އެސެސްމަންޓް ފޯ ލާރނިންގައި ބޭނުންކުރެވޭ ޓޫލްސްތައް: ޕޯރޓްފޯލިޔޯ

ލިޔުނީ: ނިއުމާ މުހައްމަދު

 

ޕޯރޓްފޯލިޔޯއަކީ، ވަރަށް ބޭނުންތެރި އެހާމެ ފުރިހަމައަށް ދަރިވަރުންގެ ފެންވަރު އެނގިގެންދާ  އެސްސްމަންޓް ފޯ ލާރނިންގެ ޓޫލެކެވެ. 21 ވަނަ ޤަރުނުގެ ތަޢުލީމަށް ވަރަށް އެކަށޭނަ ފެންވަރު ވަޒަންކުރެވޭ އެސެސްމަންޓް ޓޫލެއެކެވެ. ޕޯރޓްފޯލިޔޯއަކީ ދަރިވަރުންކުލާހުގައި  ކުރާ މަސައްކަތުގެ ތެރެއިން ހޮވާލެވޭ އެންމެ ފުރިހަމަ މަސައްކަތްތަކުގެ އެކުލަވާލުމެކެވެ. ނޫނީ އެންމެ ފުރިހަމައަށް ކުރެވޭ މަސައްކަތްތަކުގެ ފައިލެއް ނުވަތަ ފޯލްޑަރއެކެވެ. މިމަސައްކަތަކީ ވަރަށް ފަރުވާތެރިކަމާއެކު ވަކި މަޤްސަދުތަކެއް ޙާސިލްކުރަން  ޖަމާކުރެވޭ އެކުލަވާލުމެކެވެ. އެއީ ވަކި މުއްދަތެއް ކަޑައެޅި އެމުއްދަތުގެ ތެރޭގައި ދަރިވަރުން ކުރާ މަސައްކަތްތަކެކެވެ. ޕޯރޓްފޯލިޔޯއިން ދަރިވަރުންގެ ތަފާތު ހުނަރުތައް ދައްކާލެވޭނެއެވެ. މިއީ ތަފާތު ފެންވަރުގެ ދަރިވަރުންނަށް ނުވަތަ ޑިފެރެންޝިއޭޓެޑް ލާރނިންގއަށް ވަރަށް ފައިދާ ކުރުވަނިވި އެސެސްމަންޓް ޓޫލްއެކެވެ. ޕޯރޓްފޯލިޔޯގެ ޒަރީޢާއިން ހުރިހާ ފެންވަރެއްގެ ދަރިވަރުން ޝާމިލްކޮށްގެން އުނގެނުން ކުރިއަށް ގެންދިއުމަށް ވަރަށް ފަސޭހަވެ ފަހިވެގެންދާނެއެވެ.

ޕޯރޓްފޯލިޔޯ  އެކުލަވާލުމުގައި  މުދައްރިސުން  ވިސްނަންވީކަންތައް 

ޕޯރޓްފޯލިޔޯގެ ޒަރީޢާއިން ބެލެނިވެރިޔާއަށް ދޭންބޭނުންވަނީ ކޮން މަޢުލޫމާތެއްހޭ؟   ޕޯރޓްފޯލިޔޯއިން ބެލެނިވެރިޔާއަށް ދަރިވަރާއިބެހޭގޮތުން ކިޔައިދޭން ބޭނުންވަނީ ކޮން ތަފްސީލްތަކެއްހޭ؟ މިދެވޭ މަޢުލޫމާތަކީ “step by step” ނުވަތަ ވަކިވަކި ކުރިއެރުމުގެ އުސްއަލި ތަކެއްހޭ؟  ނޫނީ  މީގެން މިދައްކައިދެނީ ދަރިވަރުގެ  އެންމެ  ފުރިހަމަ  މަސައްކަތްތައްހޭ؟ ވީމާ ޕޯރޓްފޯލިޔޯ  ތައްޔާރުކުރާއިރު ޕޯރޓްފޯލިޔޯގެ  މަޤްސަދުތައް މުދައްރިސަށް ވަރަށް ރަނގަޅަށް ސާފުވާންވާނެއެވެ.

  • ގްރޯތް ޕޯރޓްފޯލިޔޯ (ލިބުނު ކުރިއެރުންތައް ދައްކައިލުން)

ލިބެމުންދާ ކުރިއެރުން ދައްކައިދޭ  ޕޯރޓްފޯލިޔޯއަކީ ގްރޯތް ޕޯރޓްފޯލިޔޯއެވެ. ޚާއްސަކޮށް މިޕޯރޓްފޯލިޔޯއިން ދައްކައިދޭނީ ވަކިހުނަރެއް ނުވަތަ ހުނަރުތަކެއް ކުރިއަރަމުން ގޮސްފައިވާ މިންވަރެވެ. މިގޮތުން ދިގު މުއްދަތެއްގައި ދަރިވަރު ކުރިއަރަމުން އައި ގޮތުގެ (ވަކިވަކި  މަރުޙަލާ ނުވަތަ ސްޓެޕްބައި  ސްޓެޕް) ބޮޑު މަންޒަރެއްވެސް ދެއްކިދާއެވެ. މީގައި  ހިމެނިފައިވާނީ  ދަރިވަރު ކުރިމަސައްކަތްތައް އެންމެ ފުރަތަމަ ދުވަސްވަރުން  ފެށިގެން އެކިދުވަސްވަރުގައި އައިސްފައި ހުރި ކުރިއެރުންތަކެވެ.  މިސާލަކަށް  ލިޔުންތެރިކަމަށް ފޯކަސް  ކުރާނަމަ  ކޮންމެ  ދެހަފްތާ  އަކުން  އައި  ކުރިއެރުންދައްކައިދޭ ގޮތަށްވެސް ހެދިދާނެއެވެ. ނުވަތަ  ކޮންމެ  މަހަކުން  އައި  ކުރިއެރުންވެސް  ހިމެނިދާނެއެވެ

  • ބެސްޓް ވޯރކް ނުވަތަ ޝޯކޭސް  ޕޯރޓްފޯލިޔޯ (އެންމެ ފުރިހަމައަށް ކުރެވުނު މަސަ

މިއީ ވަކި މުއްދަތެއްގެ ތެރޭގައި ދަރިވަރަށް  ކުރެވުނު  އެންމެފުރިހަމަ  މަސައްކަތްތަކުގެ ޕޯރޓްފޯލިޔޯއެކެވެ. މިއީ އަހަރު، ޓާރމް، ނުވަތަ ސެމެސްޓަރ ނިމޭއިރު ތައްޔާރު ކުރާ ޕޯޓްފޯލިޔޯއެކެވެ.  މިޕޯރޓްފޯލިޔޯއިން ދައްކައިދޭނީ ދަރިވަރުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ރަގަޅު ކަމަށް ފާހަގަ ކުރެވޭ  އޭނާގެ އެކިހުނަރުތަކުގެ  އެންމެފަހުގެ  ވަރަށްފުރިހަމަ މަސައްކަތްތަކެކެވެ. މީގެން ދައްކައިދެނީ ދަރިވަރަށް މިހާރު އުގެނި ދަސްވެފައިވާ ނުވަތަ  އެންމެ  ފަހުން ހާސިލްވެގެން ދިޔަވަރެވެ.  ނޫނީ އެންމެފަހުން  ދަރިވަރަށް ހާސިލްވި މައުލޫމާތާއި ހުނަރެވެ. އަދި އުގެނި ދަސްވެ އެދަރިވަރަށް  އެމައުލޫމާތާއި ހުނަރުތައް  ބޭނުން ކުރެވިފައިވާ  ފެންވަރެވެ.

 

މި  ޕޯރޓްފޯލިޔޯއިން ދަރިވަރުގެ  އަނެއްއަހަރުގެ މުދައްރިސުންނަށް  އޭނާގެ  މިއަހަރުގެ ހުނަރުތަކާއި ގާބިލްކަން ދައްކައިދޭ އެއްޗެއް  ގޮތުގައިވެސް  ބޭނުންކުރެވިދާނެއެވެ. މި  ގޮތައް ސާނަވީ އާ މަތީ ސާނަވީގެ  ދަރިވަރުން  ލައްވާވެސް  ޕޯރޓްފޯލިޔޯ  ތައްޔާރުކުރެވިދާނެއެވެ.  މީގެ  ތެރެއިން ތައްޔާރުކުރާ  “ޝޯކޭސް ޕޯޓްފޯލިޔޯ” އެދަރިވަރުން ވަޒީފާ އަށް ވަނުމަށް ނުވަތަ ކޮލެޖަށް ވަނުމަށް ވެސް ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް  އާރޓްވޯރކް  ޕޯރޓްފޯލިޔޯ  “ބެޗެލަރ އޮފް އާކިޓެކްޗަރ”  ޑިގްރީ އަށް  ވަނުމަށް  ބޭނުންކުރެވޭނެއެވެ.

  • އިވެލުއޭޝަން ޕޯރޓްފޯލިޔޯ (ރަސްމީކޮށް ފެންވަރުވަޒަންކުރަން)

ރަސްމީކޮށް ފެންވަރު  ވަޒަންކުރަން އިވެލުއޭޝަން ޕޯރޓްފޯލިޔޯ ބޭނުންކުރެއެވެ. މިޕޯރޓްފޯލިޔޯގައި ދަރިވަރު ހިމަނާނީ ފެންވަރުވަޒަންކުރަން އޭނާ ބޭނުންވެގެން އެކުލަވާލާ މަސައްކަތްތަކެވެ. މިޕޯރޓްފޯލިޔޯ ބޭނުންކޮށްގެން ގްރޭޑް ނުވަތަ މާރކްސް ދިނުމަށް ބޭނުންކުރެވިދާނެއެވެ.  މީގެން  ދަރިވަރުންގެ ސްޓޭންޑަޑްތައް ކުރިއަރަމުން އަންނަވަރު ދައްކައިދޭނެއެވެ. އަދި ދަރިވަރު ފެންވަރުގެގޮތުން މިހާރުހުރީ ކޮންހިސާބެއްގައިކަން  ވަރަށްރަނގަޅަށް އެގޭނެއެވެ.  މިޕޯޓްފޯލިޔޯ،  އެސައިންމަންޓް ގޮތުގައި މަތީ ގްރޭޑްތަކުގައި އާއި ކޮލެޖް/ޔުނިވާރސިޓީގައި ބޭނުން ކުރެވެއެވެ.

މިޕޯރްޓްފޯލިޔޯ އެސައިންމަންޓް ގޮތުގައި ބޭނުންކުރާއިރު މައުލޫމާތުތައް ވަރަށް ސާފުކޮށް ލިޔެފައި ދޭންވާނެއެވެ. މިސާލަކަށް، ޕޯރޓްފޯލިޔޯގައި  ހިމަނަންވީ  އެއްޗެހި  އެސައިންމަންޓެއްގޮތައް  ތައްޔާރުކޮށް  ރުބްރިކްތަކާއެކު  ދަރިވަރުންނާއި  ހަވާލުކުރާނީއެވެ. މިގޮތުން، ލިޔުންތެރިކަން  ފެންވަރުވަޒަންކުރަން  ބޭނުންވާނަމަ  އޭގައި  ހިމަނަންޖެހެނީ، ސިޓީ (ރަސްމީއާއި ނުރަސްމީ)،  ވާހަކައެއް،  ހާދިސާ/ކާރިސާއެއް،  ޕްރޮސީޖަރަލް  ރައިޓިން، އެއްޗެއް/އިމާރާތެއްގެ ތަފްސީލް ފަދަ ލިޔުންތަކެވެ.   ޕޯރޓްފޯލިޔޯއިން ދަރިވަރު ކުރިއަރާފައިވާ މިންވަރު ދައްކައިދޭނެއެވެ..  އަދިހަމަ  އެފަދައިން  އެކި  ޓާރމުގައި ދަރިވަރުގެ ފެންވަރު ދައްކުވައިދޭނެއެވެ. ދަރިވަރުގެ މިހާރުހުރި ޤާބިލްކަމާއި ދަރިވަރުގެ ހުނަރުތައް ކުރިއަރާ މިންވަރު ދައްކައިދޭނެއެވެ. ދަރިވަރުގެ ފެންވަރު ވަޒަންކުރުމުގައި ދަރިވަރު މިހާތަނަށް ކޮށްފައި ހުރި އެންމެ މުހިންމު މަސައްކަތް ދެއްކޭނެއެވެ.

ޕޯރޓްފޯލިޔޯ  ރިފްލެކްޝަންސް

ޕޯރޓްފޯލިޔޯގެ  ރިފްލެކްޝަންސް  މިއީ  ވަރަށް  މުހިންމު  ބައެކެވެ. ދަރިވަރުން އަމިއްލައަށް އެކުދިން ކޮއްފައި ހުރި މަސައްކަތާއި ބެހޭގޮތުން ލިޔެފައިވާ ލިޔުން ކޮޅެއް (ރިފްލެކްޝަންސް) ޕޯރޓްފޯލިޔޯގައި ހިމަނާލަންވާނެއެވެ. އެއީ އޭނަކުރި މަސައްކަތާއި ބެހޭގޮތުން އޭނާގެ އަމިއްލަ ހިޔާލުތަކެވެ. ނުވަތަ އެކަންކުރިގޮތާއި ބެހޭގޮތުން އޭނަ އަމިއްލައަށް ދެކޭގޮތެވެ. އެލިޔުން ކޮޅުގައި ދަރިވަރު އަމިއްލައަށް އެދަރިވަރު  މިހުނަރު  ކުރިއެރުވުމަށް އަމާޒު ކޮށް ކުރި މަސައްކަތް ހާމަކުރަންވާނެއެވެ.  މިސާލަކަށް އަމިއްލަ ކުރިއެރުން އަމިއްލައަށް ފެންވަރުބަލައިފައި  (ސެލްފް  އެސެސްމަންޓް)  ނުވަތަ އަމިއްލަ އިޙްސާސްތައް ބަޔާންކުރެވޭނެއެވެ.  އަދި  އެކުދިން  މިމަސައްކަތްތައް މިޕޯރޓްފޯލިޔޯގައި  ހިމެނީ  ކީއްވެކަންވެސް  ލިޔެވޭނެއެވެ. އޭގެ  އިތުރުން އެކުދިން މަސައްކަތް ކުރިގޮތުގެ ތަފްސީލް ދީ އޭގައި ހުރި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތުވެސް  ހިމެނިދާނެއެވެ.

 

ޕޯރޓްފޯލިޔޯ  ހެދުމުން ޙާސިލްވާ މައިގަނޑު  ޤާބިލިއްޔަތުތައް

ޙާސިލްވާ މައިގަނޑު ޤާބިލިއްޔަތުތަކުގެ ތެރޭގައި، ނަފްސް  ދެނެގަތުމާއި  ތަންޒީމް  ކުރުން، ދޭހަވުމާއި  ދޭހަކޮށްދިނުން، ބިނާކުރަނިވި  އަދި  އުފެއްދުންތެރިގޮތެއްގައި  ވިސްނުން، ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުކުރުން – މިޤާބިލިއްޔަތުތައް ހިމެނެއެވެ. މީގެ  އިތުރުންވެސް  އައި.ސީ. ޓީ  ބޭނުންކޮށްގެންވެސް  ޕޯރޓްފޯލިޔޯހެދޭނެއެވެ. އެއިރުން  އެޙާސިލްވެގެންދަނީ، ޓެކްނޮލޮޖީ  އާއި  މީޑިއާ  ބޭނުންކުރުން، މިޤާބިލިއްޔަތެވެ.

 

 

 

 

 

Leave a Comment

Your email address will not be published.