ދިރާސީ އަހަރު ނިންމައި ބޮޑުޗުއްޓީއަށް – ޗުއްޓީގެ އުފާވެރިކަމާއި ތަޖުރިބާތައް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފި

ސްކޫލް ޗުއްޓީގެ އުފާވެރިކަމާއި ތަޖުރިބާތައް ކުދިންނަށް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެން ކިޔަވާކުދިންގެ ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު އިލްތިމާސް ކުރައްވައިފިއެވެ. ރާއްޖޭގެ ތަޢުލީދާއިރާގެ، ޚާއްސަކޮށް ސްކޫލް މާހައުލުގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ފަޒްނާ އަޙުމަދު ސްކޫލްޗުއްޓީގެ އުފާވެރިކަމާއި ތަޖުރިބާތައް ކުދިންނަށް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެން މިއިލްތިމާސް ކުރެއްވީ މާލެސިޓީގެ ޕްރީސްކޫލެއްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އިއްޔެ ދެއްކެވި ވާހަކަފުޅުގައި ސްކޫލްތައް ބަންދުވެ ފެށޭ ބޮޑުޗުއްޓީއަށް އިޝާރާތް ކުރައްވަމުންނެވެ.

ތަޢުލީމީ ދިރާސީ އަހަރުނިމި ސްކޫލްތައް ބޮޑުޗުއްޓީއަށް ބަންދުވާ ދުވަހަކީ މިއަދެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުވަނީ މިލިބޭ ޗުއްޓީއަށް ބައްލަވާލައްވަމުން ބެލެނިވެރިންނާއި ދަރިވަރުންވެސް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިވަޑައިގެންފައެވެ.

މިއަދު ސްކޫލްތަކުންވަނީ ދަރިވަރުންނަށް އަހަރުތެރޭ ޙާސިލްވި މިންވަރު އަންގައިދޭ ރިޕޯޓް، ދަރިވަރުންނާ ޙަވާލުކޮށްފައެވެ. ބައެއް ސްކޫލްތަކުންވަނީ އަހަރުގެ އެންމެ ފަހު އިތުރުޙަރަކާތްތައް ވޭތުވެދިޔަ ދެތިންދުވަހުގެ ތެރޭގައި ބާއްވާފައެވެ.

މީގެ ތެރޭގައި ކަބްސްކައުޓާއި ލިޓްލްމެއިޑް ޙަރަކާތްތަކާއި އެހެނިހެން ބައެއް މުބާރާތްތަކުގެ ނިންމުންތައް ހިމެނެއެވެ. ބައެއް ސްކޫލްތަކުން އަހަރުގެ ފަހު ސްޓާފް މީޓިން ބާއްވައި އެކަން ފާހަގަ ކޮށްފައިވާއިރު އެހެން ބައެއް ސްކޫލްތަކުންވަނީ އަހަރުގެ ތެރޭގައި ހިންގާފައިވާ މުބާރާތްފަދަ ޙަރަކާތްތަކުގެ ނިންމުން ފާހަގަ ކޮށްފައެވެ. އެހެން ސްކޫލްތަކުން ކުރިޔަށް އޮތް ދިރާސީ އަހަރަށް ޕްލޭނިންގ މީޓިންގް ބާއްވާފައިވާއިރު ތުއްތުކުދިންގެ ބައެއްސްކޫލްތަކުން އަހަރުނިމުން ފާހަގަ ކުރުމަށް ފެއަރވެލްޕާޓީފަދަ އެއްވުންތައްވެސް ބާއްވައިފައިވެއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް މަހަކަށްވުރެން ގިނަދުވަހުގެ ބޮޑުޗުއްޓީއެއް ލިބިފައިވާއިރު ކުރިޔަށްއޮތް ދިރާސީ އަހަރު ފަށަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ 7 ވަނަ ދުވަހުއެވެ.

ނިމުނު ދިރާސީ އަހަރުގައި ކިޔަވައިދީފައިވަނީ 199 ދުވަހުއެވެ. ނަމަވެސް އަންނަ ދިރާސީއަހަރު 203 ދުވަހު ކިޔަވައިދިނުމަށް ވަނީ ކަނޑައެޅިފައެވެ./އޒ

Leave a Comment

Your email address will not be published.