ލިޔުނީ: ނިއުމާ މުހައްމަދު (އެން.އައި.އީ)
އެސެސްމަންޓް ފޯ ލާރނިންގެ މައިގަޑު 5 ބައެއްވެއެވެ. މުދައްރިސުން ފިލާވަޅު ތައްޔާރުކުރާއިރު އާ، ކިޔަވައިދިނުމާ އުނގެނުމުގެ ތެރޭގައި މިބައިތައް ހިމަނަންވާނެއެވެ. މިސާލަކަށް، ލެސަންޕްލޭންގައި ވެސް މިބައިތައް ހިމަނައިގެން ލެސަންޕްލޭން ތައްޔާރުކުރުން ވަރަށް މުހިންމެވެ. އެސެސްމަންޓް ފޯ ލާރނިންގެ މިބައިތައް ހިމަނައިގެން ކިޔަވައިދިނުމާއި އުނގަންނައިދިނުން ކުރިއަށް ގެންދިއުމުން ދަރިވަރުންނަށް ގިނަގުނަ ފައިދާތައް ލިބެއެވެ. މިބައިތަކަކީ:
- ޝެއަރިން ލާރނިންގ އިންޓެންޝަން
- ޝެއަރިން ސަކްސެސް ކުރައިޓީރިއަރ
- ތަފާތު ދަރަޖަތަކުގެ ސުވާލުކުރުން
- ސެލްފް /ޕިއަރ އެސެސްމަންޓް
- ފައިދާކުރާގޮތައް ދެވޭ ފީޑްބެކް
ޝެއަރިން ލާރނިންގ އިންޓެންޝަންސް އާއި ސަކްސެސްކުރައިޓީރިއާ
ލާރނިންގ އިންޓެންޝަންސް އާއި ސަކްސެސްކުރައިޓީރިއާ ދަރިވަރުންނާއި ޙިއްސާކުރުމަކީ އެސެސްމަންޓް ފޯ ލާރނިންގެ ވަރަށް މުހިންމު ބައެކެވެ. މިބައިތައް ޙިއްސާކުރުމުން ދަރިވަރުންނަށް މުދައްރިސް ފިލާވަޅުގައި ކުރިއަށް ގެންދާ ބައިތަކުގެ މަޢުލޫމާތާއި އެފިލާޅުގެ ތެރޭގައި ކުރިއަށްދާނެ ކަންތައްތައް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. މިސާލަކަށް، ދަރިވަރުން އަމިއްލައަށް ދަސްކުރަން މިއުޅެނީ ކޮންއެއްޗެއްކަމާއި އެ ދަސްކުރަނީ ކީއްކުރަންކަން ދަރިވަރުންނަށް އިނގޭނެއެވެ. ދަރިވަރުންނަށް މިމަޢުލޫމާތު ލިބުމަކީ އުނގެނުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. ލާރނިންގ އިންޓެންޝަންސް އާއި ސަކްސެސްކުރައިޓީރިއާ ދަރިވަރުންނާއި ޙިއްސާކުރުމަކީ ދަރިވަރުންނަށް ލިބެންޖެހޭ އުނގެނުމުގެ ޙައްޤެކެވެ. (ޓީ، ޖޭ . ކްރޫކްސް ، 1998). މިބައިތައް ދަރިވަރުންނާ ޙިއްސާކުރުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. ބައެއް ފައިދާތަކަކީ:
- ދަރިވަރުން ފިލާވަޅަށްދޭ ސަމާލުކަން ބޮޑުވެ އެދަރިވަރުން އުނގެނެމުންދާ ބައިތަކަށް އަމިއްލައަށް ޒިންމާދާރުވާނެ.
- އުނދަގޫ (ޗެލެންޖިން) މަސައްކަތެއްވިއަސް އެމަސައްކަތެއް ނިންމާލަން ދަރިވަރު ހިތްމަތާއެކު މަސައްކަތް ކުރާނެ.
- ދަރިވަރާ ޙަވާލު ކުރެވޭ މަސައްކަތްނިމޭއިރު ފެންވަރު ރަނގަޅުވޭ.
- ދަރިވަރުން ވަގުތައް ސަމާލުކަންދިނުމާ، މަސައްކަތުގެ އަޚްލާޤް ރަނގަޅުވޭ.
- ދަރިވަރުން މަސައްކަތް ނިންމާ އަމިއްލައަށް ސެލްފް/ޕިއަރ އެސެސްމަންޓް ނުވަތަ ދަރިވަރުން މިހާރު ތިބި ހިސާބު ދެނެގަންނަން ފަސޭހަވޭ.
- މުދައްރިސުންނަށް ދަރިވަރުންނާ ޙަވާލުކުރާ މަސައކަތްތައް މާރކް ކޮށްލަން ފަސޭހަވެގެންދޭ (ޝާރލީ ކްލާރކް،2006)
ތަފާތު ދަރަޖަތަކުގެ ސުވާލުކުރުން
ފިލާވަޅުކުރިއަށް ދާއިރު ސުވާލުކުރުމަކީ އެހާމެ ބޭނުންތެރި މުހިންމު އެސެސްމަންޓް ފޯ ލާރނިންގެ ބައެކެވެ.
‘އޯރަލްކޮށް’ ނުވަތަ އަނގަބަހުން ސުވާލު ކުރާއިރު ތަފާތު ދަރަޖަ ތަކުގެ ސުވާލު ހިމަނައިގެން ފިލާވަޅުކުރިއަށް ގެންދިއުމަކީ އެސެސްމަންޓްގެ ޓޫލެކެވެ. އަދި ތަފާތު ދަރަޖަތަކުގެ ސުވާލުތައް ހިމަނައިގެން އުގަންނައިދިނުން ކުރިއަށް ގެންދިއުމަކީ މުދައްރިސުންގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް މުހިންމު ހުނަރެކެވެ. ކޮންމެ ފިލާވަޅެއްގައިވެސް ދަރިވަރުންނާ ކުރާނެ ސުވާލުތައް ފާހަގަ ކުރަންޖެހެވެ. މިސުވާލުތައް ލެސަން ޕްލޭންކުރާއިރު ނޯޓްކޮށްފައި ބޭއްވުމުން ފިލާވަޅުކުރިއަށް ދާއިރު މުދައްރިސަށް ކުރެވޭނީ ފެންވަރު ރަނގަޅު ސުވާލުތަކެކެވެ. އަދިމިއާއެކު ސުވާލުތައް ކުރުމުގައިވެސް “ސުވާލުކުރުމުގެ ސްޓެރެޓެޖީސްތައް” ހިމަނައިގެން ފިލާވަޅުތައް މުދައްރިސުން ކުރިއަށް ގެންދިއުމުން ދަރިވަރުން އުނގެނުމަށް ޝައުޤުވެރިކުރުމަށް ބާރަކަށްވެއެވެ. މިގޮތުން 2 ބާވަތެއްގެ ސުވާލުތައް ކުރެވޭނެއެވެ.
އެއީ “ދާއިރާހަނި” (ކުލޯޒްޑް އެންޑެޑް) އާއި “ދާއިރާފުޅާ” (އޯޕަން އެންޑެޑް) ސުވާލެވެ. މިސާލަކަށް، މުދައްރިސުން ފިލާވަޅު މުތާލިޢާ ކުރާއިރުއާ ފިލާވަޅެއް ފެށުމުގެކުރިން ދާއިރާހަނި ސުވާލު ކުރެވިދާނެއެވެ. ނުވަތަކުރިން އެނގިފައިހުރި މަޢުލޫމާތު (ޕްރިއަރ ނޮލެޖް) ހޯދުމަށްވެސް މިބާވަތުގެ ސުވާލުކުރެވިދާނެއެވެ. މިވައްތަރުގެ ސުވާލުތަކުގައި “ބްލޫމްސް ޓެކްސޮނޮމީ” ގެ އެންމެދަށް ދަރަޖަތައް ހިމެނެއެވެ. މިސާލަކަށް، މަޢުލޫމާތު (ނޮލެޖް) އާއި ދޭހަ (ކޮމްޕްރިހެންޝަން) ހިމެނެއެވެ.
ދާއިރާ ފުޅާ ސުވާލަކީ، އެސުވާލަކަށް އެއްޖަވާބަށް ވުރެ ގިނަ ޖަވާބު ދެވޭ ގޮތަށް ޢިބާރާތް ކުރެވިފައިހުންނަ ސުވާލެވެ. ދަރިވަރުގެ އަމިއްލަ ޚިޔާލާއި ވިސްނުން ބޭނުން ކޮށްގެންވެސް ރަނގަޅު ޖަވާބު ދެވޭގޮތަށް ބައްޓަން ކުރެވިފައިހުންނަ ސުވާލެވެ. ދަރިވަރުގެ ވިސްނުން ތަރައްޤީ ވަމުންދާ މިންވަރާއި، ޝުޢޫރުތަކާއި ދޭހަވާ މިންވަރު ބޮޑަށް ބެލޭނީ މިކަހަލަ ސުވާލުންނެވެ. މިވައްތަރުގެ ސުވާލުތަކުގައި “ބްލޫމްސް ޓެކްސޮނޮމީ” ގެ މަތީ ދަރަޖަތައް ހިމެނެއެވެ. މިސާލަކަށް، ބޭނުންކުރުން، (އެޕްލިކޭޝަން)ދިރާސާކުރުން، (އެނޭލިސިސް)، އުފެއްދުން (ސިންތަސިސް)، އަދި ވަޒަންކުރުން (އިވެލުއޭޝަން) ހިމެނެއެވެ.
ސެލްފް އެސެސްމަންޓް/ޕިއަރ އެސެސްމަންޓް
ދަރިވަރުން އުނގެނުމަށްފަހު އުނގެނުނު މިންވަރު ނުވަތަ ފެންވަރު ބަލައިލުމަށް ސެލްފް/ޕިއަރ އެސެސްމަންޓެއް ފިލާވަޅު ނިމުމުގެ ކުރިން ހަދާލުމަކީ ދަރިވަރުންނަށް ވަރަށް ފައިދާ ކުރާނެކަމެކެވެ. މިގޮތުން ސަކްސެސްކުރައިޓިރިއާއަށް “ރީވިޒިޓް” ކުރުން ވަރަށް މުހިންމުވާނެއެވެ. މިބާވަތުގެ އެސެސްމަންޓެއް ހަދާލުމުން “ލާރނިންގ ރިފްލެކްޓް” ކޮށްލަން ވެސް ފުރުސަތު ލިބެއެވެ. މީގެ މާނައަކީ ދަރިވަރުންނަށްވެސް ތިމާއަށް އެނގުނީ މިފިލާވަޅުން ކޮން ބައިތަކެއްކަން ނޭނގެނީ ކޮންބައިތަކެއްކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އަދި ހުރީ ކޮން ހިސާބެއްގައިކަން އެނގިގެންދާނެއެވެ. ޕިއަރ އެސެސްމަންޓަކީ އެއް ދަރިވަރު އަނެއް ދަރިވަރަށް އިނގެނީ ކޯއްޗެއްކަމާއި ނޭނގެނީ ކޮންބައިތަކެއްކަން ހޯދައިބެލުމެވެ.
ސެލްފް/ޕިއަރ އެސްމަންޓް ތައްޔާރުވާއިރު ރުބްރިކްސް ނުވަތަ މާރކްކުރާ މިންގަޑުތަކެއް ގެންގުޅުމުން ދަރިވަރުންނަށް ފަސޭހަވާނެއެވެ. ރުބްރިކްސް ބޭނުންކޮށްގެން އެކަކު އަނެކަކަށް (ޕިއަރ ފީޑްބެކް) ފީޑްބެކްދެވޭނެއެވެ. މިބާވަތުގެ އެސެސްމަންޓް ކުރިއަށް ގެންދިއުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. މި 2 ބާވަތުގެ އެސެސްމަންޓްގެ ބައެއް ފައިދާތައް ތިރީގައި މިވަނީއެވެ.
ސެލްފް އެސެސްމަންޓް
- އަމިއްލައަށް ވިސްނާ ފިކުރުކޮށް އޭނާ އުނގެނޭ ކަންތައްތަކަށް “ރިފްލެކްޓް” ކޮށްލަން ފުރުސަތުލިބެއެވެ.
- އުނގެނުމަކީ ތިމާގެ އަމިއްލަ ޒިންމާއެއްކަން ދެނެގަނެވެއެވެ.
- ދަރިވަރުންނަށް ކަންކަމުގެ އޮންނަ ފަހި ހެޔޮގޮތްތައް އެނގި އިންސާފުވެރިވާން ދަސްވެއެވެ.
- ޕިއަރޕްރެޝަރ ނެތި އަމިއްލައަށް ސަކްސެސްކުރައިޓިރިއާ / ރުބްރިކްސްއަށް ރިޢާއަތްކޮށް ފެންވަރުބަލާ ވަޒަންކުރެވެއެވެ.
- ދަރިވަރު އަމިއްލައަށް ބާރުވެރިވާން ފުރުސަތުލިބެއެވެ.
- ދަރިވަރު އަމިއްލައަށް ކުރެވޭ ރަނގަޅުކަންތައްތަކާއި އަދި ރަނގަޅުކުރަންޖެހޭ ކަންތައްތައް ވިސްނި އެނގިގެންދެއެވެ.
- އަމިއްލައަށް ފެންވަރުވަޒަން ކުރިއަށް ތެދުވެރިކަން އިސްކުރަންޖެހޭކަން އެގިގެންދެއެވެ.
- އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްވެއެވެ.
- އަމިއްލައަށް ކަންތައްކުރެވޭކަން އެނގި އަމިއްލައަށް ކަންކަންކުރަން އިސްނަގާ ދަރިވަރަކަށްވާން ފުރުސަތު ލިބެއެވެ.
ޕިއަރ އެސެސްމަންޓް
- ކޮންމެ ދަރިވަރެއް ވެސް އަނެއް ދަރިވަރެއްގެ މަސައްކަތާއި ބެހޭ ގޮތުން އަމިއްލައަށް ވިސްނުމުގެ ސަބަބުން އޭނާގެ އަމިއްލަ މަސައްކަތް ކުރިމަގުގައި ރަގަޅު ކުރެވިދާނެ ކަންކަން އިތުރަށް އެގިގެން ދެއެވެ.
- އެއްދަރިވަރަކު އަނެއްދަރިވަރަކާއި އެކު އެއްވެސް ހާސްކަމެއްނެތި މިނިވަންކަމާއެކު ޚިޔާލު ބަދަލުކޮށްލަން ފުރުސަތު ލިބިގެން ދެއެވެ.
- އެއްދަރިވަރަކު އަނެއްދަރިވަރަކަށް ފުރިހަމައަށް އިތުބާރުކުރަން ދަސްވެއެވެ. އަދި އެހީތެރިވާން ފުރުސަތު ލިބެއެވެ.
- ކޮންމެ ދަރިވަރަކުވެސް އަމިއްލަ ނަފުސަށްކުރާ އިތުބާރު ބޮޑުވެ، ހާސްކަންފިލައި، އަދި އުގެނުމަށް ހުންނަ ޝައުޤު އިތުރުވެގެން ދެއެއެވެ.
- އެއްދަރިވަރަކު އަނެއްދަރިވަރަކާއި ގުޅިގެންއުޅެން ދަސްވެ، ބޭނުންތެރި ގޮތުގައި މުޢާމަލާތް ކުރަން ދަސްވެގެން ދެއެވެ.
ފައިދާކުރާގޮތައް ދެވޭ ފީޑްބެކް
ފީޑްބެކަކީ ދަރިވަރުން ކުރި މަސައްކަތުގެ ފެންވަރު އެންގުމަށާއި އެކަންތައްތައް އެ ކުރި ގޮތުގެ މަޢުލޫމާތު ދަރިވަރުންނަށް އޮޅުންފިލުވައި ދިނުމަށް ބޭނުންކުރާ އެސެސްމަންޓް ފޯ ލާރނިންގ ވަރަށް މުހިންމު ބައެކެވެ. ފީޑްބެކްގެ ސަބަބުން ދަރިވަރުންނަށް ކުރިއަށް ދާންވީ މަގުތައް ސާފުކޮށް އެގޭނެއެވެ. މިގޮތުން ދަރިވަރުންނަށް ރަނގަޅަށް ކުރެވުނީ ކޮންކަމެއްކަމާއި، ރަނަގަޅަށް ނުކުރެވެނީ ކޮން ކަމެއްކަން އަދި ރަގަޅު ކުރަންވީ ކަންކަން ފީޑްބެކުން އެނގިސާފުވާނެއެވެ. ފައިދާހުރި ފީޑްބެކުން ދަރިވަރު ހުރިހިސާބެއް، ވީކިހިނެއްކަން ދަރިވަރަށް އެގޭބައިތަށް ވަރަށް ރަނގަޅަށް ދަރިވަރަށް ސާފުވެ އެގިގެންދާނެއެވެ. މިސާލަކަށް، ދަރިވަރަށް މަސައްކަތް ފުރިހަމަ ކުރުމުން ލިބޭ ނަތީޖާ ރަގަޅު ވިއަސް އަދި ނުވިއަސް ދަރިވަރަށް ވަރަށް ތަފްސީލުކޮށް އަންގައިދޭންވާނެއެވެ. ކުލާހުގައި ކިޔެވުމާއި އުގެނިދަސްކުރާ ކޮންމެ މަރުޙަލާއެއްގައިވެސް ފީޑްބެކްދެވިދާނެއެވެ(ޝާރލީ ކްލާރކް،2009).
ފީޑްބެކް ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ދަރިވަރުން މަސައްކަތް ފެށުމުގެ ކުރިން ދަރިވަރުންނާއި ފެންވަރު ބަލާ މިންގަޑު/ރުބްރިކްސް ނުވަތަ ސަކްސެސްކުރައިޓީރިއާ ޙަވާލުކޮށް ދަރިވަރުންނަށް ފެންވަރުބަލާނެބައިތައް ރަނގަޅަށް އޮޅުންފިލުވައި ދެވުނީމައެވެ. ފީޑްބެކް ބަށްޓަން ވެގެން ދާނީ ޙަވާލު ކުރެވޭ މަސައްކަތުގެ ޒާތުންނާއި އެމަސައްކަތުގައި އެކުލެވިގެންވާ އުގެނުމުގެ ބައިތަކުގެ މަށްޗަށެވެ. ދިން ފީޑްބެކަކީ ކޮންމަސައްކަތަކަށް ޚާއްސަކޮށްފައިވާ އެއްޗެއްކަން ވަރަށް ރަގަޅަށް ދަރިވަރަށް ސާފުވާންވާނެއެވެ. ފީޑްބެކްދިނުމުގައި މުދައްރިސުން ވާހަކަދައްކަންވާނީ ދަރިވަރަށް ކުރިމަގުގައި އުނގެނެން ފަހިވާގޮތަށެވެ. އަދި ދަރިވަރުގެ އަމިއްލަ ނަފްސަށް އިތުބާރު ލިބޭގޮތަށް މުދައްރިސް ވާހަކަދެއްކުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
ފީޑްބެކް ދޭއިރު ތަފާތު މިސާލުތަކާއި ނަމޫނާތައް މުދައްރިސުން ބޭނުންކުރުމުން އުންގެނުމުގެ ދެންހުރި މަރުޙަލާއަށް ކާމިޔާބު ކަމާއެކު ވާސިލްވާން ފަސޭހަވާނެއެވެ. ފީޑްބެކްދޭއިރު ދަރިވަރު ކުރިމަސައްކަތް މުދައްރިސް އަގު ކުރާކަން ދަރިވަރަށް އެނގުމަކީ ދަރިވަރު ކުރިމަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ. ފީޑްބެކްގެ ސަބަބުން ކުރިއަށްދާންވީ މިސްރާބު ދަރިވަރަށް ރަގަޅަށް އޮޅުންފިލައި މުދައްރިސްދެއްވި އިރުޝާދުގެ ދަށުން މަސައްކަތް ކުރުމުން ކުރިއަށްދެވޭނޭކަން ދަރިވަރު އަމިއްލައަށް ޤަބޫލުކުރެވި ކާމިޔާބު ވާނެކަން ވިސްނި ކަށަވަރު ވެގެންދާނެއެވެ. އަދި އެދަރިވަރުގެ އުގެނި ދަސްވުމުގެ ބައި ކޮންޓްރޯލް ކުރާ ފަރާތަކީ އެދަރިވަރުކަން އަމިއްލައަށް އިޙްސާސްވާނެއެވެ. ދެވޭފީޑްބެކް ލިޔެފައިވާނަމަ ފަސޭހަ ކަމާއެކު ކިޔާލެވޭ ސީދާ ސާދާ ލިޔުމަކަށްވުމާއި ދަރިވަރު ބޭނުންވާ ކޮންމެ ވަގުތެއްގައި ދަރިވަރަށް ފެންނާނެ އެއްޗަކަށްވުން ވަރަށް މުހިންމުވާނެއެވެ (ޝާރލީ ކްލާރކް،2009)
*
ރެފަރެންސް
– ޝާރލީ ކްލާރކް (2006). ޓާރގެޓިންގ އެސެސްމަންޓް އިން ދަ ޕްރައިމަރީ ކްލާސްރޫމް- ސްޓްރެގީސް ފޯ ޕްލޭނިން، އެސެސްމަންޓް، ޕިއުޕިލް ފީޑްބެކް އެންޑް ޓާރގެޓް ސެޓިން. ހޮޑަރ މަރޭ: ލަންޑަން
– ޝާރލީ ކްލާރކް (2009). އެންރިޗިން ފީޑްބެކް އިން ދަ ޕްރައިމަރީ ކުލާސްރޫމް: ލަންޑަން
– ޓީ. ޖޭ . ކްރޫކްސް (1998). ދަ އިންޕެކްޓް އޮފް ކްލާސްރޫމް އިވެލުއޭޝަން ޕްރެކްޓިސަސް އޮން ސްޓޫޑެންޓްސް، ރިވިއު އޮފް އެޑިއުކޭޝަނަލް ރިސާރޗް – 81 – 438 ،58