ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމަށް އަމާޒުކޮށް ތަމްރީން ކުރިޔަށް ގެންގޮސްފި

ސްކޫލް ކައުންސެލަރުންނާއި ޓީޗަރުންނާއި ލީޑިންގ ޓީޗަރުން، އަދި ގުޅުންހުރި އެހެން މުއައްސަސާ ތަކުގެ ބައިވެރިން ހިމެނޭ ގޮތަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
4 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމް ހިންގީ ހުސްވި ޖޫން މަހުގެ 27 އިން 30 ގެ ނިޔަލަށެވެ. ޖުމްލަ 42 ބައިވެރިން ފުރިހަމަކުރި މި ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކޮށްފައިވަނީ އިއްޔެގައެވެ.
މިއީ ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް ކުރިއެރުވުމަށް ޔުނިސެފް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން ފަރުމާކޮށް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ޕްރޮގްރާމެކެވެ.

އިއްޔެ ނިމުންފާހަގަކުރި މި ތަމްރީން ޕްރޮގްރާމްގައި ސެޝަންތައް ކުރިއަށް ގެންގޮސްދެއްވީ ޔުނިސެފް ރީޖަނަލް އޮފީހުގެ ކަމާ ގުޅޭ މާހިރުންނެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް މެންޓަލް ހެލްތް ސަޕޯޓާއި ސޯޝަލް އިމޯޝަނަލް ލާރނިންގ ސްކިލްސް ދަސްކޮށް ދިނުމުގެ އިތުރުން ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ޕެކޭޖްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމާއި މިކަން ތަންފީޒު ކުރުމަށް ސްކޫލް ޓީޗަރުންނަށް ބޭނުންވާ ތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ފުރާވަރު އުމުރުގެ ކުދީންނަށް ބޭނުންވާ ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ދުނިޔޭގެ ފެންވަރުގައާއި ގައުމީ ފެންވަރުގައިވެސް މުހިއްމު ކަމެއް ކަމުގައި ފާހަގަކުރެވި، މަސައްކަތް ކުރެވެމުންދާ ކަމެކެވެ.

Leave a Comment

Your email address will not be published.