމާޢަތުގެ ބައިވެރިވުން މުހިންމުވަނީ ކީއްވެ؟

ލިޔުނީ: އަޙްމަދު މުޙަންމަދު، (އެން.އައި.އީ)

ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް ހިންގުމުގައި، ރައްޔިތުންގެ ބަސްކިޔުމަށާއި ފާޑުކިޔުމަށާއި ގޮތްނިންމުމަށް މަޝްވަރާކުރުމުގެ ފުރުޞަތު އޮންނަންޖެހެއެވެ. އޭގެ ސަބަބުން ރަނގަޅު ޚިޔާލުތަކާއި މަޝްވަރާ، ޕްރޮގްރާމްތައް ހިންގުމަށް ލިބިގެންދެއެވެ. އަދި މިކަން މިގޮތަށް އޮންނަންޖެހޭ މައިގަނޑު ސަބަބަކީ އެއިން ކޮންމެ ޕްރޮގްރާމަކާއި ޕްރޮޖެކްޓަކީ އެ ޖަމާޢަތެއްގައި ދިރިއުޅެމުންދާ ކޮންމެ މީހަކާވެސް ގުޅި ލާމެހިފައިވާ ކަމަކަށްވުމެވެ. ކަންމިހެން ހުރިއިރު ޕްރޮގްރާމުތައް ހިންގުމަށް ޒިންމާވެގެން އުޅޭ ކުންފުނިތަކާއި ސަރުކާރުގެ ޒިންމާދާރު ފަރާތްތަކުންވެސް ޖަމާޢަތުގެ ބައިވެރިވުމަށް ހިތްވަރު ދޭންޖެހެއެވެ. އޭގެ ސަބަބުން މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމުގައްޔާއި ކަންކަމުގައި ރައްޔިތުންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގައި މަގުފަހިވެގެންދާނެއެވެ.

ޕްރޮގްރާމުތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި މިފަދަ ބަދަލުތައް ގެނައުމަށް ކުރިން ގެންގުޅުނު މުސްކުޅި އުސޫލުތައް (ބާރުތައް ހިފެހެއްޓުމުގެ އުސޫލުތައް) ދޫކޮށްލަންޖެހެއެވެ. އޭގެ ބަދަލުގައި މުޖުތަމަޢުގައި ދިރިއުޅޭ ރައްޔިތުންނާ ގުޅުން ބަދަހިކޮށް ދެފަރާތުގެ އިތުބާރު ގާއިމުކުރަން ޖެހެއެވެ. އަދި އެކުގައި މަސައްކަތް ކުރެވޭނެކަމާއި ކުރާނެކަމުގެ ޔަޤީންކަން ޕްރޮޖެކްޓާ ގުޅުންހުރި ފަރާތްތަކަށް އޮންނަންޖެހެއެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ދެފަރާތުގެ ދެމެދުގައި އުފެދިގެން ދާންޖެހޭ “ޕަރޓްނަރޝިޕް”އެކެވެ. އެހެންވެއްޖެނަމަ ނަތީޖާއަކީ ކޮންމެ ކަމެއްގައިވެސް ޖަމާޢަތަށް ފައިދާހުރި ގޮތަށް މަޝްރޫޢުތައް ރޭވި، އެ މަޝްރޫޢުތަކުގެ މަސައްކަތްކުރެވި، ނިމިގެންގޮސް މައްސަލަ ޙައްލުވެގެން ދިއުމެވެ.

މަޝްރޫޢުތައް ހިންގުމުގައި ޖަމާޢަތުގެ ބައިވެރިވުމުގެ މުހިންމުކަމާއި އޭގެ ފައިދާ އެކި ދިރާސާތަކުގައި ތަފާތު ގޮތްގޮތަށް ފެންނަން ހުރި ނަމަވެސް ޢާއްމުކޮށް ހުރިހާ ދިރާސާއެއްގައިވެސް އެއްގޮތް ކަންތައްތަކެއް ހުރެއެވެ. އޭގެ ބައެއް ކަންކަން ފާހަގަކޮށްލަމެވެ.

– މަޝްރޫޢުތަކުގެ މަޤްބޫލުކަން ބޮޑުވެ ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ފަސޭހަވެގެންދެއެވެ. އަދި މައްސަލަތައް ޙައްލުކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އަޅާލުން ބޮޑުވެ ރަނގަޅުގޮތަށް ކަންކަން ނިންމުމަށް އެހީތެރިވެދެއެވެ.

– ކަންކުރެވޭނެ ފަސޭހަގޮތްތައް މުޖުތަމަޢުގެ ތެރެއިން ހޯދުމަށް އެހީތެރިވެދެއެވެ.

– މައްސަލަތައް ޙައްލުކުރުމުގައި ރައްޔިތުންގެ މަޢުލޫމާތާއި ހުނަރު އިތުރުވެގެން ދެއެވެ. އަދި މައްސަލައިގެ ހުރިހާ ފަރާތެއް އޮޅުންފިލައި މައްސަލަ ޙައްލުކުރުމުގެ ހުނަރު ލިބިގެންދެއެވެ.

– ތަފާތު ފެނންވަރުގެ މީހުން ބައިވެރިކޮށްގެން އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. އަދި ބާކީވެފައި ތިބި ބައެއްކަމަށް ދެކެމުންއައި މީހުންނަށް އެމީހުންނަކީވެސް މުޖުތަމަޢަށް ބޭނުންތެރި ބައެއްކަމުގައި ސިފަވެ، އެމީހުންގެ އާއިލާއަށާއި ރަށަށް ޚިދުމަތެއް ކޮށްދެވޭ ކަމުގެ އިޙްސާސްކުރެވިގެން ދެއެވެ. އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތު އެކި އަވަށުގެ ނުވަތަ އެކި ސަރަޙައްދުގެ މީހުންނަށް ލިބިގެން ދިއުމީ މުޖުތަމަޢުގެ ބާރުވެރިކަން އިތުރުވެ އެކުވެރިކަމާއި ރަޙްމަތްތެރިކަމަށްވެސް ލިބޭ ބޮޑު ކުރިއެރުމެކެވެ.

– ޖަމާޢަތުގެ ތަރައްޤީއަށް ހިންގާ ޕްރޮޖެކްޓްތައް ހިންގުމުގައި ވާދަވެރިކަން އުފެދިގެން ދެއެވެ. އޭގެ ސަބަބުން ހާސިލުކުރުމަށް ބޭނުންވާ އަމާޒަށް ވާސިލުވުމަށް ކުރެވޭ މަސައްކަތުގެ ސްޕީޑް އަވަސްވެ ކާމިޔާބާ ހަމަޔަށް ދިއުމަށް އިތުރަށް މަގުފަހިވެގެންދެއެވެ.

– ކަންބޮޑުވާ ކަންކަމުގައި ޚިޔާލުފާޅު ކުރުމަށާއި މަޝްވަރާކުރުމަށް ގިނަ ފުރުޞަތުތައް ލިބިގެންދެއެވެ. މީގެ ސަބަބުން ކަމެއް ޙައްލުނުކުރެވޭ ހިސާބަށް ދިއުމުގެ ކުރިން ރަނގަޅުކުރުމަށް ފުރުޞަތު ހުޅުވިގެންދެއެވެ.

– މަޝްރޫޢުތައް ހިންގުމުގައި ބައިވެރިވާ ފަރާތްތަކުގެ (ޖަމިއްޔާ ޖަމާޢަތްތައް، ކުންފުނިތައް އަދި ސަރުކާރު) މެދުގައި އޮންނަ އިތުބާރު ބޮޑުވެގެންދެއެވެ. އެކުގައި މަސައްކަތްކުރުމުން، ބައިވެރިވާ ފަރާތްތައް ދަސްވެ މުސްތަޤުބަލުގައި ކުރަން ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިތުރަށް ފަސޭހަވެގެން ދިއުމުގެ ފުރުޞަތު ބޮޑުވެއެވެ.

މަތީގައި ފާހަގަކުރެވުނު ނުކުތާކަށްބަލާއިރު ޖަމާޢަތުގެ ތަރައްޤީއަށް ހިންގޭ މަޝްރޫއުތަކާއި ޕްރޮގްރާމުތައް ކާމިޔާބު ކަމާއެކު ހިންގޭނީ ޖަމާޢަތުގެ ބައިވެރިވުން އޮވެގެންކަން ފާހަގަކުރެވެއެވެ. އަދި ހަމައެއާއެކު އެ މަޝްރޫޢަކުން ރައްޔަތުންނާ ހަމަޔަށް ގެނެސްދެވުނު ވަސީލަތް އޭގެ ފުރިހަމަ ގޮތުގައި ބަލަހައްޓައި އޭގެ މަންފާ ރައްޔިތުންނަށް ލިބިދިނުމަށްވެސް ޖަމާޢަތުގެ ބައިވެރިވުން ހަމައެހާމެ މުހިންމުކަން ފާހަގަކުރަންޖެހެއެވެ.

 

Leave a Comment

Your email address will not be published.