އަތޮޅުފެންވަރުގެ ގިނަހަރަކާތްތަކެއް ހިންގަން ނިންމި، އަރިއަތޮޅު ދެކުނުބުރީ ޕްރިންސިޕަލުންގެ 2 ވަނަ ފޯރަމް ނިމުމަކަށް

ކުރިޔަށް އޮތް ދިރާސީ އަހަރު އަރިއަތޮޅު ދެކުނުބުރީ ސްކޫލްމަދަރުސާތަކުން ހިންގާނެ އަތޮޅުފެންވަރުގެ ގިނަހަރަކާތްތަކަކާއެކު އެއަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ 2 ވަނަފޯރަމް އިއްޔެ ނިންމާލައިފިއެވެ. މިމަހުގެ 1 ން 4 އަށް އދ. ދަނގެތީ ސްކޫލްގައި ބޭއްވުނު މިފޯރަމަކީ މިދިޔަ އަހަރުގެ ނޮވެމްބަރ ގައި އެއަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުން ބޭއްވި ޕްރިންސިޕަލުންގެ ފުރަތަމަ ފޯރަމަށްފަހު ބޭއްވި ރަސްމީ 2 ވަނަ ބައްދަލުވުމެވެ.
މިފަހަރުގެ ފޯރަމާބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ދަނގެތީ ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ނަތާޝާ ވިދާޅުވީ ނިމިދިޔަ ފޯރަމްގެ އެއް ބޭނުމަކީ މީގެކުރިން ނޮވެންބަރމަހު ބޭއްވި ފޯރަމުން ނިންމި ނިންމުންތައް ކުރިޔަށްދާ މިންވަރު ބަލައި ހުރި ގޮންޖެހުންތަކާމެދު މަޝްވަރާކުރުމާއި ކުރިޔަށް އޮތް ދިރާސީ އަހަރަށް ޕްލޭންތަކެއް ކުރުމެވެ.

އަރިއަތޮޅު ދެކުނުބުރީގެ 10 ސްކޫލްގެ ތެރެއިން 8 ސްކޫލެއްގެ ޕްރިންސިޕަލުން ބައިވެެރިވި މިފަހަރުގެ ފޯރަމްގައި އަތޮޅުފެންވަރުގެ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދަންވަނީ ނިންމާފައެވެ. އޭގެތެރޭގައި ކީސްޓޭޖް 1 އަދި 2 ގެ ޓީޗަރުންނަށް ތަމްރީން ހަރަކާތްތަކެއް އަތޮޅު ފެންވަރުގައި ހިންގުމާއި ލީޑިން ޓީޗަރުންނަށް ޑިވެލޮޕްމެންޓަލް ސުޕަވިޝަނާއި މެނޭޖްކުރުމުގެ ތަމްރީނީ ޙަރަކާތެއް ހިންގުމާއި އަތޮޅު ފެންވަރުގެ ކުއިޒް މުބާރާތެއް އިންތިޒާމްކުރުމާއި ސްޕޯޓްސް ފިއެސްޓާއެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން އަތޮޅުގެ ސްކޫލްތަކުގެ ތެރެއިން ސްކައުޓް ހަރަކާތްތައް ފެށިފައިނެތް ސްކޫލްތަކުގައި ސްކައުޓް ހަރަކާތް ފެށުންވެސް މިފަހަރުގެ ޕްލޭންގައި ހިމެނެއެވެ. މިއާއެކު އަތޮޅުގެ ސްކޫލްތަކަށް ބާއްވަން މިފަހަރު ރޭވި ސްޓަޑީ ކޭމްޕަކީވެސް މިޕްލޭންގައި ފާހަގަ ކޮށްލެވޭ ހަރަކާތެކެވެ.
އަތޮޅު ފެންވަރުގައި ތަޢުލީމީ އެއްގޮތް ހަރަކާތްތަކެއް ހިންގަން ބައެއް އަތޮޅުތަކުގެ ޕްރިންސިޕަލުން އެއްވެ މިނޫން އަތޮޅުތަކުގައިވެސް ޕްރިންސިޕަލް ފޯރަމް ގެންދަނީ ބާއްވަމުންނެވެ. /އޒ

Leave a Comment

Your email address will not be published.